އަބޫ ދާވޫދާ އަދި “السنن” ލިޔުއްވި އެހެން ބޭކަލުން ކުރައްވާފައިވާ ޝަރުޠު:
الحافظ أبو الفضل محمد بن طاهر ވިދާޅުވިއެވެ.
“އަބޫ ދާވޫދާ އަދި އޭގެ ފަހުން ވަޑައިގެންނެވި ބޭކަލުންގެ ފޮތްތައް ވަނީ ތިން ބާވަތަކަށެވެ.
ފުރަތަމައީ: “صحيح” ފޮތްތަކެވެ. އެއީ “الصحيحين” (އެބަހީ: ޞަޙީޙުލް ބުޚާރީއާއި މުސްލިމު) ފަދަ ފޮތްތަކެވެ.
ދެވަނައީ: އެބޭކަލުން – އެބަހީ: ސުނަނުގެ ބޭކަލުން – ކަނޑައަޅުއްވާފައިވާ ޝަރުޠުގައި ޞައްޙަ ފޮތްތަކެވެ. أبو عبد الله بن منده ވިދާޅުވިއެވެ.
“އަބޫ ދާވުދާއި ނަސާއީގެ ޝަރުޠަކީ އެބައެއްގެ ޙަދީޘް ދޫކޮށްލުމަށް (ޢިލްމުވެރިން) އެއްބަސްވެވަޑައިގެންފައި ނުވާ ބައެއްގެ ޙަދީޘްތައް ގެނެސްދިނުމެވެ. އެއީ އޭގެ ސަނަދު ގުޅި، އޭގައި މެދު ކެނޑުމެއް ނެތި އަދި ރާވީއެއް ވެއްޓިފައި ނުވާ ޞައްޙަ ޙަދީޘެއްކަމުގައި ވާނަމައެވެ.”
ތިންވަނައީ: އެބޭކަލުން އިސްވެ ގެންނެވި ބާބުގައިވާ ޙަދީޘްތަކާ ދެކޮޅަށް ހުރި ޙަދީޘްތައް ގެންނެވުމަށްޓަކައި ރިވާކުރައްވާފައިވާ ޙަދީޘްތަކެވެ. އެއީ އެ ޙަދީޘްތަކުގެ ޞައްޙަކަން ކަނޑައެޅިގެން ބަޔާންކުރެއްވުމަށްޓަކައެއް ނޫނެވެ. ބައެއް ފަހަރު އެފަދައިން ގެންނަވާއިރުގައި އެ ޙަދީޘްގައި ފާހަގަވާ މައްސަލަތައް އެފަންނުގެ ބޭކަލުންނަށް އެނގޭނެ ގޮތަށް ބަޔާންކުރައްވައެވެ.
ފަހެ މީހަކު ބުނެފާނެއެވެ. އެބޭކަލުންގެ އަރިހުގައި ޞައްޙަ ނޫން ޙަދީޘެއް އެބޭކަލުންގެ ފޮތުގައި ގެންނެވީ ކީއްވެގެން ހެއްޔެވެ؟
ފަހެ އޭގެ ޖަވާބު ތިން ގޮތަކަށް ދެވިދާނެއެވެ.
1) އެއީ ބައެއް ބޭކަލުން، އެބޭކަލުންގެ ފޮތްތަކުގައި އެފަދަ ޙަދީޘުން ޙުއްޖަތް ނަގާފައިވާތީ އެ ޙަދީޘްތަކުގެ ބަލިކަށިކަން ބަޔާންކުރައްވާ އެކަމާމެދު އަރާފައިވާ އޮޅުން ބަޔާންކޮށްދެއްވުމަށްޓަކައެވެ.
2) އިމާމުލް ބުޚާރީއާއި މުސްލިމު ޢަމަލުކުރެއްވި ފަދައިން، އެބޭކަލުންގެ ފޮތްތަކުގެ ސުރުޚީގައި އެއީ ޞައްޙަ ފޮތްތަކެއްކަމަށް އެބޭކަލުން ލިޔުއްވާފައި ނުވެއެވެ.
3) މިފަދައިން ބުނާ މީހަކަށް ބުނަން އޮތް އަނެއް ޖަވާބަކީ: ފިޤުހުވެރިންނާ އަދި އެހެނިހެން ޢިލްމުވެރިންވެސް އެބޭކަލުންގެ ފޮތްތަކުގައި އެބޭކަލުންނާ އެ މައްސަލާގައި އެއްބަސްވެވަޑައިނުގަންނަވާ ބޭކަލުންގެ ދަލީލުތައް ގެންނަވައެވެ. އެއީ ޞައްޙަ ދަލީލެއް ނޫންކަން އެބޭކަލުންނަށް އެނގިވަޑައިގަންނަވާ އިރުގައިވެސް އެފަދައިން އެބޭކަލުން ޢަމަލުކުރައްވައެވެ. އެހެންކަމުން (މުޙައްދިޘުންގެ ތެރެއިން) މިފަދައިން ޢަމަލުކުރެއްވި ބޭކަލުންވެސް އެ ޢަމަލުކުރެއްވީ މިކަމުގައި ފިޤުހުވެރިން ޢަމަލުކުރައްވާފައިވާ ގޮތަށެވެ.” [1]
__________________________
= ނުނިމޭ =
[1] محمد بن طاهر: شروط الأئمة الستة ص: (13 – 16).