[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

‌‌ އިސްލާމީ ޢަޤީދާގެ އަސާސްތައް (7)

بسم الله، الحمد لله، والصلاة والسلام على رسول الله، وعلى آله وصحبه ومن والاه. أما بعد:

މިސިލްސިލާގެ ފުރަތަމަ ފިލާވަޅުގައި އަލިއަޅުވާލައިފައިވާނީ އިސްލާމްދީނުގެ ޢިލްމާއި މަޢުރިފާ ލިބިގަތުމުގެ މައްޗަށެވެ. ދެވަނަ ފިލާވަޅުގައި އަލިއަޅުވާލައިފައިވާނީ ޢިލްމާއި މަޢުރިފާއަށް ޢަމަލުކުރުމުގެ މައްޗަށެވެ. ތިންވަނަ ފިލާވަޅުގައި އަލިއަޅުވާލައިފައިވާނީ އިސްލާމްދީނުގެ މަޢުލޫމާތު ލިބި، އެޔާއި އެއްގޮތަށް ޢަމަލުކުރުމަށްފަހު، އިސްލާމްދީނަށް ގޮވާލައި، ދަޢުވަތު ދިނުމުގެ މައްޗަށެވެ. މިފިލާވަޅުގައި އަލިއަޅުވާލާނީ އިސްލާމްދީނަށް ދަޢުވަތު ދިނުމުގައި ދިމާވާ ކަންކަމަށް ކެތްތެރިވުމުގެ މައްޗަށެވެ.

ކެތްތެރިވުމަކީ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގައްޔާއި، ފާފަތަކުން ދުރުހެލިވުމުގައްޔާއި، ޤަޟާޤަދަރުން ކުރިމަތިވާ ކަންކަމުގެ މައްޗަށް ނަފްސު ހިފެހެއްޓުމެވެ. ޖަޒްބާތާއި ހަވާ ނަފްސާއި، ޝައިތާނީ ވަސްވާހުގައި ޖެހި ނަފްސު އޮޔާއި ބެހިގެންދިޔަނުދީ ސީދާމަގުގައި ހުންގާނު ހިފެހެއްޓުމެވެ.

އިސްލާމްދީނުގެ ދާޢީން ދަޢުވަތުގެ މަސައްކަތްކުރާއިރު މީސްތަކުންގެ ފަރާތުން އެކިއެކި ކަންކަމާއި ކުރިމަތިލާންޖެހޭނެއެވެ. މީސްތަކުންގެ މަލާމާތާއި ފުރައްސާރައާއި، ބަދުބަސްތަކާއި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކާއިވެސް ކުރިމަތިވެދާނެއެވެ. މިފަދަ ކަންކަމީ ރަސޫލުންނާއި ނަބިއްޔުންނާއި ކުރިމަތިލައްވަން ޖެހިވަޑައިގަތް ކަންކަމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

{كَذَلِكَ مَا أَتَى الَّذِينَ مِنْ قَبْلِهِمْ مِنْ رَسُولٍ إِلَّا قَالُوا سَاحِرٌ أَوْ مَجْنُونٌ}([1])

މާނައީ: “އެފަދައިން އެއީ ޖާދޫގަރެކޭ، ނުވަތަ މޮޔައެކޭ އެއުރެން ނުބުނާ އެއްވެސް ރަސޫލަކު، އެއުރެންގެ ކުރީގެ މީހުންގެ ގާތަކަށްވެސް ވަޑައެއްނުގަންނަވައެވެ.”

އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

{وَكَذَلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوّاً مِنَ الْمُجْرِمِينَ}([2])

މާނައީ: “ހަމައެފަދައިން، ތިމަންރަސްކަލާނގެ ކޮންމެ ނަބިއްޔަކަށް ކުށްވެރިންގެ ތެރެއިން ޢަދުއްވަކު ލެއްވީމެވެ.”

އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

{وَلَقَدْ كُذِّبَتْ رُسُلٌ مِنْ قَبْلِكَ فَصَبَرُوا عَلَى مَا كُذِّبُوا وَأُوذُوا حَتَّى أَتَاهُمْ نَصْرُنَا}([3])

މާނައީ: “ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިންވެސް ރަސޫލުންތަކެއް ދޮގުކޮށްފައިވެއެވެ. ދެން އެ ދޮގުކުރިކަމުގެ މައްޗަށް އެރަސޫލުން ކެތްކުރެއްވިއެވެ. އަދި ތިމަންރަސްކަލާނގެ ނަޞްރުވެރިކަން އެބޭކަލުންނާ ހަމަޔަށް އަތުވެއްޖައުމަށް ދާންދެން އެބޭކަލުންނަށް ދުއްތުރާ ކުރިއެވެ”.

އެހެންކަމުން ރަސޫލުބޭކަލުންގެ ޙަޔާތްޕުޅުން ޢިބްރަތް ހޯދައި ނަމޫނާ ލިބިގެން، އިސްލާމްދީނުގެ ދާޢީންވެސް ދީނަށް ގޮވާލުމުގައި ޢަދުއްވުންނާއި، ޖާހިލުންގެ ފަރާތުން ކުރިމަތިވާ ކަންކަމަށް ކެތްތެރިވާންޖެހޭނެއެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

{إِنَّا نَحْنُ نَزَّلْنَا عَلَيْكَ الْقُرْآنَ تَنْزِيلاً}([4])

މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް ޤުރުއާން ވަކިވަކިކޮށް ބާވައިލެއްވީމެވެ.”

މިއާޔަތާއި ވިދިގެން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

{فَاصْبِرْ لِحُكْمِ رَبِّكَ}([5])

މާނައީ: ” ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙުކުމްފުޅަށް، ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ!”.

މާތް ނަބިއްޔާ މުޙައްމަދު ﷺ  މައްޗަށް ކީރިތި ޤުރުއާން ބާއްވައިލެއްވިކަން އެންގެވުމާއި ވިދިގެން، ﷲ ތަޢާލާގެ ޙުކުމްފުޅަށް ކެތްތެރިވުމަށް އަމަރުކުރެއްވުމުން އިޝާރާތްކޮށްދެނީ ކީރިތި ޤުރުއާނުގައި ހިފަހައްޓާ ކޮންމެ މީހަކު ކެތްތެރިވާންޖެހޭނެ ކަންކަމާއި ކުރިމަތިލާންޖެހޭނެކަމެވެ.

މިއުންމަތުގެ މާތް ނަބިއްޔާ ﷺ އިސްލާމްދީނަށް ގޮވާލެއްވުމުން އެކަލޭގެފާނަށް ކުރިމަތިވި އުނދަގޫތަކާއި، އަނިޔާއާއި ފުރައްސާރައިގެ ވާހަކަތަކުން ސިޔަރަތުގެ ސަފްޙާތަށް ވަނީ ފުރިފައެވެ. އެކަލޭގެފާނު އެހުރިހާ ކަމަކަށް ކެތްތެރިވެ ވަޑައިގެންނެވިއެވެ. އެހުރިހާ އަނިޔާއަކަށް ކެތްތެރިވެވަޑައިގެން އެކެލޭގެފާނު ދެއްވެވި ނަމޫނާ ޖަވާބަކީ: “ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ތިމަންކަލޭގެފާނުގެ ޤައުމުގެ މީސްތަކުންގެ ފާފަ ފުއްސަވާ ދެއްވާށިއެވެ. ފަހެ އެބައިމީހުންނަށް ނޭނގެނީއެވެ.”

 

ކެތްތެރިކަމުގެ ބާވަތްތައް:

  • ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގައި ކެތްތެރިވުން.
  • ﷲ ޙަރާމްކުރެއްވި ކަންކަމުން މަނާވެގަތުމުގައި ކެތްތެރިވުން.
  • ﷲ ގެ ޤަޟާޤަދަރުން ކުރިމަތިވާ ކަންކަމަށް ކެތްތެރިވުން.

 


 

ލިޔުމުގެ މަޢުލޫމާތުގެ މަޞްދަރުތައް:

  • شرح ثلاثة الأصول- عبد العزيز بن عبد الله بن باز
  • شرح ثلاثة الأصول- محمد بن صالح بن محمد العثيمين
  • شرح الأصول الثلاثة- صالح بن فوزان بن عبد الله الفوزان

 

([1]) سورة الذاريات، الآية: 52

([2]) سورة الفرقان، الآية: 31

([3]) سورة الأنعام، الآية: 34

([4]) سورة الإنسان، الآية: 23

([5]) سورة الإنسان، الآية: 24