[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ލައްޒަތްތަކުގެ ނިމުން – 1

الحمد لله والصلاة والسلام على من لا نبي بعده وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين.

أما بعد:

 

އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ އަރިހުން އަބޫ ހުރައިރާ رضى الله عنه ރިވާކުރައްވާފައިވެއެވެ.

«أَكْثِرُوا ذِكْرَ هَاذِمِ اللَّذَّاتِ». [1]

މާނައީ: “ލައްޒަތްތައް މެދުކަނޑާލަނިވި ކަންތަކުގެ ޛިކުރުކުރުން ގިނަކުރާށެވެ.”

އެބަހީ: މަރެވެ.

އާދެ، މި ލިޔުމުގައި އަޅުގަނޑު އަލިއަޅުވައިލަން ބޭނުންވާ މައުޟޫޢަކީ މަރެވެ. ނަމަވެސް މި މައުޟޫޢުގެ ތެރެއަށް ފީނާލުމުގެ ކުރިން ކުޑަ ވާހަކައެއް ނަންގަންނާނަމެވެ.

އެއްދުވަހަކު އަޅުގަނޑުގެ އުސްތާޛަކު ކުލާހަށް ވަނުމާއެކު ކުއްޖަކު ފިލާވަޅާ ބެހޭގޮތުން އުސްތާޛާ ސުވާލުކުރަން ފެށިއެވެ. އެއިރު އަޅުގަނޑުމެން ކިޔަވަމުން ދިޔައީ باب الجنازة (ޖަނާޒާގެ ބާބު) އެވެ. އެހިނދު އުސްތާޛު އެ ކުއްޖާއާ ސުވާލެއް ކުރިއެވެ.

 هل أنت مستعد للموت؟

 ތިބާ މަރަށް ތައްޔާރު ހެއްޔެވެ؟

 އެވަގުތު އެކުއްޖާ ވަރަށް ޔަޤީންކަމާއި އެކު ޖަވާބުދިނެވެ.

 نعم. إن شاء الله.

އާނއެކެވެ. ﷲ އިރާދަކުރެއްވިއްޔާއެވެ.

އެވަގުތު އަޅުގަނޑުގެ ހިތަށް އެރިއެވެ. އެ ސުވާލު އަޅުގަނޑާއި ކުރިމަތިކުރެވުނުނަމަ އަޅުގަނޑުގެ ޖަވާބަކަށްވާނީ ކޮން ޖަވާބެއްބާއެވެ؟!

އާދޭހެވެ! މިއަދުވެސް ރައްބުގެ ޙަޟްރަތަށް ދާންޖެހިދާނެކަން އެއީ ޙަޤީޤަތްކަމުގައި ވާއިރު، މުއުމިނަކަށް އެކަށީގެންވާ ގޮތަކީ ހުރިހާ ވަގުތެއްގައިވެސް މަރުގެ ދޮރާށިން ވަނުމަށް ފޮށިތަންމަތި ބަނދެ ތައްޔާރަށް ހުރުމެވެ.

މި ލިޔުމަކީ އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި އަޅުގަނޑުގެ މުސްލިމު އަޚުންނާއި އުޚްތުންނަށް މަރަށް ތައްޔާރުވުމަށް އެހީއަކަށް ވާނެކަމުގެ އުންމީދުގައި ލިޔެލާ ކުޑަލިޔުމެކެވެ. أَسْأَلُ اللهَ التَّوْفِيْقَ والنَّجَاحَ.

 

މައިމީހާގެ ރަޙިމުގެ ތެރޭގައި އަޅުގަނޑުމެންގެ ގުނަވަންތައް ރަނގަޅަށް ފުރިހަމަނުވަނީސް، ﷲ ތަޢާލާގެ މަލާއިކަތެއް ވަޑައިގެން އަޅުގަނޑުމެންގެ ރޫޙު އެކުޑަ ހަށިގަނޑުގެ ތެރެޔަށް ފޮނުވާލައެވެ. އަދި ހަމަ އެވަގުތު، އަޅުގަނޑުމެންގެ ރިޒްޤާއި އަޖަލާ އަދި އަޅުގަނޑުމެން ކުރާނެ ޢަމަލާއި، ނިމުންވަނީ އުފާވެރި ނުވަތަ ހިތާމަވެރި ނިމުމެއްކަމުގައި ލިޔުއްވާ ކަނޑައަޅުއްވައެވެ. އެހިސާބުން އަޅުގަނޑުމެން މި ދުނިޔަވީ ޙަޔާތުގެ ދަތުރު ފަށައިގަންނަމެވެ.

ނަމަވެސް، އަޅުގަނޑުމެން ބޮޑުވެ މަންމަގެ އުނގުން ވީއްލި ފުރާވަރާއި ޒުވާންކަމާއި ހަރު އުމުރަށް އަރައިގެން މިއަންނަ އިރު އަޅުގަނޑުމެން އެސަބަބަކަށްޓަކައި މާތް ﷲ އަޅުގަނޑުމެން ހެއްދެވި ސަބަބު ހަނދާން ނައްތާލާ، އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވެވި ގުނާ ޢަދަދު ނުކުރެވޭހާ ގިނަ ނިޢުމަތްތަކުގެ ލައްޒަތަށް ޣަރަޤުވެ، ދީލަތިވަންތަ އިލާހަށް ހަރާންކޯރުވުމުގައި މިދަނީ އެއްވެސް ފަރުވާލެއް ނެތިއެވެ.

އެއިލާހު ވަޙީކުރެއްވިއެވެ.

﴿‏ وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ﴾ الذاريات: 56

މާނައީ: “ތިމަންއިލާހު ޖިންނީންނެއްވެސް އަދި އިންސީންނެއްވެސް، ތިމަން އިލާހަށް އަޅުކަން ކުރަން މެނުވީ ޚަލްޤު ނުކުރައްވަމެވެ.”

﴿ الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا﴾ الملك: 2

މާނައީ: “އެއިލާހީ، ތިޔަބައިމީހުންގެ ތެރެއިން ޢަމަލުގައި އެންމެ ރަނގަޅީ ކޮންބައެއްތޯ ބެއްލެވުމަށްޓަކާއި، މަރާއި ޙަޔާތް ޚަލްޤުކުރެއްވި އިލާހެވެ.”

 

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. އަޅުގަނޑުމެންގެ ފައިވާނުގެ ވަދަށް ވުރެ، މަރު އަޅުގަނޑުމެންނާއި ގާތް ވެގެންވާ އިރު، އަބަދު ހީސަމާސާ ކުރުމުގައި އަވަދިނެތިވެ އުޅުން ހެޔޮވާނީ ކޮންފަދައަކުންތޯއެވެ؟

ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން، ޢަބްދުﷲ ބުން މަސްޢޫދު رضى الله عنه ރިވާކުރެއްވިއެވެ.

«الجَنَّةُ أَقْرَبُ إِلَى أَحَدِكُمْ مِنْ شِرَاكِ نَعْلِهِ، وَالنَّارُ مِثْلُ ذَلِكَ» [2]

މާނައީ: “ތިޔަބައިމީހުންކުރެ މީހެއްގެ ފައިވާނުގެ ވަދަށް ވުރެ ސުވަރުގެ އެމީހަކާ ގާތްވެގެންވެއެވެ. އަދި ނަރަކަވެސް ހަމަ އެފަދައެވެ.”

ދެން ފަހެ، އެއްވެސް އިޢުލާނެއް ނެތި އަންނަ މެހެމާނެއް ފަދައިން އެ މަރު އައިސް ތިބާގެ ދޮރުގައި ޓަކި ޖަހާނެތެވެ. ތިބާގެ އެއްވެސް އިޛުނައެއް ނެތި ތިބާގެ ފުރާނަ އޭގެ ވެރި ރައްބުގެ ހަޟްރަތަށް ރައްދުކުރާނެތެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

 ﴿فَإِذَا جَاءَ أَجَلُهُمْ لَا يَسْتَأْخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ ﴾ النحل: 61

މާނައީ: “ފަހެ އެއުރެންގެ އަޖަލު އައުމާއެކު، އެންމެ ހިނދުކޮޅަކަށްވެސް ލަސްނުކުރައްވާ ހުއްޓެވެ. އަދި އަވަހެއްވެސް ނުމެކުރައްވާ ހުއްޓެވެ.”

އަދިވެސް ވަޙީކުރެއްވިއެވެ.

﴿ فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ ﴾ الواقعة: 83

މާނައީ: “ފަހެ، ނޭވާހޮޅިއަށް ފުރާނަ އެޅިއްޖެ ހިނދެވެ.”

 ﴿ وَأَنتُمْ حِينَئِذٍ تَنظُرُونَ ﴾  الواقعة: 84

މާނައީ: “އަދި އެހިނދު، ތިޔަބައިމީހުން ބަލަބަލައި ތިބެމުއެވެ.”

﴿ وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَٰكِن لَّا تُبْصِرُونَ ﴾ الواقعة: 85

މާނައީ “އަދި ތިޔަބައިމީހުންނަށްވުރެ ތިމަންއިލާހު އެމީހާއާއި ކުއްތަންވެގެންވަމުއެވެ. އެހެނެއްކަމަކު ތިޔަބައިމީހުންނަށް ނުފެންނަނީއެވެ.”

އަދިވެސް ވަޙީކުރެއްވިއެވެ.

﴿حَتَّىٰ إِذَا جَاءَ أَحَدَهُمُ الْمَوْتُ ﴾

ﭐމާނައީ: “އެއުރެން ކުރެ މީހެއްގެ ގާތަށް މަރު އަތުވެއްޖައުމަށް ދާންދެނެވެ.”

﴿ قَالَ رَبِّ ارْجِعُونِ ﴾ المؤمنون : 99

މާނައީ: “އެހިނދު އޭނާ ބުނެތެވެ. އަޅުގެ ވެރި ރައްބެވެ. ތިމަން (ދުނިޔޭގެ ޙަޔާތަށް) އަނބުރައި ފޮނުއްވާނދޭވެ!”

﴿ لَعَلِّي أَعْمَلُ صَالِحًا فِيمَا تَرَكْتُ ﴾

މާނައީ: “(އެއީ) ތިމަން (ދުނިޔަވީ ޙަޔާތުގައި) ދޫކުޅަ ހެޔޮ ޢަމަލު ކުރުމަށެވެ.”

﴿ كَلَّا ۚ ﴾

މާނައީ: “ހަމަހިލާ އެހެނަކުން ނުވާނެއެވެ!”

﴿ إِنَّهَا كَلِمَةٌ هُوَ قَائِلُهَا ۖ ﴾

މާނައީ: “އެއީ އޭނާ ބުނެލާ ބަހެއްކަމުގައި މެނުވީ ނުވެއެވެ.”

﴿ وَمِن وَرَائِهِم بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ ﴾ المؤمنون : 100

މާނައީ: “އަދި އެއުރެންގެ ފަހަތުންވަނީ ފަރުދާއެކެވެ. އެއުރެން އަލުން ދިރުއްވާ ދުވަހާ ޖެހެންދެނެވެ.”

ނިކަން ބައްލަވާށެވެ. މި އާޔަތުގައި އެވަނީ މީހެއްގެ ވާހަކައެވެ. އޭނާގެ ގާތަށް މަރު އައުމުން އޭނާ އެނބުރި ދުނިޔެއަށް އައުމަށް އެދި ދުޢާކުރެއެވެ. ނަމަވެސް، އޭނާ ދުނިޔެއަށް އެނބުރިއައުމަށް އެދެނީ ކީއްކުރަން ތޯއެވެ؟ އަނބިދަރިންނާއެކު ވުމަށް ތޯއެވެ؟ މުދަލާއި މުއްސަނދިކަން އިތުރު ކުރަންތޯއެވެ؟ ނުވަތަ އުފަލާއި މަޖާ ލިބިގަތުމަށް ތޯއެވެ؟ ނޫނެކެވެ. އެހެނެއްކަމަކު އޭނާ އެދެނީ އޭނާ ނުކޮށް ދޫކޮށްލި ހެޔޮ ޢަމަލުތައް އަނބުރާ ހޯދާށެވެ! އެހެނީ މަރުވުމުގެ ކުރިއަށް އޭނާ ދުނިޔެ މަތީގައި ކުރި ޢަމަލަކުން މެނުވީ މަރުވުމަށް ފަހު އޭނާއަށް މަންފާ ނުކުރާނޭތީއެވެ! މީހާގެ ޖާހާއި މާލާއި އާލުންގެ މޮޅުކަމަކުން ވާނެ އެއްވެސް މޮޅެއް މަރުވުމަށް ފަހު ނޯންނާނެތެވެ. އެމީހަކާއި އެމީހެކެވެ. އެމީހަކާއި އެމީހަކު ކުޅަ ޢަމަލެކެވެ.

 

=ނުނިމޭ=

 


 

[1]  ރިވާކުރެވިފައިވަނީ: ޞަޙީހުއް ތިރްމިޛީ: 2073 ، މިއީ حسن صحيح ޙަދީޘެއްކަމުގައި އަލްއަލްބާނީ ވިދާޅުވިއެވެ.

[2]  ރިވާކުރެވިފައިވަނީ: ޞަޙީޙް ބުޚާރީ: 6488

 

ލައްޒަތްތަކުގެ ނިމުން – 2