[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٦ (ف 2 ، د7 – ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުން)

އަހުލުއްސުންނާ ވަލް ޖަމާޢަތުގެ އުޞޫލުތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތައް:

 

ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންނަކީ ހުރިހާ މުއުމިނުންގެ މައިންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَأَزْوَاجُهُ أُمَّهَاتُهُمْ﴾ [سورة الأحزاب ٦‏]‎

މާނައީ: “އަދި އެ ނަބިއްޔާގެ އަނބިއަނބިކަނބަލުންނީ އެބައިމީހުންގެ މައިންނެވެ.”

 

އުންމަތުގެ ފަރުދުންގެ މައްޗަށް އެކަނބަލުންނަށްޓަކައިވާ ޙައްޤުތަކެއް ވެއެވެ. އޭގެ ތެރޭގައި:

1- އެކަނބަލުން ދެކެ ލޯބިވުމާއި އެ ކަނބަލުންނަށް ރުއްސުން ލެއްވުން އެދި ދުޢާކުރުން (رضي الله عنهن މި ފަދައިން ދުޢާ ކުރުން).

2- އެކަނބަލުންނަކީ ޠާހިރުކަނބަލުންތަކެއްކަމަށާއި އެންމެހާ ނުބައި ފާޙިޝް ޢަމަލުތަކުން ބަރީއަވެގެންވާ ކަނބަލުންތަކެއްކަމަށް އިޢުތިޤާދުކުރުން. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا﴾‏ [سورة الأحزاب ٣٣‏]‎ ‎

މާނައީ: “އޭ އަހުލުބައިތުންނޭވެ! ﷲ އިރާދަކުރައްވަނީ ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވައި، (ފުރިހަމަ) ޠާހިރުކުރެއްވުމަކުން ތިޔަބައިމީހުން ޠާހިރުކުރެއްވުމަށެވެ.”

ނަބިއްޔާ صلى الله عليه وسلم އަވަހާރަވި އިރުގައި އެކަލޭގެފާނުގެ ނުވަ އަނބިކަނބަލުން ތިއްބެވިއެވެ. އެއީ:

  1. ޢާއިޝާ ބިންތުއް ޞިއްދީޤު
  2. ޙަފްޞާ ބިންތު ޢުމަރު
  3. ޒައިނަބު ބިންތު ޖަޙްޝު
  4. އުންމު ސަލަމާ، ހިންދު ބިންތު އަބީ އުމައްޔާ
  5. ޞަފިއްޔާ ބިންތު ޙުޔައްޔު
  6. އުންމު ޙަބީބާ، ރަމްލާ ބިންތު އަބީ ސުފްޔާނު
  7. މައިމޫނާ ބިންތުލް ޙާރިޘް
  8. ސައުދާ ބިންތު ޒަމްޢާ
  9. ޖުވަރިޔާ ބިންތުލް ޙާރިޘް އަލްމުޞްޠަލިޤިއްޔާ

އަދި ދެ ބޭކަނބަލަކު ނަބިއްޔާ صلى الله عليه وسلم ޙަޔާތްފުޅުގައި އަވަހާރަވިއެވެ. އެއީ ޚަދީޖަތުގެފާނާއި ޒައިނަބު ބިންތު ޚުޒައިމާ رضي الله عنهما އެވެ.

އެކަނބަލުންގެ ތެރެއިން އެންމެ މާތްވެގެންވަނީ ޚަދީޖާ ބިންތު ޚުވައިލިދެވެ. އަދި ޢާއިޝާ ބިންތުއް ޞިއްދީޤެވެ. رضي الله عنهن أجمعين.

ފަހެ ޚަދީޖަތުގެފާނާ މެދު ދަންނައެވެ. އެކަމަނާއަކީ ނަބިއްޔާ صلى الله عليه وسلم ގެ އެންމެ ފުރަތަމަ އަނބިކަނބަލުންނެވެ. އަދި އެކަލޭގެފާނުގެ ރަސޫލުކަމަށް އެންމެ ފުރަމަތަ އީމާންވެ، ނަޞްރުދެއްވީވެސް އެކަމަނާއެވެ. އަދި އެކަލޭގެފާނުގެ ހުރިހާ ދަރިކަލުންގެ މައިކަމަނާއަކީވެސް އެކަމަނާއެވެ. އެކަލޭގެފާނުގެ ދަރިކަލުން އިބްރާހީމް ފިޔަވައެވެ. އެކަލޭގެފާނުގެ މައިކަމަނާއަކީ މާރިޔަތުގެފާނެވެ.

ފަހެ ޢާއިޝަތުގެފާނާ މެދު ދަންނައެވެ. އެކަމާނާގެ ބަރާއަތުވަނީ ހަތް އުޑުގެ މަތިން ބާވާލައްފާއެވެ. އަދި އެކަމަނާވީ ޞަޙާބީބޭކަލުންގެ ތެރެއިން އެންމެ ޢިލްމުވެރި އަދި ފިޤުހުވެރި އެއް ކަނބަލަށެވެ. ދީނުގެ އެކި ކަންކަމާމެދެ އެކަމާނާގެ އަރިހުގައި ޞަޙާބީބޭކަލުން ސުވާލުދަންނަވާ އުޅުއްވިއެވެ.

 

ސުވާލުތައް

 

1- ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންނަށް އަޅުގަނޑުމެން އަދާކުރަން ޖެހޭ ޙައްޤުތަކަކީ ކޮބާ ހެއްޔެވެ؟

2- ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންނަށް އެއްޗެހި ކިޔައި ގޯނާ ކުރުމުގެ ޙުކުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟

3- ޚަދީޖާ رضي الله عنها ގެ މާތްކަން ދޭހަވާ ބައެއް ކަންތައްތައް ބަޔާންކުރާށެވެ.

4- ޢާއިޝާ رضي الله عنها އާއި އެކަމާނަގެ ބައްޕާފުޅު އަބޫބަކުރު އައްޞިއްދީޤުގެ މާތްކަން ދޭހަވާ ބައެއް ކަންތައްތައް ބަޔާންކުރާށެވެ.

5- ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުން ކުރެ ބޭކަނބަލަކަށް މީހަކު އެއްޗެހި ކިޔާނަމަ އެފަދަ މީހަކަށް ނަސޭޙަތްތެރިވާނީ ކިހިނެތް ހެއްޔެވެ؟

 

مادة التوحيد ٦