[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤަޟާގެ މާތްކަމާއި ޢަދުލުވެރިކަމާއެކު އެކަން އަދާކުރުމަށް ހިތްވަރު ދެއްވައިފައިވުން – 7

ކަން މިފަދައިން ހުރިއިރު، ޤަޟާގެ މަންޞިބެއް ހޯދުމަށް ރިޝްވަތު ދިނުމުގެ ނުބައިކަން ހާދަހާ ބޮޑުވެގެން ވެއެވެ!

ޝާފިޢިއްޔަ ދަންނަބޭކަލުން ކުރެ އިބްނު ސުރައިޖުގެ ދަރިވަރެއްކަމުގައިވާ އަބުލްޢައްބާސް [އިބްނުލްޤާޞް] ވިދާޅުވެފައި ވެއެވެ.

“މުޤާބިލަކަށް ޤަޟާގެ މަންޞިބު ބަލައިގަނެ ނުވަތަ ޤަޟާގެ މަޤާމު ހޯދައިގަތުމަށް ރިޝްވަތު ހުށަހެޅި މީހާ، އެ މަޤާމަށް ޢައްޔަނު ކުރެވުނު ކުރެވުން ބާޠިލު ވާނެއެވެ. އަދި އޭނާ ކަނޑައަޅާ ނިޔާ އެއީ ބަލައިނުގަނެ ރައްދު ކުރެވޭނޭ އެއްޗެކެވެ. އެއީ އޭނާ އެ ކަނޑައެޅި ނިޔާއަކީ ޙައްޤަށް ކަނޑައެޅި ނިޔާއެއްކަމުގައި ވިޔަސް މެއެވެ.”

އަދިވެސް އަބުލްޢައްބާސް ވިދާޅު ވިއެވެ.

“އޭނާ އެ ރިޝްވަތު ދިނީ ޤާޟީއެއްގެ މަޤާމުގައި ހުރި މީހަކު އެ މަޤާމުން ދުރުކޮށް، އެ މަޤާމަށް އޭނާ ޢައްޔަނު ކުރުމަށްކަމުގައި ވިޔަސް މެއެވެ. ނަމަވެސް އޭނާ ރިޝްވަތު ދިނީ ހަމައެކަނި ޤާޟީއެއް އެ މަޤާމުން ދުރު ކުރުމަށް ނަމަ އަދި އެ ޤާޟީއެއް ދުރު ކުރެވި، ރިޝްވަތަކާ ނުލައި އޭނާއަށް އެ މަޤާމު ލިބުނުނަމަ އަންނަނިވި ކަންކަމަށް ބެލެވޭނެއެވެ. އޭނާ ރިޝްވަތު ދިނީ ޢަދުލުވެރި ޤާޟީއެއް އެ މަޤާމުން ދުރު ކުރާން ހެއްޔެވެ؟ އެއީ ޢަދުލުވެރި ޤާޟީއެއްނަމަ އެ ޤާޟީއެއް މަޤާމުން ދުރު ކުރުމަށް ރިޝްވަތު ދިނުމަކީ ޙަރާމު ކަމެކެވެ. އަދި އެ ޤާޟީ އެ މަޤާމުގައި ދެމި ހުންނާނެއެވެ. އެއީ އެ ޤާޟީއެއް ވަކި ކުރެވުމުގެ ކުރިއަށް ޤާޟީ ވަކި ކުރާ ފަރާތުން (ޤާޟީ ވަކި ކޮށްދޭން ރިޝްވަތު އެ ފަރާތަކަށް ހުށަހެޅުނު ފަރާތް) ރިޝްވަތު ދިން މީހާއަށް ރިޝްވަތަށް ދިން އެއްޗެއް ރައްދުކޮށް، ތައުބާ ނުވާނަމައެވެ. އަދި އެ މަޤާމުގައި ހުރި ޤާޟީ ވަކިކޮށް، އެ މަޤާމަށް ރިޝްވަތު ދިން މީހާ ޢައްޔަނު ކުރެވުމުގެ ކުރިއަށް އޭނާ ރިޝްވަތު ދެވުނުކަމަށްޓަކައި ތައުބާވެފައި ނުވާނަމަ، އޭނާ އެ މަޤާމަށް ޢައްޔަނު ކުރެވުމަށް ފަހު ކުރާ ޙުކުމުތައް ވާނީ ބާޠިލު ޙުކުމުތަކަކަށެވެ. ނަމަވެސް އޭނާ އެ މަޤާމަށް ޢައްޔަނު ކުރެވުމުގެ ކުރިއަށް ތައުބާ ވީނަމަ، އޭނާގެ ޙުކުމުތައް ޞައްޙަ ވާނެއެވެ. މީހާ ރިޝްވަތު ދިނީ އަނިޔާވެރި ޤާޟީއެއް އެ މަޤާމުން ދުރު ކުރުމަށްކަމުގައި ވާނަމަ، އެ މަޤާމަށް އިސް ކުރެވޭ (ރިޝްވަތު ދިން) މީހާގެ ޙުކުމުތައް އެއީ ބާޠިލު ޙުކުމުތަކެއްކަމުގައި ނުވާނެއެވެ. މިއީ ޝާފިޢީ އަދި ޙަނަފީ މަޛްހަބުގެ އުޞޫލުތަކާ އެއްގޮތް ވާ ގޮތުގެ މަތީން ނެރެވިފައި ވާ ފިޤުހީ ޙުކުމެވެ.” – އަބުލްޢައްބާސްގެ ވާހަކަ މި ހިސާބަށް ނިމުނީއެވެ.

އަހަރެމެންގެ މާލިކިއްޔަ ދަންނަބޭކަލުން ވިދާޅުވެފައި ވެއެވެ.

“ކަންމިހެން ހުރުމާއެކު ޤަޟާގެ މަންޞިބަށް އެދޭ މީހަކު އޭގެ މަޤާމަކަށް ވެރި ނުކުރުން ވާޖިބުވެގެން ވެއެވެ. އެއީ އޭނާގެ ކިބައިގައި ޤާޟީއެއްގެ ހުރިހާ ޝަރުޠެއް ފުރިހަމަވީ ކަމުގައި ވިޔަސްމެއެވެ. އެހެނީ އެފަދަ މީހެއް ޤަޟާއަށް އިސް ކުރެވުމުން އޭނާގެ މަސައްކަތުގައި އޭނާއަށް ﷲގެ ޙަޟުރަތުން މަދަދާއި އެހީތެރިކަން ނުލިބިދާނޭކަމުގެ ބިރަށްޓަކައެވެ. ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވައިފައި ވެއެވެ.

((إنَّا لَا نَسْتَعْمِلُ عَلَى عَمَلِنَا هَذَا مَنْ أَرَادَهُ)) [ބުޚާރީ 6923]

މާނައީ: “އަހަރެމެންގެ މިކަމުގައި މި ކަމަށް އެދޭ މީހަކު ބޭނުން ނުކުރަމެވެ.”

ﷲ އެ ބޭކަލަކަށް ރުއްސުން ލެއްވި ޢުމަރު ބްނު އަލްޚައްޠާބުގެ އަރިހަށް އެއްފަހަރަކު އައި ވަފުދެއްގައި ހިމެނޭ ޒުވާނެއްގެ ސަބަބުން ޢުމަރުގެފާނު ޢަޖައިބު ވިއެވެ. އެއީ އެ ޒުވާނާ ޤަޟާގެ މަންޞިބަށް އެދިގެން އައުމުންނެވެ. ދެން ޢުމަރުގެފާނު އެ ޒުވާނާއަށް ވިދާޅުވިއެވެ. “މި ކަމަކީ އެކަމަކަށް ހިތް ޖެހިގެން އައި މީހާ ކުރުމަށް ކުޅަދާނަވާނޭ ކަމެއް ނޫނެވެ.” “

އިބްނު ޝާސް ވިދާޅުވެފައި ވެއެވެ.

“ޢަދުލުވެރި އިމާމަކު މަޖުބޫރު ކުރުވައިގެން ނުވަތަ އެ ނޫން މީހަކު ނެތިގެން މެނުވީ ޤަޟާގެ މަންޞިބަށް އަމިއްލަ ނަފުސު ހުށަހަޅަން ނުވާނެއެވެ.”

ޢަދުލުވެރި އިމާމަކަށް އޭނާއަށް ޞާލިޙުކަމުގައި ފެނިއްޖެ މީހަކަށް ޤަޟާއާ ޙަވާލުވުމުގެ މައްޗަށް މަޖުބޫރު ކުރެވިދާނެއެވެ. އަދި އެ މަޖުބޫރު ކުރެވުނު މީހާއަށް އެ ކަމުން ސަލާމަތްވުމަށްޓަކައި ދުވެ ފިލިދާނެއެވެ. އެއީ އޭނާގެ މައްޗަށް ފަރުޟު ޢައިނެއްކަމުގައި ވެފައި ނުވާނަމައެވެ. އެފަދައިންވާނީ އޭނާ ފިޔަވައި ޤަޟާއަށް ކުފޫ ހަމަވާ މީހަކު އެ ސަރަޙައްދުގައި ނެތްނަމައެވެ. މިފަދަ ޙާލަތުގައި އެ މަޤާމުން ރެކި މަނާވެގަތުން އޭނާގެ މައްޗަށް ޙުއްދަ ނުވާނެއެވެ. އަދި ކިއެއް ހެއްޔެވެ! މިފަދަ ޙާލަތެއްގައި އެ މަޤާމަށް އެދި އެ މަޤާމު ހޯދުމަށް އުޅުންވެސް އޭނާގެ މައްޗަށް ވާޖިބުވެގެން ވާނެއެވެ. އެއީ އެ ފަރުޟު އޭނާގެ މައްޗަށް ޢައްޔަނު ވުމުގެ ސަބަބުންނެވެ. މިކަމަށް ދަލީލު ލިބެނީ ޔޫސުފުގެފާނު ވިދާޅުވިކަމުގައި ﷲ ވަޙީކުރައްވައިފައިވާ އަންނަނިވި ބަސްފުޅުންނެވެ.

(اجْعَلْنِي عَلَى خَزَائِنِ الأَرْضِ إِنِّي حَفِيظٌ عَلِيمٌ) (ޔޫސުފު 55)

މާނައީ: ” (މިޞްރުގެ) ބިމުގެ ޚަޒާނާތަކުގެ ވެރިޔަކަށް ތިމަން ލައްވާށެވެ! ހަމަކަށަވަރުން، ތިމަންނާއީ (އެއަށް) ރައްކާތެރިވާ (އެއާބެހޭ ކަންތައްތައް) ރަނގަޅަށް ދަންނަ މީހަކީމެވެ.”

އެ ކަލޭގެފާނު ހުންނެވީ ކާފިރުންގެ މެދުގައެވެ. އެ ކަލޭގެފާނު އެ މަޤާމަށް އެދިވަޑައިގެންނެވީ އެ މަޤާމުގައި ހުންނަވައިގެން އެބައިމީހުންގެ ކަންކަން އިޞްލާޙު ކުރެއްވުމަށާއި އެ މީހުންނަށް ﷲގެ މަގަށް ގޮވައިލުމަށެވެ. އެހެނީ އަޅުތަކުންގެ ރިޒްޤުގެ ކަންކަމާ މަތި ކުރެވިފައިވާ މީހަކަށް މީސްތަކުން ހެޔޮކޮށް ހިތައި، މުޖުތަމަޢުގައި އެންމެ ގަދަފަދަ ވެގަނެގެން އުޅޭ މީހުންވެސް އެފަދަ މީހާއަށް ހިތްތިރިކޮށް ކަމޭ ހިތާނޭތީއެވެ. މުޖުތަމަޢުގައި އުޅޭ ހަމަކޮންމެ މީހަކުވެސް މި މަޤާމުގައި ހުންނަ މީހާގެ ދޮރުގައި ޓަކި ދޭން ޖެހޭނެތީއެވެ. ވަޒީރެއްގެ މަޤާމު ނުވަތަ ބިމެއްގެ ވެރިކަން އެދި ލެއްވުމުގެ ބަދަލުގައި މި މަޤާމު ދެއްވުމަށް އެ ކަލޭގެފާނު އެދިލެއްވީ މިހެން ވެގެންނެވެ.

އެ ކަލޭގެފާނު މި މަޤާމު އެދިލެއްވީ އެ ކަލޭގެފާނުގެ އަޚާއާއި ދިމާވުމަށްޓަކައޭ ނުބުނެވޭނެއެވެ. އެހެނީ ހަމަ ޔަޤީނުންވެސް އެކަލޭގެފާނުގެ މަޤާމު އެއަށް ވުރެ ޝަރަފުވެރިވެގެން ވެއެވެ. އަދި ފުރިހަމަވެގެން ވެއެވެ. އަދި އެކަލޭގެފާނު އެ މަޤާމާ ޙަވާލުވުމުގެ ސަބަބުން އެ ކަލޭގެފާނުގެ އަޚާއާ ދިމާވަނީނަމަ އެއީ ކުރިން ބުނި ސަބަބުގެ އިތުރުން އެ ސަބަބާއި ގުޅިގެން ޙާޞިލުވާކަމެކެވެ. އެކަލޭގެފާނު ހަވާލުވެވަޑައިގަތް މަޤާމުގެ ސަބަބުން އެ ކަލޭގެފާނުގެ އަޚުންނާއި ދިމާވުން ލާޒިމު ވެއެވެ. އެހެނީ ކާބޯތަކެތި ހޯދުމަށް ކޮންމެހެންވެސް އެ ކަލޭގެފާނުގެ އަރިހަށް ދާން ޖެހޭކަމަށް ޓަކައެވެ.

މާތް ﷲ އެ ކަލޭގެފާނަށާއި އަހަރެންގެ ނަބިއްޔާއަށާއި އަދި އެހެން ހުރިހާ ނަބީބޭބޭކަލުންނަށް ޞަލަވާތާއި ސަލާމު ލައްވާނދޭވެ!

 


 

 

މަޞްދަރު: تبصرة الحكام لابن فرحون

 

މި ލިޔުމުގެ އެހެންބައިތައް