ޔަހޫދީންގެ ތަޢުރީފް:
ޔަހޫދީ ދީން ނިސްބަތްވަނީ މޫސާގެފާނު ބަޔާންކޮށްދެއްވި ޙައްޤުދީނުން އުފެދިގެން އައި ބާޠިލު މަގުފުރެދިފައިވާ ދީނަކަށެވެ. ޔަހޫދީ ދީނުގެ ރަނގަޅު ތަޢުރީފެއްކަމުގައި ވަނީ މިތަޢުރީފެވެ.
މިދީނާ ބެހޭގޮތުން ބުނެއުޅޭ ބައެއް ތަޢުރީފުތަކުގައި، އެއީ މޫސާގެފާނު އެދީނަކާއިގެން ވަޑައިގެންނެވި ދީންކަމުގައި ބުނެއުޅެއެވެ. ނުވަތަ އެއީ މޫސާގެފާނުގެ ދީން ކަމުގައި ބުނެއުޅެއެވެ. މިއީ ނުބައި ތަޢުރީފުތަކެކެވެ. އެހެނީ، މޫސާގެފާނު ޔަހޫދީ ދީނާއިގެން ވަޑައިނުގަންނަވައެވެ. އެހެނެއްކަމަކު އެކަލޭގެފާނު ވަޑައިގެންނެވީ ޢާއްމުގޮތެއްގައި އެންމެހާ ނަބީބޭކަލުން ނިސްބަތްވެވަޑައިގަންނަވާ އިސްލާމް ދީނާއިގެންނެވެ. އެއީ ހަމައެކަނި ޢާލަމްތަކުގެ ވެރި އިލާހަށް ކިޔަމަންތެރިވާ ދީނެވެ.
އިބްރާޙީމްގެފާނާ ބެހޭގޮތުން ﷲ ވަޙީ ކުރައްވާފައިވެއެވެ. [مَا كَانَ إِبْرَاهِيمُ يَهُودِيّاً وَلاَ نَصْرَانِيّاً وَلَكِن كَانَ حَنِيفاً مُّسْلِماً] [1] މާނައީ: “ޔަހޫދީއެއް ކަމުގައިވެސް އަދި، ނަޞާރާއެއް ކަމުގައިވެސް އިބްރާހީމްގެފާނު ނުވެއެވެ. އަދި، ކިއެއްތަ! އެކަލޭގެފާނު ވަނީ ބާޠިލު މަގުން އެއްކިބާވެ، ޙައްޤު ދީނަށް ތަބާتبعވެގެންވާ މުސްލިމަކު ކަމުގައެވެ.” އަދި މޫސާގެފާނާ ބެހޭގޮތުން ވަޙީ ކުރައްވާފައިވެއެވެ. [وَقَالَ مُوسَى يَا قَوْمِ إِن كُنتُمْ آمَنتُم بِاللّهِ فَعَلَيْهِ تَوَكَّلُواْ إِن كُنتُم مُّسْلِمِينَ] [2] މާނައީ: “އަދި މޫސާގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެމީހުންނެވެ! ތިޔަބައިމީހުން ﷲއަށް އީމާންވެގެންވާނަމަ، ފަހެ، އެކަލާނގެއަށް ވަކީލުކުރާށެވެ! ތިޔަބައިމީހުންނީ މުސްލިމުން ކަމުގައި ވާނަމައެވެ.” އަދި ޢީސާގެފާނާ ބެހޭގޮތުން ވަޙީ ކުރައްވާފައިވެއެވެ. [فَلَمَّا أَحَسَّ عِيسَى مِنْهُمُ الْكُفْرَ قَالَ مَنْ أَنصَارِي إِلَى اللّهِ قَالَ الْحَوَارِيُّونَ نَحْنُ أَنصَارُ اللّهِ آمَنَّا بِاللّهِ وَاشْهَدْ بِأَنَّا مُسْلِمُونَ] [3] މާނައީ: “ފަހެ، އެބައިމީހުންގެ ކިބައިން ކުފުރުވެރިކަން، ޢީސާގެފާނަށް އެނގިވަޑައިގެންނެވި ހިނދު ވިދާޅުވިއެވެ. ﷲއަށްޓަކައި، ތިމަންކަލޭގެފާނަށް ނަޞްރުދޭނީ ކޮންބަޔެއް ހެއްޔެވެ؟ ޙަވާރީބޭކަލުން ދެންނެވިއެވެ. ތިމަންމެންނީ، ﷲއަށް ނަޞްރުދޭ މީހުންނީމުއެވެ. ތިމަންމެންވަނީ، ﷲއަށް އީމާންވެގެންނެވެ. އަދި، ތިމަންމެންނީ މުސްލިމުން ކަމުގައި ކަލޭގެފާނު ހެކިވެވަޑައިގަންނަވާށެވެ!” ފަހެ، މިއީ އެންމެހާ ނަބިއްޔުން ވަޑައިގެންނެވި ޢާއްމުގޮތެއްގައި ބޭނުންކުރެވޭ އިސްލާމްދީނެވެ. ޚާއްޞަކޮށް ބޭނުންކުރެވޭ އިސްލާމްދީނަކީ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ ބަޔާންކޮށްދެއްވި ކީރިތި ޤުރުއާނުގެ ޝަރީޢަތެވެ.[4] ތަވްޙީދާއި އޭގެ އުޞޫލުތަކުގައި ޚާއްޞަކޮށް ބޭނުންކުރެވޭ އިސްލާމްދީނާއި ޢާއްމުކޮށް ބޭނުންކުރެވޭ އިސްލާމްދީނާ އެއްގޮތްވެގެންވެއެވެ. އަދި ބައެއް ޝަރުޢުތަކުގައި ތަފާތުވެގެންވެއެވެ.
ވުމާއެކު، އެނގިގެންދަނީ ޔަހޫދީ ދީނަކީ މޫސާގެފާނު ބަޔާންކޮށްދެއްވި ޙައްޤުދީނުން އުފެދިގެން އައި ބާޠިލު މަގުފުރެދިފައިވާ ދީނަކަށް ނިސްބަތްކުރެވޭ ދީނެއްކަމެވެ.
ޔަހޫދީ ދީނަށް ނަންދެވެނު ސަބަބު:
ޔަހޫދީ ދީނަށް މިނަން ދެވިފައިވަނީ ޔަހޫދީންނަށް ނިސްބަތްކޮށެވެ. ޔަހޫދީންނަށް މިނަންދެވުނު ސަބަބު ތަފާތުގޮތްގޮތަށް ބުނެވިފައިވެއެވެ. މިގޮތުން:
1. އެބައިމީހުންނަށް ޔަހޫދީން ކިއިފައިވަނީ ޔަޢުޤޫބުގެފާނުގެ ދަރިކަލުން ޔަހޫޛާއަށް ނިސްބަތްކޮށެވެ. މޫސާގެފާނު އެބައެއްގެ ތެރެއަށް ފޮނުއްވުނު އިސްރާއީލުގެ ދަރިފަސްކޮޅު އައިސްފައިވަނީ ޔަހޫޛާގެ ކިބައިންނެވެ. ޢަރަބިން ކިޔައިއުޅެނީ “ޛާލު” “ދާލު” އަށް ބަދަލުކޮށްގެނެވެ.
2. އެބައިމީހުންގެ ނަން ނެގިފައިވަނީ “الهَوَدُ” އިންނެވެ. އޭގެމާނައަކީ ތަވްބާއެވެ. އަދި ރުޖޫޢަވުމެވެ. މިނަން ނިސްބަތްވެފައިވަނީ މޫސާގެފާނުގެ ޤައުމުގެ މީހުން ﷲ އަށް ދެންނެވި ދެންނެވުމަށެވެ. އެބައިމީހުންގެ ދެންނެވި ބަސް ބަޔާންކުރައްވައި ﷲ ވަޙީ ކުރައްވަފައިވެއެވެ. [إِنَّا هُدْنَا إِلَيْكَ] [5] މާނައީ: “ހަމަކަށަވަރުން، އިބަރަސްކަލާނގެ ޙަޟްރަތަށް އަޅަމެން ތަވްބާވެ، ރުޖޫޢަ ވެއްޖައީމުއެވެ.”
3. އެބައިމީހުން ނިސްބަތްވަނީ ކުށްތަންވުމަށާއި ޞާލިޙުޢަމަލުތަކަށެވެ. މިގޮތުން ޢަރަބިބަހުގައި “الْمُتَهَوِّدُ” އަކީ ކުށްތަންވާމީހާއެވެ. އަދި “التَّهَوُّدُ” އަކީ ޞާލިޙުޢަމަލުތަކެވެ.[6]
4. އެބައިމީހުންގެ ނަން ނެގިފައިވަނީ “الهَوَادَةُ” އިންނެވެ. އޭގެމާނައަކީ ރަޙްމުކުރުމެވެ. އެހެނީ އެބައިމީހުންނަކީ އެއިގެތެރެއިން އެއްބަޔަކު އަނެއްބަޔަކަށް ރަޙްމުކުރާ ބައެކެވެ.[7]
ޔަހޫދީންގެ ފޮތް:
ޔަހޫދީން ދަޢުވާކުރާގޮތުގައި، މިބައިމީހުންނަކީ މޫސާގެފާނަށް ތަބާވާމީހުންނެވެ. އަދި އެބައިމީހުންގެ ފޮތަކީ ތަވްރާތެވެ. ނަމަވެސް މިބައިމީހުން އެފޮތަކަށް ދަޢުވާކުރާ ތަވްރާތަކީ ޙަޤީޤަތުގައި މޫސާގެފާނަށް ބާވާލެއްވުނު ތަވްރާތެއް ނޫނެވެ. އެހެނީ މޫސާގެފާނަށް ޙަޤީޤަތުގައި ބާވާލެއްވުނު ތަވްރާތަކީ މަތިވެރިވެގެންވާ ފޮތެކެވެ. އެފޮތުގައި ޙައްޤާއި ހިދާޔަތުގެ ނޫރުވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. [إِنَّا أَنزَلْنَا التَّوْرَاةَ فِيهَا هُدًى وَنُورٌ يَحْكُمُ بِهَا النَّبِيُّونَ الَّذِينَ أَسْلَمُوا لِلَّذِينَ هَادُوا وَالرَّبَّانِيُّونَ وَالأَحْبَارُ بِمَا اسْتُحْفِظُوا مِنْ كِتَابِ اللَّهِ وَكَانُوا عَلَيْهِ شُهَدَاءَ] [8] މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތަވްރާތު ބާވައިލެއްވީމެވެ. އޭގައި ތެދުމަގާއި، އަލިކަންވެއެވެ. ކިޔަމަންތެރިވެގެން ތިއްބެވި ނަބިއްޔުންނާއި، ރައްބާނީން (އެބަހީ: ޔަހޫދީންގެ އަޅުވެރިން) ނާއި، ޔަހޫދީންގެ ޢިލްމުވެރިން، އެފޮތުން ޔަހޫދީންގެ މައްޗަށް ޙުކުމްކުރައްވަތެވެ. (އެއީ) ﷲގެ ފޮތް ރައްކާތެރިކުރުމުގެ އަމާނާތް އެބައިމީހުންނާ މަތިކުރައްވާފައި ވުމުގެ ސަބަބުންނެވެ. އަދި އެބައިމީހުންނީ، އެފޮތުގެ މައްޗަށް ތިބި ހެކިވެރިންނެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. [ثُمَّ آتَيْنَا مُوسَى الْكِتَابَ تَمَاماً عَلَى الَّذِي أَحْسَنَ وَتَفْصِيلاً لِكُلِّ شَيْءٍ وَهُدًى وَرَحْمَةً لَعَلَّهُمْ بِلِقَاءِ رَبِّهِمْ يُؤْمِنُونَ] [9] މާނައީ: “ދެން ހެޔޮޢަމަލުކުޅަ މީހާއަށް (ނިޢުމަތް) ފުރިހަމަކޮށް ދެއްވުމަށާއި، ކޮންމެ ކަމެއް ތަފްޞީލުކޮށް ބަޔާންކޮށްދެއްވުމަށާއި، ހިދާޔަތެއް ކަމުގައްޔާއި، ރަޙްމަތެއް ކަމުގައި، ތިމަންރަސްކަލާނގެ މޫސާގެފާނަށް ފޮތް ދެއްވީމެވެ. (އެއީ) އެބައިމީހުންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނެކަމަށް، އެބައިމީހުން އީމާންވުމަށްޓަކައެވެ.” ކީރިތި ޤުރުއާނުގައި އެކިފަހަރުމަތިން ތަވްރާތާއި ޤުރުއާނާ އެކުގައި ގެންނަވާފައިވެއެވެ. އެހެނީ، އެދެފޮތަކީ މީސްތަކުންނަށް ބާވާލެއްވުނު އެންމެ މަތިވެރި ދެފޮތެވެ.
މިހާރު ޔަހޫދީން ދަޢުވާކުރާ ތަވްރާތު ނިސްބަތްވަނީ ލިޔެވިފައިވާ ޝަރީޢަތަކަށެވެ. މިފޮތް އެކުލެވިފައިވަނީ ފަސް އަސްފާރު ނުވަތަ ބައިގެ މައްޗަށެވެ. އަސްފާރަކީ ސިފުރުގެ ގިނަގޮތެވެ. އެފަސް ސިފުރަކީ:
1. ސިފުރުއް ތަކްވީން: މިބައިގައި އެކުލެވިގެންވަނީ ޢާލަމްތައް ހެއްދެވުނުގޮތަށާއި، އިންސާނުން އުފެއްދެވުނުގޮތަށެވެ. އަދި މިބައިގައި ނޫޙުގެފާނުގެ ޤައުމުގެ މީހުންނަށް ކުރިމަތިވި ޠޫފާނުގެ ވާހަކައާއި، އިބްރާހީމްގެފާނުގެ ދަރިފަސްކޮޅުންގޮސް ޔޫސުފްގެފާނު އަވަހާރަވުމާ ހަމައަށް ގެނެސްފައިވެއެވެ.
2. ސިފުރުލް ޚުރޫޖު: މިބައިގައި ބަނޫ އިސްރާއީލްގެ މީހުން މިޞްރުގައި ހޭދަކުރި ދުވަސްތަކުގެ ވާހަކަ، ޔަޢްޤޫބުގެފާނުން ފެށިގެން ބަނޫ އިސްރާއީލްގެ މީހުން މޫސާގެފާނާއި ޔޫޝަޢުގެފާނާއެކު ކަންޢާނުގެ ބިމަށް ދިޔުމާ ހަމައަށް ގެނެސްފައިވެއެވެ.
3. ސިފުރުއް ލާވިއްޔީން: މިސިފުރު ނިސްބަތްވެގެން ވަނީ ޔަޢްޤޫބުގެފާނުގެ ދަރިކަލުން ‘ލާވީ’ އަށެވެ. މިބައިގައި ޠަހާރަތަށާއި، ނަޖިހަކީ ކޮބައިކަމާއި، ނަދުރުބުނުމާއި، ދިރޭ އެއްޗެހި ކަތިލުމުގެ މައްޗަށް އަލިއަޅާލައިފައިވެއެވެ. އަދި މިބައިގައި ހާރޫންގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅުގެ މާތްކަމުގެ ވާހަކަ ގެނެސްފައިވެއެވެ.
4. ސިފުރުލް ޢަދަދު: މިބައިގައި ޔަޢްޤޫބުގެފާނުން ފެށިގެން ބަނޫ އިސްރާއީލުންގެ ޤަބީލާތަކުގެ ޢަދަދާއި، އެދަރިފަސްކޮޅުގެ މީހުންނާއި، އެބައިމީހުންގެ ދިރިއުޅުއްވިގޮތާބެހޭ ވާހަކަތައް ގެނެސްފައިވެއެވެ.
5. ސިފުރުއް ތަޘްނިޔާ: މިބައިގައި އަޅުކަމާއި، ޙުކުމްތަކާއި، ސިޔާސަތަށާއި، އިޖްތިމާޢީ ކަންކަމަށާއި، އިޤްދިޞާދީކަންކަމަށް އަލިއަޅާލައިފައިވެއެވެ.
ބަޔާންވެ މިދިޔައީ މިހާރު ޔަހޫދީން، އެބައިމީހުންގެ ފޮތްކަމަށް ދަޢުވާކުރާ ތަވްރާތުގެ ވާހަކައެވެ. ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކު، އިންޞާފުވެރިކަމާއެކު މިފޮތަށް ބަލައިލައިފިނަމަ އެނގިގެންދާނެކަމަކީ، މިފޮތަކީ މޫސާގެފާނަށް ﷲ ބާވާލެއްވި ތަވްރާތެއް ނޫންކަމެވެ. އެކަމަށް ދަލީލުކޮށްދޭ ބައެއް ދަލީލުތަކަކީ:
* ތަވްރާތު ގެއްލުމާއި، އަލުން އެކުލަވާލުމާއި، އެފޮތުގައިވާ ބަސްފުޅުތަކަށް ބަދަލުގެނައުން.
* މިހާރު ޔަހޫދީން ދަޢުވާކުރާ ތަވްރާތުގައިވާ ޢަޤީދާއަކީ، ރަސޫލުން ގެނެސްދެއްވި ޢަޤީދާއާ އެއްވެސް ގޮތަކުން ގުޅުމެއްނެތް ޢަޤީދާއަކަށްވުން.
* މިބައިމީހުންގެ މިތަވްރާތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާއާ އެކަށީގެންނުވާ ބަސްތައް އެއިލާހާ މެދުގައި ބުނެފައިވުމާއި، އެއިލާހާ މަޚްލޫޤުންނާ އެއްވައްތަރުކޮށްފައިވުން.
* ނަބީބޭކަލުންނަށް ބަދުބަސް ކިޔައި، އެބޭކަލުންގެ ޢަބުރާ ޢިއްޒަތައް އަރައިގެންފައިވުން. މިކަމަށް ދަލީލުކޮށްދޭ ބައެއް މިސާލުތައް އެހެން ލިޔުމެއްގައި އިސްވެ ހިނގައްޖެއެވެ. މީގެ މިސާލުތައް ބައްލަވާ ލެއްވުމަށް ފިއްތަވާލައްވާ!
* އެފޮތުގައި ވާހަކަތައް ބޮޑުކޮށްގެން ގެނެސްފައިވުމާއި، މުސްތަޙީލުކަންތައްތަކުގެ ވާހަކަ އައިސްފައިވުމާއި، އެފޮތުގައި އެކިބައިބައި އެއްބައިއަނެއްބަޔާ ތަޢާރުޟުވުން.
* ޢިލްމީގޮތުން ފުށުއަރާ ވާހަކަތައް އައިސްފައިވުން. މިގޮތުން ފަރަންސޭސި ޢިލްމުވެރިއެއްކަމުގައިވާ ‘މައުރިސް ބުކައިލް’ ލިޔުއްވާފައިވާ ‘ދަ ބައިބަލް، ދަ ޤުރުއާން އެންޑް ސައިންސް’ މިފޮތަކީ މިރޮނގުން ލިޔުއްވާފައިވާ ވަރަށް މުހިއްމު ޢިލްމީ ފޮތެކެވެ. މިފޮތުގައި ތަވްރާތާއި އިންޖީލުގައިވާ ޢިލްމީ ކުށްތަކަށް އަލިއަޅުއްވާލައްވާފައިވެއެވެ.
_________________________________