ދަންނާށެވެ! މުޢުތަބަރު ޚިލާފެއް ނެތް ޚިލާފީ މައްސަލަތައް ގުނައި ޢަދަދު ނުކުރެވޭހައި ގިނައެވެ. މިފަދަ މައްސަލަތަކުގައި، “މި މައްސަލައިގައި ދަންނަބޭކަލުންގެ މެދުގައި ޚިލާފު އެބަ އޮތެވެ!”، މިފަދައިން ބުނުން ޞައްޙަ ނުވާނެއެވެ. މިފަދަ ބައެއް މައްސަލަތަކުގެ މިސާލުތަކަކީ:
- އިމާމު ވެ ނަމާދު ކުރާ މީހާއަށާއި އެކަހެރިކޮށް ހުރެ ނަމާދުކުރާ މީހާގެ މައްޗަށްވެސް ފާތިޙާ ސޫރަތް ކިޔެވުމަކީ ނަމާދުގެ ރުކުނެކެވެ. މި މައްސަލައިގައި ޞަރީޙަ ނައްޞު އޮވެމެ؛ ދަންނަބޭކަލުން މި މައްސަލައިގައި ޚިލާފު ވެގެން ވެއެވެ.[1] ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ: [لَا صَلَاةَلِمَن لَمْ يَقْرَأْ بفَاتِحَةِ الكِتَابِ[2]] މާނައީ: [ސޫރަތުލްފާތިޙާ ނުކިޔަވާ މީހަކަށް ނަމާދެއް ނުވެއެވެ.]
- ނަމާދުގެ ރުކުންތަކުގައި ހަމަޖެހިލުމަކީ ނަމާދުގެ ރުކުނެކެވެ. އެހެނެއްކަމަކު މި މައްސަލައިގައިވެސް ދަންނަބޭކަލުންވަނީ ޚިލާފު ވެފައެވެ.[3] ޞައްޙަ ނައްޞުގައި ޞަރީޙަކޮށް ފެންނާން އޮތެއްކަމަކު ދަންނަބޭކަލުންގެ އިޖުމާޢު މި މައްސަލައިގައި އައިސްފައި ނުވެއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވައިފައި ވެއެވެ: [ثُمَّ اسْجُدْ حتَّى تَطْمَئِنَّ ساجِدًا، ثُمَّ ارْفَعْ حتَّى تَسْتَوِيَ وتَطْمَئِنَّ جالِسًا، ثُمَّ اسْجُدْ حتَّى تَطْمَئِنَّ ساجِدًا[4]] މާނައީ: [ދެން ސަޖިދައިގައި ހަމަޖެހިލެވިއްޖައުމަށް ދާންދެން ސަޖިދަކޮށް ސަޖިދައިގައި މަޑު ކޮށްލާށެވެ. ދެން ސަޖިދައިން ތެދުވެ ސީދާ ވެލައި ހަމަޖެހިލައި އިށީންނާށެވެ. ދެން ސަޖިދައިގައި ހަމަޖެހިލެވިއްޖައުމަށް ދާންދެން ސަޖިދަކޮށް ސަޖިދައިގައި ހަމަޖެހިލާށެވެ.]
- އިސްތިސްޤާ ނަމާދު ޖަމާޢަތުގައި ކުރުމުގެ ސުންނަތަކީ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ކިބައިން ސާބީތުވެގެން އައިސްފައިވާ ސުންނަތެކެވެ. އެއާއެކުވެސް އެއީވެސް ދަންނަބޭކަލުން އެ މައްސަލައެއްގައި ޚިލާފުވެފައިވާ މައްސަލައެކެވެ.[5]
- ރަށުގައި ޤާއިމުވެ ހުންނަ މީހާ ޚުއްފުގައި ފެން ފޮހޭނޭ މުއްދަތަކީ އެއް ރެއާއި އެއް ދުވާކަމާއި، ދަތުރު ވެރިޔާ ފެން ފޮހޭނޭ މުއްދަތަކީ ތިން ރޭ ތިން ދުވާކަމުގައި ދަންނަބޭކަލުންގެ މެދުގައި ޚިލާފު މައްސަލައެކެވެ.[6] އެހެންނަމަވެސް އެ ޚިލާފަކީ ސީދާ ޙަދީޘުގައި އައިސްފައިވާ ނައްޞާ ދިމާ އިދިކީލަ ޚިލާފެކެވެ. މާތް ﷲ އެ ބޭކަލަކަށް ރުއްސުންލެއްވި ޢަލީގެފާނުގެ ކިބައިން ރިވާވެގެންވެއެވެ؛ އެކަލޭގެފާނު ވިދާޅުވިއެވެ:
[جَعَلَ النَّبِيُّ – صَلَىٰ اللهُ عَلَيْهِ وَسَلَّم – ثَلَاثَةَ أَيَّامٍ وَلَيَالِيَهُنَّ لِلْمُسَافِرِ، وَيَوْمًا وَلَيْلَةً لِلْمُقِيمِ. يَعْنِي: فِي الْمَسْحِ عَلَى الْخُفَّيْنِ.[7]] މާނައީ: [ނަބިއްޔާ صَلَىٰ اللهُ عَلَيْهِ وَسَلَّم ދަތުރުވެރިއަކަށް ތިން ރޭ ތިން ދުވާ ލެއްވިއެވެ. އަދި ރަށުގައި ޤާއިމު ވެހުންނަ މީހާއަށް ރެއަކާއި ދުވާލެއް ލެއްވިއެވެ. އެބަހީ: ޚުއްފުގައި ފެން ފުހުމުގައެވެ.]
- ފިރިހެނުން ރަން އަނގޮޓި އެޅުމާއި ފަށުވި ފޭރާންލުމަކީވެސް މި ބާވަތުގެ ޚިލާފީ މައްސަލައެކެވެ. އެއީ ޞަރީޙަ ނައްޞުގައި އެ ދެ އެތި ފިރިހެނާއަށް ޙަރާމުކަން ކަނޑައެޅި ބަޔާންވެފައިވީ ހިނދުވެސް މެއެވެ.[8]
- އޭގެ ގިނަ މިންވަރުން މަސްތު ކުރުވަނިވި ނަބީޛެއް (ޖޫހެއް)ގެ މަދު މިންވަރު ޖުމުހޫރު ދަންނަބޭކަލުންގެ އަރިހުގައި ޙަރާމެވެ. އެއީ މޭބިސްކަދުރު ނޫން އެއްޗަކުން ތައްޔާރު ކުރެވުނުކަމުގައި ވިޔަސްމެއެވެ. މިއީވެސް އެ މައްސަލައެއްގައި (ޞަރީޙަ ނައްޞު[9] އޮވެމެ) އިޖުމާޢު ނަޤުލު ވެފައި ނުވާ، ދަންނަބޭކަލުންގެ މެދުގައި ޚިލާފު މައްސަލައެކެވެ.[10]
- ތުނބުޅި ބާލައި ފިލުވައިލުމަކީ ހަތަރު އިމާމުންގެ އިއްތިފާޤުން ޙަރާމު ކަމެކެވެ. އަދި ކިއެއް ހެއްޔެވެ؟! މި މައްސަލައިގައި ޢިލްމުވެރީންގެ އިޖުމާޢުވެސްވަނީ ނަޤުލު ވެގެންނެވެ.[11] ކަންހުރީ މިފަދައިންކަމުގައި ވިޔަސް، މިއީވެސް “ޚިލާފީ މައްސަލައެކެވެ”[12]؛ އެއީ މިކަމުގެ ޙަރާމުކަމުގެ ދަލީލު ސާފުކޮށް ޞަރީޙަ ޢިބާރާތުން އައިސްފައި ވާއިރުވެސްމެވެ. އަދި ތުނބުޅި (ނުބާލައި) ދޫކޮށްލުމަށް ސާފުކޮށް ޙަދީޘްގައި އައިސްފައިވާ އިރުޝާދު، އިރުގެ އަލިކަން ފަދައިން ސާފުކޮށް ވާއިރުވެސްމެއެވެ.
ބުޚާރީއާއި މުސްލިމުގައި[13] ތަފާތު އެކި ޢިބާރާތްތަކުން ތުނބުޅި ދޫކޮށްލުމަށް ރަސޫލާ صَلَىٰ اللهُ عَلَيْهِ وَسَلَّم އަމުރުކުރައްވައިފައި ވާކަން ނަޤުލު ކުރެވިފައެވެއެވެ. އެ ޢިބާރާތްތަކަކީ: (أَعْفُوا اللِّحَىٰ މާނައަކީ: ތުނބުޅި (ނުކޮށާ) ދޫކޮށްލާށެވެ. )، (أَرْخُوا اللِّحَىٰ މާނައަކީ: ތުނބުޅި ދިގުކުރާށެވެ.)، (وَفِّروا اللِّحَىٰ މާނައަކީ ތުނބުޅި ބޯ ކުރާށެވެ.)، (أَوْفُوا اللِّحَىٰ މާނައަކީ: ތުނބުޅި ފުރިހަމަ ކުރާށެވެ.) މި ހުރިހައި ދަލީލެއް މި ފަދައިން ވަނިކޮށް، ބައެއް މީހުން ތުނބުޅި ބާލައެވެ. ނުވަތަ ތުނބުޅި ދޫކޮށްލުމަށް އައިސްފައިވާ އަމުރާ ޚިލާފުވާ މިންވަރަށް ތުނބުޅި ކޮށައި ހަދައެވެ. އަދި ބުނެއެވެ. “މި މައްސަލައިގައި ދަންނަބޭކަލުންގެ މެދުގައި ޚިލާފު އެބައޮތެވެ!” ދަލީލަކަށް މިފަދަ މީހުން ބުނަނީ މިވެނި އެވެނި ޝައިޚެއް މިފަދައިން ބުނި ކަމަށެވެ.
- ޚިލާފީ މައްސަލަތަކުގެ ތެރެއިން އަނެއް މައްސަލައަކީ މުސްލިމު ޢާއިލާތައް ހަލާކު ކުރުމަށް ބައެއް ފަރާތްތަކުން ނަގައިގެން އުޅޭ އަންހެނާގެ ވަލީގެ މައްސަލައެވެ. ދަންނަބޭކަލުން ކުރެ ޖުމުހޫރު ބޭކަލުންނާއި އަދި އޭގެ ކުރިއަށް ޞަޙާބީ ބޭބޭކަލުންގެ އަރިހުގައިމެ އަންހެނާގެ ވަލީއާ ނުލައި ކައިވެނި ޞައްޙަ ނުވާނެއެވެ. އެއީ ރަސޫލާ صَلَىٰ اللهُ عَلَيْهِ وَسَلَّمގެ އަންނަނިވި ބަސްފުޅުގެ މައްޗަށް ބިނާކޮށްނެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ: [لا نِكاحَ إلَّا بوَلِيٍّ[14]] މާނައީ: [ވަލީއާ ނުލައި ކައިވެންޏެއް ނުވެއެވެ.] މި މައްސަލައަކީވެސް އެ ޚިލާފެއްގައި އިތުބާރެއް ނެތް ޚިލާފީ މައްސަލައެކެވެ.[15]
ދަންނައެވެ! ޚިލާފީ މައްސަލަތަކަކީ ޢަދަދު ނުކުރެވޭހައި ގިނަ އެއްޗެކެވެ.
[1] ބައްލަވާ: الْمَبْسُوطُ لِلسَّرَخْسِيُّ (19/1)
[2] ބުޚާރީ (756)، މުސްލިމް (394)
[3] التجريد للقدوري (525/2)، التبصرة للخمي (284/1)
[4] ބުޚާރީ (6667)، މުސްލިމް (394)
[5] الهداية (88/1)، العناية للبابرتي (91/2)، البناية للعيني (150/3)
[6] التاج والإكليل (319/1)، الشرح الكبير للدردير مع حاشية الدسوقي (142/1)
[7] މުސްލިމް (276)
[8] ބައްލަވާ: شرح النووي على مسلم (32/14)، إكمال المعلم للقاضي عياض (604/6)
[9] [އެއީ ރަސޫލާ صَلَىٰ اللهُ عَلَيْهِ وَسَلَّمގެ އަންނަނިވި ޙަދީޘެވެ؛ އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: “مَا أَسْكَرَ كَثِيرُهُ فَقَلِيلُهُ حَرَامٌ” (ސުނަނު އަބީދާވޫދު (3681)) މާނައީ: [އެ އެއްޗެއްގެ ގިނަ މިންވަރުން މަސްތު ކުރުވަނިވި އެއްޗެއްގެ މަދު މިންވަރުވެސް ޙަރާމެވެ.] އަދިވެސް އެކަލޭގެފާނުން ޙަދީޘް ކުރައްވައިފައި ވެއެވެ: ” “ كُلُّ مُسْكِرٍ خَمْرٌ وَكُلُّ مُسْكِرٍ حَرَامٌ ” (މުސްލިމު (3679)) މާނައީ: [މަސްތު ކުރުވަނިވި ކޮންމެ އެއްޗަކީ ރަލެކެވެ. އަދި މަސްތު ކުރުވަނިވި ކޮންމެ އެއްޗަކީ ޙަރާމު އެއްޗެކެވެ.] ]
[10] ބައްލަވާ: ((تبيين الحقائق)) للزيلعي (46/6)، ((الدر المختار وحاشية ابن عابدين)) (453/6).
[11] ބައްލަވާ: ((مراتب الإجماع)) لابن حزم (ص: 157)، ((الإقناع في مسائل الإجماع)) لابن القطان (299/2).
[12] ((إعانة الطالبين)) للدمياطي (2/386)، ((تحفة المحتاج)) للهيتمي (375/9).
[13] ބައްލަވާ: ބުޚާރީ (5893،5892)، މުސްލިމު (260،259)
[14] އަބޫދާވޫދު (2085)، ތިރްމިޛީ (1101)، އިބްނުމާޖާ (1881)
[15] ބައްލަވާ: الهداية (1/196)، البحر الرائق لابن نجيم (3/117).