[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٦ (ف 2 ، د 6 – އަލްޚުލަފާއުއް ރާޝިދޫން رضي الله عنهم އަށް މުސްލިމުން އަދާކުރަން ޖެހޭ ޙައްޤުތައް)

އަހުލުއްސުންނާ ވަލް ޖަމާޢަތުގެ އުޞޫލުތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތައް:

 

ހަމަކަށަވަރުން ‘އަލްޚުލަފާއުއް ރާޝިދޫން’ އަކީ (ތެދުމަގު ލިބިވަޑައިގެން ތިއްބެވި ހަތަރު ޚަލީފާއިންނަކީ)، ﷲގެ ރަސޫލާ صلى الله عليه وسلم އަވަހާރަފުޅުވުމަށް ފަހުގައި އިސްލާމީ ޚިލާފަތާ ހަވާލުވެވަޑައިގެންނެވި ހަތަރު ބޭކަލުންނެވެ. އެއީ:

1- އަބޫބަކްރު، އައްޞިއްދީޤު، ޢަބްދުﷲ ބުން ޢުޘްމާނު

2- އަބޫ ޙަފްޞު، އަލްފާރޫޤު، ޢުމަރު ބުން އަލްޚައްޠާބު

3- ޢުޘްމާނު ބުން ޢައްފާނު

4- ޢަލީ ބުން ޢަލީ ޠާލިބު

رضي الله عنهم އެވެ.

 

އެބޭކަލުންނަށް އަޅުގަނޑުމެން އަދާކުރަން ޖެހޭ ޙައްޤުތަކެއް ވެއެވެ. އޭގެ ތެރޭގައި:

1- އެބޭކަލުން ދެކެ ލޯބިވުމާއި އެ ބޭކަލުންނަށް ރުއްސުން ލެއްވުން އެދި ދުޢާކުރުން (رضي الله عنهم މި ފަދައިން ދުޢާ ކުރުން).

2- އެބޭކަލުން ތަރުތީބުކުރާ އިރުގައި އެބޭކަލުންގެ މާތްކަމާއި ޚިލާފަތުގެ ތަރުތީބުން ތަރުތީބުކުރުން.

 

އެގޮތުން ސަލަފުންގެ ބޭކަލުން އެބޭކަލުން ތަރުތީބުކުރައްވާފައިވާ ގޮތަކީ:

  1. އަބޫބަކްރުގެފާނު
  2. ޢުމަރުގެފާނު
  3. ޢުޘްމާނުގެފާނު
  4. ޢަލީގެފާނު

رضي الله عنهم، މި ފަދައިންނެވެ.

 

ފަހެ މި ބޭކަލުންގެ ތެރެއިން އަބޫބަކުރުގެފާނު އެންމެ އިސްވެގެން ދިޔައީ:

ރަސޫލާ صلى الله عليه وسلم، އާލާސްކަންފުޅުގައި އުޅުއްވިއިރު، ހުރިހާ ޞަޙާބީބޭކަލުންގެ ތެރެއިން އަބޫބަކުރުގެފާނު ހޮއްވަވާފައި ނަމާދުގެ ޖަމާޢަތުގެ އިމާމެއްގެ ގޮތުގައި ހަމަޖެއްސެވުމުންނެވެ. އަދި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«لَوْ كُنْتُ مُتَّخِذًا خَلِيلًا لَاتَّخَذْتُ أَبَا بَكْرٍ خَلِيلًا، وَلَكِنَّهُ أَخِي وَصَاحِبِي» [1]

މާނައީ: ”ތިމަންކަލޭގެފާނުގެ އުންމަތުން ޚަލީލަކު (ގާތް އެކުވެރިޔަކު) އިޚްތިޔާރުކުރައްވާނަމަ ތިމަންކަލޭގެފާނު އިޚްތިޔާރު ކުރައްވާނީ އަބޫބަކުރެވެ. އެހެނެއްކަމަކު އެއީ ތިމަންކަލޭގެފާނުގެ އަޚާ އަދި އެކުވެރިޔާއެވެ.”

އަދި ޢުމަރުގެފާނު ދެވަނައަށް އިސްވެގެން ދިޔައީ:

އަބޫބަކުރުގެފާނު، އެކަލޭގެފާނަށް ފަހު ޢުމަރުގެފާނު އިސްކުރެއްވުމުންނެވެ.

އަދި ޢުޘްމާނުގެފާނު ތިންވަނައަށް އިސްވެގެން ދިޔައީ:

ޢުމަރުގެފާނު ކަނޑައެޅުއްވި ޝޫރާގެ ބޭކަލުން ޢުޘްމާނުގެފާނު ޚިޔާރުކުރެއްވުމުންނެވެ.

އަދި ޢަލީގެފާނު ހަތަރުވަނައަށް އިސްވެގެން ދިޔައީ:

އިސްވެ ދިޔަ ތިން ބޭކަލުންނަށް ފަހު ޢަލީގެފާނަކީ އެންމެ މާތް ޞަޙާބީކަމަށް އެކަލޭގެފާނުގެ ދުވަސްވަރުގައި އުޅުއްވި ބޭކަލުން އިޖުމާޢުވެފައިވުމުންނެވެ.

 

3- ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަށް ތަބާވުމާ އަދި ހަތަރު ޚަލީފާއިންގެ ގޮތަށް ތަބާވުން. ނަބިއްޔާ صلى الله عليه وسلم ވަނީ އެކަމަށް އަމުރުކުރައްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«فَعَلَيْكُمْ بِسُنَّتِي، وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ، عَضُّوا عَلَيْهَا بِالنَّوَاجِذِ» [2]

މާނައީ: “ފަހެ ތިމަންކަލޭގެފާނުގެ ސުންނަތާއި ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންގެ ސުންނަތުގައި ތިޔަބައިމީހުން ހިފާށެވެ. ތިޔަބައިމީހުންގެ ކޮލުދަތްތަކުން އޭގައި ގަދައަށް ހިފަހައްޓާށެވެ. (އެބަހީ: އޭގައި ވަރުގަދައަށް ހިފަހައްޓާށެވެ.)”

 

 

ސުވާލުތައް

 

1- ‘އަލްޚުލަފާއުއް ރާޝިދޫން’ އަކީ ކޮން ބޭކަލުންނެއް ހެއްޔެވެ؟ އަދި މާތްކަމަށް ބަލާއިރު އެބޭކަލުންގެ ތަރުތީބަކީ ކޮބާ ހެއްޔެވެ؟

2- އަންނަނިވި ޙަދީޘް ފުރިހަމަކުރާށެވެ.

“ފަހެ ތިމަންކަލޭގެފާނުގެ ސުންނަތާއި ތެދުމަގު ލިބިވަޑައިގެން ތިއްބެވި ____________ ސުންނަތުގައި ތިޔަބައިމީހުން ހިފާށެވެ. _________________________________ .”

3- ހަތަރު ޚަލީފާއިންނަށް އަޅުގަނޑުމެން އަދާކުރަން ޖެހޭ ޙައްޤުތަކަކީ ކޮބާ ހެއްޔެވެ؟

4- އަބޫބަކުރުގެފާނަކީ އެންމެ މާތް ޞަޙާބީކަން އެނގޭ ގޮތަކީ ކޮބާ ހެއްޔެވެ؟

5- ހަތަރު ޚަލީފާއިންގެ ގޮތުގައި ހިފުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟ އެކަމުގެ ދަލީލު ބަޔާންކުރާށެވެ.

6- ހަތަރު ޚަލީފާއިން ކުރެ ބޭކަލަކަށް މީހަކު އެއްޗެހި ކިޔާނަމަ އެކަމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟ އެފަދަ މީހަކަށް ނަސޭޙަތްތެރިވާނީ ކިހިނެތް ހެއްޔެވެ؟

 


 

[1] رواه مسلم (2383).

[2] رواه ابن ماجه (42) وصححه الألباني.

 

مادة التوحيد ٦