[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވަޙްދަތުލް ވުޖޫދުގެ ބާޠިލު ޢަޤީދާ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި އަލްވުޖޫދަކީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ލިބިވޮޑިގެންވާ ޞިފަފުޅެކެވެ. އަދި އެބައިމީހުން ޤަބޫލު ކުރާ ގޮތުގައި މަޚްލޫޤުން ވުޖޫދުގައިވުމަކީ އެއިލާހުގެ ވުޖޫދުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. މިއީ ބައެއް ބާޠިލު ފިރުޤާތަކުން ޤަބޫލުކުރާ ވަޙްދަތުލް ވުޖޫދުގެ ޢަޤީދާއެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ކައުނުގައި އެއްވެސް މަޚްލޫޤެއް ނުވެއެވެ. އެބައިމީހުންގެ ގާތުގައި އިލާހާއި މަޚްލޫޤާ އެއީ އެކައްޗެކެވެ.

 

ޝަރަޙަ:

ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިންގެ ޢަޤީދާގައި އަލްވުޖޫދަކީ ނުވަތަ ވޮޑިގެންވުމަކީ ﷲ ތަޢާލާގެ ޞިފަފުޅެކެވެ. އެއިލާހު ވޮޑިގެންވަނީ އެއިލާހުގެ ޛާތުފުޅާ އެކަށީގެންވާ ގޮތަށެވެ. އަދި އެކަމަށް ޢިލްމުވެރިންވަނީ އިޖުމާޢުވެވަޑައިގެންފައެވެ.

އަދި މަޚްލޫޤުންނަކީވެސް ވުޖޫދުގައިވާ ބައެކެވެ. ނަމަވެސް މަޚްލޫޤުން ވުޖޫދުގައިވަނީ ޚާލިޤުވަންތަ އިލާހުގެ ޛާތުފުޅާ، ވަކިވެ، އެކަހެރިވެގެންނެވެ. އަދި މަޚްލޫޤުން ވުޖޫދުގައިވަނީ އެބައިމީހުންނާ އެކަށީގެންވާ ގޮތަށެވެ.

ޚާލިޤުވަންތަ އިލާހާއި ޢާލަމްތަކަކީ އެކައްޗެއްކަމުގައި ޤަބޫލުކުރުމީ ޞޫފީންގެ [1] އެކިއެކި ފިރުޤާތަކުގެ ޢަޤީދާއެއްކަމުގައިވާ ވަޙްދަތުލް ވުޖޫދުގެ ޢަޤީދާއެވެ. އަދި އެބައިމީހުން މިކަމުގައި ފޮތްތަކެއްވެސް ލިޔެފައި ވެއެވެ. އެގޮތުން އިބްނު ޢަރަބީ (މަރުވީ 638ހ ވަނަ އަހަރު) ލިޔެފައިވާ “އަލްފުޞޫޞް” އަކީ މި ޢަޤީދާގެ މައްޗަށް ލިޔެފައިވާ، ޞޫފިއްޔަތުގެ ޢަޤީދާ ފަތުރާ ފޮތެކެވެ. އައްޛަހަބީ رحمه الله ވިދާޅުވިއެވެ.

“އޭނާ (އެބަހީ: އިބްނު ޢަރަބީ) ލިޔެފައިވާ އެންމެ ދަށު ދަރަޖައިގެ ފޮތަކީ “الفصوص” އޭ ކިޔުނު ފޮތެވެ. އެފޮތުގައި ކުފުރެއް ނުވާނަމަ މި ދުނިޔޭގައި ކުފުރެއް ނުވެއެވެ.” [2]

 

ޚުލާޞާ:

وَحْدَةُ الوُجُوْدِ ގެ ޢަޤީދާއަކީ ޞައްޙަ އިސްލާމީ ޢަޤީދާއާ ފުށުއަރާ ބާޠިލު ޢަޤީދާއެކެވެ.

 


 

މަޞްދަރު: مدارج السالكين (٣/٣٦).

السير للذهبي (23 / 48).

عقيدة الصوفية وحدة الوجود الخفية (ص: ٢٨).

فتاوى اللجنة الدائمة (رقم الفتوى:٦٢٤٥).

 

[1] ޞޫފީންނަކީ މިފަދަ އެތައް ބިދުޢަތަކެއް ފަތުރާ ބައެކެވެ. އެގޮތުން: ގަބުރުތަކަށް އަޅުކަންކުރުމާއި މިސްކިތްތަކުގެ އެތެރޭގައި މީހުން ވަޅުލުމާއި އަޅުކަންކުރާއިރު މިޔުޒިކު ބޭނުންކުރުމާއި ހަދަހަދައިގެން ޛިކުރުތައް ފެތުރުމަކީ އެމީހުންގެ ފުށުން ފެންނަ ބައެއް ބިދުޢަތަކެވެ.

[2] السير للذهبي (23 / 48).