[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 107

އަބޫ ދާވޫދު އެކަލޭގެފާނުގެ “السنن” ގައި ގެންގުޅުއްވާފައިވާ މަންހަޖު:

 

މައްކާގެ އަހުލުވެރިންނަށް އެކަލޭގެފާނު ލިޔުއްވި ރިސާލާގައި ވިދާޅުވިއެވެ.
“ފަހެ ހަމަކަށަވަރުން “السنن” ގައި ތިމަންކަލޭގެފާނު ރިވާކުރެއްވީ ކޮންމެ ބާބެއްގައިވެސް ތިމަންކަލޭގެފާނަށް އެނގިވަޑައިގެން އެންމެ ޞައްޙަ ޙަދީޘް ތޯ، ތިޔަ ބޭކަލުން ތިމަންކަލޭގެފާނު ގާތު ވަނީ އައްސަވާފައެވެ. ފަހެ ދަންނާށެވެ. އެފޮތުގައި އެވާ ހުރިހާ ޙަދީޘެއްވެސް ވަނީ އެފަދައިންނެވެ. އެއް ޙަދީޘެއް ދެ ގޮތަކަށް ޞައްޙަކޮށް ވާރިދުވެފައިވާ ނަމަ ފިޔަވައެވެ. އޭގެ ތެރެއިން އެއް ރިވާޔަތުގެ ސަނަދު ރަނގަޅުވެފައި އަނެއް ރިވާޔަތުގެ ރާވީން ޙިފްޒުގައި ރަނގަޅުނަމަ ފަހަރުގައިވާނީ އެ ލިޔެފައެވެ. – އެބަހީ: ޙިފްޒު ރަނގަޅު ރާވީންގެ ރިވާޔަތް ގެނެއްސައެވެ. – މިފޮތުގައި ކޮންމެ ބާބެއްގައިވެސް ވާނީ ޙަދީޘެއް ނުވަތަ ދެ ޙަދީޘް ގެނެއްސައެވެ. ދިހަ ވަރަކަށް ޙަދީޘް ކޮންމެ ބާބެއްގައި ގެނެސްފައި ނުވާނެއެވެ. އެއީ އެބާބުގައި ގިނަ ޞައްޙަ ޙަދީޘްތަކެއް ހުރިކަމުގައި ވިޔަސް މެއެވެ. އެހެނީ އެއީ ވަރަށް ގިނަ އެއްޗެކެވެ. ތިމަންކަލޭގެފާނު އެދެނީ މިފޮތުގެ ފައިދާ ފަސޭޙައިން (މީސްތަކުންނަށް) ލިބުމަށެވެ. އެއް ބާބެއްގައި ޙަދީޘެއް ދެގޮތަކަށް ނުވަތަ ތިން ގޮތަކަށް ގެނެއްސިނަމަ އެއީ އެ ޙަދީޘްއާ މެދު ޢިލްމުވެރިން ވަރަށް ބޮޑަށް ވާހަކަފުޅު ދައްކަވާފައި ވާތީއެވެ. ނުވަތަ އެހެން ޙަދީޘްތަކުގައި ނުވާ އިތުރު ބައެއް އެ ޙަދީޘްގައި ވާތީއެވެ. އަދި ފަހަރުގައި ދިގު ޙަދީޘެއް ކުރުކޮށްވެސް ގެނެސްފައިވާނެއެވެ. އެއީ ދިގުކޮށް ގެނައިމާ އެ އަޑު އަހާ ބައެއް މީހުންނަށް އެ ޙަދީޘްގެ އަޞްލު ބަޔާންކުރަން ބޭނުންވި ތަންކޮޅު ނޭނގިދާނެތީއެވެ… އަދި “السنن” ގައި އެމީހެއްގެ ޙަދީޘްތައް (ޢިލްމުވެރިން) ދޫކޮށްލާފައިވާ މީހެއްގެ ކިބައިން ރިވާކޮށްފައި އެއްވެސް ޙަދީޘެއް ނުވާނެއެވެ. [1] އަދި ‘މުންކަރު’ ޙަދީޘެއްވާނަމަ އެއީ ‘މުންކަރު’ ޙަދީޘެއްކަން ވާނީ ބަޔާންކޮށްފައެވެ. އެގޮތަށް ގެނެސްފައިވާނީ އެ ބާބުގައި އެހެން ޙަދީޘެއް ނެތިއްޔާއެވެ. އަދި މިފޮތުގައި ވަރަށް ބަލިކަށި ޙަދީޘެއްވާނަމަ އެކަންވާނީ ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި ސަނަދު ޞައްޙަ ނޫން ޙަދީޘް ވެއެވެ. އެއްވެސް އެއްޗެއް ނުބުނެ ރިވާކޮށްފައިވާ ޙަދީޘްއަކީ ރަނގަޅު ޙަދީޘްތަކެވެ. އޭގެ ތެރެއިންވެސް ބައެއް ޙަދީޘްތައް އަނެއްބައި ޙަދީޘްތަކަށް ވުރެ ޞައްޙަ ވާނެއެވެ.” [2]

__________________________

= ނުނިމޭ =

 

އެހެނިހެން ބައިތައް

 

[1] ފަހަރުގައި މިތަނުގައި އެކަލޭގެފާނުގެ މުރާދަކީ އެމީހެއްގެ ޙަދީޘް ދޫކޮށްލުމަށް ޢިލްމުވެރިން އެއްބަސްވެވަޑައިގެންފައިވާ މީހުންގެ ޙަދީޘްކަމުގައި ވެދާނެއެވެ. އެހެނީ އެމީހެއްގެ ޙަދީޘް ދޫކޮށްލުމަށް ޢިލްމުވެރިން ވިދާޅުވެފައިވާ ބައެއް ބޭކަލުންގެ އަރިހުން އެފޮތުގައި އެކަލޭގެފާނު ވަނީ ރިވާކުރައްވާފައެވެ.

[2] މައްކާގެ އަހުލުވެރިންނަށް އަބޫ ދާވޫދު ލިޔުއްވި ރިސާލާ ބައްލަވާށެވެ. އެއީ الدكتور محمد لطفي الصباغ ތަޙުޤީޤުކުރައްވާފައިވާ ވަރަށް ކުޑަ ރިސާލާއެކެވެ.