[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އުންމުލް މުއުމިނީން ސައުދާ ބިންތު ޒަމްޢާ رضي الله عنها

الحمد لله والصلاة والسلام على رسول الله وعلى آله وصحبه وسلم.

 

 

* ނަސަބު

އެކަމަނާއަކީ ސައުދާ ބިންތު ޒަމްޢާ ބުން ޤައިސް ބުން ޢަބްދުއްޝަމްސު އަލްޤުރަޝިއްޔާ އަލްޢާމިރިއްޔާއެވެ. އެކަމަނާގެ މަންމައަކީ ބަނޫ ޢަދިއްޔު ބުން އައްނައްޖާރު ޤަބީލާގެ އައްޝަމޫސް ބިންތު ޤައިސް ބުން ޒައިދު އަލްއަންޞާރިއްޔާއެވެ.

 

 

* ނަބިއްޔާ صلى الله عليه وسلم އާ ކައިވެނި ބައްލަވައިގެންނެވުމުގެ ކުރިން

ނަބިއްޔާ صلى الله عليه وسلم އާ ކައިވެނި ބައްލަވައިގެންނެވުމުގެ ކުރިން އެކަމަނާ ކައިވެނި ބައްލަވައިގެންނެވީ އެކަމަނާގެ ބަފައިފުށުގެ ބޮޑުބޭއެއްގެ ދަރިކަލެއްކަމުގައިވާ، އައްސަކްރާން ބުން ޢަމްރު ބުން ޢަބްދުއްޝަމްސާއެވެ. އެއީ ބަނޫ ޢާމިރު ބުން ލުއައްޔު ޤަބީލާގެ ބޭކަލެކެވެ. އަދި އެއީ ސުހައިލް ބުން ޢަމްރުގެ އަޚެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވިއެވެ. އަދި އަނބިކަނބަލުން، ސައުދާ ބިންތު ޒަމްޢާ رضي الله عنها އާއެކު ޙަބަޝާއަށް ހިޖުރަކުރެއްވިއެވެ. އަދި އެ ދެ ބޭކަލުން މައްކާއަށް އެނބުރި ވަޑައިގެންނެވިއެވެ. އަދި އައްސަކްރާން رضي الله عنه މައްކާގައި އަވަހާރަވިއެވެ.

 

 

* ނަބިއްޔާ صلى الله عليه وسلم އާ ކައިވެނި ބައްލަވައިގެންނެވުން

އެކަމަނާގެ ފިރިކަލުންނާއެކު އިސްލާމްވެ ޙަބަޝާއަށް ހިޖުރަކުރެއްވުމުން އެކަމަނާގެ ޢާއިލާގެ މީހުން އެކަމާ ވަރަށް ރުޅިއައެވެ. އެބައިމީހުންވީ އިސްލާމްދީނަށް ޢަދާވާތްތެރި ބައެއްކަމުގައިއެވެ. އެކަމަނާ ހުވަފަތްވެ، އެކަނިވެރިވެފައިވަނިކޮށް ނަބިއްޔާ صلى الله عليه وسلم އެކަމަނާއާ ކައިވެނި ބައްލަވައިގެންނެވިއެވެ.

ޚަދީޖަތުގެފާނު އަވަހާރަވުމަށް ފަހު، ނަބިއްޔާ صلى الله عليه وسلم އެންމެ ފުރަތަމަ ކައިވެނި ބައްލަވައިގެންނެވީ ސައުދާ ބިންތު ޒަމްޢާ رضي الله عنها އާއެވެ. އެއީ ނަބީކަމައިގެން ފޮނުއްވުނުތާ ދިހަ އަހަރު ފަހުންނެވެ.

 

 

* އެކަމަނާގެ ރޭ ޢާއިޝާ رضي الله عنها އަށް ހިބަކޮށްދެއްވުން  

ސައުދާ رضي الله عنها ޢުމުރުން ދުވަސްވެ މުސްކުޅިފުޅުވުމުން، ނަބިއްޔާ صلى الله عليه وسلم އެކަމަނާ ވަރިކުރައްވަފާނެތީ އެކަމާ ބިރުފުޅުގެން ވަޑައިގެންނެވިއެވެ.

އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ.

“خَشِيَتْ سَوْدَةُ أَنْ يُطَلِّقَهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالَتْ: لَا تُطَلِّقْنِي وَأَمْسِكْنِي، وَاجْعَلْ يَوْمِي لِعَائِشَةَ، فَفَعَلَ ” فَنَزَلَتْ: ﴿فَلَا جُنَاحَ عَلَيْهِمَا أَن يُصْلِحَا بَيْنَهُمَا صُلْحًا ۚ وَالصُّلْحُ خَيْرٌ﴾ [النساء: 128] “. [رواه الترمذي (3040)، وصححه الألباني في صحيح وضعيف سنن الترمذي]

މާނައީ: “ނަބިއްޔާ صلى الله عليه وسلم ސަޢުދަތުގެފާނު ވަރިކުރައްވަފާނެކަމަށް އެކަމަނާ ބިރުފުޅުގެން ވަޑައިގެންނެވިއެވެ. ފަހެ، އެކަމަނާ ވިދާޅުވިއެވެ. “ތިމަންކަމަނާ ވަރިނުކުރައްވާ (އަނބިކަނބަލެއްގެ ގޮތުގައި) ބަހައްޓަވައިދެއްވާށެވެ. އަދި ތިމަންކަމަނާގެ ދުވަސް ޢާއިޝަތުގެފާނަށް ދެއްވާށެވެ.” ފަހެ، އެކަލޭގެފާނު އެފަދައިން ކަންތައް ކުރެއްވިއެވެ. ދެން މި އާޔަތް ބާވައިލެއްވުނެވެ.”

﴿فَلَا جُنَاحَ عَلَيْهِمَا أَن يُصْلِحَا بَيْنَهُمَا صُلْحًا ۚ وَالصُّلْحُ خَيْرٌ﴾ [سورة النساء: 128] 

މާނައީ: “އެ ދެ މީހުންގެ މެދުގައި އެކުވެރިކަމުގެ ޞުލްޙަވުމަކުން ޞުލްޙަވުމާމެދު، އެ ދެމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. ޞުލްޙަވުން ހެޔޮކަން ބޮޑެވެ.”

އަދި ޢާއިޝާ رضي الله عنها ގެ އަރިހުން ޢުރްވާ ބުން ޒުބައިރު رضي الله عنهما ރިވާކުރެއްވިއެވެ.

«أَنَّ سَوْدَةَ بِنْتَ زَمْعَةَ وَهَبَتْ يَوْمَهَا وَلَيْلَتَهَا لِعَائِشَةَ زَوْجِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، تَبْتَغِي بِذَلِكَ رِضَا رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ». [رواه البخاري (2593)]

މާނައީ: “ސައުދަތުގެފާނުގެ ދުވަހާއި ރޭ ޢާއިޝަތުގެފާނަށް ހިބަކޮށްދެއްވިއެވެ. އެއީ ރަސޫލުﷲ صلى الله عليه وسلم ގެ ރުހިވަޑައިގަތުން އެދިވަޑައިގެންނެވެ.”

 

 

* އަވަހާރަވުން

ސައުދާ ބިންތު ޒަމްޢާ رضي الله عنها އަވަހާރަވި ތާރީޚާމެދު ތާރީޚް ޢިލްމުވެރިން ޚިލާފުވެފައިވެއެވެ. ބައެއް ބޭކަލުން ވިދާޅުވެފައިވަނީ އެކަމަނާ އަވަހާރަވީ ޢުމަރު رضي الله عنه ގެ ޚިލާފަތުގެ ފަހުކޮޅުގައެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވެފައިވަނީ އެކަމަނާ އަވަހާރަވީ މުޢާވިޔާ رضي الله عنه ގެ ވެރިކަމުގައި ހިޖުރައިން 54 ވަނަ އަހަރުގެ ޝައްވާލު މަހުގައެވެ.

رضي الله عنها وأرضاها.

 


 

މަޞްދަރު:

– الاستيعاب في معرفة الأصحاب (4 / 1867)

– أسد الغابة في معرفة الصحابة (7 / 157)

– الإصابة في تمييز الصحابة (3 / 113) ، (8 / 196 – 197)

– الطبقات الكبرى (8 / 42)