ޞަޙާބީންގެ ތަޢާރަފް
الحمد لله الواحد القهار والصلاة والسلام على النبي المختار وعلى آله وصحبه الطيبين الأطهار. وبعد.
ޢަރަބި ބަހުގައި صَحَـابَةއަކީ ޞާޙިބުގެ ގިނަ ގޮތެވެ. މާނައަކީ އެކުގައި އުޅޭ މީހާއެވެ.
ޝަރުޢީ އިޞްޠިލާޙުގައި ޞަޙާބީއަކީ މުއުމިނެއްގެ ގޮތުގައި ހުންނަވާ ޙާލު، ނަބިއްޔާ (صلى الله عليه وسلم)އާ ބައްދަލުވެވަޑައިގެން، މުއުމިނެއްގެ ގޮތުގައި އަވަހާރަވެވަޑައިގެންފައިވާ ކޮންމެ ބޭކަލެކެވެ. ބައްދަލުވެވަޑައިގެންފައިވަނީ ކިތަންމެ ކުޑަ ވަޤުތުކޮޅަކަށް ކަމަށްވިޔަސް މެއެވެ.
އަލްއިމާމު އަލްބުޚާރީ (رحمه الله)، އެކަލޭގެފާނުގެ ފޮތް صحيح البخاريގެ كتاب فضائل الصحابة (ޞަޙާބީންގެ މާތްކަން ނަންގަނެވުނު ފޮތް)ގެ އެންމެ ފުރަތަމަ ބާބު ބަންނަވަމުން ވިދާޅުވެފައިވަނީ: “ނަބިއްޔާ (صلى الله عليه وسلم)އާއެކު ވަޤުތުކޮޅެއް ހޭދަކުރެއްވި ނުވަތަ ދެކެވަޑައިގެންނެވި ކޮންމެ ބޭކަލަކުމެ ވާހުށީ އެކަލޭގެފާނުގެ އަޞްޙާބުންގެ ތެރެއިންކަން ނަންގެނެވުނު ބާބު”[1] މި ފަދައިންނެވެ.
އަލްޙާފިޡް އިބްނު ޙަޖަރު (رحمه الله) ވިދާޅުވެފައިވެއެވެ.
“ޞަޙާބިންގެ ތަޢުރީފާއި ބެހޭގޮތުން ބުނެވޭ އެންމެ ފުރިހަމަ ތަޢުރީފަކީ: އެއީ މުސްލިމެއްގެ ގޮތުގައި ނަބިއްޔާ صلى الله عليه وسلمގެ ޙަޔާތްޕުޅުގައި އެކަލޭގެފާނާ ބައްދަލުވެވަޑައިގެން، މުސްލިމެއްގެ ގޮތުގައި އަވަހާރަވި ކޮންމެ ބޭކަލެކެވެ. އެކަލޭގެފާނުގެ އަރިހުގައި ގިނަ ވަޤުތުތަކަށް މަޖުލިސްކުރެއްވި ކަމުގައި ވިޔަސް ނުވަތަ ކުޑަ ވަޤުތުކޮޅަކަށް މަޖިލިސްކުރެއްވިކަމުގައި ވިޔަސް އަދި އެކަލޭގެފާނުގެ އަރިހުން ރިވާކުރެއްވިކަމުގައި ވިޔަސް ނުވަތަ ރިވާނުކުރެއްވިޔަސް އަދި އެކަލޭގެފާނާއެކު ހަނގުރާމަ ކުރެއްވިޔަސް ނުވަތަ ނުކުރެއްވިޔަސް އަދި އެކަލޭގެފާނު ހަމަލޮލަށް ދެކެވަޑައިގެންކަމުގައި ވިޔަސް ނުވަތަ ލޯފުޅު އަނދިރި ބޭކަލުން ފަދައިން އެކަލޭގެފާނު ހަމަލޮލަށް ދެކެވަޑައިނުގެންނެވި ކަމުގައި ވިޔަސް ވާނީ ޞަޙާބީއަކަށެވެ.” [2]
[1] صحيح البخاري، البخاري، ط. السلطانية، ج. ٥، ص. ٢
[2] الإصابة في تمييز الصحابة، ابن حجر العسقلاني، ص ٨ – ٩