[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (34)

ދެވަނަ އަސާސް: ބާރުވެރިކަން

މައިންބަފައިންގެ ބަހަށް ބޯލެނބުވުމާއި ކިޔަމަންތެރިކުރުވުމަށް މަސައްކަތްކުރާށެވެ.

ހެޔޮ ވިސްނޭ އިންސާނެއްކަމުގައި ވަންޏާ އެމީހަކު، އުމުރުން ދުވަސްވެފައިވާ މީހުންނަށާއި، ބޮޑެތި މީހުންނަށް އިޙްތިރާމްކުރާނެއެވެ. އަދި އޭނާއަށްވުރެ މަތީ ފަންތީގައި ތިބޭ މީހުންނަށް ކިޔަމަންތެރިވެ ބޯލަނބާނެއެވެ. އަދި ކޮންމެ މީހަކަށްވެސް، މުޖުތަމައެއްގައި ވަކި މަޤާމެއް ވާކަމާއި، އެތަނެއްގެ އެންމެ ބޮޑު މީހުންނަށް ބޯލަނބައި ކިޔަމަންވާންޖެހޭނެކަން އޭނާ ދަންނާނެއެވެ. މައިންބަފައިންނަކީ ދަރިފުޅުގެ ރައީސުންނެވެ. އެދެމީހުންނަށްޓަކައި ކިޔަމަންތެރިކަމުގެ ފިޔަ ތިރިކުރަންޖެހޭނެއެވެ. އެއީ އީމާންކަމަށްފަހު މަތިވެރި ދަރަޖައެއް ލިބިފައިވާ ކަމެކެވެ. ދަރިފުޅު ކުޑައިރު އޭނާގެ މައިންބަފައިންނަށް ކިޔަމަންތެރި ނުކުރުވައިފިނަމަ، އެހެން އެއްވެސް ބަޔަކަށް އޭނާ ކިޔަމަންތެރި ނުވާނެއެވެ. އެހެންކަމުން ކުޑައިރު ކިޔަމަންތެރިވެ ބޯލެނބުމަށް އާދަނުވެއްޖެނަމަ، ބޮޑުވުމުން ޖަމާޢަތުން ބޭރުވެ ނުކިޔަމަންތެރިވެގެންދާނެއެވެ.

އެންމެހައި މުރައްބީންނެވެ! އަހަރެމެން ދޭ ނަޞޭޙަތްތަކާ ދަރިން ދެކޮޅުވަނީ ކީއްވެ ހެއްޔެވެ؟ ދަރިން އަހަރެމެންނަށް ކުރާ އިތުބާރު ގެއްލެނީ ކީއްވެ ހެއްޔެވެ؟ ފަސާދަތައް ގިނަވެ، މައިންބަފައިންނަށް ނުކިޔަމަންތެރިވުން އިތުރު މިވަނީ ކީއްވެ ކަން އެނގޭ ހެއްޔެވެ؟

މިހުރިހާ ކަމެއްގެ އަސްލަކީ އެކުދިންގެ މައްޗަށް ބާރު ހިންގޭ ފަރާތެއް ނެތުމެވެ. އަދި އެކުދިން އިހްތިރާމްކޮށް، އެކުދިންގެ ކަންކަމުގައި މަޝްވަރާ އަހަންޖެހޭ ފަރާތެއް ނުވާ ކަމުގެ އިހުސާސް އެކުދިންގެ ކިބައިގައި އަށަގެންފައިވުމެވެ. މައިންބަފައިންނަށްޓަކައި ނިކަމެތިކަމުގެ ފިޔަ ތިރިކޮށްލުމަކީ އީމާންވުމަށްފަހު، އެކަމަކަށް މަތިވެރި ދަރަޖައެއް ލިބިފައިވާ ކަމެކެވެ. މައިންބަފައިންނަށް ކިޔަމަންތެރިވުމަށާއި، އިޙްސާންތެރިވުމަށް ކުޑައިރު އާދަ ނުކުރެވިއްޖެނަމަ، އެއްވެސް މީހަކަށް އެކުދިން މަޑުމޮޅި ނުކުރެވޭނެއެވެ. އަދި ބޮޑުވުމަށްފަހު، ރަނގަޅު، ޤަދަރުހުރި މީހަކަށްވެސް އެކުދިން ނުވާނެއެވެ.

 މަތީ ފަރާތަކަށް، މިޙާލަތުގައި މައިންބަފައިންނަށް، ދަރިން ކިޔަމަންތެރިކުރުވުމަކީ ތަރުބިއްޔަތު ކުރުމުގައި ހިމެނޭ އަސާސީ ކަމެކެވެ. އަދި ޟަރޫރީ ކަމެއްވެސް މެއެވެ. މިގޮތަށް ކަންތައް ކުރެވިފައިވާނަމަ، ދަރިފުޅު ރަގަޅު މަގުން ކައްސާލައިގެން ގޮސްފިނަމަވެސް، މައިންބަފައިންނަށް ހެޔޮކޮށް ހިތަން ރުހިގެން އަލުން އެނބުރި އައުންވެސް ވަރަށް ގާތެވެ. ދަރިން ތަރުބިއްޔަތުކުރާއިރު، އެކުދިން އެކުދިންނަށްވުރެ މަތީ ފަރާތަކަށް (މައިންބަފައިންނަށް) ކިޔަމަންތެރިވެ ބޯލެނބުމަކީ ޒަރޫރީ ކަމެކެވެ.

ދަރިން ކިތަންމެ ވަރަކަށް އެކުދިންނަކީ ބާރުގަދަ ބައެއް ކަމުގައި ދެއްކި ނަމަވެސް، އެކުދިންނަކީ ވަރަށް ބަލިކަށި ބައެކެވެ. އަދި އަމިއްލަ ނަފްސަށް އިތުބާރުކުރާ ކަމަށް ދެއްކި ނަމަވެސް އެކުދިންނަކީ ކަންބޮޑުވާ ބައެކެވެ. އެހެންވެ ވަރަށް ގިނަ ފަހަރު އެކުދިން ކަންކަމާއިމެދު ކަންކުރަންވީ ގޮތް ނޭނގި ދެޚިޔާލެއްގައި ހުރެވޭ ފަހަރު އާދެއެވެ. އަދި ދެން ކަންކުރާނެ ގޮތަކާއިމެދު ސުވާލު ކުރެއެވެ. އެކަމެއް ކުރަންވީތޯ ނުވަތަ ނޫންތޯއާއި މެދު ސުވާލުކުރެއެވެ. އަދި ކަންކަން އޮޅުންފިލުވަން ބޭނުންވެ އެނަޒަރުން މައިންބަފައިންނާއިމެދު ދެކެއެވެ. ބައެއް ފަހަރު އެކަމެއް ކުރުމަށްފަހު، މައިންބަފައިންގެ ފަރާތުން އެކަމަށް ލިބޭ ރައްދަކީ ކޮބައިތޯ ބަލައެވެ. އަދި މިފަދަ ޢަމަލުތައް އޭނާ ކުރަނީ މައިންބަފައިންގެ ފަރާތުން މަގު ދެއްކުމަށް އެދިގެންނެވެ. އަދި އެމީހުން ނަޞޭޙަތް ދީފިނަމަ އެކަމާއި އުފާކުރެއެވެ.

އަދި އޭނާގެ އަހުލުންނާ ދެކޮޅުވެ، ކިތަންމެ ވަރަކަށް ދެބަސްވިއަސް އޭނާގެ އަހުލުންނާމެދު އޮންނަ އިތުބާރު ވަރަށް ބޮޑެވެ. އަދި އެމީހުންގެ ޚިޔާލަށް އޭނާ އެދޭނެއެވެ. އަދި އެމީހުން އޭނާއާއިމެދު ބައެއް ފަހަރު ހަރުކަށިކަން ގެންގުޅުމަށްވެސް އެދި، އަދި އެމީހުންގެ ނިންމުންތަކާއިމެދުވެސް ރުހޭނެއެވެ. އަދި މައިންބަފައިން އޭނާގެ ސުލޫކު ރަގަޅުކުރުމަށް ހަދާ ގަވާއިދުތަކުގެ ސަބަބުންނާއި، އަދި އޭނާގެ ފަރުވާކުޑަކަމާއި އަވަސްއަރައިގަތުން މަނާކުރުމަށް އެމީހުން އެކުރާ ކަންތަކުގެ ސަބަބުން އޭނާއަށް ހަމަޖެހުން ލިބޭނެއެވެ. މިއިން ދެފައިދާއެއް ލިބެއެވެ.

  • ގޯސް ކަންކަމުން ރައްކާތެރިކުރެވި، ރަނގަޅު ގޮތަކީ ކޮބައިކަން ދަސްވުން
  • މައިންބަފައިންނަށް، ދަރިންނަކީ ކިހާ މުހިއްމު ބައެއްކަމާއި، މައިންބަފައިން ތިމާއަށް އަޅާލާ މިންވަރު އިހުސާސްވެގެން ދިއުން

އެހެންކަމުން ފިތުރަތުގެ މިގޮތް (އިތުބާރާއި ކިޔަމަންތެރިވުން) ދަރިންގެ ކިބައިގައި ދަމަހައްޓަން މަސައްކަތްކުރާށެވެ. އަދި ދަރިން ތަރުބިއްޔަތުކުރުމުގައި މިދެކަމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާށެވެ. އޭރުން، މިކަމުގައި ކާމިޔާބު ލިބޭނެއެވެ. ހިތާމައަކީ، ގިނަ މައިންބަފައިން ވަނީ މިދެކަމުގެ ބޭނުން ހިފުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިކަމެވެ. އަދި ދަރިންގެ މައްޗަށް ބާރެއް ނެތުމުގެ ސަބަބުން، އެކުދިން ބޮޑުވެ، ގޯސް މަގުން ދިއުމުން އެކުދިންނަށް ނަޞޭޙަތް ދިނަސް އެއިން އެއްވެސް ފައިދާއެއް ނުކުރެއެވެ.

ދަރިންނަށް އަޅާނުލައި ފަރުވާ ކުޑަކޮށްފިނަމަ، އެފަދަ މައިންބަފައިންނަށް ދަރިން އިހްތިރާމް ނުކުރާނެއެވެ. އަދި އެފަދަ މައިންބަފައިން ދަރިންނަށްޓަކައި ވާ ޤުރުބާނީތަކަށް ޝުކުރުވެރި ނުވާނެއެވެ. އަދި މައިންބަފައިންނަށް ނުކިޔަމަންތެރިވެ އެމީހުންގެ އަމުރު ނުހިންގޭނެއެވެ. މިގޮތަށް ކަންތައްވާނަމަ، އެފަދަ ދަރިންގެ ފަރާތުން މައިންބަފައިންނަށް ހެޔޮކޮށް ހިތުމެއް ނުފެންނާނެއެވެ. ވީމާ، ތިބާއަށް ލިބިފައިވާ ދިރިއުޅުމުގެ ތަޖުރިބާތަކާއި، ހެޔޮ ވިސްނުމުގެ އަސަރު އެކުދިންނަށް ނުފޯރާހާ ދުރަށް އެކުދިން ދުރުކޮށް ނުލާށެވެ. އަދި ދަރިފުޅުގެ ހިތުގައި ތިބާއަށް ބިރުވެރިކަން އޮންނަ ގޮތް ނަހަދާނެވެ. އެހެންނަމަވެސް، ތިބާއަށް ޝުކުރުވެރިވެ، ހެޔޮކޮށް ހިތުމަށް ދަރިންނަށް އެހީވާށެވެ. (ނުނިމޭ)

__________________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!