[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

‌‌ އިސްލާމީ ޢަޤީދާގެ އަސާސްތައް ( 8 )

بسم الله، الحمد لله، والصلاة والسلام على رسول الله، وعلى آله وصحبه ومن والاه. أما بعد:

ކޮންމެ މުސްލިމެއްގެ މައްޗަށް ދަނެގަތުން ވާޖިބު ހަތަރުކަމެއްގެ ވާހަކަ އިސްވެދިޔަ ބައިތަކުގައިވަނީ ބަޔާންވެގެން ގޮސްފައެވެ. އެއީ ދީނީ ޢިލްމު ހޯދުމާއި، ޢިލްމަށް ޢަމަލުކުރުމާއި، ދީނުގެ ދަޢުވަތު ދިނުމާއި، އަދި ދަޢުވަތު ދިނުމުގައި ދިމާވާ އެކިއެކި ކަންކަމަށް ކެތްތެރިވުމެވެ.

ދެން އިމާމު މުޙައްމަދު ބިން ޢަބްދުލް ވައްހާބު -رحمه الله-  ބަޔާންކުރެއްވީ މިކަންކަމުގެ ދަލީލެވެ.

އިސްވެ ބަޔާންކުރެވުނު ކަންކަމުގެ ދަލީލަކީ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ:

وَالْعَصْرِ ‎﴿١﴾‏ إِنَّ الْإِنسَانَ لَفِي خُسْرٍ ‎﴿٢﴾‏ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ ‎﴿٣﴾‏ [1]

މާނައީ: “ޒަމާން ގަންދެއްވަމެވެ. ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ. އީމާންވެ ޞާލިޙު ޢަމަލުތައްކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކޮށްއުޅުނު މީހުން މެނުވީއެވެ.”

ސޫރަތުލް ޢަޞްރުގައި ﷲ ތަޢާލާ މިބަޔާންކުރައްވަނީ ބާއްޖަވެރިކަމާއި، އަބާއްޖަވެރިކަމުގެ ސަބަބުތަކެވެ.

މިސޫރަތުގައި ﷲ ތަޢާލާ ޒަމާންގަންދެއްވަމުން މިބަޔާންކުރައްވަނީ މުޅި އިންސާނިއްޔަތު ވަނީ ގެއްލުމާއި ހަލާކުގެ ތެރޭގައިކަމެވެ. ދެން ބަޔާންކުރެއްވީ ގެއްލުމާއި ހަލާކުން ސަލާމަތްވެ ބާއްޖަވެރިކަން ލިބޭނެ މީހުންގެ ސިފަތަކެވެ.

އެންމެ ފުރަތަމަ ސިފައަކީ: އީމާންކަމެވެ.

އީމާންކަމުގެ އެންމެހައި ރުކުންތަކާއި، އެއިން ކޮންމެ ރުކުނެއްގެ ދަށުން އީމާންވުން ލާޒިމުވެގެންވާ ކަންކަމަށް އީމާންވުން މިނުކުތާގައި ޝާމިލުވެއެވެ. މިކަންކަމަށް އީމާންވެވޭނީ ޞައްޙަ ޢިލްމުގެ ޒަރީޢާއިންނެވެ.

ދެވަނަ ސިފައަކީ: ޞާލިޙު ޢަމަލުތައް ކުރުމެވެ.

އެއީ ބަހުންނާއި ޢަމަލުން ﷲ އަށް އިޚްލާސްތެރިވެ، މުޙައްމަދުގެފާނުގެ ޝަރީޢަތާއި އެއްގޮތަށް ކުރެވޭ ކޮންމެ ޢަމަލެކެވެ.

ތިންވަނަ ސިފައަކީ: ޙައްޤުމަގު އެނގި، އެޔާއި އެއްގޮތަށް ޢަމަލުކުރުމާއި އެކީ، ޙައްޤުގެ މަގަށް އެހެން މީސްތަކުންނަށް ގޮވާލައި ނަސޭހަތްެތެރިވެ ހެދުމެވެ.

ހަތަރުވަނަ ސިފައަކީ: ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވުމާއި، އެއިލާހުގެ ނަހީތަކުން އެއްކިބާވުމާއި، ޤަޟާޤަދަރުގެ ތެރެއިން ދިމާވާ ކަންކަމަށް ކެތްތެރިވުމާއި، އިސްލާމްދީނުގެ ދަޢުވަތު ފޯރުކޮށްދިނުމުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކާއި އަނިޔާތަކަށް ކެތްތެރިވުމަށް އެކަކު އަނެކަކަށް ވަސިއްޔަތްކޮށް ހެދުމެވެ.

ޙައްޤަށް ވަސިއްޔަތް ކުރުމާއި، ކެތްތެރިވުމަށް ވަސިއްޔަތްކުރުމަކީ ހެޔޮކަންކަމަށް އަމުރުކުރުމާއި، މުންކަރާތް މަނާކުރުމުގެ ތެރެއިންވާ ދެކަމެވެ. ހެޔޮކަންކަމަށް ގޮވާލުމާއި މުންކަރާތް ނަހީކުރުމަކީ އިސްލާމްދީން ޤާއިމުކުރުމަށާއި، ދީނުގެ ހެވާއި ލާބަ ޢާންމުވެގެންދިއުމަށާއި، އުންމަތަށް ނަސްރާއި ޝަރަފާއި، ޢިއްޒަތް ލިބުން އޭގެ މައްޗަށް ބިނާވާ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

﴿كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّهِ ۗ وَلَوْ آمَنَ أَهْلُ الْكِتَابِ لَكَانَ خَيْرًا لَّهُم ۚ مِّنْهُمُ الْمُؤْمِنُونَ وَأَكْثَرُهُمُ الْفَاسِقُونَ﴾[2]

މާނައީ: “މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުންމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރު ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް އީމާންވަމުއެވެ. ފޮތުގެ އަހުލުވެރިން އީމާންވީނަމަ، އެއުރެންނަށް އެގޮތް ހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. އެއުރެންގެ ތެރެއިން އީމާންވެގެންތިބި މީހުންވެއެވެ. އަދި، އޭގެތެރެއިން ގިނަމީހުންނީ ފާސިޤުންނެވެ.”

ދެން އިމާމު މުޙައްމަދު ބިން ޢަބްދުލް ވައްހާބު -رحمه الله-  ބަޔާންކުރެއްވީ ސޫރަތުލް ޢަޞްރާއިމެދު އިމާމް ޝާފިޢީގެފާނު ވިދާޅުވެފައިވާ ބަސްފުޅެކެވެ.

އިމާމު އައްޝާފިޢީ -رحمه الله- ވިދާޅުވިއެވެ: “ﷲ އެއިލާހުގެ ޚަލްޤުތަކުންގެ މައްޗަށް ޙުއްޖަތެއްކަމުގައި މިސޫރަތް ފިޔަވައި އެހެން ސޫރަތެއް ބާވައިނުލެއްވި ނަމަވެސް، އެބައިމީހުނަށް ފުދެއެވެ”.

ޝާފިޢީގެފާނުގެ މިބަސްފުޅުގެ މުރާދަކީ އީމާންވުމާއި، ޢަމަލުކުރުމާއި، ދީނަށް ދަޢުވަތުދިނުމާއި، އެކަމުގެ މައްޗަށް ކެތްތެރިވުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއެޅުއްވުމެވެ. އެކަލޭގެފާނުގެ މުރާދަކީ އެއްގޮތަކަށްވެސް މުޅި އިސްލާމީ ޝަރީޢަތުގެ ހުރިހާ ދާއިރާއަކަށް ސޫރަތުލް ޢަޞްރު ފުދޭނެ ވާހަކައެއް ނޫނެވެ. މިސޫރަތް ކިޔަވައި އަޑުއަހައި، ސޫރަތުގެ މާނައާއި މެދު ވިސްނާލައިފި ކޮންމެ މީހަކަށް، އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ގެއްލުމުގެ ބޮޑުކަން ވިސްނޭނެއެވެ. އަދި ﷲ ތަޢާލާގެ އޯގާވަންތަކަމުން އެގެއްލުމުން ސަލާމަތްވާނެ މަގު ބަޔާންކޮށްދެއްވާފައިވާތީވެ އިންސާނާ ކަންތައްކުރަންޖެހޭ ގޮތްވެސް ވިސްނި އެނގިގެންދާނެއެވެ.

ދެން އިމާމު މުޙައްމަދު ބިން ޢަބްދުލް ވައްހާބު -رحمه الله-  ބަޔާންކުރެއްވީ އިމާމް ބުޚާރީ ވިދާޅުވެފައިވާ ބަސްފުޅެކެވެ.

އަދި އިމާމު ބުޚާރީ -رحمه الله- (އައްޞަޙީޙުގައި)  ވިދާޅުވެފައިވެއެވެ: “ބާބު: ބަހާއި ޢަމަލުގެ ކުރިން ޢިލްމު އުނގެނުން ހުއްޓެވެ.  ދަލީލަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ. ﴿فَاعْلَمْ أَنَّهُ لَا إِلَهَ إِلَّا اللهُ وَاسْتَغْفِرْ لِذَنْبِكَ﴾([3]) މާނައީ: “ފަހެ، ﷲ މެނުވީ (ޙައްޤު) އިލާހަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނުގެ ކުށަށް ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ!”. ފަހެ ބަހާއި ޢަމަލުގެ ކުރިން (ﷲ ތަޢާލާ)ފައްޓަވާފައިވަނީ ޢިލްމުންނެވެ”.

އިމާމް ބުޚާރީގެ މިބަސްފުޅުން އަންގައިދެނީ ބަހާއި ޢަމަލުން އަޅުކަމެއް އަދާކުރުމުގެ ކުރިން އެއަޅުކަމުގެ އެންމެހައި އަސާސީ ކަންކަން އުނގެނި ދަސްކުރަން ޖެހޭނެކަމެވެ. އިސްވެދިޔަ އާޔަތުގައި ﷲ ތަޢާލާ މުޙައްމަދުގެފާނަށް އެންމެ ފުރަތަމަ އެންގެވީ، ﷲ މެނުވީ (ޙައްޤު) އިލާހަކު ނުވާކަން ދެނެވަޑައިގަތުމަށެވެ. އެބަހީ އެކަން ރަނގަޅަށް އުނގެނި ހިތުގައި ބިންވަޅު ނެގުމަށެވެ. ދެން އޭގެފަހުގައި ދުލުން ކުށްތަކަށް އިސްތިޣުފާރުކުރުމަށް އެންގެވިއެވެ. އިސްތިޣުފާރުކުުރުމަކީ ޢަމަލެކެވެ. އެޢަމަލު ﷲ ތަޢާލާ ބަޔާންކުރެއްވީ ދެވަނައަށެވެ. ބަހުން ނުވަތަ ޢަމަލުން އަދާކުރާ އަޅުކަމުގެ ކޮންމެ ޢަމަލެއް ސައްޙަވާނީ އިސްލާމީ ޝަރީޢަތާއި އެއްގޮތަށް އެކަމެއް އަދާކޮށްގެންނެވެ. ޝަރީޢަތާއި އެއްގޮތަށް އަޅުކަމެއް ކުރެވޭނީ އެކަމެއް އަދާކުރުމުގެ ކުރީގައި ޢިލްމު ހޯދައިގެންނެވެ. ޝަރީޢަތުގެ ޢިލްމެއް ނެތި އަދާކުރާ ޢަމަލުތައް ވެގެންދާނީ އެކަމެއް ކުރި މީހެއްގެ މައްޗަށް އަނބުރާ ރައްދުވެގެންދާނޭ ބިދުޢަވެރި ޢަމަލަކަށެވެ.

 

އިބްނުލް ޤައްޔިމު -رحمه الله- ވިދާޅުވެފައިވެއެވެ:

ނަފްސުގެ ޖިހާދުގެ ހަތަރު ދަރަޖައެއްވެއެވެ.

  • ޙައްޤުދީނާއި އެދީނުގެ ހިދާޔަތު އުނގެނުމުގައި ނަފްސާއި ޖިހާދުކުރުމެވެ.
  • އުނގެނުމަށްފަހު ޢިލްމާއި އެއްގޮތަށް ޢަމަލުކުރުމުގައި ނަފްސާއި ޖިހާދުކުރުމެވެ.
  • ދީނަށް ދަޢުވަތު ދިނުމާއި، ދީނުގެ ކަންކަން ނޭނގޭ މީހުންނަށް ދަޢުވަތު ދިނުމުގައި ނަފްސާއި ޖިހާދުކުރުމެވެ.
  • އިސްލާމްދީނުގެ ދަޢުވަތު މީސްތަކުުންނަށް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކާއި، މީސްތަކުންގެ އުނދަގޫތަކަށް ކެތްތެރިވުމުގައި ނަފްސާއި ޖިހާދުކުރުމެވެ.

 

ލިޔުމުގެ މަޢުލޫމާތުގެ މަޞްދަރުތައް:

  1. شرح ثلاثة الأصول- عبد العزيز بن عبد الله بن باز
  2. شرح ثلاثة الأصول- محمد بن صالح بن محمد العثيمين
  3. شرح الأصول الثلاثة- صالح بن فوزان بن عبد الله الفوزان

 


 

[1] سورة العصر

[2] سورة آل عمران 110

[3] سورة محمد 19