الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ސިޙުރުގެ އުނދަގޫ ދިމާވެގެން އެކަމުގައި ފަރުވާ ކުރަން ބައެއް މީހުންގެ ގާތަށް ދިޔުމުން، ފަހެ އެމީހެއްގެ ހެދުންތަކާއި ފަރުނީޗަރާއި ގަހަނާއާއި އަދިވެސް މި ނޫން އަގުހުރި ގިނަގުނަ ތަކެތި އަންދާލުމަށް އިރުޝާދުދީ އުޅެއެވެ. ދަންނައެވެ. ޝައްކެއްގެ މައްޗަށް ބިނާކޮށް މިފަދަ ކަންތައްތައް ކޮށްގެން ނުވާނެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((إِنَّ اللَّهَ كَرِهَ لَكُمْ ثَلاَثًا: قِيلَ وَقَالَ، وَإِضَاعَةَ المَالِ، وَكَثْرَةَ السُّؤَالِ)) [صحيح البخاري (1477)]
މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުން ތިން ކަމެއް ކުރުމަށް، ﷲ ނުރުހުންތެރިވެވޮޑިގެން ވެއެވެ. (އެއީ) ބޭކާރު ވާހަކަތައް ދެއްކުމާއި މުދާ ގެއްލެނި ކުރުމާއި ސުވާލު ގިނަކުރުމެވެ.”
މި ޙަދީޘްގައި:
🖊 ބޭކާރު ވާހަކަތަކަކީ: އޭނާއާ ގުޅުމެއް ނެތް ވާހަކަތައް ދެއްކުމެވެ.
🖊 މުދާ ގެއްލެނިކުރުމަކީ: އެކި ކަންކަމުގައި މުދާ އިސްރާފުކުރުމާއި މަޤްބޫލު ސަބަބަކާ ނުލާއި މުދާ ހަލާކުރުމާއި ފާފަތަކުގައި މުދާ ހޭދަކުރުން ފަދަ ކަންކަން ކުރުމެވެ.
🖊 ސުވާލު ގިނަކުރުމަކީ: ސުވާލުކުރުމުގެ މާ ބޮޑު ބޭނުމެއް ނުވާ ކަންތައްތަކުގައި ސުވާލުކުރުމާއި އެހެން މީހުންގެ ކަންކަމުގައި މާ ސުވާލު ގިނަކުރުން ފަދަ ކަންކަން ކުރުމެވެ.
އިސްލާމްދީނުގައި މުދަލަކީ ޙުރުމަތްތެރި ކުރައްވާފައިވާ، ހެޔޮގޮތުގައި ބޭނުން ކުރަން ޖެހޭ އެއްޗެކެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم ގެ ދަތުރުފުޅެއްގައި ޢާއިޝާ رضي الله عنها ގެ ކަރުގައި އޮތް ހާރެއް ގެއްލިގެން، އެ ހޯއްދުމަށް ނަބިއްޔާ صلى الله عليه وسلم އެތައް ވަގުތެއް ވަންދެން މުސްލިމުންގެ ލަޝްކަރާއިގެން މަޑުކުރެއްވިއެވެ. (ބައްލަވާ: صحيح البخاري (334)(336)).
މި ޙާދިޘާއާ ބެހޭގޮތުން އަންނަވަވީ رحمه الله ވިދާޅުވިއެވެ.
“މި ޙާދިޘާގައި މުސްލިމުންގެ ޙައްޤާއި މުދަލަށް ރައްކާތެރިވުމުގެ މުހިންމުކަން ހާމަވެއެވެ. އެއީ ކިތަންމެ ކުޑަ އެއްޗެއްކަމުގައި ވިޔަސް މެއެވެ. އެ ސަބަބަށްޓަކައި ނަބިއްޔާ صلى الله عليه وسلم އެ ހޯއްދެވުމަށް މަޑުކުރެއްވިއެވެ.” (شرح النووي على صحيح مسلم (4 / 59)).
ފަހެ ޔަޤީނުންވެސް އެއްޗަކުން ސިޙުރެއް ފެނިއްޖެނަމަ އެއެއްޗެއްގައިވާ ސިޙުރު ބާޠިލުކުރުމަށްޓަކައި އެ ނައްތާލުމަކީ މައްސަލައެއް ނޫނެވެ. އެކަމުގައި އެންމެ ރަނގަޅީ ސިޙުރު ބާޠިލުކުރުމަށް ޤުރުއާނުގެ އާޔަތްތައް ކިޔަވާ ދެން އެ ސިޙުރު ބާޠިލުވުމުން އެ އެއްޗެއް ނައްތާލުމެވެ.
އެހެނަސް ކުށް ހީ އެއްގެ މައްޗަށް ބިނާކޮށް ނުވަތަ ޝައްކެއްގެ މައްޗަށް ބިނާކޮށް، އެފަދަ ކަންކަން މީހަކު ބުންޏަސް ނުކުރާށެވެ.
ގިނަ ފަހަރަށް އެފަދަ ކަންތައްތައް ދިމާވަނީ ސިޙުރުގެ ކަންކަމުގައި އަދި އެ ހޯދަންވެގެން ޖިންނި ޝައިޠާނުންނާ ސުވާލު ކުރާތީއެވެ. އެސޮރުމެންނަކީ ދޮގުހެދުން ގިނަ، އިންސާނުންނާ ޢަދާވާތްތެރިކަން ބޮޑު އަދި އެފަދަ ކަންތައްތަކުގެ ޛަރީޢާއިން އިންސާނުންނަށް ކެހިދީ، އުނދަގޫކުރާ އަދި ގެއްލުންދޭން މަސައްކަތް ކުރާ ބައެކެވެ. އެސޮރުމެން ދައްކާ ވާހަކަތައް ތެދުކުރާކަށް ނުވާނެއެވެ.
ކީރިތި ޤުރުއާން ކިޔެވުމާއި ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމާއި އަދިވެސް ސުންނަތުން ވާރިދުވެފައިވާ ޛިކުރުތައް ކިޔައިގެން މިފަދަ ކަންކަމުގައި ﷲ ތަޢާލާގެ ޙަޟްރަތުން ރައްކާތެރިކަން ހޯދާށެވެ.