الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
މުސްލިމު އަޅާ ﷲ ތަޢާލާއަށް އަޅުކަން ކުރާނީ ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގައި ވާރިދުވެފައިވާ ގޮތަށް ތަބާވެގެންނެވެ. އަދި އޭނާއަށް ކުރެވުނީ ނުވަތަ ނުކުރެވެނީ ކޮންކަމެއްތޯ އެހެން މީހުންނަށް އެނގުމުގެ ޙާޖަތެއް ނެތެވެ.
އެހެންކަމުން ބޮޑަށް ބުރަވެވެނީ ކުރެވޭ ނަމާދުތައް ފާހަގަކުރުމަށް ތާވަލެއް ހަދައިގެން ނުވަތަ އެހެން އަޅުކަމަކަށްވެސް ތާވަލެއް ހަދައިގެން އެކަންކަން ކުރުމަކީ ދީނުގައި ކަނޑައަޅުއްވާފައިވާ ގޮތާ ޚިލާފުކަމެކެވެ. އެއީ އަންނަނިވި ސަބަބުތަކަށްޓަކައެވެ.
- މިއީ މިއުންމަތުގެ ސަލަފުންގެ ބޭކަލުން ކުރައްވާފައިވާ ކަމެއް ނޫނެވެ. އެއީ އެއްވެސް ޞަޙާބީ ބޭކަލަކު ނުވަތަ އެއަށްފަހު ވަޑައިގެންނެވި އިމާމުވެރި ބޭކަލަކުވެސް ކުރައްވާފައިވާ ކަމެއް ނޫނެވެ. އެކަމަކީ އެއަށްފަހު އައި ބަޔަކު ފަށައިގެން އުޅޭ ކަމެކެވެ.
- މުސްލިމު އަޅާ އަޅުކަންކުރަނީ ﷲ އަށެވެ. ޚަލްޤުތަކުންގެ ކިބައިން އެކަމަށް އިމާނުތަކެއް ހޯދާކަށެއް ނޫނެވެ.
- ނަފްސުގައި ބަލިކަށިކަން ހުރި މީހަކު މިފަދަ ކަމެއް ކުރާއިރުގައި ދޮގު ހެދުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނީ އެފަދަ ތާވަލެއްގައި އޭނާގެ އަޚުންނަށް ފެންނަ ގޮތުގައި ފަރުވާ ކުޑަކުރުމަށް އޭނާ ލަދުގަނެދާނެއެވެ. އެހެންވެ އެކަމާ މެދު އެފަދަ މީހަކު ދޮގުހެދުމަކީ އެކަށީގެންވާ ކަމެކެވެ.
- މިކަމުގައި ބައިވެރިވެގެން އުޅޭ މީހުން ވާދަކޮށް، އެބައިމީހުންނަށް ކުރެވޭ ޢަމަލުތަކާ މެދު ފަޚުރުވެރިވެ ބޮޑާވުމަކީ އެކަށީގެންވާ ކަމެކެވެ.
މިކަމާ ބެހޭ ގޮތުން ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޢުޘައިމީނާ ސުވާލު ދެންނެވުނެވެ.
ސުވާލު: ބައެއް މީހުން ނަމާދުތައް ކުރެވޭތޯ ބެލުމަށް، ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތަކުގެ ތާވަލެއް ގެންގުޅެއެވެ. އެ ތާވަލު ހަދާފައިވަނީ އެއް ހަފްތާގައި ކުރެވޭ ނަމާދުތައް ބެލޭނެ ގޮތަށެވެ. އެގޮތުން ކޮންމެ ނަމާދަކާ ދިމާލުގައި ދެ ގޮޅި ކުރަހާފައި ހުރެއެވެ. އެއީ ފަރުޟުނަމާދާއި ސުންނަތް ނަމާދު ފާހަގަކުރާށެވެ. އެގޮތުން ފަރުޟު ނަމާދު ޖަމާޢަތުގައި ކުރެވިއްޖެއްޔާ އެއަށް މާރކްސް އެއް ދެއެވެ. އަދި ސުންނަތް ނަމާދު ކުރެވުމުން އެއަށްވެސް މާރކްސް ދެއެވެ. އެނަމާދެއް ނުކުރެވިއްޖެއްޔާ އެއަށް މާރކްސް އެއް ނުދެއެވެ. ދެން ކޮންމެ ހަފްތާއެއް ނިމުމުން ލިބުނު މާރކްސް އެއްކުރެއެވެ. އެ ކަރުދާހުގައި އެއްމަހަށް އެފަދަ ހަތަރު ތާވަލު ވެއެވެ. އެބައިމީހުން ބުނާ ގޮތުގައި މިފަދަ ވަސީލަތްތަކަކީ ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައް ކުރުމަށް ބާރު އަޅާ އެއްޗެކެވެ. ޝައިޚު މިކަމާމެދު ދެކެވަޑައިގަންނަވަނީ ކިހިނަކުން ހެއްޔެވެ؟ މިއީ ޝަރުޢުކުރައްވާފައިވާ ކަމެއް ހެއްޔެވެ؟ މިކަން ފެތުރުމާމެދު ދެކެވަޑައިގަންނަވަނީ ކިހިނެތް ހެއްޔެވެ؟
ޖަވާބުގައި ޝައިޚު ވިދާޅުވިއެވެ.
“މިއީ ޝަރުޢުކުރައްވާފައިވާ ކަމެއް ނޫނެވެ. މިއީ ބިދުޢައެކެވެ. މިފަދައިން ޢަމަލުކުރުމަކީ ހިތުން އަޅުކަމުގެ މާނަ ފޮހެވިގެން ގޮސްދާނެ ފަދަ ކަމެކެވެ. އެގޮތުން އަޅުކަންތައް އެމީހާ އާދަވެގެން ކުރާ ކަންކަމުގެ ގޮތުގައި ވެގެން ހިނގައިދާނެއެވެ. ޞަޙީޙުލް ބުޚާރީއާއި މުސްލިމުގައި أنس بن مالك ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم މިސްކިތަށް ވެދެވަޑައިގެންނެވިއެވެ. އޭރު މިސްކިތުގެ ދެ ތަނބު ދެމެދުގައި ވަލެއް ދަމާފައި ވަނިކޮށް ފެނިވަޑައިގެންނެވިއެވެ. ފަހެ އެކަލޭގެފާނު ސުވާލުކުރެއްވިއެވެ. މިއީ ކޮން އެއްޗެއް ހެއްޔެވެ؟! އެކަލޭގެފާނަށް ދެންނެވުނެވެ. މިއީ ޒައިނަބުގެފާނުގެ އެއްޗެކެވެ. އެކަމަނާ ނަމާދުކުރައްވާފައި ވަރުބަލިވުމުން އޭގައި ހިފަހައްޓަވައެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެ މޮހާލާށެވެ. ތިޔަބައިމީހުން ކުރެ މީހަކު އެމީހާގެ ކިބައިގައި ޝައުޤުވެރިކަން ހުރި މިންވަރަށް ނަމާދުކުރާށެވެ. ވަރުބަލިވެ ނުވަތަ ފޫހިވުމުން އިށީންނާށެވެ.”[1]
ދެން އެއަށްފަހުގައި އިންސާނާ ބައެއް ޢަމަލުތައް ކުރާއިރުގައި އެމީހަކަށް އެކަމެއް ދިމާވާ ގޮތަކުން އެމީހެއްގެ ގާތުގައި އެވަގުތުގައި އެ ޢަމަލަކީ އިސްކަން ދޭން ޖެހޭ ކަމަކަށް ވެދާނެއެވެ. މިސާލަކަށް އެމީހެއްގެ ގާތަށް މެހެމާނުންތަކެއް އަތުވެގެން މެންދުރު ނަމާދުގެ ސުންނަތް ކުރުމުގެ ބަދަލުގައި އެމީހުންގެ ކަންކަމުގައި މަޝްޣޫލުވެ އުޅުން އެވަގުތުގައި އެމީހަކު އެ ސުންނަތް އަދާކުރުމަށް ވުރެ މޮޅުއިތުރުވެގެން ވެއެވެ.
އެހެންކަމުން އަޅުގަނޑުމެންގެ ޒުވާނުންނަށް އަޅުގަނޑު ނަސޭހަތްތެރިވާނީ އަޅުކަމުގައި ޝައުޤުވެރިކުރުމަށް މިފަދަ އުސްލޫބުތައް ބޭނުން ނުކުރުމަށެވެ. އެހެނީ މިފަދަ ކަންކަމުން ރައްކާތެރިވުމަށް ނަބިއްޔާ صلى الله عليه وسلم ވަނީ އިރުޝާދުދެއްވާފައެވެ. އަދި އެކަލޭގެފާނު ސުންނަތާއި ޚުލަފާއުއްރާޝިދޫންގެ ގޮތަށް ތަބާވުމަށް އެކަލޭގެފާނުވަނީ ބާރުއަޅުއްވާފައެވެ. އަދި ބިދުޢަތަކުން ރައްކާތެރިވުމަށް ވަނީ އިންޛާރުދެއްވާފައެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެއްކަމުގައި އެކަލޭގެފާނުވަނީ ބަޔާންކުރައްވާފައެވެ. އެއީ އެކަންކުރާ މީހާ އެއީ ރަނގަޅުކަމެއްގެ ގޮތުގައި ދެކުނުކަމުގައި ވިޔަސް މެއެވެ. މިފަދަކަމެއް ކުރުމަކީ ނަބިއްޔާ صلى الله عليه وسلم ދެއްކެވި ހިދާޔަތުގެ މަގުގައި އަދި (ހަތަރު) ޚަލީފާއިންނާއި ޞަޙާބީބޭކަލުން ދެއްކެވި ގޮތުގައިވެސް އޮތްކަމެއް ނޫނެވެ.”
[مجموع فتاوى ابن عثيمين (111 / 16)]
އަދި الشيخ عبد الرحمن البراك – حفظه الله – އާ ސުވާލުދެންނެވުނެވެ.
ސުވާލު: އަޅުގަނޑުމެން ކޮންމެ މަހަކުވެސް ފުރާ ތާވަލެއް އޮވެއެވެ. އެއަށް މިކިޔަނީ “ވާދަވެރިކަމުގެ ތާވަލު” މިފަދައިންނެވެ. އޭގައި ވަނީ ޤުރުއާނުން މިންވަރެއް ކިޔުމަށާއި މިސްކިތުގައި ނަމާދުތައް ކުރުމަށާއި ރޯދަ ހިފުމަށާއި ރަޙިމުގެ ގުޅުން ޤާއިމުކުރުން ފަދަ ކަންކަމެވެ. އެފުރުމުން ވަރަށް ރަނގަޅު ނަތީޖާ ލިބެއެވެ. އެ ނުފުރުމުން ނަތީޖާ ރަނގަޅެއް ނުވާނެއެވެ. އެއީ މިސާލަކަށް ކީރިތި ޤުރުއާން ކިޔެވުމުގައި ފަރުވާކުޑަކުރުމުންނެވެ. އިސްލާމްދީނުގައި މިކަމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟
ޖަވާބުގައި ޝައިޚު ވިދާޅުވިއެވެ.
“الحمد لله. އަޅުގަނޑަށް ބުރަވެވެނީ އެފަދަ ތާވަލު ހަދައިގެން އެގޮތަށް ވާދަކުރުމަކީ ބިދުޢައެއްގެ ގޮތުގައެވެ. އެހެނީ އެކަމުގައި ވަނީ އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ފަޚުރުވެރިވުމެވެ. އަދި ކުރެވޭ ޢަމަލުތަކުގެ މައްޗަށް ބޮޑާވެގަތުމެވެ. އަދި ފޮރުވުމުން މޮޅުއިތުރުވެގެންވާ ޢަމަލުތަކެއް ފާޅުކުރުމެވެ. އެހެނީ ޞަދަޤާތްކުރުމާއި ޤުރުއާން ކިޔެވުމާއި ޛިކުރުކުރުން ފަދަ ޢަމަލުތައް ފޮރުވުމަކީ ދެއްކުންތެރިކަމާ ދުރު ގޮތެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿ادْعُوا رَبَّكُمْ تَضَرُّعًا وَخُفْيَةً﴾ [سورة الأعراف ٥٥]
މާނައީ: “މަޑުމޮޅިކަމާއި ވަންހަނާ ގޮތުގައި ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތަށް ދުޢާކުރާށެވެ!”
އަދިވެސް ވަޙީކުރެއްވިއެވެ.
ذِكْرُ رَحْمَتِ رَبِّكَ عَبْدَهُ زَكَرِيَّا ﴿٢﴾ إِذْ نَادَىٰ رَبَّهُ نِدَاءً خَفِيًّا ﴿٣﴾ [سورة مريم]
މާނައީ: “މިއީ ކަލޭގެފާނުގެ ރައްބު އެއިލާހުގެ އަޅާ ޒަކަރިއްޔާގެފާނަށް ލެއްވި ރަޙުމަތުގެ ވާހަކައެވެ. (2) އެކަލޭގެފާނުގެ ރައްބުގެ ޙަޟްރަތަށް އެކަލޭގެފާނު ސިއްރިއްޔާތުގައި ދުޢާކުރެއްވި ހިނދެވެ. (3)”
އަދި ﷲގެ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު (އެބަހީ: ޤިޔާމަތް ދުވަހު) މާތްﷲ (ޢަރްޝީގެ) ހިޔާވަހިކަން ދެއްވާ، ހަތް ބާވަތެއްގެ މީހުން ތެރެއިން އެއް ބަޔަކީ:
«رَجُلٌ تَصَدَّقَ، أَخْفَى حَتَّى لاَ تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُه»ُ [رواه البخاري (660)]
މާނައީ: “ޞަދަޤާތްކުރާއިރު އޭނާގެ ކަނާއަތުން ހޭދަކުރާ އެތި ވައަތަށްވެސް ނޭނގޭހާ ސިއްރުން ހޭދަކުރިމީހާއެވެ.”
ރަނގަޅު ގޮތަކީ ސުންނަތް ކަންތައްތައް ކުރުމަށް އެކަކު އަނެކަކަށް ނަސޭހަތްތެރިވުމެވެ. އަދި އެކަންކަން ގިނައިން ކުރުމެވެ. އަދި ކޮންމެ މީހަކުވެސް އޭނާއަށް ފަސޭހަވެގެންވާ މިންވަރަކަށް ކުރާނީއެވެ. އެއީ އޭނާއާއި އޭނާގެ ރައްބުގެ ދެމެދުގައިވާ ކަމެކެވެ. އެގޮތުން ހެޔޮކަންކަމާއި ތަޤްވާވެރިވުމުގައި އެކަކު އަނެކަކަށް އެހީތެރިވެވޭނެއެވެ. އަދި ޢަމަލުތައް ފާސިދުވާ ކަންކަމާއި އޭގެ އަޖުރު އުނިވާ ކަންކަމުން ދުރުހެލިވެވޭނެއެވެ.
والله الموفق ، والهادي إلى سبيل الرشاد ، والله أعلم.”
[1] ބައްލަވާ: صحيح البخاري (1150) وصحيح مسلم 219 – (784).