މަދީނާގައި ހުންނަ مجمع الملك فهد لطباعة المصحف الشريف އިން ޗާޕުކުރާ ޤުރުއާން މުޞްޙަފުގައިވާ ލިޔުމަކީ ޢުޘްމާން ޢަބްދުހޫ ޠާހާގެ އަތުލިޔުމެވެ.
ޢުޘްމާން ޠާހާ އުފަންވީ ހިޖުރައިން 1352 ވަނަ އަހަރު (މީލާދީ ގޮތުން 1934 ވަނަ އަހަރު) ޙަލަބުގެ ރީފްއޭ ކިޔުނު ރަށުގައެވެ. އެބޭފުޅާގެ ބައްޕަ ޢަބްދުހޫ ޙުސައިން ޠާހާ އަކީ އެ ރަށުގެ މިސްކިތުގެ އިމާމެވެ. އަދި އެރަށުގައި އަތުލިޔުމަށްވެސް މަޝްހޫރު ބޭފުޅެކެވެ. ޢުޘްމާން ޠާހާ އެންމެ ފުރަތަމަ އަތުލިޔުން ދަސްކުރެއްވީ ބައްޕަގެ އަރިހުންނެވެ. އަދި خط الرقعة ރީތިކޮށް ލިޔަން ދަސްކުރެއްވިއެވެ.
ތަޢުލީމު ޙާޞިލްކުރެއްވުން:
– ޢުޘްމާން ޠާހާ، އިބްތިދާއިއްޔާ އާއި މުތަވައްސިޠާ އަދި ޘާނަވިއްޔާގެ ތަޢުލީމު ޙާޞިލުކުރެއްވީ ޙަލަބުގެ ކުއްލިއްޔަތުއް ޝަރުޢިއްޔާއިންނެވެ. އަދި އެދުވަސްވަރު ޙަލަބުގައި ތިއްބެވި އަތުލިޔުމުގެ މަޝާއިޚުންގެ އަރިހުން އަތުލިޔުން ދަސްކުރެއްވިއެވެ. އެ ބޭފުޅުންގެ ތެރޭގައި މުޙައްމަދު ޢަލީ އަލްމައުލަވީއާއި މުޙައްމަދު އަލްޚަޠީބާއި ޙުސައިން ޙުސްނީ “އައްތުރުކީ”އާއި ޢަބްދުލް ޖަވާދާއި އިބްރާހީމް އަލްރިފާޢީ ހިމެނެއެވެ.
– އެބޭފުޅާ ޖާމިޢީ ތަޢުލީމު ޙާޞިލުކުރެއްވީ ދިމިޝްޤުންނެވެ. ހިޖުރީ ގޮތުން 1383 ވަނަ އަހަރު ޖާމިޢަތު ދިމިޝްޤުގެ ކުލިއްޔަތުއް ޝަރީޢަތުލް އިސްލާމިއްޔާއިން ތަޚައްރުޖުވިއެވެ. އަދި ހިޖުރީ ގޮތުން 1384 ވަނަ އަހަރު ހަމަ އެޖާމިޢާގެ ކުއްލިއްޔަތުއް ތަރުބިއްޔާއިން ޑިޕްލޮމާ ޙާޞިލުކުރެއްވިއެވެ.
– ހިޖުރީ ގޮތުން 1379 ވަނަ އަހަރު ދިމިޝްޤުގައި ޢަރަބި އަތުލިޔުމަށް މަޝްހޫރު އުސްތާޛު މުޙައްމަދު ބަދަވީ އަލްދީރާނީއާ ބައްދަލުވެ، އެ ބޭފުޅާގެ އަރިހުން الخط الفارسي އަދި خط الثلث ދަސްކުރެއްވިއެވެ.
– އިރާޤުގައި އަތުލިޔުމަށް މަޝްހޫރު އުސްތާޛު ހާޝިމް މުޙައްމަދު އަލްބަޣުދާދި ދިމިޝްޤަށް ޒިޔާރަތްކުރުމުން ބައްދަލުކުރައްވާ خط الثلث އާއި خط النسخ އެބޭފުޅާގެ އަރިހުން އިތުރަށް ދަސްކުރެއްވިއެވެ.
– ހިޖުރީ ގޮތުން 1392 ގައި އުސްތާޛު ޙާމިދު އަލްއާމިދީގެ އަރިހުން ރީތި އަތުލިޔުމުގެ އިޖާޒާ ޙާޞިލުކުރެއްވިއެވެ.
– އުސްތާޛު ސާމީ ބުރުހާނާއި އުސްތާޛު ނަޢީމް އިސްމާޢީލްގެ އަރިހުން ކުރެހުން ދަސްކުރެއްވިއެވެ.
ކުރެއްވި މަސައްކަތްތައް
– ހިޖުރީ ގޮތުން 1408 ގައި އިސްތަންބޫލްގައި ކޮންމެ ތިން އަހަރަކުން އެއް އަހަރު ކުރިއަށް ގެންދާ ޢަރަބި އަތުލިޔުމުގެ މުބާރާތް އިންތިޒާމުކުރާ هيئة التحكيم الدولية لمسابقة الخط العربي ގެ މެމްބަރުކަމަށް އައްޔަނުކުރެވުނެވެ.
– ހިޖުރި ގޮތުން 1408 ވަނަ އަހަރު މަދީނާގައި ހުންނަ މުޞްޙަފް ޗާޕުކުރާ، مجمع الملك فهد لطباعة المصحف الشريف ގެ މުޞްޙަފް ލިޔުއްވާ ލިޔުންތެރިއަކަށް އައްޔަނުކުރެވުނެވެ.
މުޞްޙަފް ލިޔުއްވުން:
ޢުޘްމާން ޠާހާވަނީ ދިހަ ފަހަރަށްވުރެ ގިނައިން ކީރިތި ޤުރުއާންގެ މުޞްޙަފް ލިޔުއްވާފައެވެ. އަދި ޢުޘްމާން ޠާހާގެ އަތުލިޔުމުން ލިޔުއްވާފައިވާ މުޞްޙަފް ޗާޕުކުރެވި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ މުޞްޙަފްތައް ދަނީ ބޭނުން ކުރެވެމުންނެވެ.
___________________