[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދަށް ކޮޅަށް ތެދުވާނީ ޤަމަތުގައި قَدْ قَامَت الصَّلَاة ކިޔުމުން ތަ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد.

 

ޤަމަތް ދިނުމުން، އެކި ވަގުތުތަކުގައި މައުމޫމުން ނަމާދަށް ކޮޅަށް ތެދުވެއެވެ. ބައެއް މީހުން ކޮޅަށް ތެދުވަނީ ޤަމަތް ދޭން ފެށުމުންނެވެ. އަނެއްބައި މީހުން ތެދުވަނީ އިމާމު މީހާ قَدْ قَامَت الصَّلَاة ކިޔުމުންނެވެ. އަދި އަނެއްބައި މީހުން ޤަމަތުގެ މެދުތެރެއިންވެސް ކޮޅަށް ތެދުވެއެވެ. އަދި ޤަމަތްދީ ނިމުނީމާވެސް ކޮޅަށް ތެދުވާ ބަޔަކު އުޅެއެވެ. މިލިޔުމުގައި އަލި އަޅުވާލާނީ މިކަމާ ބެހޭގޮތުން އައިސްފައިވާ ނައްޞުތަކަށާއި ޢިލްމުވެރިންގެ ބަސްފުޅުތަކަށާ އަދި މިކާ ގުޅުން ހުރި ބައެއް ޙުކުމްތަކަށެވެ.

ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި ބަންގި ދެއްވާ އުޅުއްވީ ބިލާލު ބުން ރަބާޙާއި ޢަމްރު ބުން އުންމު މަކްތޫމާއި [1] އަބޫ މަޙްޛޫރާއެވެ. [2] ދާއިމީ ގޮތެއްގައި މަދީނާގައި ބަންގި ދީ އުޅުއްވީ ބިލާލުގެފާނެވެ. އަދި ފަތިސް ނަމާދުގައި އިބްނު އުންމު މަކްތޫމު ބަންގިދެއްވާ އުޅުއްވިއެވެ. އަދި އަބޫ މަޙްޛޫރާ ބަންގި ދެއްވާ އުޅުއްވީ މައްކާގައެވެ. رضي الله عنهم. [3]

ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންގެ ކޮޓަރިކޮޅުތައް ހުންނަނީ މިސްކިތާ އިންވެގެންނެވެ. އެކަލޭގެފާނު ޢާންމު ގޮތެއްގައި ސުންނަތް ނަމާދުތައް ކުރައްވަނީ އެކޮޓަރިކޮޅުތަކުގައެވެ. [4] ނަމާދު ވަގުތުވުމުން ބަންގި ދެއްވާފައި ބިލާލުގެފާނު ޤަމަތް ދެއްވަނީ ނަބިއްޔާ صلى الله عليه وسلم ފެނިވަޑައިގަތުމުންނެވެ. އަންނަނިވި ރިވާޔަތުން އެކަން އެނގިގެން ދެއެވެ.

«كَانَ بِلَالٌ يُؤَذِّنُ، ثُمَّ يُمْهِلُ فَإِذَا رَأَى النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَدْ خَرَجَ أَقَامَ الصَّلَاةَ» [رواه أبو داود في سننه برقم: (537) وصححه الألباني في صحيح أبي داود برقم: (548)]

މާނައީ: “ބިލާލުގެފާނު ބަންގިދެއްވާފައި ދެން މަޑުކުރައްވައެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم ނުކުމެވަޑައިގަންނަވާތަން ފެނުމުން އެކަލޭގެފާނު ޤަމަތް ދެއްވައެވެ.”

އަދި އެއް ފަހަރެއްގައި ޤަމަތް ދިނުމަށް ފަހު ނަބިއްޔާ صلى الله عليه وسلم މީހަކާ ކޮންމެވެސް ވާހަކައެއް ދެއްކެވުމަށްޓަކައި މިސްކިތުގެ އެއްފަރާތުގައި މަޑުކުރެއްވިއެވެ. ދެން އެއަށްފަހުގައި ވަޑައިގެން ނަމާދު ފެއްޓެވިއެވެ. [5]

މިފަދަ ޙާލަތްތައް މެދުވެރިވާތީ، މިމައްސަލައިގައި ހުރި ދަލީލުތަކުގެ އަލީގައި ޤަމަތްދިނުމުން ތެދުވާންވި ވަގުތާމެދު ޢިލްމުވެރިން ވާހަކަފުޅުދައްކަވާފައިވެއެވެ. މިކަން އެބޭފުޅުން މައިގަނޑު ދެ ޙާލަތަކަށް ބައްސަވައެވެ.

 

 

ފުރަތަމަ ޙާލަތް: ޤަމަތް ދިން އިރު އިމާމު މީހާ ހުރީ މިސްކިތުގެ ބޭރުގައި

 

މިސްކިތް ތެރޭގައި އިމާމު މީހާ ނެތީސް ޤަމަތް ދީފިނަމަ މައުމޫމުން ނަމާދަށް ތެދުވާނީ މައުމޫމުންނަށް އިމާމުމީހާ ފެނުމުންނެވެ. އަންނަނިވި ޙަދީޘުގައި އެކަމަށް އިޝާރާތްކުރައްވާފައިވެއެވެ.

«إِذَا أُقِيمَتِ الصَّلَاةُ فَلَا تَقُومُوا حَتَّى تَرَوْنِي» [رواه مسلم في صحيحه برقم: (156 – (604)]

މާނައީ: “ޤަމަތްދިނުމުން، ފަހެ ތިމަންކަލޭގެފާނު ފެނިވަޑައިނުގަންނަވާހާ ހިނދަކު ތިޔަބައިމީހުން ކޮޅަށް ނުތެދުވާށެވެ.”

ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނު ނަމާދުކުރަން ހުއްޓިވަޑައިގަންނަވާ މަޤާމަށް ވަޑައިގެންނެވުމުގެ ކުރިންވެސް ޞަޙާބީބޭކަލުން ސަފު ހައްދަވާކަމުގައި ވާރިދުވެފައިވެއެވެ. އެހެނަސް އެކަލޭގެފާނު ބޭރުގައި ހުންނަވަނިކޮށް ޤަމަތް ދިނުމުން އެކަލޭގެފާނު މިސްކިތަށް ވެދެވަޑައިގަތުން ލަސްވާފަދަ ކަމެއް މެދުވެރިވެދާނެކަމުގެ އިޙްތިމާލު އޮންނާތީވެ އެކަލޭގެފާނަށް އިންތިޡާރުކުރުމަށް ކޮޅަށް ތިބުން ނަހީކުރެވުނީއެވެ. އެހެންކަމުން އިމާމުމީހާ މިސްކިތް ތެރޭގައި ހުއްޓާ ޤަމަތްދީފިނަމަ ޤަމަތްދޭން ފަށާއިރަށް ކޮޅަށް ތެދުވިދާނެއެވެ. [6]

އައްތިރްމިޡީ رحمه الله ވިދާޅުވިއެވެ.

“ނަބިއްޔާ صلى الله عليه وسلم ގެ އަޞްޙާބުބޭކަލުން ކުރެ ބޭކަލުންތަކަކާއި (އެއަށްފަހު ވަޑައިގެންނެވި) ޢިލްމުވެރިންތަކެއްވަނީ ކޮޅަށް ތިބެ އިމާމަށް އިންތިޡާރުކުމާމެދު ނުރުހުންތެރިވެވަޑައިގެންފައެވެ.” [7]

 

 

ދެވަނަ ޙާލަތް: ޤަމަތް ދިން އިރު އިމާމު މީހާ ހުރީ މިސްކިތުގެ އެތެރޭގައި

 

ދިވެހިރާއްޖޭގައި ޢާންމު ގޮތެއްގައި އިމާމުވެ ނަމާދުކުރަނީ ބަންގިގޮވާ މީހާއެވެ. އެހެންކަމުން ރާއްޖޭގައި ޢާންމުގޮތެއްގައި މެދުވެރިވާނީ މި ޙާލަތެވެ.

މިޙާލަތުގައި ޢަމަލުކުރަންވީ ގޮތާމެދު ޢިލްމުވެރިންގެ ބަސްފުޅުތައް ތަފާތުވެގެންވެއެވެ. ސަބަބަކީ މިކަމާ ބެހޭ ސާފު ދަލީލެއް ވާރިދުވެފައި ނުވާތީއެވެ. އެހެންކަމުން ޢިލްމުވެރިން މިމައްސަލައިގައި އިޖުތިހާދު ކުރައްވާފައިވެއެވެ.

 

ފުރަތަމަ ބަސްފުޅު: ނަމާދަށް ކޮޅަށް ތެދުވާނީ ޤަމަތްދޭން ފެށުމުން (މިއީ ޢުމަރު ބުން ޢަބްދުލްޢަޒީޒާއި މުޙައްމަދު ބުން ކަޢުބު އަލްޤުރަޡީއާއި ސާލިމު ބުން ޢަބްދުﷲ ބުން ޢުމަރާއި އަބޫ ޤިލާބާއާއި ޢައްރާކު ބުން މާކިލާއި ޒުހުރީއާއި ސުލައިމާނު ބުން ޙަބީބު އަލްމުޙާރިބީއާއި ޢަޠާގެ ބަސްފުޅު [8])

 

ދެވަނަ ބަސްފުޅު: ނަމާދަށް ކޮޅަށް ތެދުވާނީ ޤަމަތުގައި حي على الصلاة ކިޔުމުން (މިއީ ޙަނަފީންގެ ބަސްފުޅު [9])

 

ތިންވަނަ ބަސްފުޅު: ނަމާދަށް ކޮޅަށް ތެދުވާނީ ޤަމަތްދީ ނިމުމުން. އަދި ލަހުން ތެދުވެވޭ މީހެއްނަމަ ކޮޅަށް ތެދުވާނީ ޤަމަތުގައި قد قامت الصلاة ކިޔުމުންނެވެ. (މިއީ ޝާފިޢީންގެ ބަސްފުޅު [10])

 

ހަތަރުވަނަ ބަސްފުޅު: ނަމާދަށް ކޮޅަށް ތެދުވަން ވަކި ވަޤުތެއް ނުވޭ. ޤަމަތުގެ ކުރީކޮޅުގައި ނުވަތަ މެދުތެރޭގައި ނުވަތަ ޤަމަތް ދީ ނިމުމުންވެސް ތެދުވިދާނެއެވެ. (މިއީ މާލިކީންގެ ބަސްފުޅު [11])

 

ފަސްވަނަ ބަސްފުޅު: ނަމާދަށް ކޮޅަށް ތެދުވާނީ ޤަމަތުގައި قد قامت الصلاة ކިޔުމުން (މިއީ އަނަސްގެފާނާއި [12] ޢަބްދުﷲ ބުން އަލްމުބާރަކާއި [13] ޙަންބަލީ މަޛްހަބުގެ ބަސްފުޅު [14])

 

ހަވަނަ ބަސްފުޅު: ނަމާދަށް ކޮޅަށް ތެދުވާނީ އިމާމުމީހާ ނަމާދަށް ކޮޅަށް ތެދުވުމުން (މިއީ އިބްނުލް މުންޛިރުގެ ބަސްފުޅު [15])

 

މިކަމުގައި ފާހަގަކޮށްލަން ޖެހޭ މުހިންމު ނުކުތާއަކީ މިތަނުން އެއްވެސް ބަސްފުޅަކަށް ސުންނަތުން ޞައްޙަ ދަލީލެއް ނުވާކަމެވެ. މިއީ މި މައްސަލައިގައި ޢިލްމުވެރިންކުރައްވާފައިވާ އިޖުތިހާދުތަކެކެވެ.

އިމާމު މާލިކު رحمه الله ވިދާޅުވިއެވެ.

“ނަމާދަށް ޤަމަތް ދިނުމުން މީސްތަކުން ނަމާދަށް ތެދުވުމާމެދު ދަންނައެވެ. ފަހެ ހަމަކަށަވަރުން އެކަމާމެދު ކަނޑައެޅިގެން ސާފު ދަލީލެއް އޮތްކަމެއް އެނގިފައެއް ނެތެވެ. އެހެނަސް ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަނީ އެއީ މީސްތަކުންގެ ޙާލަތާ ގުޅިފައިވާ ކަމެއްގެ ގޮތުގައެވެ. އެހެނީ މީސްތަކުންގެ ތެރޭގައި ފަސޭހަކަމާއެކު އަވަހަށް ތެދުވެވޭނެ މީހުންނާއި ބުރަކަމާއެކު ލަހުން ތެދުވެވޭ މީހުން އުޅޭނެއެވެ. އެކަމުގައި އެންމެން އެއްގޮތެއް ނުވާނެއެވެ.” [16]

އައްޝައިޚު ޢަބްދުލްޢަޒީޒު ބުން ބާޒު رحمه الله ވިދާޅުވިއެވެ.

“ޤަމަތް ދިނުމުން ނަމާދަށް ތެދުވުމުގައި ޝަރުޢީ ގޮތުން ވަކި ވަގުތެއް ކަނޑައަޅުއްވާފައި ނުވެއެވެ. އަދި ކިއެއް ހެއްޔެވެ. ޤަމަތްދޭން ފެށުމުން ނުވަތަ ޤަމަތުގެ ތެރޭގައި ނުވަތަ ޤަމަތްދީ ނިމުމުންވެސް މައުމޫމުން ކޮޅަށް ތެދުވުމަކީ ހުއްދަކަމެކެވެ. އެއީ ވަރަށް ތަނަވަސް މައްސަލައެކެވެ. ޤަމަތް ދިނުމުން މައުމޫމުން ކޮޅަށް ތެދުވަންވީ ވަގުތު ޚާއްޞަކުރާނޭ ޝަރުޢީ ދަލީލެއް އޮތްކަމެއް އެނގިފައެއް ނެތެވެ. ބައެއް ފިޤުހުވެރިން ވިދާޅުވަނީ ނަމާދަށް ކޮޅަށް ތެދުވާނީ ޤަމަތުގައި قد قامت الصلاة ކިޔުމުންނެވެ. އެހެނަސް އެކަމަށް ދަލީލެއްވާކަމެއް އެނގިފައެއް ނުވެއެވެ.

ޤަމަތްދޭއިރު އިމާމުމީހާ މިސްކިތުގައި ފެންނަން ނެތް ނަމަ، ސުންނަތް ގޮތަކީ އިމާމު ނުފެންނަނީސް މައުމޫމުން ކޮޅަށް ނުތެދުވުމެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِذَا أُقِيمَتِ الصَّلَاةُ فَلَا تَقُومُوا حَتَّى تَرَوْنِي» [رواه مسلم في صحيحه برقم: (604)]

މާނައީ: “ޤަމަތްދިނުމުން، ފަހެ ތިމަންކަލޭގެފާނު ނުކުމެވަޑައިގަންނަވާ ތަން ތިޔަބޭކަލުންނަށް ފެނިވަޑައި ނުގަންނަވާހާ ހިނދަކު ތިޔަބޭކަލުން ކޮޅަށް ނުތެދުވާށެވެ.”

والله ولي التوفيق.” [17]

އަދި ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން رحمه الله އާ މިމައްލަސައިގައި ސުވާލު ދެންނެވުނެވެ. [18]

ޤަމަތް ދިނުމުން ތެދުވަންޖެހޭ ވަކި ވަގުތެއް ސުންނަތުގައި ވާރިދުވެފައިވޭ ހެއްޔެވެ؟

ޖަވާބުގައި ވިދާޅުވިއެވެ.

“ޤަމަތް ދިނުމުން ތެދުވަން ޖެހޭ ވަކި ވަގުތެއް ސުންނަތުގައި ވާރިދުވެފައި ނުވެއެވެ. މިކަމުގައި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވަނީ މިފަދައިންނެވެ.

«فَلَا تَقُومُوا حَتَّى تَرَوْنِي» [رواه مسلم في صحيحه برقم: (156 – (604)]

މާނައީ: “(ޤަމަތްދިނުމުން) ފަހެ ތިމަންކަލޭގެފާނު ފެނިވަޑައިނުގަންނަވާހާ ހިނދަކު ތިޔަބައިމީހުން ކޮޅަށް ނުތެދުވާށެވެ.”

އެހެންކަމުން ޤަމަތްދޭން ފެށުމުންވެސް، ޤަމަތުގެ މެދު ތެރެއިން އަދި ޤަމަތްދީ ނިމުމުންވެސް ކޮޅަށް ތެދުވުމަކީ ޖާއިޒުކަމެކެވެ.”

އަދި އެއަށްފަހުގައި އިމާމު މީހާ، ސަފުތައް އެއްވަރުކުރުމަށާއި ހުސްޖާގަތައް ފުރާލުމަށް ގޮވާލައި އެކަން ނިމުމުން، ދެން ނަމާދު ފަށާނީއެވެ. [19]

 

 

ޚުލާޞާ:

 

– އިމާމުމީހާ މިސްކިތުގެ ބޭރުގައި ހުއްޓާ ޤަމަތް ދީފިނަމަ މައުމޫމުން ކޮޅަށް ތެދުވާނީ އިމާމުމީހާ ފެނުމުންނެވެ.

– އިމާމުމީހާ މިސްކިތުގެ ތެރޭގައި ހުއްޓާ ޤަމަތް ދީފިނަމަ ޤަމަތުގެ ކުރީކޮޅުގައި، މެދުތެރޭގައި ނުވަތަ ޤަމަތްދީ ނިމުމުންވެސް ކޮޅަށް ތެދުވިދާނެއެވެ.

އެކަމުގައި މުހިންމު ކަމަކީ ނަމާދު ފެށުމުގެ ކުރިން ކޮޅަށް ތެދުވެ ސަފުތައް އެއްވަރުކޮށް ތަރުތީބުކުރުމެވެ.

 


 

 [1] އިބްނު އުންމު މަކްތޫމުގެ ނަންފުޅާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް އޮވެއެވެ. ފުރިހަމަ ނަންފުޅަކީ ޢަމްރު ބުން އުންމު މަކްތޫމު ކަމުގައި ބައެއް ބޭކަލުން ވިދާޅުވެއެވެ. އަދި އަނެއްބައި ބޭކަލުންގެ އަރިހުގައި އެއީ ޢަބްދުﷲ ބުން އުންމު މަކްތޫމެވެ. ގިނަ ރިވާޔަތްތަކުގައިވަނީ ޢަމްރެވެ. (ބައްލަވާ: الاستيعاب لابن عبد البر (3/1198) وأسد الغابة لابن الأثير (3/364) والإصابة لابن حجر (4/494)).

[2] ބައްލަވާ: صحيح أبي داود للألباني (3/48).

[3] ބައްލަވާ: صحيح أبي داود للألباني (2/395).

ބައްލަވާ: صحيح مسلم، رقم الحديث: 105 – (730). [4]

[5] ބައްލަވާ: صحيح البخاري (642).

[6] ބައްލަވާ: نيل الأوطار للشوكاني (3/227).

جامع الترمذي (2/487). [7]

[8] ބައްލަވާ: الأوسط لابن المنذر (4/166 – 167).

[9] ބައްލަވާ: المحيط البرهاني لابن مازة (4/166).

[10] ބައްލަވާ: المجموع للنووي (3/255).

[11] ބައްލަވާ: حاشية الدسوقي (1/200).

[12] ބައްލަވާ: الأوسط لابن المنذر (4/166).

[13] ބައްލަވާ: جامع الترمذي (2/487).

[14] ބައްލަވާ: شرح منتهى الإرادات للبهوتي (1/182) وكشاف القناع له (1/327).

[15] ބައްލަވާ: الأوسط لابن المنذر (4/168).

[16] موطأ مالك (2/96).

[17] مجموع فتاوى ابن باز (10/367).

[18] مجموع فتاوى ورسائل العثيمين (13/16).

[19] ބައްލަވާ: تمام المنة للألباني (ص: 152).