الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ދޮގުހެދުން އިތުރުވުމާއި ތެދުދޮގު ބަލައި ނުލާ ޚަބަރުފެތުރުމަކީ ޤިޔާމަތް ގާތްވުމުގެ ކުދި ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إِنَّ الشَّيْطَانَ لِيَتَمَثَّلُ فِي صُورَةِ الرَّجُلِ، فَيَأْتِي الْقَوْمَ، فَيُحَدِّثُهُمْ بِالْحَدِيثِ مِنَ الْكَذِبِ، فَيَتَفَرَّقُونَ، فَيَقُولُ الرَّجُلُ مِنْهُمْ: سَمِعْتُ رَجُلًا أَعْرِفُ وَجْهَهُ، وَلَا أَدْرِي مَا اسْمُهُ يُحَدِّثُ» [رواه مسلم]
މާނައީ: “ހަމަކަށަވަރުން މީހެއްގެ ސޫރައިގައި ޝައިޠާނާ ބައެއްގެ ގާތަށް ދެއެވެ. އަދި އެބައިމީހުންނަށް ދޮގުވާހަކަ ކިޔައިދެއެވެ. ދެން ފަހެ އެބައިމީހުން އެތަނުން ދިޔުމުން އޭގެ ތެރެއިން މީހަކު ބުނެއެވެ. ތިމަންނާ ދަންނަ މީހަކު ބުނާތީ އަޑުއެހީމެވެ. އެއީ ތިމަން ދަންނަ މޫނެކެވެ. އެކަމަކު އޭނާއަށް ކިޔައިއުޅޭ ނަމެއް ތިމަންނާއަކަށް ނޭނގެއެވެ.”
މި ޒަމާނުގައި މީސްތަކުން ފަތުރާ ދޮގުވާހަކަތަކުގެ ގިނަކަމާއެވެ. ޚަބަރު ފެތުރުމުގައި މީސްތަކުން މިވަނީ ވަރަށް ފަރުވާ ކުޑަކޮށްފައެވެ. މިއީ މީހުން މަގުފުރެދޭ އަދި ފިތުނަވެރިވާ ސަބަބެކެވެ. މިފަދަ މީހުން ދައްކާ ވާހަކަ ތެދުކުރުމާމެދު ސަމާލުވުމަށް ނަބިއްޔާ صلى الله عليه وسلم ވަނީ އިރުޝާދުދެއްވާފައެވެ. މި ޒަމާނުގައި ދޮގު ޚަބަރުތައް ގިނަވުމުން ތެދު ޚަބަރާއި ދޮގު ޚަބަރު ވަކިކުރުން މިވަނީ ދަތިކަމަކަށްވެފައެވެ.