[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބިދުޢަ – 1

މުޤައްދިމާ

 

إن الحمد لله نستعينه ونستغفره، ونعوذ بالله من شرور أنفسنا وسيئات أعمالنا، فمن يهده الله فلا مضل له، ومن يضلل فلا هادي له، وأشهد أن لا إله إلا الله، وأشهد أن محمدا عبده ورسوله.

﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ﴾‏ [1]

﴿يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا﴾ [2]

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا ‎﴿٧٠﴾‏ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ‎﴿٧١﴾[3] [4]

أما بعد، فإن خير الحديث كتاب الله، وخير الهدى هدى محمد، وشر الأمور محدثاتها، وكل بدعة ضلالة. [5]

 

ﷲ ތަޢާލާ، އެއިލާހުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم، މީސްތަކުންގެ ގާތަށް ފޮނުއްވީ އުފާވެރިކަމުގެ ޚަބަރުދެއްވާ ބޭކަލެއްގެ ގޮތުގައްޔާއި އިންޛާރުދެއްވާ ބޭކަލެއްގެ ގޮތުގައެވެ. އަދި ﷲ ގެ އިޛުނަ ފުޅާއެކު އެއިލާހުގެ މަގަށް ގޮވާލާ، ޙައްޤުގެ މަގަށް އަލިކުރާ ވޮށެއްފަދަ ބޭކަލެއްގެ ގޮތުގައެވެ. އެކަލޭގެފާނު ވަޑައިގެންނެވީ ތެދުމަގާއި ޙައްޤު ދީނާއިގެންނެވެ. އެއީ  މުޝްރިކުން ނުރުހުނު ކަމުގައިވިޔަސް، އެންމެހާ ދީންތަކުގެ މައްޗަށް އެ ދީން ފާޅުކުރެއްވުމަށްޓަކައެވެ .

އެކަލޭގެފާނު ރަސޫލުކަމައިގެން ވަޑައިގެންނެވީއްސުރެ، މިއަދާ ހަމައަށްވެސް އިސްލާމްދީން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުންނެވެ. އެކަން އެގޮތަށް ހިނގާނެކަމަށް ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ ޙަދީޘްބަސްފުޅުތަކުގައި ބަޔާންކުރައްވާފައެވެ.

ކީރިތި ޤުރުއާނާއި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަކީ މަތިވެރިވެގެންވާ އިސްލާމްދީނުގެ ދެ މަޞްދަރެވެ. އިސްލާމީ ޝަރީޢަތުގައި މި ދެ މަޞްދަރަށް މަތިވެރިވެގެންވާ މަޤާމު ދެއްވާފައިވެއެވެ. އަދި ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި އެކަމަށް ބާރުއަޅުއްވާފައިވެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

‎﴿وَأَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ﴾  [6]

މާނައީ: “އަދި ތިޔަބައިމީހުން ﷲ އަށާއި ރަސޫލާއަށް ކިޔަމަންވާށެވެ.”

ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި މި ދެ މަޞްދަރު އެކުއެކީގައި ޛިކުރުކުރައްވާފައިވެއެވެ. މިތަނުން އެއް މަޞްދަރުގައި ހިފާފައި އަނެއް މަޞްދަރު ދޫކޮށްލުމަށް މަސައްކަތްކުރާ މީހާ ޙައްޤު މަގުން އެއްކިބާވެއްޖެކަން ކަށަވަރެވެ.

ނަބިއްޔާ صلى الله عليه وسلم ވަނީ ޞަޙާބީ ބޭކަލުންގެ ޖީލު ކީރިތި ޤުރުއާނާއި ސުންނަތުގައި ހިފުމަށް ތަރުބިއްޔަތު ކުރައްވާފައެވެ. އަދި އެބޭކަލުންނަށް ދިމާވާ ހުރިހާކަމެއްގައިވެސް އެ ދެ މަޞްދަރަށް ރުޖޫޢަވުމަށް އެކަލޭގެފާނުވަނީ އުނގަންނަވާ ދެއްވާފައެވެ. އެހެންކަމުން އެންމެ ހެޔޮ ޤަރުނުތަކުގައި އުޅުއްވި ބޭކަލުން (މިއުންމަތުގެ ސަލަފުން) ދީނުގެ ކަންތައްތައް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. އަދި އެބޭކަލުންގެ ދުވަސްވަރުގައި ސުންނަތް ފާޅުވެ، ޢިލްމު ފެތުރުނެވެ. އަދި އެއަށްފަހުގައި ބިދުޢައިގެ އަހުލުވެރިން ފާޅުވެ ދީނުގެ ނަމުގައި އާ ކަންތައްތައް ކޮށް، ފަހުން އައި ގިނަބަޔަކަށް ދީނުގެ ކަންތައްތައް އޮޅޭ ވަރަށް އެކަންތައްތައް އިތުރުވެގެން ދިޔައެވެ.

އުންމަތުގައި ފާޅުވަމުން އައި ބިދުޢަތައް ވެގެންދިޔައީ އެކި ޒަމާންތަކުގައި އުންމަތުގެ ހަށިގަނޑަށް ހެރެމުން ދިޔަ ކަށިތަކެއް ކަމުގައެވެ. އެކަންތައްތައް ފާޅުވާން ފެށީއްސުރެ މިއަދާ ހަމައަށްވެސް އެކަން އޮތީ އެގޮތުގައެވެ. ދީނުގެ ނަމުގައި ކުރެވޭ މިފަދަ އާ ކަންތައްތަކަކީ އުންމަތް ބައިބައިވުމުގެ މައިގަނޑު ސަބަބެވެ. އަދި އެއީ އުންމަތުގެ ފަރުދުންނާއި މުޖުތަމަޢުތަކަށްވެސް ހުރި ނުރައްކަލެކެވެ.

ބިދުޢަވެރިންނަކީ ހިދާޔަތުގެ މަގާއި ޙައްޤު ދީނާ އެންމެ ދުރު މީސްތަކުންނެވެ. އެއީ ކީރިތި ޤުރުއާނާއި ސުންނަތާއި ސަލަފުންގެ ގޮތް އެބައިމީހުން ދޫކޮށްލާތީއެވެ. މިއީ އެބައިމީހުން މަގުފުރެދިގެން ދިޔުމުގެ މައިގަނޑު ސަބަބެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.

“އަހްލުއް ސުންނާގެ ގާތުގައި ބިދުޢަވެރިންގެ ގޮތުގައި މަޝްހޫރު ފިރުޤާތަކަކީ، ސަލަފުންގެ ގޮތަށް ތަބާވާ ބައެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. (ޝީޢީންގެ) ރާފިޟީންނަކީ އެގޮތަށް އެންމެ މަޝްހޫރު ފިރުޤާއެވެ. ބިދުޢަވެރިންގެ ތެރެއިން ޢާންމުންގެ ގިނަ މީހުން ދަންނަނީ އެބައިމީހުންނެވެ. އަދި ޢާންމުންގެ ގިނަ މީހުންގެ ގާތުގައި ސުންނީންނަކީ ރާފިޟީ ނޫން (ޝިޢީ ނޫން) ކޮންމެ މީހެކެވެ. އެބައިމީހުންނީ ނަބަވީ ޙަދީޘްފުޅުތަކާއި ކީރިތި ޤުރުއާނުގެ މާނައާ އެންމެ ބޮޑަށް ޚިލާފުވާ މީހުންނެވެ. އަދި އުންމަތުގެ ސަލަފުންނާއި އިމާމުންނަށް އެންމެ ގިނައިން އެއްޗެތި ކިޔާ މީހުންނެވެ. އަދި އުންމަތުގެ ގިނަ މީހުންނަށް އެއްޗެތި ގޮވާ މީހުންނެވެ. ސަލަފުންނަށް ތަބާވުމާ އެންމެ ދުރުހެލި މީހުންނަށް އެބައިމީހުންވުމުން، އެބައިމީހުން ވެގެން ދިޔައީ ބިދުޢައިގަވެސް އެންމެ މަޝްހޫރު މީހުންނަށެވެ. މިކަމުން އެނގިގެން ދަނީ ބިދުޢަވެރިންގެ ޝިޢާރަކީ ސަލަފުންގެ މަގަށް ތަބާވުން ދޫކޮށްލުންކަމުގައެވެ.” [7] (ޝައިޚުގެ ބަސްފުޅު ނިމުނީ)

ބިދުޢަތަކުގެ ނުރައްކާތެރިކަމާއި ބިދުޢަތަކާ ގުޅުން ހުރި ޙުކުމްތައް ދެނެގަތުމަކީ ނުހަނު މުހިންމުކަމެކެވެ. އެކަންތައްތައް ނޭނގޭ މީހާ ބިދުޢައިގެ ތެރެއަށް ވެއްޓުން ނުހަނު ގާތެވެ. ވުމާއެކު މި ރިސާލާގައި އަލި އަޅުވާލާނީ ބިދުޢައާ ގުޅުން ހުރި ޙުކުމްތަކާއި ބިދުޢައިގެ ނުރައްކާތެރިކަމާ އަދި ދިވެހިންގެ ތެރޭގައި ހުރި ބައެއް ބިދުޢަތަކަށެވެ.

 


 

[1] سورة آل عمران: 102

[2] سورة النساء: 1

[3] سورة الأحزاب: 70 – 71

[4] أخرجه أبو داود في سننه برقم: (2118) والترمذي في جامعه وحسنه برقم: (1105) واللفظ له والنسائي في المجتبى برقم: (1404) برقم: (3277) وابن ماجة في سننه برقم: (1892) وصححه الألباني في صحيح أبي داود برقم: (1844).

[5] أخرجه مسلم في صحيحه برقم: 43 – (867).

[6] سورة المائدة: ٩٢

[7] مجموع الفتاوى لشيخ الإسلام ابن تيمية (4/155).

 

މި ލިޔުމުގެ އެހެން ބައިތައް