ލަވަ ކިޔާ އުޞޫލަށް މިއުޒިކީ ރާގުރާގާއި ހަމަތަކަށް ޤުރުއާން ކިޔެވުމަށް ގޮވާލާ މީހުން ދެކޭ ގޮތުގައި މި މޭރުމަށް ޤުރްއާން ކިޔެވުމުން މީސްތަކުންނަށް ޤުރްއާނުގެ މާނަ ތަޞައްވުރު ކުރަން ފަސޭހަވާނެއެވެ. އަދި މިފަދަ ބައެއް މީހުން ގޮވައިލަނީ މި މޭރުމުން ޤުރްއާން ކިޔެވުމުގައި މިއުޒިކުގެ އާލާތްތައްވެސް ހިމެނުމަށެވެ. ހަމަ ޔަޤީނުންވެސް މިފަދަ ކޮންމެ ގޮވެއްޔަކީ ﷲގެ ފޮތަށް އިހާނެތިކޮށް ހިތުމެކެވެ. އެކަލާނގެ ޛިކުރާއި އެކަލާނގެ އިސްމުފުޅު މަތިވެރިވެ މާތްވެގެންވެއެވެ! ޝައްކެތް ނެތް ގޮތުގައި އެފަދައިން މިއުޒިކީ ރާގުރާގަށް ޤުރްއާން ކިޔަވާން މަސައްކަތްކުރާ މީހާއަށް ޤުރްއާނުގެ ލަފުޒުތައް އެ އަދާ ކުރަން ޖެހޭ މަގަށް އަދާ ނުކުރެވޭނެއެވެ. މިކަމުގެ ސަބަބުން އެ އަޑުއަހާ މީހާ ޤުރްއާނަށް ތަދައްބުރު ކުރުމުން އެއްކިބާ ކުރާނެއެވެ. އަދި އެ ލަފުޒުގެ ޙަޤީޤީ މާނަ ގެއްލޭން މެދުވެރި ކުރުވާނެއެވެ. ހަމަ ޔަޤީނުންވެސް ﷲގެ ފޮތަކީ މުސްލިމުންގެ ޢިއްޒަތްތެރިކަމާއި މަތިވެރިކަމެވެ. އެހެންކަމުން މިފަދަ ކަންކަމުން ޤުރްއާން ރައްކާތެރި ކުރަން ޖެހޭނެއެވެ.
[‘މުލްތަޤާ އަހްލުއްތަފްސީރު’ ގައިވާ ލިޔުމަކުން ނަޤުލު ކުރެވިފައި ބައި ނިމުނީ]
އިތުރަށް ޢަޖާއިބު ކުރުވަނިވި ކަމަކީ އިސްލާމީ ދުނިޔޭގައި އެ ބައެއްގެ ކިޔެވުމުގެ ސަބަބުން މަޝްހޫރުކަން ލިބިފައިވާ ބައެއް މީހުން ޤުރްއާން ކިޔަވަން ދަސްކުރަން ބޭނުންކޮށް އުޅޭ އުކުޅަކީ ތާކުންތާކު ނުޖެހޭ ކޫސަނި ލަވަތަކަށް ވާކަމެވެ! މީގެ ބައެއް މީހުން ޤުރްއާން ކިޔަވަން ދަސްކުރުމަށް މިއުޒިކު ހިމެނޭ ލަވަތައް އަޑު އަހާކަމަށް އިޢުތިރާފުވެފައިވެސް ވެއެވެ! ހަމަކަށަވަރުން މާތް ﷲވަނީ އިސްލާމީ ދުނިޔޭގެ ކިތަންމެ ޤާރީވެރި ބޭކަލަކަށް ތައުފީޤު ދެއްވާފައެވެ. އެ ބޭކަލުންވަނީ އެ ބޭކަލުންގެ ކިޔެވުމުން މީސްތަކުން ރޮއްވާލައިފައެވެ! މި ބޭކަލުންނަކީ މަޤާމެއް ދަސްކުރައްވައިގެން ނުވަތަ ލަވަ އަޑު އައްސަވައިގެން ޤުރުއާން ތަރުތީލުކުރަން ދަސްކުރެއްވި ބޭކަލުންނެއް ނޫނެވެ! މި މަޤާމާތުތަކަށް އަހުލުވެރިވެފައިވާ މީހަކު މި ބުނެވުނުފަދަ ބޭކަލެއްގެ ކިޔެވުމުގެ އަޑު އިވުމުން ހީ ކުރަނީ އެ ޤާރީ އެ ކިޔަވާ ވިދާޅުވަނީ ކޮންމެވެސް މަޤާމަކަށް ކަމަށެވެ. އެހެނަކުން ނޫނެވެ! އެބޭކަލުން އެ ކިޔަވާ ވިދާޅުވަނީ އެ ބޭބޭކަލުންގެ އަމިއްލަ ވިސްނުންފުޅަށެވެ!
وَاللهُ أَعْلَم.
=ނިމުނީ=