ދެވަނައީ:
ބައެއް ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ކަށުނަމާދުގައި ސުންނަތްވެގެންވަނީ ދެ ސަލާމު ދިނުމެވެ. މިއީ ފަރުޟު ނަމާދުތަކާއި އެހެން ސުންނަތް ނަމާދުތަކޭ އެއްފަދައިންނެވެ. މިއީ ޙަނަފީންނާއި ޝާފިޢީ މަޛްހަބުގެ ރައުޔެވެ. [ބައްލަވާ: المَبْسُوط (2 / 65)، المَجْمُوع (5 / 240)]
މި ބޭކަލުންގެ ދަލީލަކީ އިބްނު މަސްޢޫދުގެ އަންނިވި ޙަދީޘެވެ.
“އިބްނު މަސްޢޫދު ވިދާޅުވިއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ކުރެއްވި ތިން ކަމެއް މީސްތަކުން ދޫކޮށްލިއެވެ. ފުރަތަމައީ؛ ކަށުނަމާދުގައި އެހެން ނަމާދުތަކޭ އެއްފަދައިން ސަލާމު ދިނުމެވެ.”
މި ޙަދީޘް السُّنَنُ الكُبْرَىٰ ގައި އަލްބައިހަޤީ ރިވާކުރެއްވިއެވެ. [ބައްލަވާ: السُّنَنُ الكُبْرَىٰ (4 / 43)]
އަންނަވަވީ “الخُلَاصَة” އެވެ ކިޔުނު ފޮތުގައި ވިދާޅު ވިއެވެ.
“މި ޙަދީޘުގެ ސަނަދުގެ ރަނގަޅެވެ.” [ބައްލަވާ: الخُلَاصَة (2 / 982)]
އައްޛަހަބީ “المُهَذَّب”އޭ ކިޔުނު ފޮތުގައި ވިދާޅުވިއެވެ. “މި ޙަދީޘުގެ އިސްނާދު ޞާލިޙެވެ.” [ބައްލަވާ: المُهَذَّب (3 / 1397)].
އަދި އައްޝައިޚް އަލްއަލްބާނީ “أَحْكَامُ الْجَنَائِز”އެވެ ކިޔުނު ފޮތުގައި، މި ޙަދީޘް، ޙަސަން ދަރަޖައަށްދާ ކަމުގައި ބަޔާން ކުރެއްވިއެވެ.
މި ޙަދީޘުގައި ޞަރީޙަކޮށް ދެ ސަލާމުގެ ވާހަކަ އައިސްފައި ނުވެއެވެ. އެހެންކަމުން މި ޙަދީޘުގައި “އެހެން ނަމާދުތަކޭ އެއްފަދައިން” އޭ އައިސްފައިވާ ބަހުގެ މުރާދަކީ:
- ސަލާމުގެ އަޞްލުކަމުގައި ވެދާނެއެވެ. އެބަހީ: ނަމާދުގައި ސަލާމު ދޭ ފަދައިން ކަށުނަމާދުގައިވެސް ސަލާމު ދިނުންކަމުގައި ވެދާނެއެވެ.
- ނުވަތަ މި ޙަދީޘުގައި އައިސްފައިވާ ބަހުގެ މުރާދަކީ އިތުރު އެކަލާގެފާނުން ނަމާދުގައި السَّلَامُ عَلَيْكُم وَرَحْمَةُ اللهِ ވިދާޅުވާ ފަދައިން ވިދާޅުވުންކަމުގައި ވެދާނެއެވެ.
- ނުވަތަ އެހެން ނަމާދުތަކެކޭ އެއްފަދައިން އަޑުހަރުކޮށް ސަލާމުދެއްވަނީ ކަމުގައިވުންވެސް އެކަށީގެންވެއެވެ.
މިތަނުން އިޙްތިމާލަކަށް (އެ ޙަދީޘް) މާނަކޮށްފިނަމަ ޞަޙާބީ ބޭކަލުން އަރިހުން ވާރިދުވެގެން އައިސްފައިވާ އަސަރުތަކާ ޙަދީޘްގެ މާނަ އެއްގޮތްވެގެން ދާނެއެވެ.
އެ ބޭކަލުންގެ ކިބައިން އައިސްފައިވާ އަސަރުތަކާ އެއްގޮތްވާ މަގަށް މި ޙަދީޘްގައިވާ ބަހުގެ މާނަކުރުން، އެ ބޭކަލުންނާ ޚިލާފަށް މާނަކުރުމަށް ވުރެ އައުލާވެގެން ވެއެވެ.
ސަލަފުންގެ ބައެއް ބޭކަލުންގެ ކިބައިން ދެ ސަލާމުގެ ވާހަކަ ނަޤުލުވެގެން އައިސްފައިވެއެވެ. އެގޮތުން المُصَنَّف ގައި ޖާބިރު ބުން ޒައިދު އަދި އައްޝަޢުބީ އަދި އިބްރާހީމު އައްނަޚަޢީގެ ކިބައިން ރަނގަޅު ސަނަދަކުން އެ ބޭބޭކަލުން ދެ ސަލާމުން ކަށުނަމާދުގައި ސަލާމުދެއްވާކަމުގައި އައިސްފައިވެއެވެ. [عُمْدَةُ الْقَارِي شَرْح صَحِيح البُخَارِي (12 / 408)].
އައްޝައިޚު އަލްއަލްބާނީ ޚިޔާރުކުރެއްވީ މި މައްސަލައިގައި ދެ ގޮތަށްމެ ޢަމަލު ކުރުން ޙުއްދަވެގެންވާ ކަމުގައެވެ.
އިބްނުލްމުންޛިރު ވިދާޅު ވިއެވެ.
“އަހުރެންނަށް ލޮބުވެތީ އެއް ސަލާމެވެ… އެހެނީ އެއީ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ ޞަޙާބިއްޔަ ބޭބޭކަލުން އެ ގޮތުގައި ތިއްބެވި ގޮތްކަމުގައި ވާތީއެވެ. ސުންނަތާމެދު އެ ބޭބޭކަލުން އެހެން ބަޔަކަށް ވުރެ، މާ ޢިލްމުވެރިވާނެއެވެ. އެހެނީ އެ ބޭބޭކަލުންނީ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم އާއި އެކުގައި ކަށުނާމާދުގައި ބައިވެރިވެ، އެކަލޭގެފާނުގެ ކިބައިން ކަންކަން ދަސްކުރެއްވި ބޭބޭކަލުންކަމުގައި ވާތީއެވެ. އަހަރެމެން އޭގެ ތެރެއިން ބޭކަލެއްގެ ކިބައިން ރިވާ ކުރި އެއްވެސް ބޭކަލެއް، ކަށުނަމާދުގައިވަނީ އެއް ސަލާމު ކަމާމެދަކު ދެބަސްވެފައި ނުވެއެވެ. އަދި ދަންނަބޭކަލުން އިއްތިފާޤުވާ ގޮތުގައި އެއް ސަލާމު ދިނުމުން މީހާގެ (ނަމާދު ނިމި) ނަމާދުން ބޭރު ވާނެއެވެ.” [الأَوسَطُ في السُّنِنِ وَالإجْمَاعِ وَالاِختِلَاف (5 / 448)]
= ނުނިމޭ =