މި ތަނުގައި ޤުރުއާނުގެ ފަންނުގެ އަހުލުވެރީން ބަޔާން ކުރައްވާފައިވާ ބައެއް ފައިދާކުރަނިވި ކަންކަން އިތުރު ކޮށްލާނަމެވެ.
ޤުރުއާނާއި ޤުރުއާނުގެ ޢިލްމާ ބެހޭ، ސަޢޫދީ ޢަރަބިއްޔާގެ ޢިލްމީ ޖަމްޢިއްޔާ ހިންގާ މަޖިލީހުގެ ނާއިބު ރައީސް އަދި މުޙައްމަދު ބިން ސުޢޫދު ޔުނިވަރސިޓީގެ ޤުރުއާނާއި ޤުރުއާނުގެ ޢިލްމާ ބެހޭ ޤިސްމުގެ ރައީސް؛ އަލްއުސްތާޛު ޑރ. އިބްރާހީމް ބިން ސަޢީދު އައްދައުސަރީ ވިދާޅުވެފައި ވެއެވެ.
އެކިއެކި ރާގުރާގަށް ޤުރުއާން ކިޔަވާ ކިޔެވުން ދެ ޙާލަތަކުންކުރެ ޙާލަތަކަށް ނުވަދެ ނުދާނެއެވެ.
ފުރަތަމަ ޙާލަތް: މިއީ އިންސާނާއަށް ޠަބީޢީގޮތުން އިވޭ ރާގުތަކެވެ. ޤުރްއާން ކިޔާވާ ގިނަ މީހުން ކަންތައް ކުރަނީ މި ގޮތަށެވެ. އެހެނީ ޤުރްއާނު ރިވެތިކޮށް ކިޔަވާ އެއްވެސް މީހަކު މިފަދަ ސާދާ ރާގުތަކުން ބޭރަށް ނުދާނެއެވެ. މިއީ ޤުރްއާން ކިޔެވުމުގައި ޖާއިޒު ގޮތެވެ. އަދި މި ފަދައިން ރާގުލައިގެން ޤުރްއާން ކިޔަވާ ކިޔެވުމަކީ ތަޢުރީފު ލިބިގެންވާ ކިޔެވުމެކެވެ. މިކަން ބަޔާން ކުރައްވައި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘް ކުރައްވައިފައިވަނީ:
((لَيْسَ مِنّا مَن لَمْ يَتَغَنَّ بالقُرْآنِ)) [ صحيح البخاري]
މާނައީ: “ޤުރްއާން ކިޔެވުމުގައި އެ މީހެއްގެ އަޑު އުފުލައި، އަޑު ރިވެތިކޮށް، ޚުޝޫޢަތްތެރި ކުރުވާނޭހެން ރާގުލައި ނުހަދާ މީހަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ.”
މި ޙަދީޘް އިމާމު ބުޚާރީގެ ޞަޙީޙުގެ 7527ވަނަ ނަންބަރުގައި ގެންނަވައިފައި ވެއެވެ. މި ބުނެވުނު މަގަށް ސާދާ ރާގު ލައިގެން ޤުރްއާން ކިޔެވުން މުސްތަޙައްބުވަނީ މި ޙަދީޘުގެ ސަބަބުންނެވެ.
=ނުނިމޭ=