މި ދުނިޔެއަށް ފޮނުއްވުނު އެންމެ މާތް އިންސާނާ ކަމުގައިވާ، އަޅުގަނޑުމެންގެ ރަސޫލާ އަދި ނަބިއްޔާ صلى الله عليه وسلمގެ އެންމެ އަރިސް ބޭކަލުންނަކީ ޞަޙާބީން ކަމުގައިވީ ހިނދު، އެބޭކަލުންނަށް ވަނީ ޚާއްޞަ ޝަރަފަކާއި ޤަދަރެއް ލިބިވަޑައިގެންފައެވެ. ހަމައެއާއެކު ނަބިއްޔާ صلى الله عليه وسلمގެ ޙަޔާތްޕުޅުގައި އަދި އެކަލޭގެފާނު އަވަހާރަވުމަށް ފަހުގައިވެސް ޙައްޤުގޮތުގައި އެކަލޭގެފާނު އެންމެ ބޮޑަށް ދިފާޢުކުރައްވާ، އެކަލޭގެފާނަށް ނަޞްރުދެއްވި ބޭކަލުންނަކީ އެބޭކަލުންނެވެ. އަދި ކިއެއް، ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި اللهތަޢާލާ ވަނީ އެބޭކަލުންނަށް ތަޢުރީފުގެ ބަސްފުޅު ވަޙީކުރައްވާފައެވެ.
އެގޮތުން ތައުބާ ސޫރަތުގައި އެއިލާހު ވަޙީކުރައްވާފައިވެއެވެ؛
(وَٱلسَّـٰبِقُونَ ٱلْأَوَّلُونَ مِنَ ٱلْمُهَـٰجِرِينَ وَٱلْأَنصَارِ وَٱلَّذِينَ ٱتَّبَعُوهُم بِإِحْسَـٰنٍۢ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ وَأَعَدَّ لَهُمْ جَنَّـٰتٍۢ تَجْرِى تَحْتَهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًۭا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ)
މާނައަކީ: “މުހާޖިރުނާއި އަންޞާރުންގެ ތެރެއިން ކުރިން އިސްނެންގެވި ބޭކަލުންނާއި، ހެޔޮގޮތުގައި އެބޭކަލުންނާ ތަބަޢަވީމީހުން (ދަންނާށެވެ!) اللَّه، އެއުރެންނަށް ރުހިވޮޑިގެންފިއެވެ. އަދި އެއުރެން އެއިލާހަށް ރުހުނެވެ. އަދި އެތަންތަނުގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެއިލާހު އެއުރެންނަށްޓަކައި ތައްޔާރުކުރެއްވިއެވެ. އެތަނުގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ އެއީއެވެ.” [1]
އަދިވެސް އެއިލާހުގެ ވަޙީބަސްފުޅެއްގައި ވެއެވެ؛
)لِلْفُقَرَآءِ ٱلْمُهَـٰجِرِينَ ٱلَّذِينَ أُخْرِجُوا۟ مِن دِيَـٰرِهِمْ وَأَمْوَٰلِهِمْ يَبْتَغُونَ فَضْلًۭا مِّنَ ٱللَّهِ وَرِضْوَٰنًۭا وَيَنصُرُونَ ٱللَّهَ وَرَسُولَهُۥٓ ۚ أُو۟لَـٰٓئِكَ هُمُ ٱلصَّـٰدِقُونَ o وَٱلَّذِينَ تَبَوَّءُو ٱلدَّارَ وَٱلْإِيمَـٰنَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِى صُدُورِهِمْ حَاجَةًۭ مِّمَّآ أُوتُوا۟ وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌۭ ۚ وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ( [2]
މާނައަކީ: “އެއުރެންގެ ގެދޮރުންނާއި، އެއުރެންގެ މުދަލުން ނެރެލާފައިވާ ފަޤީރު މުހާޖިރުންނަށް (އެ ފައިއު މުދަލުގައި) ޙައްޤެއްވެއެވެ. އެއުރެންނީ اللَّهގެ ޙަޟްރަތުން ފަޟްލަވަންތަވެރިކަމާއި، ރުހިވޮޑިގަތުން އެދޭ މީހުންނެވެ. އަދި اللَّه އަށާއި، އެއިލާހުގެ ރަސޫލާއަށް ނަޞްރުދޭ މީހުންނެވެ. އެއުރެންނީ ހަމަ ތެދުވެރިންނެވެ. އަދި އެއުރެންގެ ކުރީގައި، މަދީނާގައި ވަޒަންވެރިވެ، އީމާންކަމުގައި ޤާއިމުވެ ތިބި އަންޞާރުން، އެއުރެންގެ ގާތަށް ހިޖުރަ ކުރި މުހާޖިރުން ދެކެ ލޯބިވެއެވެ. އަދި އެއުރެންނަށް (އެބަހީ: މުހާޖިރުންންނަށް) ދެއްވި އެއްވެސް އެއްޗަކަށް އެއްވެސް ބޭނުމެއް (ނުވަތަ ދަހިވެތި ކަމެއް) އެއުރެން (އެބަހީ: އަންޞާރުން)ގެ ހިތްތަކުގައި ނުވެއެވެ. އަދި އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް، އެއުރެންނަށް އިސްކަންދެއެވެ. އެއުރެންނަށް ބޭނުންތެރިކަން ބޮޑުވެފައި ވިޔަސްމެއެވެ. އެމީހެއްގެ އަމިއްލަ ނަފްސުގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނެ މީހުންނެވެ.”
ރަސޫލާ صلى الله عليه وسلمގެ ޞަޙާބީންގެ މާތްކަމާއި މަތިވެރިކަމުގެ ބަޔާންވެގެންވާ އެތައް ޙަދީޘެއް ޞައްޙަމަގުން ވާރިދުވެގެންވެއެވެ. އެގޮތުން އަންނަނިވި ޙަދީޘް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ.
عَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللهُ عَنْهُ قَالَ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: »لَا تَسُبُّوا أَصْحَابِي، فَلَوْ أَنَّ أَحَدَكُمْ أَنْفَقَ مِثْلَ أُحُدٍ ذَهَبًا، مَا بَلَغَ مُدَّ أَحَدِهِمْ وَلَا نَصِيفَهُ« [3]
މާނައަކީ: “އަބޫ ހުރައިރާ رضي الله عنه ވިދާޅުވިއެވެ. ރަސޫލު الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ އަޞްޙާބުންނަށް ތިޔަބައިމީހުން އެއްޗެތި ނުކިޔާށެވެ! ތިޔަބައިމީހުންގެ ތެރެއިން މީހަކު އުހުދު ފަރުބަދަހާ ރަން ހޭދަކުރި ކަމުގައި ވިޔަސް، އެބޭކަލުން އަތްގޮށްޓެއްގެ މިންވަރު ނުވަތަ އޭގެ ދެބައިކުޅަ އެއްބައި ހޭދަކުރެއްވުމާވެސް ހަމަހަމަވެގެން ނުވެއެވެ.”
[1] سورة التوبة ١٠٠
[2] سورة الحشر ٨، ٩
[3] صحيح البخاري، البخاري، ط. السلطانية، ج. ٥، ص. ٨، رقم الحديث: ٣٦٧٣