[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބަލިވެއިން އަންހެނަކު ބައިގެންދިޔުމުގެ ސަބަބުން އަންނަ ލެޔާއި އެކަމާ ގުޅުން ހުރި ބައެއް ޙުކުމްތައް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ދިމާވާކަމެއްގެ ސަބަބުން ބައިގެންދިޔުމަކީ (miscarriage ވުމަކީ) ވެދާނެ ކަމެކެވެ. އެއީ ބައެއް އަންހެނުންނަށް މެދުވެރިވާ ކަމެކެވެ. އެ ޙާލަތުގައި ޢާންމު ގޮތެއްގައި ކޮންމެވެސް މުއްދަތެއް ވަންދެން ލޭ އައުމަކީ އެކަށީގެންވާ ކަމެކެވެ. މި ލިޔުމުގައި އަލިއަޅުވާލާނީ އެ އަންނަ ލެޔާ ގުޅުން ހުރި ބައެއް ޙުކުމްތަކަށެވެ.

 

ފުރަތަމަ ޙާލަތު: ކުޑަދަރިފުޅުގެ ސޫރަ އުފެދުމަށް ފަހުގައި ބައިގެންދިޔުން

ބައިގެން ގޮސްގެން ނުވަތަ ދީނީ ގޮތުން ހުއްދަކުރާ ޙާލަތެއްގައި ދަރިވައްޓާލަން ޖެހިގެން، ދެން އެކުއްޖާ ނުކުމެގެން އަންނައިރު ޢާންމު ގޮތެއްގައި އެކުއްޖާ ކުއްޖެއްގެ ސޫރައެއް ގޮތުގައި ބަނޑުގައި އުފެދިފައިވާނީ 80 ދުވަހާއި 90 ދުވަހާ ދެމެދުގައެވެ. އޭގެ ކުރިން އެކުއްޖާ އޮންނާނީ ލޭކޮޅެއްގެ ގޮތުގައެވެ. 80 ދުވަހަށް ފަހުގައި އިނގިލިތައް ނުވަތަ މޫނު ނުވަތަ ރޮނގުތަކެއްގެ ގޮތުގައި އެމަސްކޮޅުގައި ކޮންމެވެސް ވަރަކަށް ޞޫރަ ނެގިފައި ހުންނާނެއެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ أَحَدَكُمْ يُجْمَعُ خَلْقُهُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا، ثُمَّ يَكُونُ فِي ذَلِكَ عَلَقَةً مِثْلَ ذَلِكَ، ثُمَّ يَكُونُ فِي ذَلِكَ مُضْغَةً مِثْلَ ذَلِكَ، ثُمَّ يُرْسَلُ الْمَلَكُ فَيَنْفُخُ فِيهِ الرُّوحَ، وَيُؤْمَرُ بِأَرْبَعِ كَلِمَاتٍ: بِكَتْبِ رِزْقِهِ، وَأَجَلِهِ، وَعَمَلِهِ، وَشَقِيٌّ أَوْ سَعِيدٌ، فَوَالَّذِي لَا إِلَهَ غَيْرُهُ إِنَّ أَحَدَكُمْ لَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إِلَّا ذِرَاعٌ، فَيَسْبِقُ عَلَيْهِ الْكِتَابُ، فَيَعْمَلُ بِعَمَلِ أَهْلِ النَّارِ، فَيَدْخُلُهَا، وَإِنَّ أَحَدَكُمْ لَيَعْمَلُ بِعَمَلِ أَهْلِ النَّارِ، حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إِلَّا ذِرَاعٌ، فَيَسْبِقُ عَلَيْهِ الْكِتَابُ، فَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ، فَيَدْخُلُهَا» [رواه مسلم 1 – (2643)]

މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުން ކުރެ (ކޮންމެ) މީހަކު، އޭނާގެ މަންމަގެ ބަނޑުގައި (ރަޙިމުގައި) ސާޅީސް ދުވަސް ވަންދެން (މަނިތިއްކެއްގެ ގޮތުގައި) އޭނާގެ ޚަލްޤު އެކުލެވިގެންދެއެވެ. އެއަށްފަހު ގަނޑު ލޭކޮޅެއްގެ ގޮތުގައި އެހާ ދުވަހެވެ. އެއަށްފަހު މަސްކޮޅެއްގެ ގޮތުގައި އެހާ ދުވަހެވެ. އެއަށްފަހު، މަލާއިކަތަކު ފޮނުއްވޭނެއެވެ. އަދި އޭގައި ފުރާނަ އަޅުއްވާނެއެވެ. އަދި އެ މަލާއިކަތާއަށް ހަތަރުކަމެއް (ލިޔުއްވުމަށް) އަމުރުކުރެވޭނެއެވެ؛ އެއީ އޭނާގެ ރިޒްޤާއި އަޖަލާއި ޢަމަލާއި އަބާއްޖެވެރިއަކުކަމުގައި ވުމަށް ނުވަތަ ބާއްޖަވެރިއަކުކަމުގައި ވުމަށެވެ. ފަހެ އެއިލާހު ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހެއް ނުވާ ފަރާތް ގަންދެއްވަމެވެ. (އެބަހީ: ﷲ ތަޢާލާ ގަންދީ ޙަދީޘްކުރައްވަމެވެ.) ހަމަކަށަވަރުން، ތިޔަބައިމީހުން ކުރެ މީހަކު، ސުވަރުގެވަންތަވެރިންގެ ޢަމަލު ކުރަމުންގޮސް، އޭނާއާއި ސުވަރުގެއާ ދެމެދު މުށެއް މެނުނީ ނުވާހާ ކައިރިއަށް ދެއެވެ. ދެން އެ ލިޔެވުނު ފަތް އޭނާގެ މައްޗަށް އިސްވެ، އޭނާ ނަރަކަވަންތަވެރިންގެ ޢަމަލުކޮށް ނަރަކައަށް ވަދެއެވެ.އަދި ހަމަކަށަވަރުން ތިޔަބައިމީހުން ކުރެ މީހަކު، ނަރަކަވަންތަވެރިންގެ ޢަމަލު ކުރަމުންގޮސް، އޭނާއާއި ނަރަކައާ ދެމެދު މުށެއް މެނުނީ ނުވާހާ ކައިރިއަށް ދެއެވެ. ދެން އެ ލިޔެވުނު ފަތް އޭނާގެ މައްޗަށް އިސްވެ، އޭނާ ސުވަރުގެވަންތަވެރިންގެ ޢަމަލުކޮށް ސުވަރުގެ ވަދެއެވެ.”

 

މި ޙަދީޘުން ދަލާލަތު ކުރަނީ މަންމަގެ ބަނޑުތެރޭގައި ވާއިރު އިންސާނާ އެކި މަރުޙަލާތައް ކަޑައްތުކުރާ ކަމެވެ.

އެއީ:

ފުރަތަމަ ސާޅީސް (40 ދުވަސް) : މަނިތިއްކެއްގެ ގޮތުގައި

ދެވަނަ ސާޅީސް (80 ދުވަސް) : ގަނޑު ލޭކޮޅެއްގެ ގޮތުގައި

ތިންވަނަ ސާޅީސް (120 ދުވަސް) : މަސްކޮޅެއްގެ ގޮތުގައި

ހަތަރުވަނަ ސާޅީސް (160 ދުވަސް) : ފުރާނަ އެޅުއްވުން

 

އޭނާގެ ޚަލްޤު އުފެދި، އިންސާނެއްގެ ސޫރައަށް ބަދަލުވަނީ މަސްކޮޅެއްގެ ގޮތުގައި އޮންނަ މަރުޙަލާގައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿يَا أَيُّهَا النَّاسُ إِن كُنتُمْ فِي رَيْبٍ مِّنَ الْبَعْثِ فَإِنَّا خَلَقْنَاكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ﴾ [سورة الحج ٥]‏

މާނައީ: “އޭ މީސްތަކުންނޭވެ! (މަރުވުމަށް ފަހު) އަލުން ދިރުއްވައި ފޮނުއްވާނޭ ކަމާމެދު، ތިޔަބައިމީހުން ޝައްކުވާނަމަ، ފަހެ ހަމަކަށަވަރުން ތިމަންއިލާހު ތިޔަބައިމީހުން (ގެ އަޞްލު) އުފެއްދެވީ ވެލިންނެވެ. ދެން މަނި ތިއްކަކުންނެވެ. ދެން ގަނޑު ލޭކޮޅަކުންނެވެ. ދެން (އާދަމުގެ ދަރިޔެއްގެ) ސިފަ ފާޅުވެގެންވާ ނުވަތަ ފާޅުވެގެން ނުވާ މަސްކޮޅަކުންނެވެ. އެއީ (ކޮންމެކަމަކަށް ތިމަންއިލާހު ކުޅަދުންވަންތަކަން) ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވުމަށްޓަކައެވެ.”

މަސްކޮޅުގެ ވާހަކަ ބަޔާންކުރެއްވި ހިނދު އެއިލާހު ވަޙީކުރައްވާފައިވަނީ: “(އާދަމުގެ ދަރިޔެއްގެ) ސިފަ ފާޅުވެގެންވާ ނުވަތަ ފާޅުވެގެން ނުވާ މަސްކޮޅަކުންނެވެ.”

އާދަމުގެ ދަރިއެއްގެ ސިފަ ފާޅުވުމުގެ މުރާދަކީ އޭނާގެ ހަށިގަނޑުގެ އެކި ގުނަވަންތައް މިސާލަކަށް ބޮލާއި އަތާއި އިނގިލިތައްފަދަ ގުނަވަންތައް ފާޅުވެ، ވަކިކުރަން އެނގުމެވެ.

އެހެންކަމުން އެގޮތުން އެކުއްޖާގެ ސޫރަ އުފެދިފައިވާނަމަ އެ އަންނަ ލެޔަކީ ނިފާސްކަމުގެ ލެޔެވެ. ނިފާސްކަމުގެ ލެޔަކީ ޢާންމުކޮށް 40 ދުވަސްވަންދެން އަންނަ ލެޔެކެވެ. އެމުއްދުގައި ނަމާދުކުރުމާއި ރޯދަހިފުމުން ދުރުހެލިވާން ޖެހޭނެއެވެ. ދެން އެ މުއްދަތު ނިމުމުން ފަރުޟު ރޯދައެއް އެ މުއްދަތުގައި ފާއިތުވިނަމަ އެ ރޯދަ އަނެއް ރަމަޟާން މަސް އައުމުގެ ކުރިން ޤަޟާ ކުރާނީއެވެ. ބައެއް ފަހަރު އެއަށްވުރެ އަވަހަށްވެސް އެ ލޭ ކެނޑި ދާނެއެވެ. އެ ޙާލަތުގައި ނަމާދުތައް އަދާކޮށް ރޯދަ ހިފަން ފަށަން ޖެހޭނެއެވެ.

 

ދެވަނަ ޙާލަތު: ކުޑަދަރިފުޅުގެ ސޫރަ ނުއުފެދެނީސް ބައިގެންދިޔުން

މިކަން ޢާންމު ގޮތެއްގައި ހިނގާނީ 80 ދުވަސްވުމުގެ ކުރިން ބައިގެން ގޮސްފިނަމައެވެ. މި ޙާލަތުގައިވެސް ލޭ އައުން އެކަށީގެން ވެއެވެ. އެހެނަސް ކުއްޖެއްގެ ސޫރަ އުފެދިފައި ނުވާތީ އެ އަންނަ ލެޔަކީ ނިފާސްކަމުގެ ލެޔަށް ނުބަލާނެއެވެ. އެ ލޭ ވާނީ އިސްތިޙާޟާ (vaginal bleeding) ގެ ލެޔަށެވެ. އިސްތިޙާޟާގެ ޙުކުމަކީ ކޮންމެ ނަމާދު ވަގުތެއް ވަނުމުން އެތަން ރަނގަޅަށް ދޮވެ، ބަންދުކުރުމަށް ފަހު އެ ފަރުޟުނަމާދާއި އެނަމާދާ ގުޅުން ހުރި ސުންނަތް ނަމާދުތައް ކުރުމެވެ. އަދި އެ ޙާލަތުގައި ނަމާދުތަކާއި ރޯދަތައް ހިފަންޖެހޭނެއެވެ. އަދި އެ ލޭ ކެނޑުމުން، ޙައިޟު ނުވަތަ ނިފާސްގެ ލޭ ކެނޑުމުން ހިނައިގަންނަހެން ހިނައިގަތުން ލާޒިމެއް ނުވާނެއެވެ.

 

ބައެއް މުހިންމު ނުކުތާތައް:

1- ނިފާސްގެ ލޭ ތޯ ނުވަތަ އިސްތިޙާޟާގެ ލޭތޯ ކަނޑައެޅުމުގައި އެންމެ އިތުބާރު ހުރި ގޮތަކީ ޑޮކްޓަރުން ނުވަތަ ނަރުހުން ނުވަތަ ދަރި ބައިގެން ގޮސްފައި އޮއްވާ ފެނުނު މީހެއް ކައިރީ އެ ކުއްޖާ ވެއްޓުނު އިރު އޮތްގޮތް އަހައިގެން ޔަޤީންކުރުމެވެ. އެގޮތަށް އެކަން ކަށަވަރު ނުވެއްޖެއްޔާ 80 ދުވަހަށް ފަހު ބައިގެން ދިޔަނަމަ އެއީ ނިފާސްކަމުގައި ބަލާށެވެ. އަދި އޭގެ ކުރިން ވެއްޖެއްޔާ އެއީ އިސްތިޙާޟާކަމުގައި ބަލާށެވެ.

 

2- މިކަން މިގޮތަށް ކުރިން ހިނގާފައި، މިކަމުގެ ޙުކުމް ނޭނގި ނަމާދުތަކެއް ދޫކުރެވިފައިވާނަމަ ދަންނާށެވެ. އެކަމުގައި ފަރުވާކުޑަކޮށް، އެކަން ރަނގަޅަށް އޮޅުން ފިލުވިފައި ނުވާނަމަ އެކަމަށް ތައުބާވާށެވެ. އަދި އެ ނަމާދުތައް ޤަޟާކުރުމާ މެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް އެބައޮތެވެ. ދަލީލުތަކުގެ އަލީގައި ބުރަވެވެނީ އެ ނަމާދުތައް ޤަޟާކުރަން ނުޖެހޭނެކަމަށެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.

“އެމީހާއާ ހަމައަށް ނައްޞު ފޯރާފައި ނުވާތީ އެމީހެއްގެ މައްޗަށް ވާޖިބުވެގެންވާ ޠަހާރަތެއް ދޫކޮށްލިނަމަ މިސާލަކަށް ޖަމަލު މަސް ކައިފާ (ދެން ނަމާދުކުރަންވީމާ) ވުޟޫ ނުކުރާމީހަކަށް އެކަމުގައި އައިސްފައިވާ ނައްޞު ފޯރާ، އެއީ ވުޟޫކުރުން ވާޖިބުކަމެއްކަން ފަހުން އެނގެއެވެ. ނުވަތަ ޖަމަލުކޮށީގައި ނަމާދުކޮށްފައި އެކަމާ ގުޅޭ ނައްޞު އޭނާއަށް ފޯރާ، އެކަންވެސް ފަހުން އެނގެއެވެ. އެ ޙާލަތުގައި އިސްވެ ދިޔަ ނަމާދުތައް އިޢާދަކުރަން ޖޭހެނެ ހެއްޔެވެ؟ އެކަމުގައި އިމާމު އަޙުމަދުގެ ދެ ރިވާޔަތެއް ވެއެވެ. (ކުރަން ޖެހޭނެކަމަށް އަދި ކުރަން ނުޖެހޭނެ ކަމަށެވެ.)… މި ހުރިހާ ޙާލަތެއްގައިވެސް ޞައްޙަ ގޮތަކީ އަލުން އެ ނަމާދުތައް އިޢާދަ ނުކުރުމެވެ. އެހެނީ އޮޅިގެން ކުރެވޭ ކަންތައްތަކާއި ހަނދާން ނެތިގެން ކުރާ ކަންތައްތައް، ﷲ ތަޢާލާ ވަނީ ޢަފޫކުރައްވާފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا﴾ [سورة الإسراء ١٥]

މާނައީ: “ރަސޫލަކު ފޮނުއްވައިފުމަށް ދާންދެން (އެއްވެސް ބަޔަކަށް) ތިމަންއިލާހު ޢަޛާބު ނުދެއްވަމެވެ.”

ފަހެ ވަކި ކަމެއްގައި ރަސޫލާ صلى الله عليه وسلم ކުރައްވާފައިވާ އަމުރުފުޅު ފޯރާފައި ނުވާ މީހެއްގެ މައްޗަށް އެކަން ވާޖިބުވުމުގެ ޙުކުމް ޘާބިތު ނުވެއެވެ. އެހެންކަމުން ޢުމަރުގެފާނާއި ޢައްމާރުގެފާނު (ދަތުރެއްގެ މަތީގައި ވަނިކޮށް) ޖުނުބުވެރިވުމުން (ފެން ލިބެންދެން) ޢުމަރުގެފާނު ނަމާދެއް ނުކުރައްވައެވެ. ޢައްމާރުގެފާނު (ހިރަފުހުން އެކަލޭގެފާނަށް ލަފާ ކުރެވުނު ގޮތަށް ޠާހިރުވެފައި) ނަމާދު ކުރެއްވިއެވެ. (އޭރު ތަޔައްމުމު ކުރާކަށް އެބޭކަލުންނަށް އެނގިވަޑައި ނުގަންނަވައެވެ.) އެހެނަސް އެ ދެ ބޭކަލުން ކުރެ އެއްވެސް ބޭކަލަކަށް އެ ނަމާދު އިޢާދަކުރުމަކަށް އެކަލޭގެފާނު އަމުރެއް ނުކުރައްވައެވެ. [1] … އަދި ރަމަޟާން މަހުގެ ހާރުކައި ނިންމަންވީ ވަގުތު ނޭނގިގެން ކައިބޮއި ހެއްދެވި ޞަޙާބީއަށް ވެސް އެ ރޯދަ ޤަޟާކުރަން އަމުރުކުރައްވާފައި ނުވެއެވެ. [2] އަދި ބައިތުލް މަޤްދިސާ ދިމާއަށް ނަމާދުކުރުން މަންސޫޚުވިކަން ނޭނގި އެ ދިމާލަށް ނަމާދުކުރެއްވި ބޭކަލުންނަށްވެސް ޤަޟާކުރަން އަމުރުކުރައްވާފައި ނުވެއެވެ. [3]  

އަދި އިސްތިޙާޟާވެފައި އެ ޙާލަތުގައި އޭނާ ނަމާދު ކުރަން ނުޖެހޭނެކަމަށް ހީކޮށް ދުވަސްތަކެއް ވަންދެން ނަމާދު ދޫކޮށްލި މީހަކުވެސް އެފަދައެވެ. އެފަދަ މީހަކާ މެދުވެސް ދެ ބަސްފުޅު ވެއެވެ.

ފުރަތަމަ ބަސްފުޅަކީ އޭނާ އެ ނަމާދުތައް އިޢާދަކުރުމެއް ނުވެއެވެ. އެފަދައިން އިމާމު މާލިކާއި އެހެން ބޭކަލުންވެސް ވިދާޅުވެފައި ވެއެވެ. އެހެނީ އިސްތިޙާޟާވި އަންހެންކަނބަލަކު، ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި އައިސް އެކަމަނާ ވަރަށް ގަދައަށް އިސްތިޙާޟާވާ ވާހަކަ ދެންނެވިއެވެ. އަދި އޭގެ ސަބަބުން ނަމާދުކުރުމާއި ރޯދަހިފުމުން އެއްކިބާވިކަމަށް ވެސް ދެންނެވިއެވެ. އެކަމަނާ މުސްތަޤްބަލުގައި ޢަމަލުކުރަންވީ ގޮތް އެކަލޭގެފާނު ބަޔާންކުރެއްވިއެވެ. އެހެނަސް އިސްވެ ދިޔަ ނަމާދުތައް ޤަޟާކުރަން އަމުރެއް ނުކުރައްވައެވެ.” [4]

 

3- އިސްތިޙާޟާގެ ލޭ އައުމަކީ ދެމަފިރިކަމުގެ ގުޅުން ހިންގުން މަނާކުރާ ކަމެއް ނޫނެވެ. ޝަރުޢީ ގޮތުން އެކަން މަނާ ކުރާނެ ދަލީލެއް ނުވެއެވެ. އަދި ތަބީޢީ ގޮތުން އެކަމާ ނުރުހުންތެރިވާނަމަ އެކަމުން ދުރުވުމަކީ މައްސަލައެއް ނޫނެވެ. ޙައިޟުގެ ދުވަސްވަރާއި ނިފާސްގެ ދުވަސްވަރު ދެމަފިރިކަމުގެ ގުޅުމުން ދުރުހެލިވާން ޖެހޭނެއެވެ.

 

މަޞްދަރުތައް

الفتاوى الكبرى لابن تيمية (2 / 51).

فتاوى نور على الدرب لابن باز (13 / 478 – 481).

مجموع فتاوى ورسائل فضيلة الشيخ محمد بن صالح العثيمين (11 / 327).

 


 

[1] ބައްލަވާ: صحيح البخاري (347).

[2] ބައްލަވާ: صحيح مسلم 33 – (1090).

[3] ބައްލަވާ: صحيح البخاري (403).

[4] الفتاوى الكبرى لابن تيمية (2 / 51).