ބިދުޢަ ނަހީކުރާ ނައްޞުތަކާއި ބިދުޢައިގެ ނުބައިކަން
ބިދުޢައާއި އޭގެ އަހުލުވެރިންގެ ނުބައިކަން ބަޔާންކުރައްވާ ވަރަށް ގިނަ ނައްޞުތައް ވާރިދުވެފައިވެއެވެ. އޭގެ ތެރެއިން ބައެއް ނައްޞުތައް އައިސްފައިވަނީ ކީރިތި ޤުރުއާނުގައެވެ. އަދި އަނެއްބައި ނުއްޞުތައް ވާރިދުވައިވަނީ ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގައެވެ. އޭގެ ތެރެއިން ބައެއް ނައްޞުތައް މިލިޔުމުގައި ޛިކުރުކޮށްލާނަމެވެ.
ކީރިތި ޤުރުއާނުގެ ނައްޞުތައް
1) ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللَّهُ﴾ [1]
މާނައީ: “ނުވަތަ ﷲ، އިޛުނަ ދެއްވާފައި ނުވާކަމެއް ދީނުގައި ޝަރުޢުކުރުމަށް އެއުރެންނަށް ޝަރީކުންތަކެއް ވަނީ ހެއްޔެވެ؟”
އެބަހީ: ﷲ ތަޢާލާ ހުއްދަދެއްވާފައި ނުވާ ކަންތައްތަކެއް ދީނަށް ތަޢާރަފުކޮށް ބިދުޢަތައް ހަދައިދިނުމަށް އެބައިމީހުންނަށް ޝަރީކުންތަކެއް ވަނީ ހެއްޔެވެ. [2]
2) އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.
﴿كَالَّذِينَ مِن قَبْلِكُمْ كَانُوا أَشَدَّ مِنكُمْ قُوَّةً وَأَكْثَرَ أَمْوَالًا وَأَوْلَادًا فَاسْتَمْتَعُوا بِخَلَاقِهِمْ فَاسْتَمْتَعْتُم بِخَلَاقِكُمْ كَمَا اسْتَمْتَعَ الَّذِينَ مِن قَبْلِكُم بِخَلَاقِهِمْ وَخُضْتُمْ كَالَّذِي خَاضُوا ۚ أُولَٰئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآخِرَةِ ۖ وَأُولَٰئِكَ هُمُ الْخَاسِرُونَ﴾ [3]
މާނައީ: “(ތިޔަބައިމީހުން) ތިޔަބައިމީހުންގެ ކުރީގެ މީހުން ފަދައެވެ. އެއުރެން ތިޔަބައިމީހުންނަށް ވުރެ ބާރުގަދަ ބަޔަކުކަމުގައި އަދި މުދާތަކާއި ދަރިންތައް ގިނަބަޔަކުކަމުގައި ވިއެވެ. ފަހެ (ދުނިޔެއިން) އެއުރެންނަށް ލިބިފައިވާ މިންވަރުން އެއުރެން އަރާމު ލިބިގަތެވެ. ފަހެ، ތިޔަބައިމީހުންވެސް ތިޔަބައިމީހުންގެ ކުރީގެ މީހުން އެއުރެންނަށް ލިބިފައިވާ މިންވަރުން އަރާމު ލިބިގަތް ފަދައިން، ތިޔަބައިމީހުންނަށް ލިބިފައިވާ މިންވަރުން އަރާމު ލިބިގެންފީމުއެވެ. އަދި ބާޠިލު ވާހަކަތައް އެއުރެން ދައްކަމުން ދިޔަފަދައިން، ތިޔަބައިމީހުންވެސް ބާޠިލު ވާހަކަތައް ދައްކަމުން ދިޔައީމުއެވެ. އެއުރެންނީ، ދުނިޔެއާއި އާޚިރަތުގައި، އެއުރެންގެ ޢަމަލުތައް ބާޠިލުވެގެންވާ މީހުންނެވެ. އަދި ހަމަ، އެއުރެންނީ، ގެއްލެނިވެގެންވާ މީހުންނެވެ.”
މިއާޔަތުގައި މިވަނީ މީސްތަކުން ކުރާ ފާސިޤު ޢަމަލުތަކާއި ބިދުޢައިގެ ނުބައިކަން ބަޔާންކުރައްވާފައެވެ.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.
“މިއާޔަތުގައި އެއިލާހު ސުބުޙާނަހޫ ވަތަޢާލާ މިވަނީ (ދުނިޔޭގައި) ލިބިފައިވާ މިންވަރުން ނަހަމަ ގޮތުގައި އަރާމު ލިބިގަތް ވާހަކައާއި ބާޠިލު ވާހަކަތައް ދެއްކުމުގެ ވާހަކަ އެކުއެކީގައި ގެންނަވާފައެވެ. އެހެނީ ދީން ފަސާވެގެން ދަނީ ބާޠިލު އިޢުތިޤާދުތައް ކުރުމާއި އެއާ އެއްގޮތަށް ބަސްބުނުމުންނެވެ. ނުވަތަ ޙައްޤު އިޢުތިޤާދާ ޚިލާފަށް ޢަމަލުކުރުމުންނެވެ. އޭގެ ތެރެއިން ފުރަތަމަކަމަކީ: ބިދުޢަތަކާ އެފަދަ ކަންތައްތަކެވެ. އޭގެ ތެރެއިން ދެވަނަ ކަމަކީ: ފާސިޤު ޢަމަލުތަކާއި އެފަދަ ކަންތައްތަކެވެ.” ޝައިޚުގެ ބަސްފުޅު ނިމުނީ. [4]
[2] انظر: تفسير الطبري (21/522).
[4] اقتضاء الصراط المستقيم لشيخ الإسلام ابن تيمية (1/118).