ދެވަނަ ބައި: ރޯދައިގެ ރުކުންތައް
އެއްވަނައީ: ރޯދަ ގެއްލެނިވި ކަންކަމުން ދުރުވެ ހުރުން:
ރޯދަ ގެއްލެނިވި އެންމެހައި ކަންކަމުން – ކެއުމާއި ބުއިމާއި އެއްދާން ކުރުމުން – ދުރުހެލި ވެ ހުރުން ރޯދަވެރިޔާގެ މައްޗަށް ވާޖިބުވެގެން ވެއެވެ. މިކަމުގެ މައްޗަށް އިބްނު ޙަޒްމާއި އިބްނު ޢަބްދުބައްރު އަދި އިބްނު ތައިމިއްޔާ، އިޖްމާޢު ނަޤުލު ކުރައްވާފައި ވެއެވެ.
ދެވަނައީ: ރޯދަ ގެއްލެނިވި ކަންކަމުން ދުރުވެ ހުރުމުގެ ވަގުތު ވަދެއްޖެކަން އެނގުން:
- ރޯދައަށް ހުރުމަށް، ރޯދަ ގެއްލެނިވި ކަންކަމުން ދުރުހެލި ވެ ހުރުމަށް ފަށާ ވަގުތު:
ދަންނަބޭކަލުންގެ އަރިހުގައި ފަޖްރުއްޞާދިޤުގެ[1] އަލިކަން ފާޅު ވުމާއެކު ރޯދަ ގެއްލެނިވި އެންމެހައި ކަންކަމުން ދުރުވެ ރައްކާތެރިވުން ރޯދަވެރިޔާގެ މައްޗަށް ލާޒިމުވެގެން ވެއެވެ.
– ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވިއިރު އެ މީހާގެ އަނގައިގައި ކާ އެއްޗެއް އޮތް މީހާ ކަންތައް ކުރާނީ ކިހިނެތް ހެއްޔެވެ؟
ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވިއިރު އެ މީހެއްގެ އަނގައިގައި ކާ އެއްޗެއް އޮތް މީހާ އޭނާގެ އަނގައިގައި އޮތް އެއްޗެއް އެއްލާލަން ވާނެއެވެ.[2] އަދި އެއަށްފަހު އެ ދުވަހުގެ ރޯދަ ފުރިހަމަ ކުރާނީއެވެ. އަދި އޭނާގެ އަނގައިގައި އޮތް އެއްޗެއް ދިރުވައިލިނަމަ، ފިޤުހީ ހަތަރު މަޛްހަބުގެ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވަނީ އޭނާގެ ރޯދަ ބާޠިލު ވާނެ ކަމަށެވެ.
- ރޯދަ ގެއްލެނިވި ކަންކަމުން ދުރުވެ ހުރުމުގެ ވަގުތުގެ ނިމުން (ރޯދަ ވީއްލުން) އަދި އެ ކަމާ ގުޅުން ހުރި ބައެއް ޙުކުމްތައް:
– ރޯދަ ވީއްލުމުގެ ވަގުތަކީ ކޮބާ ހެއްޔެވެ؟
އިރު އޮއްސުމާއެކު ރޯދައަށް ހުރުމަށް ރޯދަ ގެއްލެނިވި ކަންކަމުން ރައްކާތެރިވެ ހުރުން ނިމުނީއެވެ. (އިރު އޮއްސުމާއެކު ރޯދަ ވީއްލުމުގެ ވަގުތު ވަނީއެވެ.) މިކަމުގެ މައްޗަށް އިބްނު ޙަޒްމު، އިބްނު ޢަބްދިލްބައްރު އަދި ނަވަވީ އިމާމު އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.
– ރޯދަވެރިޔާ (ދަތުރަކަށް ފެށުމުގެ ކުރިއަށް) ރޯދަ ވީއްލުމަށް ފަހު މަތިންދާ ބޯޓުގައި ދަތުރަކަށް ފަށައި، (ބޯޓު ޖައްވުގެ ތެރެއަށް ދިއުމުން) އިރު ނުއޮއްސޭކަމަށް ފެނުނު ޙާލަތުގައި ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟
އިރުއޮއްސުމުން ރޯދަ ވީއްލުމަށް ފަހު، ދެން ބޯޓު ދަތުރަށް ފަށައި، މައްޗަށް އެރުމުން އިރު ނުއޮއްސިވަނިކޮށް ފެނުނު ކަމުގައިވިޔަސް ރޯދަ ގެއްލެނިވި ކަންކަމުން ދުރުހެލިވާން ރޯދަވެރިޔާ ނުޖެހޭނެއެވެ. އަދި ރަށުގައި އެ ދުވަހު އޭނާ ހިފި ރޯދަ ޞައްޙަ ވާނެތެވެ. މި ފަދައިން ޢަބްދުއްރައްޒާޤު ޢަފީފީ، އިބްނު ބާޒް އަދި އިބްނު ޢުޘައިމީން ފަތުވާ ދެއްވާފައި ވެއެވެ.
– މަތިންދާބޯޓުގައި ދަތުރުވެރިޔާ ރޯދަ ދޫކޮށްލުމުގައި މުޢުތަބަރު ވަގުތަކީ ކޮބާ ހެއްޔެވެ؟
ރޯދައަށް ހުރެ މަތިންދާބޯޓުގައި ދަތުރަކަށް ފަށާފައިވާ މީހާ، ދަތުރުގެ މަތީގައި ގަޑީގެ ޒަރިއްޔާއިން ނުވަތަ ޓީވީން ނުވަތަ އެ ނޫންވެސް ވަޞީލަތަކުން އޭނާ އެ ރަށަކުން ދަތުރަށް ފެށި ރަށަށް ނުވަތަ އެ ރަށަކާ ކައިރީގައި ބޯޓު އޮތް ރަށަށް ރޯދަ ވީއްލުމުގެ ވަގުތު ވަދެއްޖެކަން އެނގުނު ނަމަވެސް، މަތިންދާބޯޓު ޖައްވުގެ ތެރޭގައި އޮތުމުގެ ސަބަބުން އޭނާއަށް އިރު ފެންނާން ހުރިހައި ހިނދަކު އޭނާއަކަން ރޯދަ ވީއްލުމެއް ނުވެއެވެ. އޭނާއަށް ރޯދަ ވީއްލޭނީ އޭނާއަށް އިރު އޮއްސުމުންނެވެ. މި ފަދައިން ޢަބްދުއްރައްޒާޤު ޢަފީފީ، އިބްނު ބާޒް އަދި އިބްނު ޢުޘައިމީން ފަތުވާ ދެއްވައިފައި ވެއެވެ.
– ދުވާލުގެ ވަގުތު ދިގު ޤައުމުތަކުގައި ރޯދަ ވީއްލާނީ ކޮން ވަގުތެއްގައި ހެއްޔެވެ؟
ފަޖުރުއްޞާދިޤުގެ އަލިކަން ފާޅު ވީއްސުރެ، އިރު އޮއްސިއްޖައުމަށް ދާންދެން ރޯދަ ގެއްލެނިވި އެންމެހައި ކަންކަމުން ދުރުވެ ރައްކާތެރިވެ ހުރުން ކޮންމެ ތަނެއްގައި ހުރި ރޯދަވެރިޔެއްގެ މައްޗަށްވެސް ވާޖިބުވެގެން ވެއެވެ. އެއީ ދުވާލުގެ ވަގުތު ދިގު ނުވަތަ ދުވާލުގެ ވަގުތު ކުރުނަމަވެސް މެއެވެ. ރޭދުވާ ސައުވީސް ގަޑިއިރު ތެރޭގައި ވޭތުވި ނަމަވެސް، ދުވާލު ވަގުތުގެ ދިގުކަމުގެ ސަބަބުން ރޯދައަށް ހުރުމަށް ކުޅަދާނަ ނުވެއްޖެނަމަ އަދި ރޯދައަށް ހުރެއްޖެއްޔާ ގެއްލުމެއް ނުވަތަ ބަލިމަޑުކަމެއް މެދުވެރި ވެދާނޭކަމަށް ބިރުގަތްފިނަމަ، ފަހެ އެ ފަދަ މީހާއަށް ރޯދަ ދޫކޮށްލުން ޙުއްދަވެގެން ވެއެވެ. އަދި އެ ދޫކޮށްލި ރޯދަ އެހެން ދުވަސްތަކެއްގައި ޤަޟާ ކުރާނީއެވެ. އިބްނު ބާޒާއި އިބްނު ޢުޘައިމީން ފަތުވާ ދެއްވައިފައިވަނީ މިފަދައިންނެވެ. އަދި މަޖްމަޢުލް ފިޤްހިލް އިސްލާމީގެ ޤަރާރުވެސް ވަނީ އެފަދައިންނެވެ.
– ރޭދުވާ ތަކުރާރު ވުމުގައި ޢާންމު އުޞޫލާ ޚިލާފު ޤައުމުތަކުގައި ރޯދައަށް ހުންނާނޭ ވަގުތު ކަނޑައަޅާނީ ކިހިނަކުން ހެއްޔެވެ؟
ސައުވީސް ގަޑިއިރުގެ ތެރޭގައި ރޭދުވާ ތަކުރާރު ނުވާ ރަށެއްގައި މިސާލަކަށް އެ ތަނެއްގެ ދުވާލުގެ ދިގު މިނަކީ ދެ ދުވަސް ނުވަތަ ހަފްތާއެއް ނުވަތަ މަހެއް ނުވަތަ އެއަށްވުރެވެސް ދިގު މުއްދަތެއް ކަމުގައިވާ ތަނެއްގައި ދިރިއުޅޭ މީހަކުނަމަ؛ ފަހެ އޭނާ އެ ހުރި ރަށަކާ އެންމެ ކައިރީގައި ވާ ސައުވީސް ގަޑިއިރުގެ ތެރޭގައި ރޭދުވާ ތަކުރާރު ވާ ރަށެއްގެ ރެއަކާއި ދުވާލަށް ހޭދަވާ މުއްދަތު ބަލައި، އެއީ ރެއަކާއި ދުވާލެއް ކަމުގައި އޭނާ ބަލާނީއެވެ. އިބްނު ބާޒާއި އިބްނު ޢުޘައިމީނާއި މި ދެ ބޭކަލުން ނޫންވެސް ބޭކަލުން ފަތުވާ ދެއްވައިފައިވަނީ މި ފަދައިންނެވެ. އަދި މަޖްމަޢުލް ފިޤްހިލް އިސްލާމީގެ ޤަރާރުވެސް ވަނީ އެފަދައިންނެވެ.
[1] ފަޖުރުވަނީ ދެ ފަޖުރެކެވެ. އެއީ ތެދު ފަޖުރު (ފަޖުރުއްޞާދިޤު) އަދި ދޮގު ފަޖުރު (ފަޖުރުލްކާޛިބު)އެވެ.
މި ދެ ފަޖުރުގެ ދެމެދުގައި ފަރުޤުތަކެއް ވެއެވެ. އެއީ:
- ފަޖުރުލްކާޛިބު: މި ފަޖުރަކީ އުދަރެހުން ފެށިގެން މައްޗަށް ފާއްދާލައިފައި ހުންނަ އަލިކަމެކެވެ. އުދަރެހުގައި ހުރަހަށް އޮންނަ އަލިކަމެއް ނޫނެވެ. އެހެނަސް އުދަރެހުން މައްޗަށް ދިގަށް އޮންނަ އަލިކަމެކެވެ. މިއާ ޚިލާފަށް ފަޖުރުއްޞާދިޤުގެ އަލިކަން އޮންނާނީ އުދަރެހުގައި ހުރަހަށެވެ. އެއީ އުތުރުން ދެކުނަށް ފައްދާލައިފައި ވާ އަލިކަމެކެވެ.
- ފަޖުރުއްޞާދިޤު: ފަޖުރުއްޞާދިޤުގެ އަލިކަމަށް ފަހު އަނދިރިކަމެއް ވެރިނުވާނެއެވެ. އެހެނަސް އެއަށްފަހު އިރު އެރުމާ ހަމައަށްވެސް ދުނިޔެއަށް އަލިކަން ދާނީ އިތުރު ވަމުންނެވެ. މިއާ ޚިލާފަށް ފަޖުރުލްކާޛިބުގެ އަލިކަމަށް ފަހު އަނދިރިކަމެއް ވެރިވާނެއެވެ. މި ފަޖުރަށް ދޮގު ފަޖުރެކެވެ ކިޔުނީ މިހެން ވެގެންނެވެ. އެއީ މި ފަޖުރުގެ އަލިކަން ފަނޑުވަމުންގޮސް ގެއްލޭތީއެވެ.
[2] ބަންގި ގޮވާ މީހާއަކީ ފަޖުލުމުން ބަންގި ގޮވާ މީހެއްކަމުގައި ވެފައި އޭނާއަކީ އިތުބާރު ހިފޭ މީހަކުނަމަ، ބަންގީގެ އަޑު އިވުމާއެކު ރޯދަ ގެއްލޭ ހުރިހާ ކަމަކުން ރައްކާތެރިވެ ގަންނަން ޖެހޭނެއެވެ. އެހެންނަމަވެސް ބަންގި ގޮވާ މީހާއަކީ ފަޖުރުލުމުގެ ކުރިއަށް ބަންގި ދޭ މީހަކުނަމަ، ބަންގީގެ އަޑު އިވުމާއެކު ރޯދަ ގެއްލޭކަންކަމުން ރައްކާތެރި ވާކަށް ނުޖެހޭނެއެވެ. އަދި ފަޖުރުލައިފިކަން ބަޔާން ވެއްޖައުމަށް ދާންދެން ކެއުމާއި ބުއިން ކުރިއަށް ގެންދިއުން ޙުއްދަވާނެއެވެ. ބަންގި ގޮވާ މީހާއަކީ ވަގުތުގެ ކުރިއަށް ބަންގި ދޭ މީހެއްކަން އެނގިފައި ވާނަމަވެސް ހަމަ މިފަދައެވެ. ނުވަތަ ސަހަރާއެއްގައި ފަޖުރުލާ މަންޒަރު ފެންނާނޭފަދަ ތަނެއްގައި ވީނަމަވެސް ހަމަ މިފަދައެވެ. މިފަދަ ޙާލަތެއްގައި ފަޖުރު ނުލާނަމަ، ރޯދަ ގެއްލޭ ކަންކަމުން ރައްކާތެރިވާން ނުޖެހޭނެއެވެ. އެއީ ބަންގީގެ އަޑު އިވުނުނަމަވެސް މެއެވެ.
ނަމަވެސް ބަންގި ދޭ މީހާގެ ޙާލު ނޭނގޭނަމަ، އޭނާ އެ ބަންގި ދެނީ ފަޖުރުލުމުގެ ކުރިއަށްތޯ ނުވަތަ ފަހުންތޯ ނޭނގޭނަމަ، [ބަންގީގެ އަޑުއިވުމާއެކު] ރޯދަ ގެއްލޭކަންކަމުން ރައްކާތެރިވެ ގަންނާން ޖެހޭނެއެވެ. އެހެނީ އަޞްލަކީ ބަންގި ދޭ މީހާ ބަންގި ދޭނީ ވަގުތު ވަނުމުންކަމުގައި ވާތީއެވެ.
މަޞްދަރު: ملخص فقه العبادات