الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ﷲ سبحانه وتعالى ގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކުގައި ޞަޙާބީބޭކަލުންގެ މަންހަޖަކީ ﷲ ތަޢާލާގެ ފޮތުގައި އެއިލާހުގެ ޛާތުފުޅު ސިފަކުރައްވާފައިވާ ގޮތަށް އެއިލާހަށް އީމާންވުމެވެ. އަދި އެއިލާހުގެ ރަސޫލާ މުޙައްމަދު ﷺ އެކަލޭގެފާނުގެ ސުންނަތުގައި އެއިލާހު ޞިފަކުރައްވާފައިވާ ގޮތަށް އެއިލާހަށް އީމާންވުމެވެ. އެއީ: އެއިލާހުގެ ޞިފަފުޅުތައް تَحْرِيف ކުރުމަކާ ނުލާ (ބަދަލުކުރުމަކާ ނުލާ)، تَعْطِيل ކުރުމަކާ ނުލައި (ނަފީކުރުމަކާ ނުލާ)، تَكْيِيف ކުރުމަކާ ނުލައި (އޭގެ ކައިފިއްޔަތު އެހުމަކާ ނުލާ ނުވަތަ އެއީ ކިހިނެތް ހިނގާކަމެއްތޯ ބެލުމަކާ ނުލާ) އަދި تَمْثِيل ކުރުމަކާ ނުލައެވެ. (މަޚްލޫޤޫންނާ ވައްތަރުކުރުމާ ނުލައެވެ.)
އަދި ކިއެއް ހެއްޔެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ﴾ [سورة الشورى ١١]
މާނައީ: “ހަމަކަށަވަރުން އެއިލާހާ އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެއިލާހީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.”
އަދި އެއިލާހުގެ ޛާތުފުޅު އެއިލާހު ޞިފަކުރައްވާފައިވާ ގޮތް އެބޭކަލުން ނަފީއެއް ނުކުރައްވައެވެ. އަދި ﷲގެ ކަލިމަފުޅުތައް އެ އޮންނަންވީ ތަން ނޫން އެހެންތަނަކަށް ލައި، ބަދަލުކޮށް، އޮޅުވާ ނުލައްވައެވެ. އަދި ﷲ ގެ އިސްމުފުޅުތަކާއި އާޔަތްތަކުގައި إلْحَاد ނުކުރައްވައެވެ. (އެބަހީ: އޭގެ ޞައްޙަ މާނަ ދޫކޮށްލާފައި ބާޠިލު މާނައެއްގައި ނުހިއްޕަވައެވެ.) އަދި އޭގެ ކައިފިއްޔަތެއް ބަޔާން ނުކުރައްވައެވެ. އަދި ﷲގެ ޞިފަފުޅެއް މަޚްލޫޤުންގެ ޞިފައަކާ ވައްތަރެއް ނުކުރައްވައެވެ.
ޞަޙާބީ ބޭކަލުންގެ މަންހަޖަކީ ތަފްވީޟުކުރުން ކަމުގައި (އެބަހީ: ޞިފަފުޅުތަކުގެ މާނައެއް ނުވެޔޭ ބުނުންކަމުގައި) ބައެއް މީހުން ދަޢުވާކުރެއެވެ. އެހެނަސް އެއީ ވަރަށް ބޮޑު އޮޅުމެކެވެ. އެހެނީ އެއީ މިކަމުގައި ކީރިތި ޤުރުއާނާއި ނަބިއްޔާ ﷺ ގެ ސުންނަތާއި ޞަޙާބީ ބޭކަލުންގެ ބަސްފުޅުތަކާއި ސަލަފުންގެ އިމާމުންގެ ބަސްފުޅުތަކާއި ޢަޤީދާއާ ގުޅޭ ގޮތުން ޢިލްމުވެރިން ލިޔުއްވާފައިވާ ފޮތްތަކާ އަދި މިކަމުގައި ލިޔެފައިވާ ޢިލްމީ ދިރާސާތަކާއި ޚިލާފު ވާހަކަތަކެކެވެ.
އެގޮތުން مذهب أهل التفويض في نصوص الصفات މި މައުޟޫޢުގައި أحمد بن عبد الرحمن ކުރައްވާފައިވާ ދިރާސާގައި ވިދާޅުވެފައިވަނީ ﷲ سبحانه وتعالى އެއިލާހުގެ ޛާތުފުޅަށް ޘާބިތުކުރައްވާފައިވާ އެންމެހާ ޞިފަފުޅުތައް ޞަޙާބީބޭކަލުންވަނީ، ތަޝްބީހުކުރުމެއް ނެތި (އެބަހީ: މަޚްލޫޤުންނާ ވައްތަރުކުރުމެއް ނެތި) އެއިލާހަށް ޘާބިތުކުރައްވާފައެވެ. އަދި އެ ޞިފަފުޅުތައް ތަޢުޠީލުކުރުމާއި (އެބަހީ: އިސްމުފުޅުތަކާއި ޞިފަފުޅުތައް ނަފީކުރުމާއި) ތައުވީލުކުރުމުން (އެބަހީ: އިސްމުފުޅުތަކާއި ޞިފަފުޅުތަކުގެ މާނަ ފުރޮޅާލުމުން) އެބޭކަލުން ދުރުހެލިވެވަޑައިގެންނެވިއެވެ. އިސްމުފުޅުތަކާއި ޞިފަފުޅުތައް ތަފްވީޟުކުރެވެން ފެށުނު ވަކި ތާރީޚެއް ސީދާ އެނގެން ނެތަސް އެކަން ފެށިފައިވަނީ ޞަހާބީ ބޭކަލުންގެ ޖީލަށް ވުރެ މާ ފަހުން ކުއްލާބިއްޔާއިންގެ ފިކުރުތައް އުންމަތުގައި ފެތުރެން ފެށުމުންކަމުގައި ބުނެވިދާނެއެވެ. ފަހެ، ޞަޙާބީ ބޭކަލުންގެ ޖީލަށް ވުރެ މާ ފަހުން ފެށުނުކަމެއް އެއީ ޞަޙާބީ ބޭކަލުންގެ މަންހަޖުކަމުގައި ބުނެވޭނެ ޖާގައެއް ނެތެވެ.
އަދި ސަލަފުންގެ އިމާމުވެރި ބޭކަލުންކަމުގައިވާ ހަތަރު މަޛްހަބުގެ އިމާމުންނަކީވެސް ތަފްވީޟާއި ތައުވީލުގެ މަންހަޖުން ދުރުހެލިވެވަޑައިގެން ތިއްބެވި ބޭކަލުންނެވެ. އެގޮތުން އެބޭކަލުންގެ އަރިހުން ޢަޤީދާގެ މައްސަލަތަކުގައި އައިސްފައިވާ ބަސްފުޅުތައް އެއްކުރައްވައި، އެބޭކަލުންގެ ޢަޤީދާ ދިރާސާކުރެއްވުމަށް ފަހު މުޙައްމަދު ބުން ޢަބްދުއްރަޙްމާނު އަލްޚުމައްޔިސް ލިޔުއްވާފައިވާ إعتقاد الأئمة الأربعة أبي حنيفة ومالك والشافعي وأحمد ، މި ފޮތުގައި މިކަން ވަރަށް ސާފުކޮށްވަނީ ބަޔާންކުރައްވާފައެވެ. އެގޮތުން އެބޭކަލުން ތިއްބެވީ ކީރިތި ޤުރުއާނާއި ސުންނަތުން ޘާބިތުވާ އަދި ޞަހާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުން ތަބާވެ ވަޑައިގެންނެވި ޞައްޙަ ޢަޤީދާގެ މަތީގައެވެ. އިސްމުފުޅުތަކާއި ޞިފަފުޅުތަކާއި ގުޅުންހުރި އާޔަތްތަކާއި ޙަދީޘްފުޅުތަކުގެ މާނަތައް ތަފްވީޟުކުރުމަށާއި ތައުވީލުކުރުމަށް އެބޭކަލުން އިރުޝާދުދެއްވާފައި ނުވެއެވެ.
މިގޮތުން އިސްމުފުޅުތަކާއި ޞިފަފުޅުތައް ޘާބިތުކުރުމުގައި އަހްލުއްސުންނާ ވަނީ އިމާމު މާލިކު ވިދާޅުވި މަޝްހޫރު ބަސްފުޅު ޤަވާޢިދެއްގެ ގޮތުގައި ބަލައިގެންފައެވެ.
އިމާމު މާލިކު رحمه الله ގެ އަރިހުގައި މީހަކު އައިސް ސުވާލު ދެންނެވިއެވެ.
﴿الرَّحْمَٰنُ عَلَى الْعَرْشِ اسْتَوَىٰ﴾ [سورة طه ٥]
މާނައީ: “ރަޙުމާނުވަންތަ އިލާހު، ޢަރުޝީގެ މައްޗަށް އިސްތަވާވެވޮޑިގަތެވެ.”
އެއިލާހު އިސްތިވާވެވޮޑިގެންވަނީ ކޮންފަދައަކުން ހެއްޔެވެ؟
އޭނާ އެކުރި ސުވާލާމެދު މާލިކުގެފާނު ހިތްހަމަ ޖެހިވަޑައިނުގަތުމުގެ ސަބަބުން އެކަލޭގެފާނުގެ ގައިން ދާ އޮހޮރެއްޖެއުމަށް ދާންދެން، އެއްވެސް އެއްޗެއް ވިދާޅުނުވެ އެކަލޭގެފާނު ހަނުހުންނެވިއެވެ. އަދި އެއަށްފަހުގައި ވިދާޅުވިއެވެ.
ﷲ ތަޢާލާ އިސްތިވާވެ ވޮޑިގެންވާކަން އެއީ އެނގިގެންވާ ކަމެކެވެ.
އަދި އެއިލާހު އިސްތިވާވެ ވޮޑިގެންވާ ކައިފިޔަތު (އިސްތިވާވެ ވޮޑިގެންވަނީ ކޮން ގޮތަކަށްކަން) އެއީ ސިކުނޑިއަކަށް ވިސްނޭނެކަމެއް ނޫނެވެ.
އަދި އެކަމާމެދު ސުވާލުކުރުމަކީ ބިދުޢައެކެވެ.
އެއިލާހު އިސްތިވާވެ ވޮޑިގެންވާކަމާމެދު އީމާންވުމަކީ ވާޖިބެކެވެ.
ތިމަންކަލޭގެފާނަށް ހީފުޅުވަނީ ތިޔައީ މަގުފުރެދިފައިވާ މީހެއް ހެންނެވެ.
އޭނާ މިތަނުން ނެރޭށެވެ.
އެހިނދު އެމީހާ މާލިކުގެފާނަށް ގޮވާލިއެވެ. އޭ އަބޫ ޢަބްދުﷲ އެވެ! ﷲ ގަންދެއްވާ ބުނަމެވެ. ހަމަކަށަވަރުން އަހަރެން ބަޞްރާގެ އަހުލުވެރިންނާއި ކޫފާގެ އަހުލުވެރިންނާއި ޢިރާޤުގެ އަހުލުވެރިންނާ މިކަމާއި ބެހޭގޮތުން ސުވާލުކުރީމެވެ. އަދި އެކަމަށް ކަލޭގެފާނަށް ތަޢުފީޤު ލިބިވަޑައިގެންފައިވާ ގޮތަށް އެހެންމީހުންނަށް ތައުފީޤު ލިބިގެންވާ ތަނެއް އަހަރެން ނުދެކެމެވެ.” (سير أعلام النبلاء (8 / 107)).
އެހެންކަމުން:
– ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިންގެ ގޮތަކީ އިސްމުފުޅުތަކާއި ޞިފަފުޅުތަކުގެ މާނައަކީ އެނގިގެންވާ އެއްޗެއްކަމުގައި ބުނުމެވެ. އިސްމުފުޅުތަކާއި ޞިފަފުޅުތަކުގެ މާނަ ނޭނގޭކަމަށް ބުނަނީ ތަފްވީޟުކުރާ މީހުންނެވެ. ޤުރުއާނާއި ސުންނަތް ސާފު ޢަރަބިބަހުން އައިސްފައިވާއިރު އޭގެ މާނަތައް ޢަރަބިންނަށް ރަނގަޅަށް އެނގެއެވެ. އަދި “ﷲ ތަޢާލާ އިސްތިވާވެ ވޮޑިގެންވާކަން އެއީ އެނގިގެންވާ ކަމެކޭ” އިމާމު މާލިކު ވިދާޅުވުމުން އެނގިގެން ދަނީ ތަފްވީޟުކުރުމީ އެކަލޭގެފާނުގެ މަންހަޖު ނޫންކަމުގައެވެ. އެހެނީ ތަފްވީޟުކުރާ މީހުން ބުނަނީ އެބަހުގެ މާނަވެސް ނޭނގޭކަމުގައެވެ.
– ދެން ކައިފިއްޔަތާ ބެހޭގޮތުން އެކަލޭގެފާނު ވިދާޅުވެފައި އެވަނީ: “އެއިލާހު އިސްތިވާވެ ވޮޑިގެންވާ ކައިފިޔަތު (އިސްތިވާވެ ވޮޑިގެންވަނީ ކޮން ގޮތަކަށްކަން) އެއީ ސިކުނޑިއަކަށް ވިސްނޭނެކަމެއް ނޫން” ކަމުގައެވެ. މިއީ މިއަދާ ހަމައަށްވެސް ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިންގެ ބަހެވެ.
މިކަމުގައި އިމާމު މާލިކުގެ ބަސްފުޅަކީ އިސްތިވާގެ މާނަ އެނގޭ ކަމަށާއި އެކަމުގެ ކައިފިއްޔަތު ނޭނގޭކަމަށެވެ. މިއީ ތަފްވީޟުކުރާ މީހުންގެ ބަހާ ޚިލާފަށް އޮތް ބަސްފުޅެކެވެ.
އެއާއެކުވެސް އިމާމު މާލިކުގެފާނުގެ މި ބަސްފުޅުން ބައެއް މީހުން ނަގާ މާނައަކީ އިސްމުފުޅުތަކާއި ޞިފަފުޅުތަކުގެ މާނައާ ބެހޭގޮތުން ވާހަކަދެއްކުމަކީ ބިދުޢައެއް ކަމުގައެވެ. މިއީ ރަނގަޅު ވާހަކައެއް ނޫނެވެ. އަދި މިއީ މަތީގައި އެވާ އިމާމު މާލިކުގެ ބަސްފުޅާ ޚިލާފު ވާހަކައެކެވެ. އަދި މިއީ އިމާމު މާލިކުގެ ބަސްފުޅުގައި އައިސްފައިވާ ވާހަކައެއް ނޫނެވެ.
ސަލަފުންގެ އިމާމުވެރި ބޭކަލުން ޢަޤީދާގައި ލިޔުއްވާފައިވާ މަޝްހޫރު ފޮތްތަކަށް ބަލާލާއިރު އެފޮތްތައްވަނީ ތަފްވީޟާއި ތައުވީލުގެ މަންހަޖުން ދުރުހެލިވެގެންނެވެ. އަދި އެ މަންހަޖުތަކާ ޚިލާފުވާ އެތައް ޙަދީޘްފުޅުތަކަކާއި އެތައް ޞަޙާބީބޭކަލުންގެ ބަސްފުޅުތައް އެބޭކަލުންވަނީ ރިވާކުރައްވާފައެވެ.
އެގޮތުން އިމާމު އަބޫ ބަކުރު އިބްނު އަބީ ޢާޞިމު (އަވަހާރަވީ: 287ހ.) ލިޔުއްވާފައިވާ “ކިތާބުއް ސުންނާ” އާއި އިމާމު އަބޫ ބަކުރު އަލްއާޖުއްރީ (އަވަހާރަވީ: 360ހ.) ލިޔުއްވާފައިވާ “އައްޝަރީޢާ” އާއި އަލްއިމާމު އަލްޢާލިމުލް ޙާފިޡް އަބުލް ޤާޞިމު އައްލާލުކާއީ (އަވަހާރަވީ: 418ހ.) ލިޔުއްވާފައިވާ “ޝަރްޙު އުޞޫލު އިޢުތިޤާދު އަހްލުއްސުންނާ ވަލްޖަމާޢާ” އަކީ މިކަންކަން ވަރަށް ތަފްޞީލުކޮށް ބަޔާންކުރައްވާފައިވާ ބައެއް ފޮތްތަކެވެ.
ތަފްވީޟާއި ތައުވީލަކީ ޙައްޤު މަންހަޖުކަމުގައި ދެކޭ މީހަކު ޖަވާބުދާރީ ވާންޖެހޭ ބައެއް ސުވާލުތައް ވެއެވެ.
- ތަފްވީޟުކުރުމަށް ނުވަތަ ތައުވީލުކުރުމަށް ނަބިއްޔާ ﷺ އިރުޝާދުދެއްވި ހެއްޔެވެ؟
- އެކަލޭގެފާނު އެކަމަށް އިރުޝާދުދެއްވިނަމަ އެކަން ބަޔާންކުރައްވާފައިވާ ޙަދީޘަކީ ކޮބާ ހެއްޔެވެ؟
- އެކަލޭގެފާނު އެކަލޭގެފާނު އިރުޝާދު ނުދެއްވާނަމަ ދީން ފުރިހަމަވީ އެކަމާ ނުލާ ހެއްޔެވެ؟ އެކަލޭގެފާނު އަވަހާރަވުމަށް ފަހު އެއީ ދީނުގެ ތެރެއިންވާ ކަމަކަށް ވާނެ ހެއްޔެވެ؟
- އަދި އެކަލޭގެފާނު އެކަމަށް އިރުޝާދު ނުދެއްވީ އެކަލޭގެފާނަށް އެކަން އެނގިވަޑައި ނުގަންނަވާތީ ތޯއެވެ؟
އެހެންނަމަ އެކަލޭގެފާނަށް އެނގިވަޑައިނުގަންނަވާ ކަންކަން، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ވާނެ ހެއްޔެވެ؟
ނުވަތަ އެކަލޭގެފާނަށް އެކަން އެނގިވަޑައިގެންވާ ޙާލު ބަޔާން ނުކުރެއްވީ ހެއްޔެވެ؟
ޠަހާރަތުފަދަ ފިޤުހީ މައްސަލަތަކުގެ ތަފްޞީލު ބަޔާންކޮށްދެއްވާފައި މިފަދަ މުހިންމު ޢަޤީދާގެ ކަމެއް އެކަލޭގެފާނު އުންމަތަށް ބަޔާންކޮށް ނުދެއްވީ ކީއްވެގެން ހެއްޔެވެ؟
- ޢަޤީދާގެ ފޮތްތަކާއި ތަފްޞީރުގެ ފޮތްތަކާއި ޙަދީޘްފޮތްތައް ޞަޙާބީ ބޭކަލުންގެ ބަސްފުޅުތަކުން ފުރިފައިވާއިރު އެބޭކަލުންގެ ތެރެއިން ތަފްވީޟާއި ތައުވީލުގެ މަންހަޖަށް ގޮވާލެއްވީ ކޮން ބޭކަލުންނެއް ހެއްޔެވެ؟
ޝައްކެއްވެސް ނެތް ގޮތުގައި، މި ސުވާލުތަކުންވެސް އެނގިގެންދަނީ ތައުވީލުކުރުމާއި ތަފްވީޟުކުރުމީ ރަސޫލާ ﷺ އާއި ޞަޙާބީ ބޭކަލުންގެ މަންހަޖު ނޫންކަމުގައެވެ.
ޚުލާޞާއަކީ: އެއްވެސް ޙާލެއްގައި ތަފްވީޟާއި ތައުވީލަކީ ޞަޙާބީބޭކަލުންނާއި ސަލަފުންގެ ބޭކަލުންގެ މަންހަޖެއް ނޫނެވެ. އަދި މި ކަންކަމަކީ ޔޫނާނީންގެ (ގްރީސްގެ) ފަލްސަފާގެ ފޮތްތައް ޢަރަބިބަހަށް ތަރުޖަމާކުރެވި، މުސްލިމުންގެ ތެރެއަށް އެބައިމީހުންގެ ފިކުރުތައް ވަނުމުގެ ސަބަބުން މެދުވެރިވި ޚިޔާލުތަފާތުވުންތަކުގެ ނަތީޖާއެވެ.
މިކަމުގައި ރަނގަޅުގޮތަކީ ރަސޫލާ ﷺ އާއި އެކަލޭގެފާނު އަޞްޙާބު ބޭކަލުންނާ އަދި އިމާމުވެރި ބޭކަލުން ދެއްކެވި މަގަށް ތަބާވުމެވެ. އެއީ އިސްމުފުޅުތަކާއި ޞިފަފުޅުތައް ނައްޞުތަކުގައި ވާރިދުވެފައިވާ ގޮތަށް ޘާބިތުކުރުމެވެ. އަދި އެ ނައްޞުތަކަށާއި އޭގެ މާނައަށް އީމާންވުމެވެ. އަދި ތައުވީލުކުރުމާއި ތަފްވީޟުކުރުމާއި ތަޙްރީފުކުރުމާއި ތަޢުޠީލުކުރުމާ ތަމްޘީލުކުރުމާއި ފާސިދު ތައުވީލުތައް ކުރުމުން ދުރުހެލިވުމެވެ.
މަޞްދަރު:
العقيدة الواسطية لابن تيمية
درء التعارض لابن تيمية
مذهب أهل التفويض في نصوص الصفات لأحمد بن عبد الرحمن
اعتقاد الأئمة الأربعة أبي حنيفة ومالك والشافعي وأحمد لمحمد بن عبدالرحمن الخميس