[الْبَابُ الثَّانِي: فِي فَضْلِ الْقَضَاءِ وَالتَّرْغِيبِ فِي الْقِيَامِ فِيهِ بِالْعَدْلِ]
ދެވަނަ ބާބު: ޤަޟާގެ މާތްކަމާއި ޢަދުލުވެރިކަމާއެކު އެކަން އަދާކުރުމަށް ހިތްވަރު ދެއްވައިފައިވުން
ދަންނަބޭކަލުން ކުރެ މާލިކިއްޔަ ދަންނަބޭކަލުންނާއި އެ ނޫންވެސް ބޭބޭކަލުންވަނީ ޤަޟާގެ މަންޞިބުތަކަށް ވަދެ އެ މަންޞިބުތަކާ ޙަވާލުވުމާމެދު ރައްކާތެރިވުމަށާއި އެފަދަ ކަންކަމުން ދުރުހެލިވުމަށް މީސްތަކުންނަށް ބަޔާން ކޮށްދެއްވުމުގައި އިތުރު ކުރައްވައިފައެވެ. އަދި ޤަޟާއަށް އެދިގެން އޭގެ މަޤާމެއް ހޯދުމަށް މަސައްކަތް ކުރުމުގެ މަކުރޫހަކަން ބަޔާންކުރެއްވުމުގައިވެސް ވަރަށް ހަރުކޮށް ބަޔާންކުރައްވާފައެވެ. އަދި އެ ބޭބޭކަލުންވަނީ ޤަޟާގެ މަޤާމުތަކުން ދުރުވެ ރައްކާތެރިވުމަށާއި އެފަދަ މަޤާމުތަކާ ދުރަށް ދިޔުމަށް އެހެން މީހުންނަށް ހިތްވަރު ދެއްވައިފައެވެ. މީގެ ސަބަބުން ގިނަ ފިޤުހުވެރީންނާއި އިޞްލާޙަށް މަސައްކަތް ކުރާ ގިނަ މީހުންނަށް ވިސްނިފައި މިވަނީ ޤަޟާގެ މަންޞިބެއް އެ މީހަކާ ޙަވާލުވެވިއްޖެ މީހަކަށް އޭނާގެ ދީނަކީ ދެން މާ ބޮޑު ކަމަކަށް ނުހަދާ، އޭނާގެ އަމިއްލަ އަތުން އޭނާ ހަލާކުގެ ތެރެއަށް އެއްލައިލާނޭ ކަމަށެވެ. އަދި އެންމެ ހެޔޮ ކަންކަމަށް ވުރެ އެންމެ ހެޔޮ ނޫން ގޮތްތަކަށް އޭނާގެ ހިތް ލެނބިގެން ހިނގައިދާނޭ ކަމަށެވެ. މި ވިސްނުމުގެ ނުބައިކަމާއެވެ! މިއީ އެ ވިސްނުމަކުން ރުޖޫޢަވުމާއެކު ތައުބާވުން ވާޖިބު ވެގެން ވާ ފާޙިޝް ކުށެކެވެ!
މީހާގެ މައްޗަށް ވާޖިބުވެގެންވަނީ މި ޝަރަފުވެރި މަންޞިބު މަތިވެރިކޮށް، ދީނުގައި މި މަންޞިބަށް ދެއްވައިފައިވާ މަޤާމު ދެނެގަތުމެވެ. ދަންނާށެވެ! ރަސޫލު ބޭބޭކަލުން ފޮނުއްވުނީ މި މަންޞިބައިގެންނެވެ! ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ވަނީ ޙަސަދަވެރިވުން [1] ޙުއްދަ ނިޢުމަތްތަކުގެ ތެރޭގައި މި މަންޞިބުވާކަން ބަޔާން ކުރައްވާފައެވެ! އިބްނު މަސްޢޫދުގެ އަރިހުން އައިސްފައިވާ ޙަދީޘްގައި އިތުރު އެކަލޭގެފާނުން ޙަދީޘް ކުރައްވައިފައި ވެއެވެ:
“لَا حَسَدَ إلَّا فِي اثْنَيْنِ رَجُلٍ آتَاهُ اللَّهُ مَالًا فَسَلَّطَهُ عَلَى هَلَكَتِهِ فِي الْحَقِّ، وَرَجُلٍ آتَاهُ اللَّهُ الْحِكْمَةَ فَهُوَ يَقْضِي بِهَا ويُعَلِّمُهَا” [مُتَّفَقٌ عَلَيْهِ]
މާނައީ: “ދެ ކަމެއްގައި މެނުވީ ޙަސަދަވެރިކަމެއް ނުވެއެވެ. (ފުރަތަމައީ) ﷲ އެ މީހަކަށް މުދަލެއް ދެއްވުމުން އެ މުދަލެއް ހުސް ވެއްޖައުމަށް ދާންދެން ޙައްޤުގެ މަގުގައި ހޭދަ ކުރި މީހާއެވެ. (ދެވަނައީ) ﷲ ޙިކުމަތް ދެއްވި މީހާއެވެ. އޭނާ އެ ޙިކުމަތުން މީސްތަކުންގެ މެދުގައި ނިޔާ ކަނޑައަޅައެވެ. އަދި މީސްތަކުންނަށް އެ ޙިކުމަތް އުނގަންނައި ދެއެވެ.”
=ނުނިމޭ=
[1] ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ޙަސަދަ ދެ ބަޔަކަށް ބެހެއެވެ: ޙާޤީޤީ ޙަސަދައާއި ޣިބްޠާގެ ނަމުން ނަންދެއްވާފައިވާ ޙަސަދައެވެ. ޙާޤީޤީ ޙަސަދައަކީ އެހެން މީހަކަށް ލިބިފައިވާ ނިޢުމަތެއް އެ މީހެއްގެ ކިބައިން ފިލައިގެން ދިއުމަށް ތިމާ ބޭނުން ވުމެވެ. މިއީ ޞައްޙަ ނައްޞުތަކާއެކު އުންމަތުގެ އިޖުމާޢުން ޙަރާމުކަމެކެވެ.
ޙަސަދައިގެ އަނެއް ބާވަތީ ޣިބްޠާގެ ނަމުން ނަންދެއްވާފައިވާ ޙަސަދައެވެ. އެއީ މީހެއްގެ ކިބައިގައިވާ ނިޢުމަތް އެ މީހާގެ ކިބައިން ފިލައިގެން ދިއުމަކާ ނުލައި އެފަދަ ނިޢުމަތެއް ތިމާއަށްވެސް ލިބުމަށް ބޭނުންވުމެވެ. ޣިބްޠަވެރިކަމަކީ ދުނިޔަވީ ކަންކަމުގައި މުބާޙު (ޙުއްދަ) ޞިފައެކެވެ. އަދި ހެޔޮ ކަންކަމުގައިނަމަ މުސްތަޙައްބު (ލޮބުވެތިކަން ބޮޑު) ޞިފައެކެވެ. (ބައްލަވާ: ޝަރްޙުއްނަވަވީ ޢަލާ މުސްލިމު (6 / 97)).
މަޞްދަރު: تبصرة الحكام لابن فرحون