[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

قتل އަދި އޭގެ ވައްތަރުތައް ނަންގަނެވުނު باب – 9

القتل الخطأ ގެ دية ދިނުން واجبވެގެންވަނީ ކުށްޤަތުލު ކުރި މީހާގެ ޢާއިލާގެ ޢާޤިލާއިންގެ މައްޗަށްކަން އަންނަނިވި حديثއިން ދޭހަވެގެންދެއެވެ. أبو هريرة رضي الله عنه ރިވާކުރެއްވިއެވެ.

«قَضَى رَسُولُ اللَّهِ صلى الله عليه وسلم فِي جَنِينِ امْرَأَةٍ مِنْ بَنِي لِحْيَانَ سَقَطَ مَيِّتًا بِغُرَّةٍ عَبْدٍ أَوْ أَمَةٍ ثُمَّ إِنَّ الْمَرْأَةَ الَّتِي قُضِيَ عَلَيْهَا بِالْغُرَّةِ تُوُفِّيَتْ فَقَضَى رَسُولُ اللَّهِ صلى الله عليه وسلم بِأَنَّ مِيرَاثَهَا لِبَنِيهَا وَزَوْجِهَا وَأَنَّ الْعَقْلَ عَلَى عَصَبَتِهَا»[1]

މާނައީ: ”بَنُوْ لِحْيَانَގެ އަންހެނަކު އޭނާގެ ބަނޑުގައިވާ ދަރި (އެހެން މީހަކު ދިން ހަމަލާއެއްގެ ސަބަބުން) ވެއްޓުމުން، ބަނޑުގައިވާ ދަރިފުޅުގެ (އެބަހީ: މަރުވި ކުއްޖާގެ) މަރުގެ ديةއިގެ ގޮތުގައި (އަންހެން ނުވަތަ ފިރިހެން) އަޅެއްގެ އަގު ނަބިއްޔާ صلى الله عليه وسلم ހަމަޖެއްސެވިއެވެ. އަދި މަރުގެ ބަދަލުދޭން ޖެހޭ އަންހެން މީހާ މަރުވުމުން އޭނާގެ ތަރިކަ މުދާ حقވެގެން ވަނީ އެނާގެ ދަރިން އަދި ފިރިމީހާއަށްކަމާއި، އޭނާގެ ޢާއިލާގެ ޢާޤިލާއިންގެ މައްޗަށް މަރުގެ دية ދިނުމަށް ނަބިއްޔާ صلى الله عليه وسلم ހަމަޖެއްސެވިއެވެ.“

މަތީގައި ދެންނެވިފައިވާ حديثއިން ދޭހަވާ ގޮތުގައި القتل الخطأ ގެ ކަނޑައެޅިފައިވާ دية ދިނުން واجبވެގެންވަނީ ކުށްޤަތުލެއްކުރެވުނު މީހާގެ ޢާއިލާގެ ޢާޤިލާއިންގެ މައްޗަށްކަން ދޭހަވެގެންދެއެވެ. އަދި މިކަމުގައި علمވެރިންވަނީ إجماع ވެފަވެ.

علمވެރިން މިގޮތަށް އެއްބަސްވުމުގެ حكمةއަކީ -(والله أعلم)- القتل الخطأގެ دية، ކުށް ޤަތުލު ކުރި މީހާ ދޭންޖެހޭނަމަ އޭނާއަށް قصدއެއް ނެތި ކުރެވުނު ކުށަކުން ވަރަށް ބޮޑު ފައިސާގެ ދަތިކަމެއް ކުރިމަތިވާނެތީއެވެ. އަދި މިފަދަ ހާދިސާއަކީ ކޮންމެ މީހަކަށްވެސް ދިމާވެދާނެ ކަމަކަށް ވާއިރު، ކުށްޤަތުލު ކުރެވުނު މީހާ އެކަނި دية ދިނުމުގެ ބުރަ އުފުލުމަކީ ފައިސާގެ ގޮތުން ބަލާއިރު ދަތިކަމަކަށް ވެދާނެއެވެ. އަދި މަރުވި މީހާއަށް މަރުގެ ބަދަލު ދޭންޖެހޭ ސަބަބަކީ ކުށެއް ނެތް مؤمنއަކު މަރުވެގެން ދިއުމުގެ ސަބަބުން އޭނާގެ ވާރުތަވެރިން އަދި خاصّކޮށް ޢާއިލާއަށް އޭގެ ނޭދެވޭ އަސަރު ކުރާނެތީއެވެ. އެހެންކަމުން މިފަދަ ޙާލަތެއްގައި دية އަދާކުރުމުގައި ކުއްކުރެވުނު މީހާގެ ޢާއިލާ މީހުން އެހީތެރިވުމަށް މާތް ﷲ ވަނީ واجبކުރައްވާފައެވެ. އެއީ އެހީތެރިކަމަށް ބޭނުންވެފައިވާ ޢާއިލާ މީހުންނަށް އެހީވުމާއި އަޅުންގެ ގޮތުގައިވާ ޢާއިލާ މީހުން މިނިވަންކުރަން واجب ކުރައްވާފައިވާ ފަދައިންނެވެ. މީހަކު މަރުވުމުން އޭނާގެ ޢާއިލާގެ ޢާޤިލާއިންނަށް މުދާ ވާރުތަވާ ފަދައިން، މީހަކު قتل ކުރުމުގެ ސަބަބުން قاتلގެ ޢާއިލާގެ މައްޗަށް ބަދަލުދޭން ޖެހެނީ (الغُنْمُ بِالغُرْم) ”ކަމަކުން ލިބޭ ގެއްލުން ތަޙައްމަލުކުރަން ޖެހޭނީ އެކަމުން ފައިދާ ޙާޞިލުކުރާ ފަރާތުން“ މި އުޞޫލުގެ ދަށުންނެވެ.


[1] متفق غليه: البخاري (6740) [12/30] الفرائض 11 ؛ ومسلم (4366) [6/176].

މި ލިޔުމުގެ އެހެން ބައިތައް