ފިޤުހުގެ މާނަ
ޢަރަބި ބަހުގައި الفِقْةُ (ފިޤުހު) ގެ މާނައަކީ: އެއްޗެއް ވިސްނުން ނުވަތަ ފަހުމުވުން ނުވަތަ ދޭހަވުމެވެ. [1] އަންނަނިވި އާޔަތްތަކުގައި މި ލަފްޒު އައިސްފައިވަނީ މި މާނައިގައެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَإِن مِّن شَيْءٍ إِلَّا يُسَبِّحُ بِحَمْدِهِ وَلَـٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ﴾ [سورة الإسراء ٤٤]
މާނައީ: ” އަދި އެއިލާހަށް ޙަމްދާއެކުގައި ތަސްބީޙަ ނުކިޔާ އެއްވެސް އެއްޗެއް ނުވެއެވެ. އެހެނެއްކަމަކު ތިޔަބައިމީހުންނަކަށް އެތަކެތީގެ ތަސްބީޙައެއް ނުވިސްނެއެވެ.“
އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.
﴿قَالُوا يَا شُعَيْبُ مَا نَفْقَهُ كَثِيرًا مِّمَّا تَقُولُ﴾ [سورة هود ٩١]
މާނައީ: ” އެބައިމީހުން ދެންނެވިއެވެ. އޭ ޝުޢައިބުގެފާނެވެ! ކަލޭގެފާނު ވިދާޅުވާ އެއްޗެހީގެ ތެރެއިން ގިނަ އެއްޗެހި ތިމަންމެންނަކަށް ނުވިސްނެއެވެ.“
ޢިލްމުވެރިންގެ އިޞްޠިލާޙުގައި ފިޤުހަކީ: ޢަމަލުތަކާ ގުޅުން ހުރި ޙުކުމްތައް، އޭގެ ތަފްޞީލީ ދަލީލުތަކާ އެކު ދެނެގަތުމެވެ. [2]
[1] ބައްލަވާ: الصحاح للجوهري (6 / 2243).
[2] ބައްލަވާ: الشرح الممتع للعثيمين (1 / 15).