[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި މައްސަލައިގައި ދަންނަބޭކަލުން މެދުގައި ޚިލާފު އެބައޮތެވެ! – 8

ޝުބުހައަކާއި އޭގެ ރަދު:

މީހަކު ބުނެފާނެއެވެ؛ ދަލީލުގައި ހިފުމާމެދަކު ޚިލާފެއް ނެތެވެ. އެހެނަސް ތިޔަބައިމީހުން ދަލީލަކުން ކަމެއް އެއީ ޙަރާމުކަމެއް ކަމުގައި ބުނާ ކަމަކީ އަނެއްބަޔަކު އެހެން ދަލީލަކުން އެއީ ޙުއްދަކަމެއް ކަމުގައި ދެކޭ ކަމެކެވެ. އަދި ތިބާއާއި ތިބާގެ ބަހަށް ތަބާވާ ބަޔަކަށް ދަލީލަކުންވާ ފަހުމު އަނެކާއަށް ހަމަ އެ ދަލީލުން  ވާ ފަހުމުވުމާއި ތަފާތެވެ. އެހެންކަމުން ތިބާއަށް ނުވަތަ މިވެނިއެވެނި މީހަކަށް އެ ދަލީލުން ވާ ފަހުމުވުން އަހަރެންގެ މައްޗަށް ލާޒިމު ނުކުރާށެވެ. އެހެނީ ދަންނަބޭކަލުންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލަތަކުގައި؛ އަހަރެން އެ މީހެއްގެ ރައުޔުގައި ހިފި މީހާއަށް ވުރެ ވަކީން ތިބާ އެ މީހެއްގެ ރައުޔުގައި ހިފި މީހެއް އައުލާވެގެން ނުވާނެއެވެ. އެއީ ދަލީލުން ޙުކުމު ނެރުމަށް ކަމުގައި ވިޔަސް ނުވަތަ އެ ދަލީލު ފަހުމުވުމުގައި ކަމުގައި ވިޔަސް މެއެވެ.

މިއީ އެ ޝުބުހައެއްގެ ވަށައިގެން ހަވާނަފުސަށް ތަބާވާ މީހުން އެނބުރޭ ޝުބުހައެކެވެ. އަދި މި ގޮވެލިފަތި ތަފާތު އެކި ގޮތްގޮތުން ވޭތުވެ ދިޔަ މާޒީގައިވެސް އަދި މިއަދުވެސް މިވަނީ ޖައްވުގައި ގުގުމާލައިފައެވެ. ޒުވާން އަންހެން ކުދީންނާއި ޒުވާން ފިރިހެން ކުދީން މިވަނީ މި ގޮވެލިފަތީގައި ޖެހިފައެވެ. ހަމަ މިގޮތަށް ދީނީ ތަޢުލީމަށް ނިސްބަތްވާ ބައެއް ފަރާތްތައްވެސް ތަފާތު އެކިއެކި ޕްރެޝަރުތަކާ ހެދި މިއަދު މިވަނީ މި ޝުބުހާގެ ތެރެއަށް ވެއްޓިފައެވެ.

 

މި ޝުބުހާގެ ރައްދު ތިރީގައި އެވަނީއެވެ:

އާނއެކެވެ! މައްސަލައެއްގައި ސާފު ޞަރީޙަ، އަދި އޭގެން ޙުކުމެއް ނެރުމުގައިވެސް ސާފު ދެ ދަލީލު އޮވެފައި؛ އެ ދެ ދަލީލުގައިވެސް އުންމަތުގެ އިމާމުވެރި ބޭބޭކަލުން ކުރެ ބޭކަލަކު ހިއްޕަވައިފައި ވާނަމަ، އޭރުން ތިބާގެ މައްޗަށް އެ ދެ ރައުޔުން ކުރެ ރައުޔެއް އެއްވެސް މީހަކު ލާޒިމެއް ނުކުރާނެއެވެ. މި ވާހަކަ މަތީގައިވެސް ބަޔާންކޮށްފައި ވާނެއެވެ. މިފަދަ މައްސަލަތަކަކީ ދަންނަބޭކަލުންގެ މެދުގައި އިތުބާރު އޮތް އަދި ބަލައިގަނެވޭފަދަ (އިޖުތިހާދީ) ޚިލާފުތަކެވެ. ހަމަ މިގޮތަށް މައްސަލައެއްގައި އައިސްފައިވާ ނައްޞަކުން ދެ މާނައެއް ދޭހަވެފައި، އެ ދެ މާނައިން ކުރެ ރާޖިޙީ މިވެނި މާނައެކޭ ބުނެވެން ނެތް މައްސަލަތަކުގައިވެސް ހަމަ މިފަދައެވެ. މީގެ މިސާލަކީ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ބަނީ ޤުރައިޡާއަށް ފޮނުއްވި ޞަޙާބީންނަށް ކުރެއްވި ޙަދީޘެވެ:

((لا يُصَلِّيَنَّ أحَدٌ العَصْرَ إلَّا في بني قُرَيظةَ)). [1]

މާނައީ: “ބަނޫ ޤުރައިޡާގައި މެނުވީ ތިޔަބައިމީހުން ޢަޞުރުނަމާދު ނުކުރާށެވެ!”

އެހެނެއްކަމަކު މި ތަނުގައި ވާހަކަ މި ދެކެވެނީ ޞައްޙަ ދަލީލަކާ ނުވަތަ ޤިޔާސުލްޖަލިއްޔު އަދި އުންމަތުގެ އިމާމުވެރި ދަންނަބޭބޭކަލުންނާ ޚިލާފު ވެގަނެ ވަކިވަކީން ގޮސްފައިވާ ނާދިރު އެކަހެރި ބައެއް ރައުޔުތަކަށް ފަތުވާދީފައިވާ ބައެއް ދަންނަބޭކަލުންގެ ބަހަށް ތަބާވުމުގެ ނުރަނގަޅުކަމުގެ ވާހަކައެވެ. އަދި ކިއެއް ހެއްޔެވެ! މީގެ ބައެއް އެކަހެރި ރައުޔުތަކަކީ އެ މީހެއްގެ ކިބައިގައި ޢިލްމުގެ އެއްވެސް މިންވަރެއް ނެތް މީހުންގެ ރައުޔުތަކެވެ. ދެން ޒުވާނުން ކުރެ ބައެއް ކުދީން “މި މައްސަލައިގައި ދަންނަބޭކަލުންގެ މެދުގައި ޚިލާފު އެބަ އޮތެވެ!” ކިޔައި ބަހަނާ ދައްކައެވެ. މި ޚިލާފުކަމުގައި ބުނެ މި ދައްކަނީ މި ބުނިފަދަ އެކަހެރި ރައުޔެކެވެ. އޭގެ މުޤާބިލުގައި އޮތީ އުންމަތުގެ ތަނބުތައްފަދަ ޢިލްމުވެރީންނެވެ. އަދި ޞައްޙަ ޞަރީޙަ ދަލީލެވެ.

ނިންމާލަމުންވެސް؛ ސާފު ދަލީލުގެ މައްޗަށް އިތުބާރެއް ނެތް ޚިލާފު އިސްކޮށް ދަލީލަށް ތަބާވުމުގައި ފަރުވާ ކުޑަ ކުރާ  މީހުންނަށް، އަދި ދަންނަބޭބޭކަލުން (ދަލީލެއް ނެތި ނުވަތަ ދަލީލު އެ ބޭބޭކަލުންނަށް ވަންހަނާވުމުގެ ސަބަބުން) ލުޔެއް ކަމުގައި ވިދާޅުވާ ކަންތައްތަކަށް ތަބާވެ، އަދި ލުއި މަގުމަގު ހޯދައި އެ ގޮތަށް ތަބާވާން މަސައްކަތް ކުރާ މީހުންނަށް، ހަނދާންކޮށް ދޭންބޭނުންވަނީ ތިޔަ މަގުތަކަކީ ޤުރުއާނުގައި، ﷲއާއި އެކަލާނގެ ރަސޫލާއަށް ރުޖޫޢަ ވުމަށް އަންގަވައިފައިވާ އެންގެވުމާ ދިމާ އިދިކީލަ މަގުތަކެއް ކަމެވެ. އަދި އެފަދަ މަގުތަކަށް ތަބާވުމަކީ ދީނަށް އިހާނަތިކޮށް ހިތުމެކެވެ. އަދި އެއީ ތިމާގެ ހަވާނަފުސުގެ އެދުންތަކަށް ތަބާވުމެވެ.

އިންސާނާ އޭނާގެ ހަވާނަފުސުގެ އެދުންތަކަށް ތަބާވުމަށް ގޮވައިލެވޭ ގޮވައިލުމުން ނެރުން އެއީ މި މާތް ޝަރީޢަތުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އިންސާނާ އޭނާގެ ހަވާނަފުސުގެ އެދުންތަކަށް ތަބާވާ މިންވަރު އިތުރުވީ ވަރަކަށް އޭނާ ﷲގެ އަޅުވެތިކަމުން ބޭރުވެގޮސް، އޭނާގެ ހަވާނަފުސުގެ އަޅަކަށްވެގެން ދެއެވެ. ދެން އޭރުން އޭނާގެ ހިތުން މި ދީނުގެ ހައިބަތު ފިލައިގެން ދެއެވެ. އަދި އިސާހިތަކު ޙަރާމު ކަންކަން އެއީ އޭނާއަށް އާދައިގެ ކަންތައްތައްކަމުގައި ވެގެން ދެއެވެ. ދީނުގެ ކަންކަމުގައި ފަރުވާކުޑަކުރާ މީހުންގެ ކިބައިން މިއީ މިއަދު ފެންނަ ކަމެކެވެ. ދީނުގެ ކަމެއްގައި ފަރުވާކުޑަ ކުރާތީ މިއަދު ފެންނަ މީހާ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުރިއަށްވުރެ ބޮޑަށް ފަރުވާކުޑަ ކުރާތީ ފެންނާނެއެވެ. އަދި އޭގެ ފަހުން، ފަހަރުގައި، މަގުފުރެދި ގެއްލިވެނިވެފައި ވާތީވެސް ފެނިދާނެއެވެ. މިފަދަ ކަންކަމުން އަޅަމެންނަށް ﷲ ސަލާމަތްތެރިކަން ދެއްވާށިއެވެ!

އެހެންކަމުން ދީނުގެ ކަންކަމުގައި ފަރުވާކުޑަ ކުރާ މީހުން ޢިބުރަތް ލިބިގަނެ ބިރުވެތިވެ ރައްކާތެރިވާށެވެ! އަދި ބޮޑުވެގެނ ވާ ދުވަހު، ޖައްބާރުވަންތަ ﷲގެ ޙަޟުރަތުގައި އޭނާއާ ކުރެވޭ ސުވާލަށް ދޭނޭ ޖަވާބަކަށް ތައްޔާރު ވާށެވެ!

“(އެއީ) ޢާލަމުތަކުގެ ވެރިރައްބުގެ ޙަޟުރަތުގައި މީސްތަކުން ޙާޟިރު ވެ ތިބޭނޭ ދުވަހެވެ.” (އަލްމުޠައްފިފީން 6)

މާތް ޢަރުޝިކޮޅުގެ ރައްބު؛ މަތިވެރި ﷲގެ ޙަޟުރަތުން އެދި ދަންނަވަނީ އަޅަމެންނަށާއި އަޅަމެންގެ ޒުވާނުންނަށް ޙައްޤަށް މަގު ދެއްކެވުމަށެވެ! އަދި އަޅަމެން އެންމެންމެ ޙައްޤަށް ރައްދުކޮށް ދެއްވުމަށެވެ! އަދި އަޅަމެންނަށާއި އެ ޒުވާނުންނަށް ޙައްޤު އެއީ ޙައްޤުގެ ގޮތުގައި ދައްކަވައި، ޙައްޤަށް ތަބާވުމުގެ މަގު ދެއްކެވުމަށެވެ! އަދި ބާޠިލު އެއީ ބާޠިލުގެ ގޮތުގައި ދައްކަވައި، އެ ބާޠިލުން ރައްކާތެރިކަން ދެއްވުމަށެވެ! އަދި އަޅަމެންނަށާއި އެ ޒުވާނުންނަށް ޙައްޤު ގޮތް ޤަބޫލު ކުރުމަކީ ލޮބުވެތި ކަމެއްގެ ގޮތުގައި ލައްވައި ބާޠިލާއި ފަސާދަ އާއި ޙައްޤުން އެއްކިބާވުން އެއީ އަޅަމެން ނުރުހޭ ކަންކަން ކަމުގައި ލެއްވުމަށެވެ!

وصَلَّى اللهُ على نبيِّنا محمَّدٍ وعلى آلِه وصَحْبِه وسَلَّمَ.

 

ނިމުނީ


[1]  ބުޚާރީ (946)

 

މަޞްދަރު

 

މި ލިޔުމުގެ އެހެން ބައިތައް