[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި މައްސަލައިގައި ދަންނަބޭކަލުން މެދުގައި ޚިލާފު އެބައޮތެވެ! – 1

ﷲއަށް ޙަމްދު ހުއްޓެވެ. އެކަލާނގެ ވަޙީ ކުރައްވައިފައި ވެއެވެ:

﴿وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا﴾ [الحشر: 7] މާނައީ: [އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ!]

ޞަލަވާތާއި ސަލާމް ހުރީ ޢާލަމުތަކަށް ރަޙުމަތެއްކަމުގައި ﷲ ފޮނުއްވި ނަބީ ކަލޭގެފާނަށެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ވެއެވެ:

((مَن أطاعَنِي فقَدْ أطاعَ اللَّهَ، ومَن عَصانِي فقَدْ عَصَى اللَّهَ))[1] މާނައީ: [ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ތަބަޢަވެއްޖެ މީހާ ﷲގެ (އަމުރުފުޅުތަކަށް) ކިޔަމަން ގެންފިއެވެ. އަދި ތިމަންކަލޭގެފާނަށް ނުކިޔަމަންތެރި ވެއްޖެ މީހާ ﷲއަށް އުރެދިއްޖެއެވެ.]

އެއަށްފަހު ދަންނާށެވެ!

ހަމަ ޔަޤީނުންވެސް ދަންނަބޭކަލުންގެ މެދުގައި ޚިލާފާއި ދެބަސްވުން އުފެދޭ ހިނދު ރުޖޫޢަ ވާން ޖެހޭ ދެ މަރުޖިއަކީ މަތިވެރި ޤުރުއާން އަދި ޠާހިރުވެގެންވާ ސުންނަތެވެ. މިކަން ބަޔާން ކުރައްވައި މާތް ﷲ ވަޙީ ކުރައްވައިފައި ވެއެވެ:

﴿يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا﴾ [النساء: 59] މާނައީ: [އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް ކިޔަމަންވާށެވެ! އަދި، ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، اللَّه އަށާއި ރަސޫލާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު اللَّه އާއި، އެކަލާނގެ ރަސޫލާގެ ޙުކުމު އޮތްގޮތެއް ބަލައި އެގޮތަށް ޢަމަލު ކުރާށެވެ!) ތިޔަބައިމީހުން، اللَّه އަށާއި، އާޚިރަތް ދުވަހަށް އީމާން ވާ ކަމުގައި ވާނަމައެވެ. އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑުމެއެވެ.]

އަދިވެސް އެކަލާނގެ ވަޙީ ކުރައްވައިފައި ވެއެވެ:

﴿وَمَا اخْتَلَفْتُمْ فِيهِ مِنْ شَيْءٍ فَحُكْمُهُ إِلَى اللَّهِ﴾ [الشورى: 10] މާނައީ: [އަދި ތިޔަބައިމީހުން އެކަމަކާ މެދުގައި ޚިލާފު ވާ ކޮންމެ ކަމެއްގެ ޙުކުމްކުރެއްވުންވަނީ، اللَّه އަށެވެ.]

މި ދެ އާޔަތުގައި މާތް ﷲ އަންގަވައިފައި މިވަނީ މުސްލިމުންގެ މެދުގައި އުފެދޭ ދެބަސްވުންތަކުގައި ޤުރުއާނުން އަދި ނަބިއްޔާ صَلَىٰ اللهُ عَلَيْهِ وَسَلَّمގެ ސުންނަތުން ލިބޭ ދަލީލުގެ މައްޗަށް ޢަމަލުކުރުމަށެވެ. އެހެންކަމުން މުސްލިމުންގެ މެދުގައި އުފެދޭ ޚިލާފުތަކުގައި ގޮތް ކަނޑައަޅަނިވި ޙާކިމެއްކަމުގައި ލައްވައިފައި މިވަނީ ޤުރުއާނާއި ސުންނަތެވެ. އަދި މުސްލިމުންގެ މެދުގައި އުދެފޭ ޚިލާފަކީ އެއީ އެބައިމީހުންގެ މެދުގައި ގޮތް ކަނޑައަޅާ މަޞްދަރުކަމުގައި ލައްވާފައި ނުވެއެވެ. މުސްލިމުންގެ ދިގު ތާރީޚުގައި ޢަމަލު ކުރަމުން އައިސްފައިވަނީ މި މޭރުމުންނެވެ. އެއީ ޙައްޤުގެ ބާރު ދަށްވެ، މިއަދުގެ މި ޒަމާނުގައި ކަންތައްވެފައިވާ ގޮތަށް؛ ބާޠިލު، ޙައްޤުގެ މައްޗަށް ގަދަވެއްޖައުމަށް ދާންދެނެވެ.

މިއަދުގެ ދުނިޔޭގައި ބާޠިލު ފެތުރި އޭގެ އަސަރު މީސްތަކުންގެ މައްޗަށް ވަރަށް ގަދަވެއްޖެއެވެ. ހަވާނަފުސަށް ތަބާވުން ޢާންމުވެ، ފެތުރިއްޖެއެވެ. މަގުފުރައްދަނިވި ފަތުވާތަކާއި އެފަދަ ފަތުވާތައް ދޭ މުފްތީން ގިނަ ވެއްޖެއެވެ. ދީނަކީ މާ ބޮޑު ކަމަކަށް މި މީހުންނަކަށް ނުވެއެވެ. މިފަދަ މީސްމީހުންގެ ފަތުވާތައް މި މާތް ޝަރީޢަތުގެ މަޞްދަރުތަކާއި ޚިލާފުވެފައި ވާތަން ނިކަން ފާޅުގައި އެބަފެނެއެވެ. ނަތީޖާއަކީ ކޮބާތޯއެވެ؟! މުސްލިމުންގެ ގިނަ ބަޔަކަށް މި މީހުންގެ ފަތުވާތަކުގައި ހުރި ޚިލާފަކީ މަރުޖިޢެއްކަމުގައި ވެއްޖެއެވެ. އަދި ދަލީލަށް ރުޖޫޢަވުން ދޫކޮށްލައިފިއެވެ.

މީގެ އަހަރުތަކެއް ކުރިން ދީނުގެ ކަމެއްގައި މީހަކު ކަމެއް އޮޅުން ފިލުވާންވެއްޖެނަމަ ސުވާލު ކުރަނީ، މި ކަމުގައި ދަލީލަކީ ކޮބައިތޯއެވެ؟ މިފަދައިންނެވެ! ނަމަވެސް މިއަދު، ދެ މީހެއްގެ ކިބައިން ފަތުވާއެއް އަހައިލުމަށް ފަހު ބުނެއެވެ. “މި މައްސަލައިގައި ދަންނަބޭކަލުންގެ މެދުގައި ޚިލާފު އެބަ އޮތެވެ!” މިފަދައިން ބުނެ، ޚިލާފީ މައްސަލަތަކުގައި ޙުއްޖަތް ދައްކަނީ ދަންނަބޭކަލުންގެ މެދުގައި އެ އޮތް ޚިލާފުންނެވެ. ﷲ އަންގަވައިފައިވާ ފަދައިން ޤުރުއާނާއި ސުންނަތުގެ ދަލީލަކުން ނޫނެކެވެ. އެފަދަ މީހުން، ޤުރުއާނާއި ސުންނަތުގެ ދަލީލުން ޙުއްޖަތް ދެއްކުމުގެ ބަދަލުގައި ޙުއްޖަތް ދައްކާން އުޅެނީ މައްސަލައެއްގައި އޮތް ޚިލާފުންނެވެ. އަދި ދެބަސްވުން ހުރި ކަންކަމުގައި ގޮތް ކަނޑައަޅަނިވި ޙާކިމަކީ ޤުރުއާނާއި ސުންނަތުގެ ގޮތުގައި ޚިޔާރު ކުރުމުގެ ބަދަލުގައި އެފަދަ މީހުން އެ ދެ މަޞްދަރުގެ މައްޗަށް ޚިލާފު ނަގައި، އެއީ އެފަދަ ކަންކަމުގައި ގޮތް ކަނޑައަޅަނިވި ޙާކިމު ކަމުގައި ހަދައެވެ. އެއީ އެ މީހުންގެ ޖާހިލުކަމާއި ހަވާނަފުސަށް ތަބާވުމުގެ ނަތީޖާއެވެ. އަދި މި މާތް ޝަރީޢަތުގެ ޙުކުމުތަކަށް ތަބާ ވުމުގައި އެ މީހުން ފަރުވާ ކުޑަކުރުމުގެ ނަތީޖާއެވެ.


[1]  ބުޚާރީ (7137)

 

މަޞްދަރު

 

މި ލިޔުމުގެ އެހެން ބައިތައް