[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤަޟާގެ މާތްކަމާއި ޢަދުލުވެރިކަމާއެކު އެކަން އަދާކުރުމަށް ހިތްވަރު ދެއްވައިފައިވުން – 5

އެހެންކަމުން ޤަޟާގެ ދާއިރާގެ ތެރެއަށް ވަންނަ މީހާ އޭނާގެ މަސައްކަތް ކުރުމުގައި އޭނާއަށް ވީވަރަކުން ޙައްޤާއި ޢަދުލުވެރިކަން ނަގަހައްޓަން ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ.

އިމާމުވެރި ބައެއް ބޭކަލުން ވިދާޅުވެފައިވެއެވެ. ޤަޟާގެ މަންޞިބަކީ އިމްތިޙާނެކެވެ. އެ ދާއިރާއަށް ވަދެއްޖެމީހާ ބޮޑުވެގެންވާ ކަމަކުން އިމްތިޙާނު ކުރެވިއްޖެކަން ކަށަވަރެވެ! އެއީ އޭނާ އޭނާގެ އަމިއްލައަތުން އަމިއްލަ ނަފުސު ހަލާކަށް ހުށަހެޅުމުގެ ސަބަބުންނެވެ. އަދި އެކަމާ މަތި ކުރެވިފައިވާ މީހާއަށް އެކަމުން ތަޚައްލުޞުވުން ވާނީ އުނދަގޫކަމަކަށެވެ. މި ސަބަބަށްޓަކައި ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވައިފައި ވެއެވެ.

((مَنْ وَلِيَ الْقَضَاءَ فَقَدْ ذُبِحَ بِغَيْرِ سِكِّينٍ)) [ސުނަން އަބީ ދާވޫދު 3571 އަދި ޞަޙީޙުލް ޖާމިޢުއް ޞަޣީރު 6594]

މާނައީ: “ޤަޟާ އެ މީހާކާ މަތިކުރެވިއްޖެ މީހާ ވަޅިއަކާ ނުލައި ކަތިލެވިއްޖެއެވެ.”

އިބްނު ޝާސް ވިދާޅުވެފައި ވެއެވެ.

“މި ޙަދީޘްގެ އިބްނު އަބީ ޛުއައިބުގެ ރިވާޔަތުގައި އައިސްފައި ވެއެވެ: ((فَقَدْ ذُبِحَ بِالسِّكِّينِ)) [މާނައީ: “ހަމަކަށަވަރުން ވަޅިއަކުން އޭނާ ޛަބަޙަ ކުރެވިއްޖެއެވެ.”] މި ފަދައިންނެވެ.

އަބޫ ޤިލާބާ ވިދާޅުވިއެވެ.

“ޢިލްމުވެރި ޤާޟީއެއްގެ މިސާލަކީ ކަނޑުގައި ފަތާ މީހެއްގެ މިސާލެވެ. އެ މީހާ ޣަރަޤުވަންދެން ފެތުމުގައި ހޭދަ ކުރެވޭނީ ކިހައި އިރެއް ބާވައެވެ!؟”

އިމާމުވެރި ބޭކަލަކު ވިދާޅު ވިއެވެ. ތަޤުވާވެރީންގެ ޢަލާމާތަކީ މިކަމުން ދުރުވެ ރެކި ސަލާމަތްވެގަތުމެވެ. އެ ބޭބޭކަލުންނަށް ތަބާ ވެވޭ އިމާމުވެރި ބޭބޭކަލުންކުރެ ޖަމާޢަތެއްގެ ބޭކަލުން މި މަޤާމުން ރައްކާތެރިވެ ސަލާމަތްވެގެން ވުމަށްޓަކައި ނުހަނު ގިނަ ތަކުލީފުތައް އުފުއްލެވިއެވެ. އަދި އެ ބޭކަލުން އެ މަންޞިބާ ހަވާލުވުމަށް އިންކާރުކުރެއްވުމުގެ ސަބަބުން ކުރިމަތިލައްވާން ޖެހިވަޑައިގެން އުނދަގުލާއި ތުރާލުގެ މައްޗަށް ކެތްތެރިވެވަޑައިގެންނެވިއެވެ.

އަބޫ ޤިލާބާގެ ކިބައިން ޤަޟާއާ ޙަވާލުވުމަށް އެދެވުމުން އެކަލޭގެފާނު މިޞްރަށް ދުރުވެ ފިއްލެވިއެވެ. އެ ތަނުގައި އައްޔޫބު [އައްސިޚްތިޔާނިއްޔު]އާ ބައްދަލު ވިއެވެ. އަބޫ ޤިލާބާ ޤަޟާއާ ޙަވާލުވުމަށް އައްޔޫބު ހިތްވަރު ދެއްވިއެވެ. އަބޫ ޤިލާބާއަށް އައްޔޫބު ވިދާޅުވިއެވެ. “ކަލޭގެފާނު ސާބިތުވެ ވަޑައިގެންނަމަ ބޮޑުވެގެންވާ އަޖުރު ޙާޞިލު ކުރެއްވީހެވެ!” ދެން އަބޫ ޤިލާބާ ވިދާޅު ވިއެވެ. “ކަނޑުގައި ޣަރަޤުވަމުންދާ މީހާ ފަތާނީ ކިހައި އިރެއް ވަންދެން ތޯއެވެ!؟”

ސަޙްނޫނަށް ޤަޟާ ޙަވާލު ކުރެވުމުންވެސް އެކަލޭގެފާނުގެ އަމިއްލަ ނަފުސުގެ މައްޗަށް ބިރުވެތި ވެއްޖެއުމަށް ދާންދެން ޙަވާލު ނުވިއެވެ. އެ ކަލޭގެފާނު ޤަޟާއާ ޙަވާލު ވެވަޑައިގެންނެވީ އެ ކަލޭގެފާނުގެ މައްޗަށް ޤަޟާއާ ގުޅުން ފަރުޟު ޢައިނެއްކަމުގައި އަމިއްލައަށް ޤަބޫލުފުޅު ކުރެވުމުންނެވެ. ކަން މިހެން ހުރިނަމަވެސް، އިސްވެދިޔަ  އަބޫ ޤިލާބާގެ ބަސްފުޅާއި އަދިވެސް ޤަޟާގެ މައިދާނާ ދުރުވެ ރައްކާތެރިވުމަށާއި އެ މަންޞިބާމެދު ބިރުވެރިކަން އުފައްދަނިވި ވާހަކަތަކާއި ބަސްފުޅުތަކަކީ އެ [ޤާޟީއަކަށް ޢައްޔަނު ކުރެވޭ މީހުން ކުރެ] އެ މީހެއްގެ ނަފުސުގެ ކިބައިގައި ހުރުން ވާޖިބު ވެގެންވާ މިނިވަންކަމާއި ޙައްޤަށް ޙުކުމްކުރުމުގައި ނަފުސުގެ ބަލިކަށިކަންވާކަން ދެނެހުރި މީހާއާ މެދު އައިސްފައިވާ ބަސްފުޅުތަކެވެ. ހަމަ އެހެންމެ އެ މަންޞިބަށް އެ މީހަކު ކުފޫ ހަމަވާކަމަށް އަމިއްލައަށް ޤަބޫލު ކުރެވޭ އެހެނަސް އެހެން މީހުނަށް [ޢިލްމުވެރީންނަށް] އެ މީހަކީ އެ މަންޞިބަށް ކުފޫ ހަމަވާ މީހެއްކަމަށް ނުފެންނަ މީހާއާ މެދުއެވެ.

އިމާމު މާލިކުގެފާނު ވިދާޅު ވެފައި ވެއެވެ.

“މީސްތަކުން ވަކި މީހަކު އެއީ ވަކިކަމަކަށް ކުޅަދާނަ މީހެއްކަމުގައި ނުދެކޭއިރުވެސް އެ މީހާ އަމިއްލައަށް އެ މީހާއީ އެކަމަށް ކުޅަދާނަ މީހެއްކަމަށް ޤަބޫލު ކުރެވޭ މީހެއްގެ ކިބައިގައި ހެވެއް ނުވެއެވެ.”

މި ބަސްފުޅުގައި އައިސްފައިވާ ‘މީސްތަކުން’ގެ މާނައަކީ ދަންނަބޭކަލުންނެވެ. މި ޙާލަތުގައިވާ މީހާ ޤަޟާގެ މަޤާމުތަކުން ރައްކާތެރިވުމަކީ ވާޖިބެކެވެ. އެއީ އޭނާގެ ނަފުސުގެ ސަލާމަތަށް އެދުމަކީ އަމުރު ވެވިގެން ވާ ލާޒިމުކަމެއްކަމުގައި ވާތީއެވެ!

 


 

މަޞްދަރު: تبصرة الحكام لابن فرحون

މި ލިޔުމުގެ އެހެންބައިތައް