[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

قتل އަދި އޭގެ ވައްތަރުތައް ނަންގަނެވުނު باب – 1

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

فقه علمވެރިން ވިދާޅުވާ ގޮތުގައި: الجِنَايَات އަކީ الجِنَايَة ގެ ގިނަ ގޮތެވެ. ބަހަވީ ގޮތުން އެއީ މީހެއްގެ ހަށިގަނޑާއި ފުރާނައަށް ނުވަތަ މުދަލަށް ނުވަތަ އަބުރަށް އަރައިގަތުމެވެ. މީގެ ތެރެއިން ފުރަތަމަ ބައިގައިވާ މީހެއްގެ ހަށިގަނޑާއި ފުރާނައާ ދެކޮޅަށް ކުރާ عملތަކާމެދު فقه علمވެރިންގެ ނިންމުންތައް ހިމަނާފައިވަނީ كتاب الجنايات ގައެވެ. އަދި ދެވަނަބައާއި ތިންވަނަ ބައިގައިވާ، މީހެއްގެ މުދަލާ އަދި އަބުރާ ދެކޮޅަށް ކުރާ عملތަކާއިމެދު ހިމެނޭ ނިންމުންތައް ހިމަނާފައިވަނީ كتاب الحدود ގައެވެ.

މީހެއްގެ ހަޑިގަނޑަށް އަނިޔާއެއް ދިނުމަކީ އެކަމުގެ ސަބަބުން قصاصހިފުން ނުވަތަ ديةދިނުން ނުވަތަ كفارة އޭގެ ބަދަލުދިނުން واجبވެގެންދާ عملއެކެވެ. حقކާއި ނުލާ މީހަކު މެރުމަކީ ހުއްދަވެގެން ނުވާ ކަމެއްކަމަށް مسلم علمވެރިން إجماعވެފައިވެއެވެ. އެކަމުގެ دليل ކީރިތި قرآنންނާއި ރަސޫލާ صلى الله عليه وسلم ގެ سنةން އެނގިގެންދެއެވެ. މާތް ﷲ وحي ކުރައްވާފައިވެއެވެ. ﴿وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّـهُ إِلَّا بِالْحَقِّ ۚ﴾[1] މާނައީ: ”އަދި ﷲ حرمةތެރި ކުރެއްވާފައިވާ نفسއެއް، حقކާއި ނުލައި ނުމަރާށެވެ!.“

އަދި ނަބިއްޔާ صلى الله عليه وسلم حديثކުރައްވާފައިވެއެވެ. «لَا يَحِلُّ دَمُ امْرِئٍ مُسْلِمٍ [يشهد أن لا إله إلا الله، وأني رسول الله] إلَّا بِإِحْدَى ثَلَاثٍ: الثَّيِّبُ الزَّانِي، وَالنَّفْسُ بِالنَّفْسِ، وَالتَّارِكُ لِدِينِهِ الْمُفَارِقُ لِلْجَمَاعَةِ»[2]

”ﷲ ފިޔަވައި حقވެގެން އަޅުކަންވެވޭ އިލާހަކު ނުވާ ކަމަށާއި ތިމަންކަލޭގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވާ މީހެއްގެ ލޭ، ތިންކަމަކުން މެނުވީ ހުއްދައެއް ނުވެއެވެ. އެއީ ކައިވެނީގެ ރަހަ ލިބިހުރެ ޒިނޭކުރާ މީހާއާއި މަރަށް މަރު (قصاص) ހިފޭ މީހާއާއި، ދީން ދޫކޮށް (މުރުތައްދުވެ) މުސްލިމުންގެ ޖަމާޢަތާ ވަކިވެގަންނަ މީހާއެވެ.“ އަދި ގިނަ حديثތަކެއް މި މާނައިގައި ރިވާވެގެންވެއެވެ.

އެހެންކަމުން، އެއްވެސް نفسއެއް حقކާއި ނުލާ މަރައިފިނަމަ، ﷲ ގެ ކޯފާ އާއި ބޮޑުވެގެންވާ عذاب އެކަލާނގެ އޭނާއަށް ތައްޔާރުކުރައްވާފައިވާކަމަށް އެކަލާނގެ وحي ކުރައްވާފައިވެއެވެ. ﴿وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّـهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا﴾[3] މާނައީ: ”އަދި، قصدގައި مؤمنއަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކަޔެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި، ﷲ، އެމީހާގެ މައްޗަށް ކޯފާލައްވައި لعنة ލެއްވިއެވެ. އަދި، ބޮޑުވެގެންވާ عذاب އެމީހާއަށް ތައްޔާރު ކުރެއްވިއެވެ.“

قتل ކުރުން ފަދަ ބޮޑެތި ކުށްތައްކުރާ އެފަދަ قاتلންނަކީ فاسقންނެވެ. އެއީ އެންމެ ބޮޑެތި ފާފަތަކުން ފާފަޔަކަށް އަރައިގަނެފައިވާ މީހެކެވެ. އެހެންނަމަވެސް އެފަދަ މީހެއްގެ ނިޔާ ކަނޑައަޅާނެ ފަރާތަކީ މާތް ﷲ އެވެ. އެކަނލާނގެ އިރާދަކުރެވި މީހެއްގެ ފާފަ ފުއްސަވާނެއެވެ. އަދި އެކަނލާނގެ އިރާދަކުރެއްވި އަޅަކަށް އެމީހަކު ކުރި ކަމެއްގެ عذاب ދެއްވާނެއެވެ. ﷲ تعالى وحي ކުރައްވާފައިވެއެވެ. ﴿إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ﴾[4] މާނައީ: ”ހަމަކަށަވަރުން، ﷲ، އެކަލާނގެއަށް شريكކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ.“ އެހެންކަމުން، قتلކުރުންފަދަ ފާފައަކީ ﷲ تعالى އާއި شريكކުރުންފަދަ ފާފައަކާ ކުށުގެ ދަރަޖައިގެ ގޮތުން އެއްވަރު ނުވާނެ ފާފައަކަށްވުމުން އެކަލާނގެ ނިޔާގެ ދަށުގައި އެކަންވަދެގެންދެއެވެ. އެކަލާނގެ އިރާދަކުރައްވާނަމަ ފުއްސަވާނެއެވެ. އަދި އިރާދަކުރައްވާނަމަ އެކުށަށް ޢަޛާބުދެއްވާނެއެވެ.

އެއީ އެމީހަކު توبة ނުވެއްޖެ ކަމުގައި ވާނަމައެވެ. ނަމަވެސް ކުށަށް توبة ވެއްޖެކަމުގައިވާނަމަ އެކަލާނގެ ފާފަ ފުއްސަވާނެއެވެ. ﷲ تعالى وحي ކުރައްވާފައިވެއެވެ. ﴿قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ ۚ إِنَّ اللَّـهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ﴾[5] މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفسތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ رحمةން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެއެވެ.“

 


 

[1] سورة الأنعام: 151.

[2] متفق عليه من حديث ابن مسعود: البخاري (6878) [12/250]: ومسلم (4351) [6/166].

[3] سورة النساء: 93.

[4] سورة النساء: 48.

[5] سورة الزمر: 53.

 

މި ލިޔުމުގެ އެހެން ބައިތައް