[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤަޟާގެ މާތްކަމާއި ޢަދުލުވެރިކަމާއެކު އެކަން އަދާކުރުމަށް ހިތްވަރު ދެއްވައިފައިވުން – 8

[فَصْلٌ فِي بَيَانِ أَنَّ طَلَبَ الْقَضَاءِ يَنْقَسِمُ إلَى خَمْسَةِ أَقْسَامٍ]

[ޤަޟާއަށް އެދުމުގެ ޙުކުމު ފަސް ދަރަޖައަކަށް ބެހިގެން ވާކަން ބަޔާން ކުރާ ފަޞްލު]

 

ޤަޟާއަށް އެދުމުގެ ޙުކުމުގައި ފަސް ދަރަޖައެއް ވެއެވެ. އެއީ:

  • ވާޖިބު
  • މުބާޙު
  • މުސްތަޙައްބު
  • މަކުރޫހަ
  • ޙަރާމު.

މި ފަސް ދަރަޖައެވެ.

 

ފުރަތަމަ ދަރަޖަ: އެމީހަކީ އިޖުތިހާދު ކުރުމުގެ އަހުލުވެރިއެއް ނަމަ، ނުވަތަ ޢިލްމާއި ޢަދުލުވެރިކަމުގެ އަހުލުވެރިއެއް ނަމަ އަދި އެ ސަރަޙައްދުގައި ޤާޟީއެއް ނެތްނަމަ ނުވަތަ ޤާޟީއެއް ހުރެމެ، އެއީ ޤަޟާއަށް ޢައްޔަނު ކުރުން ޙުއްދަ ނޫން މީހެއް ނަމަ ނުވަތަ ރަށުގައި އޭނާ ފިޔަވައި ޤާޟީއަކަށް ހެޔޮވާވަރުގެ ދެވަނަ މީހަކު ނެތް ނަމަ ނުވަތަ އޭނާ އެ މަޤާމާ ޙަވާލު ނުވެއްޖެ ނަމަ، ދެން އެ މަޤާމަށް އަންނާން ހުރީ އެ މަޤާމަށް ޢައްޔަނު ކުރުން ޙުއްދަ ނޫން މީހެއް ނަމަ ނުވަތަ މިހާރު ޤަޟާގެ މަޤާމުގައި ހުރީ އެ މަޤާމުގައި ހުރުން ޙުއްދަ ނޫން މީހެއްކަމުގައި ވެފައި، އެ މަޤާމުން އޭނާ ދުރު ކުރެވެން އޮތީ އެހެން މީހަކު ޤަޟާގެ މަޤާމާ ޙަވާލުވެގެންކަމުގައިވާ ނަމަ، މިފަދަ މީހަކަށް ޤަޟާއަށް ހުށަހެޅުމާއި އެ މަޤާމު ހޯދަން މަސައްކަތްކުރުން ވެގެން ދާނީ ޢައިނިއްޔަ ފަރުޟެއްކަމުގައެވެ. އެއީ އޭނާ ޤަޟާއަށް އެދެނީ ޙައްޤުތައް ރައްކާތެރި ކުރުމަށާއި ޝަރުޢާ އެއްގޮތްވާ ގޮތުގެ މަތިން ޙުކުމުތައް ގެންދިއުމަށްކަމުގައި ވާނަމައެވެ. މިފަދަ މީހަކަށް ޤަޟާގެ މަންޞިބަށް ވާޞިލުވެވުމުން އެންމެންގެ މައްޗަށް އޮތް ފަރުޟު އަދާ ވީއެވެ.

ދެވަނަ ދަރަޖަ: އެއީ ފަޤީރެއްކަމުގައި ވެފައި، އޭނާ ޚަރަދު ކުރަން ޖެހޭ މީހުން ތިބެއްޖެ ނަމަ، އެފަދަ މީހަކަށް ޤަޟާގެ މަންޞިބަށް އެދި މަސައްކަތް ކުރުން ޙުއްދަވެގެން ވެއެވެ. އެއީ އޭނާއާ ކުރިމަތި ވެފައިވާ އުނިކަން ފޫ ބެއްދުމަށްޓަކައެވެ. ހަމަ މި ގޮތަށް އޭނާގެ ނަފުސަށް ލިބިދާނޭ ގެއްލުމަކުން ސަލާމަތް ވުމަށްޓަކައިވެސް އޭނާއަށް ޤަޟާއަށް އެދިގެން މަސައްކަތް ކުރުން ޙުއްދައެވެ. މި ބުނެވުނު ދެ ޙާލަތުން ކުރެ ފުރަތަމަ ޙާލަތް ނަޤުލު ކުރައްވައިފައިވަނީ އަލްމާޒިރިއްޔެވެ. އަދި މި ބުނެވުނު ދެވަނަ ޙާލަތު ނަޤުލު ކުރައްވައިފައިވަނީ މުސްތަޙައްބު ޙާލަތްތަކުގެ ތެރޭގައެވެ.

ތިންވަނަ ޖަރަޖަ: ޢިލްމުވެރިން ކުރެ ބޭކަލެއްގެ ޢިލްމުވެރިކަން މީސްތަކުންނަށް ސިއްރުވެފައި ވާނަމަ، އެފަދަ މީހަކު ޤަޟާގެ މަންޞިބަށް އިސްކޮށް، އޭނާ މީސްތަކުންގެ މެދުގައި މަޝްހޫރު ކުރުމަށް އިމާމު ބޭނުންވެއްޖެ ހިނދަކު އެ ކަންތައް ކުރުން އިމާމުގެ މައްޗަށް ވެއެވެ. އެއީ އޭނާ މީސްތަކުން ކުރެ ޖާހިލުންނަށް އުނގަންނައިދީ، އިރުޝާދަށް އެދިގެން އަންނަ މީހުންނަށް ފަތުވާ ދެއްވާ ހެދެމަށެވެ. އަދި އެ މީހެއްގެ ޢިލްމުވެރިކަން އިމާމަށާއި އެހެން މީސްތަކުންނަށްވެސް ސިއްރުވެފައި ވާ މީހާއަށް، އޭނާއަށް ލިބިފައިވާ ޢިލްމު މީސްތަކުންނަށް އެނގުމަށްޓަކައި، އެ ނިޔަތުގައި ޤަޟާގެ މަންޞިބަކަށް އެދި މަސައްކަތް ކުރުމާއި ޤަޟާއަށް ވަނުން މުސްތަޙައްބު ވެގެން ވެއެވެ.

އަލްމާޒިރިއްޔު رحمه الله ވިދާޅުވިއެވެ.

“ޤަޟާގެ މަޤާމު އެ މީހެއްގެ މައްޗަށް ޢައިނިއްޔަ ފަރުޟެއްކަމުގައި ނުވާ މީހާއަށްވެސް އޭނާއަކީ އެ މަޤާމަށް ޢައްޔަނު ކުރެވޭ އަނެއް މީހާއަށް ވުރެ މުސްލިމުންނަށް ފައިދާ ބޮޑު މީހެއްކަމަށް ފެނިއްޖެނަމަ، އެފަދަ މީހާއަށްވެސް ޤަޟާއަށް ވެރިވުން މުސްތަޙައްބެވެ. އެ މަޤާމަށް ޢައްޔަނު ކުރަން ހުރި އަނެކާއަށް ވުރެ މީނާއަކީ ބައެއް ކަންކަމުގައި އުނިކަން ހުރި މީހެއްކަމުގައި ވިޔަސްމެއެވެ. އެހެނީ އޭނާއީ އެ މަޤާމަށް ޢައްނު ކުރަން ޙައްޤު މީހެއްކަމުގައި ވާތީއެވެ.”

ހަތަރުވަނަ ދަރަޖަ: އެމީހާ ޤަޟާގެ މަޤާމަށް އެދެނީ ޖާހާއި އާރާއި ބާރު ހޯދައިގަތުމަށްކަމުގައި ވާނަމަ، ޤަޟާއަށް އެދުން މަކުރޫހަ ވެގެންވެއެވެ. މި ޙާލަތުގައި އޭނާގެ މައްޗަށް ޤަޟާއަށް އެދުން ޙަރާމުވާނޭކަމުގައި ބުނުން މާ އައުލާ ވެގެން ވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

تِلْكَ الدَّارُ الآخِرَةُ نَجْعَلُهَا لِلَّذِينَ لا يُرِيدُونَ عُلُوًّا فِي الأَرْضِ وَلا فَسَادًا وَالْعَاقِبَةُ لِلْمُتَّقِينَ [ޤަޞަޞް 83]

މާނައީ: “އެއީ އާޚިރަތުގެ (ނިޢުމަތުގެ) ގޮވައްޗެވެ. އެ ގޮވަތި ތިމަންއިލާހު ލައްވާހުށީ ބިމުގައި ބޮޑާވެގަތުމެއް، އަދި ފަސާދަ ކުރުމެއްވިޔަސް ނޭދޭ މީހުންނަށެވެ. އަދި ހެޔޮ ނިމުންވަނީ ތަޤުވާވެރިންށެވެ.”

އެމީހާއީ މުއްސަންޖެއްކަމުގައި ވާނަމަ ޤަޟާގެ މަޤާމުގައި މުސާރައެއް ނެގުން މަކުރޫހައެވެ.

ފަސްވަނަ ދަރަޖަ: އެއީ ޤަޟާގެ މަންޞިބެއްގެ އަހުލިއްޔަތު ނެތް، ޖާހިލެއްކަމުގައިވާ މީހާ ޤަޟާގެ މަޤާމު ހޯދާން އުޅުމެވެ. ނުވަތަ އެއީ ޢިލްމުގެ އަހުލުވެރިއެއް ނަމަވެސް ފާސިޤުކަން ވާޖިބު ކުރުވަނިވި ކަމެއް މީހާގެ ކިބައިގައި ހުރެމެ ޤަޟާގެ މަޤާމު ހޯދާން އުޅުމެވެ. ނުވަތަ އޭނާ ޤަޟާގެ މަޤާމު އެދެނީ އޭނާގެ ޢަދުއްވުގެ ކިބައިން ބަދަލު ހިފުމަށް ނުވަތަ ޚަޞްމުންގެ ފަރާތުން ރިޝްވަތު ހޯދުމަށް ނުވަތަ މި ނޫންވެސް ފާސިދު މަޤްޞަދުތަކުގައި ކަމުގައި ވާނަމައެވެ. މިފަދަ ހުރިހާ ޙާލަތަކުވެސް ޤަޟާއަށް އެދި މަސައްކަތް ކުރުން އެ މީހެއްގެ މައްޗަށް ޙަރާމު ވާނެއެވެ.

 


 

މަޞްދަރު: تبصرة الحكام لابن فرحون

 

މި ލިޔުމުގެ އެހެންބައިތައް