[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝެއިޚުންގެ ކިބައިން ފަތުވާއަށް އެދޭމީހާގެ ހުންނަންޖެހޭ ޞިފަތަކަކީ ކޮބާ؟

ކޮންމެ ފަންނެއްގައިވެސް ، އެކަމަކާއި ބެހޭގޮތުން، އެކަމުގެ ޢިލްމުލިބިހުރި މީހަކާއި ސުވާލުކުރުމަށް ﷲ ތަޢާލާވަނީ އަންގަވާފައެވެ. އެގޮތުން އިސްލާމް ދީނުގެ ޙުކުމަކާއި މެދު އޮޅުންއަރައިފިނަމަ ނުވަތަ ސުވާލެއްކުރަން ބޭނުންވެއްޖެ ނަމަ އަޅުގަނޑުމެން ސުވާލުކޮށް އޮޅުފިލުވަން ދާންޖެހޭނީ ދީނީ ޢިލްމު ލިބިގެންހުރި ޝެއިޚެއްގެ ކައިރިއަށެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. ” فَاسْأَلُوا أَهْلَ الذِّكْرِ‌ إِن كُنتُمْ لَا تَعْلَمُونَ ﴿٤٣﴾ ” މާނަ: ” ތިޔަބައިމީހުންނަށް ނޭންގޭކަމުގައިވާނަމަ ޢިލްމުގެ އަހުލުވެރިންނާ ސުވާލުކުރާށެވެ. “

އެގޮތުން ޢިލްމުވެރިއެއްގެ ކިބައިން ނުވަތަ ޝެއިޚެއްގެ ކިބައިން ފަތުވާއަކަށް އަހާ މީހާގެ ހުންނަން ޖެހޭ ޚާއްސަ ސިފަތަކެއް ޢިލްމުވެރިން ބަޔާންކުރައްވާފައި ވެއެވެ.  އޭގެތެރޭގައި :

1 – އިސްލާމް ދީނުގެ ޝަރުޢީ ޙުކުމުތަކާއިމެދު ޢިލްމީ ގޮތުން އެންމެ ޤާބިލު އަދި ﷲ ތަޢާލާއަށް ތަޤުވާވެރި ޝެއިޚެއް ނުވަތަ ޢިލްމުވެރިއެއް ހޯދަން މަސައްކަތްކުރަންޖެހެއެވެ. ލިބިފައިވާހުރި ޢިލްމަށް ޢަމަލުކުރާ ތަޤުވާވެރި ޝެއިޚެއްނަމަ ޖަވާބުދޭނީ އެގޮތެއްގައި ﷲ ތަޢާލާއަށް އެއްމެ ކުއްތަންވެވޭނޭ ގޮތުގައެވެ. ދުނިޔެވީ އެއްވެސް މަންފާއެއް ލިބުމަށް ނުއެދި ޢިލްމީ ހަމަތަކުގެ މަތިންނެވެ. ރަނގަޅު ޢިލްމީ ޤާބިލު ޝެއިޚެއް ހޯދަން މަސައްކަތް ނުކޮށް، ކަންފަސޭހަކޮށްލަން ، ތިމާ ބޭނުންވާ ޖަވާބު ދޭނެކަން އެނގޭ ޝެއިޚެއްގެ ކައިރިއަށްގޮސް ދުނިޔެވީ ވަޤުތީ މަންފާ ލިބިގަތެއްކަމަކު، އެމީހަކީ ޤިޔާމަތްދުވަހުގައި ﷲ ތަޢާލާގެ ކުރިފުޅުމަތީ އުޒުރުވެރިއެއްކަމުގައި ނުވާނެއެވެ. މިކަމުގައި ވަރަށް ގިނަ މީހުން ފަރުވާކުޑަކޮށްލައެވެ.

2 – ފަތުވާއަށް އެދޭއިރު ނުވަތަ ދީނީކަމަކާއި މެދު ސުވާލުކުރާ މީހާގެ ސުވާލު ، ޝެއިޚަށް ނުވަތަ ޢިލްމުވެރިޔާއަށް ވަރަށް ސާފުކޮށް ބަޔާންކޮށްދޭންވާނެއެވެ. އެހެނީ ޝެއިޚު އަބަދުވެސް ޖަވާބު ދޭނީ ސުވާލުކުރާމީހާގެ ސުވާލުގެ މައްޗަށް ބިނާކޮށެވެ. ޝެއިޚަށް އަޑުއިވޭ އެއްޗެއްގެ މައްޗަށް ބިނާކޮށެވެ. ވަކި ހާދިޘާއަކާއި ބެހޭގޮތުން ސުވާލުކުރާނަމަ އެކަމުގެ ހުރިހާ ހަޤީޤަތެއް ވަރަށް ސާފުކޮށް ސުވާލުގައި ބަޔާންކުރަން ޖެހޭނެއެވެ. ޙާދިޘާގެ އަސްލު އޮޅޭގޮތަށް ސުވާލުކުރިޔަސް އޭގެ ހަޤީޤަތެއް ޝެއިޚަކަށް ނޭންގޭނެއެވެ. ޝެއިޚު ޖަވާބުދޭނީ އެސުވާލާއި އެކަށީގެންވާ ގޮތުގެ މަތީންނެވެ. ނަތީޖާއެއްގެ ގޮތުން ޝެއިޚުގެ ޖަވާބާއި އަސްލު ޙާދިޘާއާއި ގުޅުމެއް ނޯންނާނެއެވެ. އެ ހާދިޘާ ފެނުނު އެހެން މީހަކު އެހެން ޝެއިޚަކާއި ހަމަ އެކަމާއި ބެހޭގޮތުން ސުވާލުކޮށްފިނަމަ ދޭނީ ކުރީގައި ޖަވާބުދިން ޝެއިޚު ދިން ޖަވާބެއްނޫނެވެ. ސަބަބަކީ ދެ ޝެއިޚުންނަށް ކުރިމަތިވީ ދެ ސުވާލެކެވެ. ނަމަވެސް އެއް ޙާދިޘާއަކާއި ބެހޭގޮތުންނެވެ. އެގޮތައް އެހެން ދިމާވާން ޖެހުނީ ފުރަތަމަ ސުވާލުކުރި މީހާގެ ސުވާލުގައި ޙާދިޘާ ސާފުކޮށް ކިޔައިދީފައި ނުވާތީއެވެ.  ނަތީޖާއެއްގެ ގޮތުން އާންމުންގެ މެދުގައި އިތުރު ފިތުނައެއް އުފެދިގެން ދިޔުން ކައިރިއެވެ. އަދި ޝެއިޚާއިމެދު މީސްތަކުން ދެކޭގޮތްވެސް ތަފާތުވާނެއެވެ. އެހެންކަމުން މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނޭ ކަމެކެވެ.

3 – ސުވާލުކުރުމުގައި އަދަބުވެރިވާންޖެހޭނެއެވެ. ސުވާލު ކުރުމުގައި މިވެނިމީހަކު މިހެންބުންޏޭ ކިޔައިގެން ސުވާލުކޮށްގެން ނުވާނެއެވެ. އަދި ސުވާލު އަހަންވާނީ އެކަށީގެންވާ ވަޤުތެއްގައެވެ. އެހެނީ ބައެއްފަހަރު އަވަދިނެތި އުޅުމުގެ ތެރޭގައި، ސުވާލަށް ފުރިހަމަ ޖަވާބެއް ދެވޭގޮތްވެސް ނުވެދާނެއެވެ. ނަތީޖާއެއްގެ ގޮތުން ސުވާލުކުރިމީހާއަށް ރަނގަޅަށް ޖަވާބު ސާފުނުވުމުގެ ސަބަބުން ކުށެއްވެސް ހެދިދާނެއެވެ. އަދި ބައެއްމީހުން ޝެއިޚުންގެ ޖަވާބު ރެކޯޑުކޮށް ޝެއިޚުންގެ އިޒުނައާއި ނުލައި އޭތި ފަތުރައެވެ. ޝެއިޚުން އަވަދިނެތި އުޅުމުގެ ތެރޭގައި ދެވޭ ޖަވާބެއްގައި މީހުންނަށް ސާފުނުވާފަދަ ގޮތަކަށް ދެކެވިފައިވާ ވާހަކައެއްވެސް އޮވެދާނެއެވެ. އެއްވެސް ޙާލެއްގައި މީހެއްގެ ވާހަކަ އެމީހެއްގެ ހުއްދަނެތި ރެކޯޑުކުރުން ހުއްދަވެގެން ނުވެއެވެ. އެހެން ކަމުން އެކަމަށް އެކަށީގެންވާ ރަނގަޅު ވަޤުތެއްގައި ސުވާލުކުރުން އެއީ މުހިއްމުކަމެކެވެ.

4 – ޝެއިޚާއި ސުވާލުކުރުމަށްފަހު ޝެއިޚު ދޭ ޖަވާބުގެ ، ދަލީލަކީ ކޮބައިތޯ ސުވާލުކުރުމަކީ ، ސުވާލު އަހާމީހާ ކޮންމެހެން ކުރަން ޖެހޭކަމެއްނޫނެވެ. އެއީ އިތުބާރު ކުރެވޭ ، ޢިލްމަށް އަމާނާތްތެރި، ޤާބިލު  ޝެއިޚެއްނަމަ އެމީހެއްގެ ބަހަށް އިތުބާރު ކުރަން ޖެހޭނެއެވެ.

5 – ސުވާލު ކުރާމީހާ ސުވާލުކުރަން ޖެހޭނީ ހައްޤު ހޯދައި ހައްޤާއި އެއްގޮތަށް ޢަމަލުކުރުމުގެ ނިޔަތުގައެވެ. އެއްވެސް ހާލެއްގައި އޭނަގެ ނިޔަތަކަށް ވާންޖެހޭނީ ހަވާނަފްސުގެ އެދުންތަކެއް ޙާޞިލުކުރުމެއްނޫނެވެ. އަދި އެކި ޝެއިޚުން ޖަވާބު ދެނީ ކިހިނެއްތޯ ޓެސްޓު ކުރުމެއްވެސް ނޫނެވެ. ނަމަވެސް އެމީހާގެ ނިޔަތަކަށް ވާންޖެހޭނީ ހައްޤު ހޯދައި ހައްޤަށް ޢަމަލުކުރުމެވެ.

ނޯޓް : މިއީ އައްޝެއިޚު ޞާލިޙު ބިން ޢަބްދުލް ޢަޒީޒު ބިން މުޙައްމަދު އާލް ޝެއިޚު ލިޔުއްވާފައިވާ ” الفتوى بين مطابقة الشرع و مسايرة الأهواء ” މިފޮތުގައި ” ما يلزم المستفتي أن يتصف به ” މި މަވްޟޫއަށް ލިޔުއްވާފައިވާ ލިޔުން އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.