القتل العمد ގެ ވައްތަރުތައް
القتل العمد ވައްތަރުތަކަށް ބަލާއިރު ފެންނަށް އޮތީ ނުވަ ވައްތަރެވެ.
- ތޫނު ހަތިޔާރެއް އަދި ހަށިގަނޑުގެ ތެރެއަށް ހަރާލެވޭފަދަ ވަޅިއެއް، ކައްޓެއް ނުވަތަ މިފަދަ ތޫނު އެއްޗަކުން އެމީހަކު ޒަހަމްކޮށްލައިގެން މަރާލުން. މިކަމާ ގުޅިގެން المُوَفَّقُ ވިދާޅުވެފައިވެއެވެ. ”އަހަރެމެންނަށް އެނގިލައްވާ ގޮތުގައި މި ނިންމުމާމެދު ޢިލްމުވެރިންގެ މެދުގައި ދެބަސްވުމެއް ނުވެއެވެ. (އެބަހީ: އެފަދަ ހަތިޔާރެއް ބޭނުންކޮށްގެން މެރުމަކީ القتل العمد ކަމުގައި ޚިލާފެއް ނުވެއެވެ.)“
- ގައު ނުވަތަ އެފަދަ ބަރު އެއްޗެއް ބެނުންކޮށްގެން މަރާލުން. އެހެންކަމުން، އެ ގަލަކީ ކުޑަ އަދި ލުއި ގަލެއް ކަމުގައިވާނަމަ އެއީ القتل العمد ކަމުގައި ނުބެލެވޭނެއެވެ. ނަމަވެސް އެއީ ހަށިގަނޑުގެ ނާޒުކު ގުނަވަނަކަށް قصدގައި އަމާޒު ކޮށްފައިވާނަމަ އެއީ القتل العمدއެވެ. މިއާ އެއްގޮތަށް މަރާލެވުނު މީހަކީ ނިކަމެތި، ބަލި، މުސްކުޅި، ޒުވާން، ހޫނު، ފިނި އަދި މިއާ އެއްގޮތްވާ ފަދާ ޙާލަތެއްގައި ވަނިކޮށް، ކުޑަ ގަލެއް (އާންމުކޮށް މަރުވުމަށް މަގުފަހިނުވާފަދަ) ބޭނުންކޮށްގެން قتل ކޮށްފިނަމަ އެއީ القتل العمد ކަމުގައި ބެލެވޭނެއެވެ. އަދި ކުޑަ ގަލަކުން ނުވަތަ އެފަދަ އެއްޗަކުން ތަކުރާރުކޮށް ޖަހައި މަރާލުމުން القتل العمدއަށް ވެއެވެ. ހަމަ މިގޮތަށް އެމީހާގެ ގަޔަށް ފާރެއް ވައްޓާލުން، ކާރަކުން ޖެއްސުން ނުވަތަ އުސް ތަނަކުން ވައްޓާލައިގެން މަރާލުމުން އެއީ القتل العمد އެވެ.
- ސިންގާ ނުވަތަ ހަރުފައެއްފަދަ ނުރައްކާތެރި ޖަނަވާރަކަށް އެމީހަކު އެއްލާލައިގެން މަރާލުން. މިފަދަ ނުރައްކާތެރި ޖަނަވާރަކަށް ޤަސްދުގައި މީހަކު އެއްލާލައިގެން މަރާލައިފިނަމަ އެއީ القتل العمد އެވެ. ސަބަބަކީ އެފަދަ ޖަނަވާރުތަކަކީ ޢާންމުކޮށް ޝިކާރައަކަށް قتلކުރާ ޖަނަވާރުތަކަށް ވާތީއެވެ.
- އަލިފާނަށް ނުވަތަ ފުން ފެންގަނޑަކަށް މީހަކު އެއްލާލުމުގެ ސަބަބުން އެމީހަކު ގެނބި، މިދެކަމުން ސަލާމަތް ނުވެވުމުގެ ސަބަބުން މަރުވުން.
- ވަލެއް ނުވަތަ އެފަދަ އެއްޗެއް ބޭނުންކޮށްގެން ދަންޖައްސާ، ނުވަތަ ނޭވާ ހާސްކޮށްލައިގެން މަރާލުން.
- ޖަލެއް ނުވަތަ އެފަދަ ތަނެއްގައި އެމީހަކު ހައްޔަރުކޮށްގެން ކާންބޯން އެއްޗެއް ނުދީ މަރުވަންދެން ބަންދުކޮށްފައި ބެހެއްޓުން. މިގޮތަށް ވަކި މުއްދަތަކަށް އެމީހަކަށް ކާނެ ނުވަތަ ބޯނެ އެއްޗެއް ނުލިބޭ ޙާލަތުގައި ބަނދުކޮށްފައި ހުއްޓާ، ބަނޑުހައި ހޫނުކަމުގައި މަރުވެއްޖެނަމަ މި ބެލެވޭނީ القتل العمد ކަމުގައެވެ.
- މަރާލުމުގެ قصدގައި سحرވެރިޔާ، سحر ބޭނުންކޮށްގެން އެމީހަކު މަރާލުން.
- މަރާލުމުގެ قصدގައި މީހަކަށް ނޭނގޭހާލު އެމީހަކަށް ޒަހަރުދީގެން ނުވަތަ އެމީހަކަށް ނޭނގި ކާއެއްޗިއްސަށް ޒަހަރު އެއްކޮފަ ކާންދީގެން މަރާލުން.
- ޒިނޭކުރުން ނުވަތަ މުރުތައްދުވުން ނުވަތަ ޤަސްދުގައި މީހަކު قتلކުރުންދަފަ މަރުގެ حكم އިއްވޭ މައްސަލަތަކުގައި ދޮގު ހެކިބަސް ދިނުމުގެ ސަބަބުން، އެއިންމީހަކު قتلކުރުމަށް حكم ކުރެވި އެމީހަކު قتل ކުރެވޭ ފަދަ ޙާލަތްތަކުގައި، ދޮގުހެކިބަސްދޭ ހެކިވެރިޔާއަކީ قاتلއެއްކަމުގައި ބެލެވޭނެއެވެ. ސަބަބަކީ މީހަކު މެރުމަށް އޮތް ކުށަކަށް ދޮގު ހެކިބަސް ދިނުމުގެ ސަބަބުން އޭނަގެ މައްޗަށް މަރުގެ حكم ތަންފީޒުވާނެތީއެވެ. އެހެންކަމުން ދޮގު ހެކިބަސް ދިންކަމަށް އެއްބަސްވެއްޖެނަމަ ނުވަތަ އެކަން އިތުރު ގޮތަކުން ހާމަވެއްޖެނަމަ އެމީހަކަށް القتل العمد ގެ حكم ސާބިތު ވާނެއެވެ.