ދަންނާށެވެ! ޤަޟާގެ މަންޞިބަށް އެދުމާއި އެ މަޤާމު ހޯދުމަށް މަސައްކަތް ކުރުމަކީ އެމީހަކަށް ޤިޔާމަތް ދުވަހު ހަލާކާއި ހިތާމައާ ކުރިމަތިވެދާނެ ސަބަބެކެވެ. ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިކަމަށް ރިވާ ވެގެންވެއެވެ.
((سَتَحْرِصُونَ عَلَى الْإِمَارَةِ وَتَكُونُ حَسْرَةً وَنَدَامَةً يَوْمَ الْقِيَامَةِ فَنِعْمَ الْمُرْضِعَةُ وَبِئْسَت الْفَاطِمَةُ)) [ބުޚާރީ 7148، ނަސާއީ 4211]
މާނައީ: “ތިޔަބައިމީހުން ވެރިކަމުގެ މައްޗަށް ދަހިވެތިވާނޭ ޒަމާނެއް އަންނާނެއެވެ. ތިޔަބައިމީހުންގެ އެ ޢަމަލު ވާނީ ތިޔަބައިމީހުންނަށް ޤިޔާމަތް ދުވަހު ގެއްލުމާއި ހަލާކު ލިއްބައިދެނިވި ކަމަކަށެވެ. އެފަދަ މީހަކަށް ދުނިޔޭގައި ހުރި މޮޅުކަމާއެވެ. އަދި އާޚިރަތުގައި ހުރި ހިތިކަމާއެވެ.”
އަދި ހަމަ އެހެންމެ ޤަޟާގެ މަންޞިބަކަށް އެދުމާއި އެކަމަށް މަސައްކަތް ކުރުމުން އެކަމެއް އެ މީހާގެ މައްޗަށް ހަވާލު ކުރެވެއެވެ. އަދި އެފަދަ މީހަކަށް ގެއްލުމާއި ހަލާކުގެ ބިރު ހުއްޓެވެ. މިއާ ޚިލާފަށް ޤަޟާގެ މަންޞިބަށް އެދުމަކާ ނުލައި، އެ މަޤާމަށް އެއްވެސް ދަހިވެތިކަމެއް އޭނާގެ ހިތުގައި ނުވާ މީހާއަށް ޤަޟާގެ މަޤާމެއް ލިބި އެކަމުން އިމްތިޙާނު ކުރެވިއްޖެނަމަ، އެކަމުގައި ﷲ އެ މީހާއަށް ވާގިވެރިވެވޮޑިގެން ވާނެއެވެ. ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެއެވެ.
((مَنْ طَلَبَ الْقَضَاءَ وَاسْتَعَانَ عَلَيْهِ وُكِلَ إلَيْهِ، وَمَنْ لَمْ يَطْلُبْهُ وَلَا اسْتَعَانَ عَلَيْهِ أَنْزَلَ اللَّهُ مَلَكًا يُسَدِّدُهُ)) [އަބޫ ދާވޫދު 3578 އަދި ޟަޢީފު އަބީ ދާވޫދު 5688]
މާނައީ: “ޤަޟާއަށް އެދިގެން އެ ކަންތައް ހޯދުމުގައި އެހީތެރިކަމަށް އެދޭ މީހާއަށް އެކަން ހަވާލު ކުރެވިއްޖެއެވެ. އަދި ޤަޟާއަށް ނުއެދި އަދި އެ ހޯދުމުގައި އެހީތެރިކަމަކަށްވެސް ނުއެދޭ މީހާއަށް އެ މަސައްކަތުގައި ތެދުމަގަށް މަގު ކޮށައިދޭނޭ މަލާއިކަތެއް ﷲ ފޮނުއްވާނެއެވެ.”
އަދިވެސް ނަބިއްޔާ ޙަދީޘް ކުރައްވައިފައިވެއެވެ.
“يَا عَبْدَ الرَّحْمَنِ لَا تَسْأَلْ الْإِمَارَةَ فَإِنَّك إنْ تُؤْتَهَا مِنْ غَيْرِ مَسْأَلَةٍ تُعَنْ عَلَيْهَا وَإِنْ تُؤْتَهَا عَنْ مَسْأَلَةٍ تُوكَلْ إلَيْهَا” [ބުޚާރީ 6622]
މާނައީ: “އޭ ޢަބްދައްރަޙްމާނޭވެ! ވެރިކަމަށް ކަލޭގެފާނު އެދިވަޑައިނުގަންނަވާށެވެ! ފަހެ ހަމަކަށަވަރުން ކަލޭގެފާނު ސުވާލު ކުރެއްވުމަކާ ނުލައި އެ ކަން ޙަވާލު ކުރެވިއްޖެނަމަ؛ ކަލޭގެފާނުގެ އެ މަސައްކަތުގައި އެހީތެރިކަމާއި މަދަދު ލިބޭނެތެވެ. އެހެނަސް ކަލޭގެފާނު އެ ކަމަށް އެދިވަޑައިގެންނެވިނަމަ އެ ކަންތައް ހަމައެކަނި ކަލޭގެފާނަށް ހަވާލުކުރެވޭނެއެވެ. (އެބަހީ:އެކަމުގައި ކަލޭގެފާނަށް އެހީތެރިކަމެއް މަދަދެއް ނުލިބޭނެއެވެ.)”
މަޞްދަރު: تبصرة الحكام لابن فرحون