މިންވަރަށް އީމާންވުން
މިއީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން 6 ވަނަ ރުކުނެވެ.
މިންވަަރަށް އީމާންވުމޭ ބުނެވެވޭ ބަހުގެ މާނައަކީ ، ﷲ ސުބްޙާނަހު ވަތަޢާލާ ވަނީ އެއްމެ ކުރީއްސުރެ ކޮންމެ އެއްޗެއްގެ މިންވަރު ކަނޑައަޅުއްވާފައިކަމަށް އީމާންވުމެވެ. މިވެނި ކަމެއް މިވެނި ވަޤުތަކު މިވެނި ތަނެއްގައި މިވެނި ގޮތަކަށް ހިނގާނެކަން އެއިލާހު މޮޅަށް ދެނެވޮޑިގެންވާކަމާއި ކޮންމެ ކަމެއްވެސް ހިނގަނީ ﷲ ތަޢާލާ މިންވަރުކުރައްވާފައިވާ ގޮތެއްގެ މަތިންކަމަށް އީމާންވާންޖެހެއެވެ.
މިންވަރަށް އީމާންވުމުގެ ތެރޭގައި އެކުލެވިގެންވާ ކަންތައްތައް:
1 – ﷲ ތަޢާލާއީ އަޒަލުގައި ، ޚަލްޤުތަކުން އުފެއްދެވުމުގެ ކުރިންނާއި އަދި އަބަދުވެސް ކޮންމެއެއްޗަކާއި ބެހޭގޮތުންވެސް އެއެއްޗެއްގެ ހަޤީޤަތް ޖުމުލަގޮތެއްގައި އަދި ތަފްޞީލީގޮތެއްގައި މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. އަދި ކޮންމެ އެއްޗަކާއިމެދުވެސް ކަންތައްތައް މެދުވެރިވެފައިވާގޮތާއި ، ވާނޭގޮތާއި ވަމުންދާގޮތް އަދި ނުވަނީ ކޮންކަމެއްކަމާއި ކަމެއްވެއްޖެކަމުގައިވާނަމަ އެކަމެއްވީގޮތާއި، ކަމެއް ނުހިނގާނަމަވެސް ، އެކަމެއް ހިނގިނަމަ ހިނގާނެ ގޮތާއި، މިއެންމެހައި ކަންކަން އެއިލާހު މޮޅަށް ދެނެވޮޑިގެންވެއެވެ. އެއިލާހަށް ސިއްރުވެ ވަންހަނާވެގެންވާ އެއްވެސްކަމެއް ނުވެއެވެ. މިއެންމެހައި ކަންކަމަށް އީމާންވާންޖެހެއެވެ.
2 – ބަޔާންވެދިޔަ އެންމެހައި ކަންކަމީ ﷲ ތަޢާލާ ލަވުޙުލް މަޙްފޫޡްގައި ލިޔުއްވާފައިވާ ކަންކަން ކަމަށް އީމާންވާންޖެހެއެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވެއެވެ. ” أَلَمْ تَعْلَمْ أَنَّ اللَّـهَ يَعْلَمُ مَا فِي السَّمَاءِ وَالْأَرْضِ ۗ إِنَّ ذَٰلِكَ فِي كِتَابٍ ۚ إِنَّ ذَٰلِكَ عَلَى اللَّـهِ يَسِيرٌ ﴿٧٠﴾ ” سورة الحج މާނަ : ” ހަމަކަށަވަރުން، އުޑާއި، ބިމުގައިވާހާކަމެއް، ﷲ ދެނެވޮޑިގެންވާކަން ތިބާޔަށް ނޭނގެނީހެއްޔެވެ؟ ހަމަކަށަވަރުން، އެކަންތައްވަނީ، ފޮތެއްގައި ލިޔުއްވައިފައެވެ. ހަމަކަށަވަރުން، އެކަންތަކަަކީ، ﷲ އަށް ދާދިފަސޭހަކަމެކެވެ. “
ޞަޙީޙު މުސްލިމުގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ” كَتَبَ اللَّهُ مَقَادِيرَ الْخَلاَئِقِ قَبْلَ أَنْ يَخْلُقَ السَّمَوَاتِ وَالأَرْضَ بِخَمْسِينَ أَلْفَ سَنَةٍ ” މާނަ : ” އެންމެހައި މަޚްލޫޤުންތަކުންގެ މިންވަރު ﷲ ތަޢާލާވަނީ އުޑުތަކާއި ބިން އުފެއްދެވުމުގެ ފަންސާސް ހާސް އަހަރުކުރިން ލިޔުއްވާފައެވެ. “
3 – ކާއިނާތުގައިވާހައިކަމެއް ހިނގަނީ ﷲ ތަޢާލާގެ އިރާދަފުޅާއި އެކުގައި ކަމަށް އީމާންވާންޖެހެއެވެ. އެއީ އެއިލާހު ކުރައްވާކަމެއްކަމުގައި ވިޔަސް ނުވަތަ އަޅުތަކުން ކުރާ ކަމެއްކަމުގައިވިޔަސް މެއެވެ.
ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވެއެވެ. ” وَرَبُّكَ يَخْلُقُ مَا يَشَاءُ وَيَخْتَارُ ” سورة القصص މާނަ: ” ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ހައްދަވަތެވެ. އަދި އެކަލާނގެ ރުއްސަވައިފި އަޅަކު ޚިޔާރުކުރައްވައި މަތިވެރި ކުރައްވަތެވެ. “
އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ. ” هُوَ الَّذِي يُصَوِّرُكُمْ فِي الْأَرْحَامِ كَيْفَ يَشَاءُ ” سورة آل عمران މާނަ : ” އެއިލާހު އިރާދަކުރެއްވިގޮތަކަށް ރަޙިމުތަކުގައި ތިޔަބައިމީހުން ޞޫރަކުރައްވާ ފަރާތަކީ ހަމަ އެއިލާހެވެ. “
4 – ކާއިނާތުގައި ވާހައި މަޚްލޫޤާތްތަކަކީ ﷲ ތަޢާލާއަށް މިލްކުވެގެންވާ ތަކެތިކަމާއި އެއިލާހު ޚަލްޤުކުރެއްވި ތަކެތިކަމަށް އީމާންވާންޖެހެއެވެ. ޒައްރެއްގެ މިންވަރުގެ އެއްޗެއްކަމުގައިވިޔަސް އޭތި އުފެއްދެވި ފަރާތަކީ ﷲ ތަޢާލާ ކަމަށް އީމާންވާންޖެހެއެވެ. އެއިލާހު ފިޔަވައި އެހެން އިލާހަކުނުވެއެވެ. ރައްބަކީ ހަމައެކަނި ﷲ ތަޢާލާއެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. ” اللَّـهُ خَالِقُ كُلِّ شَيْءٍ ۖ وَهُوَ عَلَىٰ كُلِّ شَيْءٍ وَكِيلٌ ﴿٦٢﴾ ” سورة الزمر މާނަ :” ﷲ އީ، ހުރިހާއެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، އަޅުތަކުންގެ އެންމެހައި ކަންކަން ތަދުބީރުކުރައްވައި ، ރައްކާތެރިކުރައްވައި ބަލަހައްޓަވާ ރަސްކަލާނގެއެވެ. “
އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ. ” وَاللَّـهُ خَلَقَكُمْ وَمَا تَعْمَلُونَ ﴿٩٦﴾ ” سورة الصافات މާނަ : ” އަދި ތިޔަބައިމީހުންނާއި، ތިޔަބައިމީހުން ކުރާހާކަމެއް ހެއްދެވީ ﷲ އެވެ. “
މިންވަރަށް އީމާންވުމުން ލިބޭ ބައެއް ފައިދާ :
- ކަންކަން ކުރުމުގައި ، ސަބަބުގައި ހިފުމުގައި ﷲ ތަޢާލާއަށް ވަކީލުކުރުން. އެ ސަބަބަށް އެކަނި ބުރަނުވުން. އަދި ސަބަބުގައި ހިފުމާއި އެކު އެކަމެއް ފުއްދައިދެއްވާނީ ﷲ ތަޢާލާކަމަށް ޤަބޫލުކުރުން. އެހެނީ ކޮންމެ ކަމެއްވެސް ހިނގަނީ އެއިލާހު މިންވަރު ކުރެއްވި ގޮތެއްގެ މަތިންނެވެ.
- އިންސާނާ ހިތް އެދޭކަމެއް ނުވަތަ އޭނަ އުންމީދުކޮށްގެން ހުރިކަމެއް ހާޞިލުވުމުން އެކަމާއި ބޮޑާވެ ފަޚުރުވެރި ނުވުން. އެހެނީ އެ ހާޞިލުކުރި ކަމަކީ ހެވާއި ކާމިޔާބުގެ ސަބަބުތަކުގެ ތެރެއިން އެ އަޅާއަށް ﷲ ތަޢާލާ މިންވަރުކުރެއްވި ގޮތްކަމަށް އޭނަ އީމާންވާތީއެވެ.
- އިންސާނާ ލޯބިވާކަމެއް ނުވަތަ ހިތްއެދޭ ކަމެއް ގެއްލިގެން ދިޔަސް ނުވަތަ ނޭދެވޭ ކަމެއް އޭނައާއި ކުރިމަތި ވިޔަސް އެކަމާއި ހާސްވެ ކަންބޮޑުވެ ދެރަނުވުން އަދި ހިތްހަމަ ޖެހިގެން ހުރުން. އެހެނީ ކޮންމެ ކަމެއްވެސް މެދުވެރިވަނީ ﷲ ތަޢާލާ މިންވަރުފުޅުން ކަމަށް އޭނާ އީމާންވެއެވެ.
– ނިމުނީ –