[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ ގޮތަށް ކައިވެނި ޙަފްލާ ބޭއްވުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ކައިވެންޏަކީ މުސްލިމެއްގެ ޙަޔާތުގައި އަންނާނެ އެންމެ އުފާވެރި އެއް މުނާސަބަތެވެ. އެ މުނާސަބަތު ފާހަގަކޮށް، މީސްތަކުންނަށް އެންގުމަށް އިސްލާމްދީނުގައިވަނީ ބާރު އަޅުއްވާފައެވެ. ޢަބްދުއްރަޙްމާނު ބުން ޢައުފަށް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«أَوْلِمْ وَلَوْ بِشَاةٍ» [صحيح البخاري (2048)].

މާނައީ: “ހަމައެކަނި ކަންބަޅިއެއް ކަތިލައިގެން ވިޔަސް (ކައިވެނީގެ މުނާސަބަތުގައި) ކެއުމެއް ބާއްވާށެވެ.”

އަދި ނަބިއްޔާ صلى الله عليه وسلم ޞަފިއްޔާ رضي الله عنها އާ ކައިވެނިބައްލަވައިގެންނެވިއިރު އެއަށްވުރެ އާދައިގެ ގޮތަކަށް އެކަލޭގެފާނު ކެއުން ތައްޔާރުކުރެއްވިއެވެ. (ބައްލަވާ: صحيح البخاري (371)).

ކައިވެނިކުރުމަށް ފަހު ކެއުމެއް ބޭއްވުމުގެ ޙިކުމަތަކީ ކައިވެނި އިޢުލާނުކުރުމެވެ. އަދި ކައިވެންޏާއި ޒިނޭކުރުމާ ތަފާތުކުރުމެވެ. އެހެނީ ކައިވެންޏަކީ އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ ކަމެކެވެ. އަދި ޒިނޭއަކީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ކަމެކެވެ. ކައިވެނި ކުރަންޖެހެނީ ފާޅުގައި ވަލީވެރިޔާގެ ރުހުމާއެކު ހެކިވެރިންގެ ޙާޒިރުގައެވެ. އެއާ ޚިލާފަށް ޒިނޭކުރާމީހުން ގިނަ ފަހަރަށް އެކަން ކުރަނީ ވަގަށް އޮޅުވާލައިގެންނެވެ.

ކައިވެނީގެ މުނާސަބަތުގައި ޙަފްލާ ބާއްވާއިރު އެމީހެއްގެ ފޯރުންތެރިކަން ހުރި މިންވަރަކުން އެކަން ކުރާށެވެ. އަދި މުޖުތަމަޢުގައި ވަކި މީހަކު ވަކި ގޮތަކަށް ކައިވެނި ޙަފްލާ ބޭއްވުމުން އެގޮތަށް ނުވަތަ އެއަށް ވުރެ މޮޅުކޮށް އެކަން ކުރަން މަސައްކަތް ނުކުރާށެވެ. އަދި ކައިވެންޏަކީ އެކަކު އަނެކެއްގެ މައްޗަށް ފަޚުރުވެރިވުމަށް ބޭނުންކުރާ މައިދާނަކަށް ނުހަދާށެވެ. އަދި އެކަމުގައި އިސްރާފުކުރުމުން ދުރުހެލިވާށެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ﴾ [سورة الأعراف ٣١]

މާނައީ: “އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން އިސްރާފުކުރާ މީހުން ދެކެ އެއިލާހު ލޯބިވެވޮޑިގެނެއް ނުވެއެވެ.”

އެގޮތުން އެމީހަކު ކައިވެނި ޙަފްލާގައި ލާ ހެދުމާއި ޙަފްލާ ބާއްވާ ތަނާއި ތައްޔާރުކުރާ ކާނާއާ އަދި އެނޫނަސް ކައިވެންޏާ ގުޅިފައިވާ ކަންކަމުގައި އިސްރާފުކުރުމުން ދުރުހެލިވާށެވެ. އަދި އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ލަވަޔާއި މިޔުޒިކު އެފަދަ ޙަފްލާތަކުގައި ބޭނުންނުކުރާށެވެ. އަދި ދެ ޖިންސުގެ މީހުން މަސްހުނިވުމުން އެއްކިބާވާށެވެ. އަދި ކާފިރުންގެ ގޮތްތަކަށް އެފަދަ ޙަފްލާތައް ކުރިއަށް ނުގެންދާށެވެ.

ކައިވެނީގެ ރަން ދިނުމުގައިވެސް ބޮޑެތި ޢަދަދުތައް ކަނޑަ ނާޅާށެވެ. ފަހެ މިފަދަ ކަންކަމުގައި ޚަރަދުބޮޑުކުރުމަކީ ކައިވެނިކުރާ ޢުމުރު ފަސްވެ، މުޖުތަމަޢުގައި އަޚުލާޤީ އެތައް މައްސަލަތަކެއް ކުރިމަތިވެގެން ދާނެ ކަމެކެވެ. އަދި މިކަމުގައި އަޅުގަނޑުމެންގެ ވަށައިގެންވާ އިސްލާމީ ޤައުމުތަކުން ޢިބުރަތް ޙާޞިލުރުން ހުށްޓެވެ. ބައެއް ޢަރަބި ޤައުމުތަކުގައި ކައިވެންޏަށް ކުރާ ޚަރަދާ އިސްރާފު ގިނަވެ ކައިވެނިކުރުމަށްޓަކައި ބައެއް މީހުން ނަގާ ދަރަނި، އެކައިވެނިން ލިބޭ ދަރިން މަތީ ތަޢުލީމު ޙާޞިލުކޮށް ނިމޭއިރުވެސް އަދާ ނުކުރެވެއެވެ. ދުޢާއަކީ، ﷲ ތަޢާލާ ރުއްސަވާ ފަދަ ޢަމަލުތަކެއް ކުރުމުގެ ތައުފީޤު އަޅަމެންނަށް ދެއްވުމެވެ! އާމީން.