[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ޢަޤީދާގެ އަސާސްތައް – (5)

އިސްލާމީ ޢަޤީދާގެ މުހިންމުކަން:

  • ޢަޤީދާއަކީ އިސްލާމްދީން އޭގެ މައްޗަށް ބިނާވާ ބިންގަލެވެ:

ޢިމާރާތެއް ވަރުގަދަވެ އެތަނެއް ދެމިހުރުން ބިނާވާނީ އެޢިމާރާތެއްގެ ބިންގާ ވަރުގަދަ ވުމުގެ މައްޗަށެވެ. އެހެންކަމުން އެންމެހައި ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ދަޢުވަތު ފެއްޓެވީ މިބިންގަލުގެ މަތީގައެވެ. އެބޭކަލުން އެންމެ ފުރަތަމަވެސް ގޮވާލެއްވީ އިސްލާމީ ޢަޤީދާގެ އަސާސަށެވެ. އެއީ ﷲ ތަޢާލާ އެއްކައުވަންތަކުރުމުގެ މަތިވެރި އަސާސެވެ. ﷲ ތާޢާލާ ވަޙީކުރައްވާފައިވެއެވެ:

{وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ فَقَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ}[المؤمنون 23]

މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ނޫޙުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ރަސޫލު ކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ”.

{وَإِلَىٰ عَادٍ أَخَاهُمْ هُودًا ۗ قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ}[الأعراف 65]

މާނައީ: “އަދި ތިމަންރަސްކަލާނގެ ޢާދު ބާގައިމީހުންގެ ގާތަށް އެއުރެންގެ އަޚު ހޫދުގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ”.

{وَإِلَىٰ ثَمُودَ أَخَاهُمْ صَالِحًا ۚ قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ}[هود 61]

މާނައީ: “އަދި ތިމަންރަސްކަލާނގެ ޘަމޫދު ބާގައިމީހުންގެ ގާތަށް އެއުރެންގެ އަޚު ޞާލިޙުގެފާނު ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! اللَّه އަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ”.

{وَإِلَى مَدْيَنَ أَخَاهُمْ شُعَيْبًا قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَهٍ غَيْرُهُ}[هود 84]

މާނައީ: އަދި މަދްޔަނުގެ މީހުންގެ ގާތަށް ތިމަންރަސްކަލާނގެ، އެއުރެންގެ އަޚު ޝުޢައިބުގެފާނު ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ”.

{وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اُعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ} [النحل:36]

މާނައީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ އުންމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ، اللَّه އަށް އަޅުކަންކުރުމަށާއި، ޠާޣޫތުންނާއި (އެބަހީ ﷲ ފިޔަވައި އަޅުކަންކުރެވޭ އެންމެހައި ފަރާތްތަކާއި) ދުރުހެލިވުމަށް އެންގެވުމަށެވެ”.

މިއަސާސުގެ މަތިން އިސްވެދިޔަ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ސުންނަތަށް ތަބާވެވަޑައިގެން މިއުންމަތުގެ ނަބިއްޔާ މުޙައްމަދު ﷺ ވެސް އެންމެ ފުރަތަމަ ގޮވާލެއްވީ ޢަޤީދާއަށެވެ. ޢަޤީދާއަށް ގޮވާލައްވައި އިސްލާމްދީނުގެ ބިންގާ ހަރުދަނާކޮށް ވަރުގަދަ ކުރެއްވުމަށް މައްކާގައި ތޭރަ އަހަރު އެކަލޭގެފާނު ހޭދަކުރެއްވިއެވެ.

 

 

  • ޢަޤީދާ ސައްޙަވުމަކީ ޢަމަލުތައް ޤަބޫލުކުރެއްވުމުގެ އަސާސީ ޝަރުތެކެވެ:

 

އަޅުތަކުން ކުރާ ޢަމަލުތައް ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަބޫލުކުރެއްވޭނީ އަސާސީ ދެޝަރުތެއް ފުރިހަމަވެގެންނެވެ. އެއީ އެޢަމަލަކީ ޚާލިޞްގޮތުގައި ﷲ އަށް އަދާކުރެވޭ އަޅުކަމެއް ކަމުގައި ވުމާއި، އެޢަމަލަކީ އިސްލާމްދީނުގެ ދަލީލަކުން ޘާބިތުވާ އަޅުކަމުގެ ޢަމަލެއް ކަމުގައި ވުމެވެ. މީގެ ތެރެއިން ފުރަތަމަ ޝަރުތުކަމުގައިވާ އަޅުކަމުގައި ﷲ އަށް އިޚްލާޞްތެރިވުން ގުޅިގެންދަނީ ޢަޤީދާއާއެވެ. އަޅުކަމުގެ ޢަމަލެއްގައި ﷲ ތަޢާލާއަށް ޝަރީކުކޮށްފިނަމަ އެއަޅުކަމުގެ އިޚްލާސްތެރިކަން ގެއްލުނީއެވެ. ﷲ އަށް ޝަރީކުކުރަނީ އަޅާގެ ޢަޤީދާ ފާސިދުވުމުންނެވެ. މިޙާލަތުގައިވާ މީހެއްގެ ފަރާތުން އެއްވެސް އަޅުކަމެއް ﷲ ތަޢާލާ ޤަބޫލެއް ނުކުރައްވާނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

﴿ وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ﴾ [الزمر: 65]

މާނައީ: “ހަމަކަށަވަރުން، ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށް ވަޙީ ކުރައްވާފައިވެއެވެ. ކަލޭގެފާނު ޝަރީކު ކުރައްވައިފިނަމަ، ކަލޭގެފާނުގެ ޢަމަލުތައް ބާތިލު ވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ”.

﴿ وَلَوْ أَشْرَكُوا لَحَبِطَ عَنْهُمْ مَا كَانُوا يَعْمَلُونَ ﴾ [الأنعام: 88]

މާނައީ: “އަދި އެބޭކަލުންވެސް (އެބަހީ ރަސޫލުބޭކަލުންނާއި، ނަބީބޭކަލުން) ޝަރީކު ކުރެއްވިނަމަ، އެބޭކަލުން ކޮށްއުޅުއްވި ޢަމަލުތައް ބާތިލުވީހެވެ”.

އެހެންކަމުން ޢަމަލުތައް ގެއްލެނިވެގެން ދިއުމުން ސަލާމަތްވުމަށްޓަކައި ޢަޤީދާ ސައްޙަކުރުމަކީ ކޮންމެހެން ލާޒިމުކަމެކެވެ.

 

 

  • ޢަޤީދާއިން ﷲ ތަޢާލާ މަޢުރިފާކޮށް ދަނެގަނެވޭނެއެވެ:

 

ޢަޤީދާގެ ޢިލްމަކީ އެންމެ ޝަރަފުވެރި ޢިލްމުކަމަށް ދަންނަބޭކަލުން ވިދާޅުވެއެވެ. ޢިލްމެއްގެ ޝަރަފު މަތިވެރިވާނީ އެޢިލްމުން އުނގެނޭ އެއްޗެއްގެ މައްޗަށެވެ. ޢަޤީދާގެ ޢިލްމަކީ އޭގެ ޛަރީޢާއިން ﷲ ތަޢާލާގެ ސިފަފުޅުތަކާއި، އިސްމުފުޅުތައް ދަނެގަންނަ ޢިލްމަށް ވީހިނދު އެޝަރަފު ޢަޤީދާގެ ޢިލްމަށް ލިބިގެންވެއެވެ. އަޅާގެ ވެރި ރައްބު މަޢުރިފާކޮށްދޭ ޢިލްމުގެ މުހިންމުކަމަކީ އެއްވެސް ފަރާތަަކަށް ވަންހަނާވެފައި އޮންނާނެކަމެއް ނޫނެވެ.

 

 

  • ޢަޤީދާއަކީ މުކައްލަފެއްގެ މައްޗަށްވާ އެންމެ ފުރަތަމަ ވާޖިބެވެ:

 

އިސްލާމްދީނުގެ ޙުދޫދުގެ ތެރެއަށް އަޅަކަށް ވަދެވޭނީ ﷲ ތަޢާލާ އަށް އީމާންވެ އެކަލާނގެ އެއްކައުވަންތަ ކޮށްގެންނެވެ. މިއީ ޢަޤީދާގެ އަސާސެވެ. އެެހެންކަމުން ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ދަޢުވަތު ފެއްޓެވީ މިވާޖިބުންނެވެ. މިއުންމަތުގެ ނަބިއްޔާ މުޙައްމަދު ﷺ މުޢާޛުގެފާނު ޔަމަންކަރައަށް ދާޢީއެއްގެ ގޮތުގައި ފޮނުއްވަމުން އެކަލޭގެފާނަށްވެސް އިރުޝާދުދެއްވީ ޢަޤީދާއިން ދަޢުވަތު ފަށައިގަތުމަށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ((‌إِنَّكَ ‌تَأْتِي ‌قَوْمًا ‌مِنْ ‌أَهْلِ ‌الْكِتَابِ، فَادْعُهُمْ إِلَى شَهَادَةِ أَنْ لَا إِلَهَ إِلَّا اللهُ، وَأَنِّي رَسُولُ اللهِ…)) [صحيح مسلم: 29- (19)]

މާނައީ: “ހަމަކަށަވަރުން ކަލޭގެފާނު ތިޔަވަޑައިގަންނަވަނީ އަހުލު ކިތާބީންގެ ގާތަށެވެ. ފަހެ ﷲ ތަޢާލާ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި، ތިމަންކަލޭގެފާނަކީ ﷲގެ ރަސޫލާކަމަށް ހެކިވުމަށް ގޮވާލައްވާށެވެ…..”.

 

 

  • ޝިރުކުން އެއްކިބާވެވޭނީ އިސްލާމީ ޢަޤީދާ އެނގިގެންނެވެ:

 

ﷲ ތަޢާލާއަށް ޝަރީކު ކުރުމަކީ އެންމެ ބޮޑު ފާފައެވެ. އެއީ އެފާފައެއްގެ މަތީގައި ތައުބާނުވެ ވާޙާލު މަރުވެއްޖެ މީހަކަށް ﷲ ތަަޢާލާ ފާފަ ނުފުއްސަވާނެ ފާފައެކެވެ. ﷲ ތަޢާލާއަށް އީމާންވެގެންވާ މީހުންގެ ތެރޭގައި ﷲ އަށް ޝިރުކު ކުރުމުގެ ގިނަ ކަންތައްތަކެއް ފެނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

﴿وَمَا يُؤْمِنُ أَكْثَرُهُم بِاللَّهِ إِلَّا وَهُم مُّشْرِكُونَ﴾ [يوسف: 106]

މާނައީ: “އަދި އެއުރެންކުރެ ގިނަމީހުން، ޝަރީކުކުރާ ބަޔަކުކަމުގައިވާ ޙާލުގައި މެނުވީ، اللَّه އަށް އީމާނެއް ނުވެތެވެ”.

މިގޮތުން މީސްތަކުންގެ ކިބައިން ފެންނަ ޝިރުކުގެ ބައެއް ކަންތައްތަކުގެ ތެރޭގައި ﷲ ތަޢާލާ ނޫން ފަރާތްތަކަށް (ޤަބުރުތަކާއި، ޒިޔާރަތްތަކަށް) ދުޢާކުރުމާއި، އެފަދަ ފަރާތްތަކުން ވާތްގާއި މަދަދާއި ޝިފާއަށް އެދުމާއި، ﷲ ނޫން ފަރާތްތަކަށް ނަދުރު ބުނުމާއި، ތަވީދު އެޅުމާއި، ފަންވަތް އެޅުމާއި، އަތްބެލުމާއި، ބަދު ފާލައިގެ ކަންކަން ޤަބޫލުކުރުމާއި، ރާހި ޤަބޫލުކުރުމާއި، ސިހުރު ހެދުންފަދަ ކަންކަން ހިމެނެއެވެ. ގިނަ ބަޔަކު މިފަދަ ކަންތައްތަކަށް އަރައިގަންނަނީ އެއީ ޝިރުކުގެ ކަމެއްކަން ނޭގިތިބެއެވެ. މިފަދަ ޝިރުކުގެ ފުން އަނދަވަޅަކަށް ވެއްޓުމުން ސަލާމަތްވާނީ ޢަޤީދާގެ ޢިލްމުތަކުގެ ޛަރީޢާއިން ޝިރުކަކީ ކޮބައިކަމާއި އޭގެ ވައްތަރުތައް އެނގިފައި އޮތުމުންނެވެ.

 

 

  • ޢަޤީދާ ހަރުދަނާވުމުން ﷲ އަށް ބިރުވެތިވުން ވަރުގަދަވާނެއެވެ:

 

ﷲ ތަޢާލާގެ މަތިވެރި ސިފަފުޅުތަކާއި އިސްމުފުޅުތައް އަޅުތަކުންނަށް އެނގުމުން ﷲ ތަޢާލާ މަޢުރިފާވެގެންދާނެއެވެ. އޭގެ ނަތީޖާއަކަށްވާނީ އަޅާއަށް އޭނާގެ ވެރި ރައްބުގެ ކަށަކުޅަދުންވަންތަކަމާއި، ކިބްރިޔާވަންތަކަމާއި، ގަދަފަދަވަންތަކަމާއި، ބައްލަވާވޮޑިގެންވާކަމާއި، އައްސަވާވޮޑިގެންވާކަމާއި، ދެނެވޮޑިގެންވާކަން ފަދަ ސިފަފުޅުތަކުގެ ޙަޤީޤަތް އެނގުމުން އަޅާގެ ހިތުގައި ﷲ ތަޢާލާގެ ޤަދަރު މަތިވެރިވެގެންދާނެއެވެ. ﷲ ތަޢާލާ ދެކެ އަޅާ ވާލޯބި އެތައް ދަރަޖައަކަށް އިތުރުވެގެންދާނެއެވެ. އޭގެ ސަބަބުން އަޅާ ﷲ ތަޢާލާއަށް އުރެދެން ފަސްޖެހޭނެއެވެ. ފާފަތަކަށް އަރައިގަތުމަށް ބިރުވެތިވާނެއެވެ.

 

 

  • ސައްޙަ ޢަޤީދާ އެނގުމުން ބާތިލު މަޒްހަބުތަކުގެ ޝުބުހަތަކުން ސަލާމަތްވާނެއެވެ:

 

އިސްލާމްދީނަށް ނިސްބަތްވެގެންވާ ބާތިލު އެތައް މަަޒްހަބުތައް ވެއެވެ.  ޝިޔަޢީންނާއި، ޚަވާރިޖުންނާއި މުޢުތަޒިލާއިންނާއި، ސޫފީންނާއި، ދެއޮބަންދީންނާއި، މާތުރީދީންނާއި، ޤާދިޔާނީންނަކީ މީގެ ތެރެއިން މަދު މިޘާލުތަކެވެ. މިފަދަ ކޮންމެ ބާތިލު މަޒްހަބެއްގެ އަހުލުވެރިން ޢަޤީދާގެ އެތައް ޝުބުހައެއް ފަތުރައެވެ. މިޘާލެއްގެ ގޮތުން ބަލާނަމަ ﷲ ތަޢާލާ އެއިލާހުގެ ޒާތުފުޅަށް ޘާބިތުކުރައްވާފައިވާ ސިފަފުޅުތަކަށް އިންކާރު ކުރާމީހުންނާއި، ސިފަފުޅުތަކުގެ މާނަ ތައުވީލުކުރާ ބާތިލު މަޒްހަބުތައްވެއެވެ. މިފަދަ މަޒްހަބުތަކުގެ އަހުލުވެރިން ގެންނަ ޝުބުހަތަކުގެ ދަލުގައި ނުޖެހި ސަލާމަތްވެވޭނީ އަހުލުއްސުންނާ ވަލްޖަމާޢަތުގެ ސައްޙަ ޢަޤީދާ އެނގިފައިވާނަމައެވެ.

 

المصادر:

  • مدخل لدراسة العقيدة الإسلامية، د عثمان جمعة ضميرية
  • تأصيل علم العقيدة، عبد الرحيم بن صمايل العلياني السلمي
  • الموسوعة العقدية، مجموعة من الباحثين بإشراف الشيخ عَلوي بن عبد القادر السقاف