قتل ގެ ވައްތަރުތައް
ގިނަ علمވެރިންގެ އަރިހުގައި قتل ގެ ތިން ވައްތަރެއް ވެއެވެ. އެއީ:
- ޤަތުލު ޢަމްދު القَتْلُ العَمْدُ (قصدގައި މީހަކު މެރުން).
- ޤަތުލު ޝިބްހު ޢަމްދު القَتْلُ شِبْهُ العَمْدِ (قصد ގައި މީހަކު މެރުމާ ވައްތަރު މަރު).
- ޤަތުލު ޚަޠައު القَتْلُ الخَطَأُ (އޮޅިގެން މީހަކު މަރުވުން).
القتل العمد އަދި القتل الخطأ ވަނީ ކީރިތި قرآن ބަޔާންކުރައްވާފައެވެ. ކީރިތި قرآن ގައި މާތްﷲ وحي ކުރައްވާފައިވެއެވެ. ﴿وَمَا كَانَ لِمُؤْمِنٍ أَن يَقْتُلَ مُؤْمِنًا إِلَّا خَطَأً ۚ وَمَن قَتَلَ مُؤْمِنًا خَطَأً فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ وَدِيَةٌ مُّسَلَّمَةٌ إِلَىٰ أَهْلِهِ إِلَّا أَن يَصَّدَّقُوا ۚ فَإِن كَانَ مِن قَوْمٍ عَدُوٍّ لَّكُمْ وَهُوَ مُؤْمِنٌ فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ ۖ وَإِن كَانَ مِن قَوْمٍ بَيْنَكُمْ وَبَيْنَهُم مِّيثَاقٌ فَدِيَةٌ مُّسَلَّمَةٌ إِلَىٰ أَهْلِهِ وَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ ۖ فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ تَوْبَةً مِّنَ اللَّهِ ۗ وَكَانَ اللَّهُ عَلِيمًا حَكِيمًا﴾[1] މާނައީ: ”އޮޅިގެން މެނުވީ مؤمنއަކު މެރުމަކީ، مؤمنއަކަށް އޮތްކަމެއް ނޫނެވެ. އަދި އޮޅިގެން مؤمنއަކު މަރައިފިމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް ހުރީ، مؤمنއަޅަކު މިނިވަންކުރުމާއި، އެ މަރުވިމީހާގެ އަހުލުވެރިންނާ ހަވާލު ކުރެވޭ ގޮތުގައި، މަރުގެ دية ދިނުމެވެ. އެއީ، އެއުރެން (މާފުކުރުމަކުން) އެއިން ޞަދަގާތް ކުރިއްޔާ މެނުވީއެވެ. އަދި މަރުވި މީހާއީ مؤمنއަކު ކަމުގައި ވުމާއެކު، ތިޔަބައިމީހުންނާ عداوةތެރި ގައުމެއްގެ މީހަކު ކަމުގައިވާނަމަ ފަހެ، مؤمنއަޅަކު މިނިވަންކުރުން ހުށްޓެވެ. އަދި، އެބަޔަކާ ތިޔަބައިމީހުންނާ ދެމެދުގައި ޢަހުދެއް ކުރެވިފައިވާ ބަޔެއްގެ ތެރެއިންވާ މީހަކުނަމަ، ފަހެ، އެމީހެއްގެ އަހުލުވެރިންނާއި ހަވާލު ކުރެވޭގޮތުގައި މަރުގެ دية ދިނުމާއި، مؤمن އަޅަކު މިނިވަންކުރުން ހުށްޓެވެ. ފަހެ، (މިނިވަންކުރާނެ އަޅަކު) ނުލިބުނުމީހާ ފަހެ، ވިދިވިދިގެން ދެމަސްދުވަހު ރޯދަހިފުން ހުށްޓެވެ. (އެއީ) اللَّه ގެ حضرތުން توبة ލިބިގަތުމެއްގެ ގޮތުގައެވެ. މޮޅަށް ދެނެވޮޑިގެންވާ حكيمވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.“ ﴿وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا﴾[2] މާނައީ: ”އަދި، قصدގައި مؤمنއަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކަޔެވެ. އެތަނުގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި ﷲ، އެމީހާގެ މައްޗަށް ކޯފާލައްވައި ލަޢުނަތް ލެއްވިއެވެ. އަދި، ބޮޑުވެގެންވާ عذاب އެމީހާއަށް ތައްޔާރު ކުރެއްވިއެވެ.“
القتل شبه العمد ދަންނައެވެ. މިކަން މަތިވެރިވެގެންވާ سنةން ثابتވެގެންވެއެވެ. އެގޮތުން عمرو بن شعيب ގެ ކާފަގެ އަރިހުން، އެކަލޭގެފާނުގެ ބައްޕަގެ އަރިހުން. އެކަލޭގެފާނު ރިވާކުރެއްވިއެވެ. ނަބިއްޔާ صلى الله عليه وسلم حديثކުރެއްވިއެވެ. «عَقْلُ شِبْهِ اَلْعَمْدِ مُغَلَّظٌ مِثْلُ عَقْلِ اَلْعَمْدِ، وَلَا يَقْتَلُ صَاحِبُهُ، وَذَلِكَ أَنْ يَنْزُوَ اَلشَّيْطَانُ، فَتَكُونُ دِمَاءٌ بَيْنَ اَلنَّاسِ فِي غَيْرِ ضَغِينَةٍ، وَلَا حَمْلِ سِلَاحٍ»[3] މާނައީ: ”القتل شبه العمدގެ دية އަކީ القتل العمدގެ ديةއާއި އެއް ފަދައިން ގިނަ މިންވަރެކެވެ. ނަމަވެސް القتل شبه العمدގައި قاتلމެރުމެއް ނުވެއެވެ. އެއީ އޭގައި شيطانއާގެ ވަސްވާހަށް ހެއްލި އަވަސް އަރުވާލައިގެން، ޙަސަދަވެރިކަމެއް އަދި ހަތިޔާރު އުފުލުމަކާއި ނުލާ އަނެކާގެ ލޭ އޮހޮރިގެން ދާތީއެވެ.“
އަދި عبد الله بن عمرو رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم حديثކުރެއްވިއެވެ. «أَلاَ إِنَّ قَتِيلَ الْخَطَإِ شِبْهِ الْعَمْدِ قَتِيلَ السَّوْطِ وَالْعَصَا فِيهِ مِائَةٌ مِنَ الإِبِلِ، مِنْهَا أَرْبَعُونَ فِي بُطُونِهَا أَوْلاَدُهَا»[4] މާނައީ: ”ދަންނާށެވެ! ހަމަކަށަވަރުން ޗާބޫކަކުން ނުވަތަ عصاއަކުން، އޮޅުމަކުން قتلކުރުމީ الشبه العمد އެވެ. [5] އޭގައި ديةއެއްގެ ގޮތުން އަދާކުރަން ޖެހޭހުށީ ސަތޭކަ ޖަމަލެވެ. އޭގެ ތެރެއިން ސާޅީސް ޖަމަލުގެ ބަނޑުގައި ދަރިން އޮންނަން ޖެހޭނެއެވެ. (އެހެނީ މާބަނޑުވާން ޖެހޭނެއެވެ.)“.
[1] سورة النساء: 92.
[2] سورة النساء: 93.
[3] أخرجه أحمد (6718) [2/183]: وأبو داود (4565) [4/451].
[4] أخرجه أحمد (4583) [2/11]: وأبو داود (4567) [4/443]: والنسائي (4805) [4/409]: وابن ماجه (2627) [3/267].
[5] އެއީ ޝިބްހު ޢަމްދުގައި ބޭނުންކުރަނީ ޢާންމު ގޮތެއްގައި މީހަކު ޤަތުލުކުރަން ބޭނުންކުރާ ސާމާނަތުތަކަށް ނުވާތީއެވެ. ޤަތުލު ޢަމްދާއި ޝިބުހު ޢަމްދުގެ ތަފާތަކީ ޢަމްދުގައި މީހަކު މަރާލުމުގެ ޤަޞްދުވާނެއެވެ. އަދި ޝިބްހު ޢަމްދުގައިވާނީ ޖެހުމުގެ ޤަޞްދެވެ. މެރުމުގެ ޤަޞްދެއް ނޫނެވެ. އަދި ޢަމްދުގައި މެރުމަށް ބޭނުންކުރާ ހަތިޔާރަކީ މީހަކަށް އެއިން ހަމަލާ ދީފިނަމަ ޢާންމު ގޮތެއްގައި މަރުވާނެ ހަތިޔާރެކެވެ. އަދި ޝިބްހު ޢަމްދުގައި ބޭނުންކުރާ އެއްޗަކީ ޢާންމު ގޮތެއްގައި މީހެއްގެ ގައިގައި އެއިން ޖެހިޔަސް އެމީހަކު މަރުވެދާނެކަމަށް ނުބެލެވޭ އެއްޗިއްސެވެ.