[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ލައްޒަތްތަކުގެ ނިމުން – 2

ދެންފަހެ، ހިތާމައިގައި އޮވެ “އާހް” ކިޔަންޖެހުމުގެ ކުރިން އަޅުގަނޑުމެން މި ތިބި ނިޢުމަތުގެ ވާދީގެ މުއްސަނދިކަން ދެނެގަނެ، މި ނިޢުމަތްތަކަށް ޝުކުރުވެރިވެ، މިއީ ދަތުރެއްގެ މަންޒިލު ނޫންކަމާއި އެހެނެއްކަމަކު ކަރު ތެއްމާލަން މަޑުކޮށްލި ކޯރެއްގެ އައްސޭރިކަން ދެނެހުރެ، މާތް ﷲ އަށް އަދާ ކުރަން ޖެހޭ ޙައްޤުތައް އަދާކުރާކަށް ނުވޭތޯއެވެ؟ ފަރުޟު ނަމާދުކޮށް، އިސްލާމްކަމުގެ ނިޢުމަތް ގެއްލުނަ ނުދީ ހިފަހައްޓަން ނުވޭތޯއެވެ؟ ރިބާއިން މިންޖުވެފައިވާ ރިޒްޤެއް ލިބިގަނެ، އެއިން ﷲ އަށްޓަކައި ދޭން ޖެހޭ ޒަކާތާއި ޞަދާޤާތް ދޭކަށް ނުވޭތޯއެވެ؟ ބަނޑުއަޅައި ވިހޭ މަންމައާއި ބަދަ ބިންދަައިގެން ތިބާއަށް ޚަރަދުކުރި ބައްޕައަށް އޯގާތެރިވެ، އަޅައިލާ، ކިޔަމަންތެރިވާކަށް ނުވޭތޯއެވެ؟

ނާއުއްމީދުވާ، ބަދުނަސީބުވެރިންގެ ތެރޭގައި ނުވަނީސް އަހަރެމެންގެ ޢަމަލުތައް އިސްލާޙުކުރަމާ ހިންގަވާށެވެ. އެހެނީ މަރު އަންނާނީ ކޮންއިރަކު، ކޮންތާކު ކަމެއް އަހަރެމެންނަށް ނޭނގޭނެއެވެ. އެއީ ތިބާއަކީ ޒުވާނަކަށް ވީތީ ދޫދޭނެ މިތުރެއް ނޫނެވެ. މުއްސަންޖަކަށް ވީތީ ހެއްލޭނެ ފަޤީރެއް ނޫނެވެ. މުސްކުޅިއަކަށް، ކުޑަކުއްޖަކަށް ވީތީ ރަޙުމްކުރާނެ އޯގާތެރިއެއް ނުމެ ނޫންމެއެވެ. އެއީ ﷲގެ އަމުރުފުޅަށް ޚިލާފުވުމެއް ނުވާ މަލަކުލް-މައުތުގެ ވަޒީފާއެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

﴿وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا ۖ﴾

މާނައީ: “އަދި އެއްވެސް ނަފްސަކަށް، އެ ނަފްސެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭނގޭނެތެވެ.”

﴿وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ ۚ ﴾

މާނައީ: “އަދި އެއްވެސް ނަފްސަކަށް، އެ ނަފްސެއް މަރުވާނީ ކޮން ބިމެއްގައި ކަމެއް ނޭނގޭނެތެވެ.”

﴿ إِنَّ اللَّهَ عَلِيمٌ خَبِيرٌ ﴾ لقمان: 34

މާނައީ: “ހަމަކަށަވަރުން ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، މޮޅަށް ޚަބަރު ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ.”

އަދިވެސް ވަޙީކުރެއްވިއެވެ.

 ﴿ أَيْنَمَا تَكُونُوا يُدْرِككُّمُ الْمَوْتُ ﴾

މާނައީ: “ތިޔަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު، ތިޔަބައިމީހުން އަތުލާނެތެވެ.”

﴿ وَلَوْ كُنتُمْ فِي بُرُوجٍ مُّشَيَّدَةٍ ۗ ﴾ النساء: 78

މާނައީ: “އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބިކަމުގައިވިޔަސްމެއެވެ.”

ދެންފަހެ ދަންނާށެވެ! ބުއްދިވެރިއަކީ މަރު އެ މީހަކާ ބައްދަލު ކުރާނޭކަން ދަނެ، މަރަށް އިސްތިޤުބާލުކުރުމަށް ދުރާލައި ތައްޔާރުވާ މީހާއެވެ. އެއް ދުވަހަކު އަންޞާރިއްޔަ ބޭކަލެއް ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ސުވާލުދެންނެވިއެވެ.

يَا رَسُولَ اللَّهِ! أَىُّ الْمُؤْمِنِينَ أَفْضَلُ؟

މާނައީ: “އޭ ﷲގެ ރަސޫލާއެވެ! މުއުމިނުންގެ ތެރެއިން އެންމެ މާތްވެގެންވަނީ ކާކު ތޯއެވެ؟”

قَالَ ‏:‏ ‏«أَحْسَنُهُمْ خُلُقًا‏».

މާނައީ: “ހަދީޘްކުރެއްވިއެވެ: “އެމީހުންގެ ތެރެއިން އެންމެ ޚުލްޤު ރަނގަޅު މީހާއެވެ.” “

قَالَ فَأَىُّ الْمُؤْمِنِينَ أَكْيَسُ؟

މާނައީ: “ވިދާޅުވިއެވެ: އެހެންވީއިރު، މުއުމިނުންގެ ތެރެއިން އެންމެ ބުއްދިވެރި މީހަކީ ކާކު ތޯއެވެ؟”

قَالَ ‏:‏ ‏«أَكْثَرُهُمْ لِلْمَوْتِ ذِكْرًا وَأَحْسَنُهُمْ لِمَا بَعْدَهُ اسْتِعْدَادًا أُولَئِكَ الأَكْيَاسُ»‏.‏ [1]

މާނައީ: ހަދީޘްކުރެއްވިއެވެ: “އެމީހުންގެ ތެރެއިން އެންމެ ގިނައިން މަރު ހަނދުމަކުރާ މީހާއެވެ. އަދި މަރަށްފަހުވާ ކަންތަކަށް އެންމެ ފުރިހަމައަށް ތައްޔާރުވާ މީހާއެވެ. އެންމެ ބުއްދިވެރި މީހުންނަކީ އެއީއެވެ.”

މަރަށް ތައްޔާރުވުމުގައި އަޅާގެ ހުރިހާ ޢަމަލެއް އިޞްލާހުކުރުމުގެ އިތުރުން، ކުރެވިފައިވާ ފާފަތަކަށް ތައުބާވުން ކޮންމެހެންވެސް ލާޒިމެވެ. އެހެނީ މީހާ ޖަހަންނަމައިގެ އަސީރަކަށް ހަދަނީ އެމީހަކު ކުޅަ ނުބައި ޢަމަލުތަކާއި، ވާޖިބުކުރެއްވި ކަންތައްތައް ނަގާލާ ނަގާލުމެވެ. ތައުބާވުމަށްޓަކައި ކުށްކުރެވުނީތީ ދެރަވެ ހިތާމަކޮށް، އެކުށް ކުރުން ހުއްޓާލާ، އެކުށަށް އެނބުރިނައުމަށް އަޒުމްކުރާށެވެ. އަދި ٱلرَّحمَـٰنِ ގެ ޙަޟްރަތުގައި ފާފަ ފުއްސަވައިދެއްވުމަށް އެދޭށެވެ. އަދި ތައުބާ ފަސްނުކުރާށެވެ. އެހެނީ ފިރުޢައުނު ފަދައިން އެންމެ ފަހު ވަގުތު ޝަހާދަތް ކިޔަން އުޅުމަކުން ވާނޭ ފައިދާއެއް ނޯންނާނެއެވެ.

އަދި އުއްމީދު ކަނޑާވެސްނުލާށެވެ. އެހެނީ އެކަލާނގެ ވަޙީކުރެއްވިއެވެ.

﴿ قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ  ﴾

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. އޭ ތިމަންއިލާހުގެ އަޅުތަކުން ކުރެ އެއުރެންގެ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ އަޅުތަކުންނޭވެ!”

﴿ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ ﴾

މާނައީ: “ﷲގެ ރަޙްމަތުން ތިޔަބައިމީހުން އުއްމީދުކަނޑައި ނުލާށެވެ.”

﴿ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ﴾

މާނައީ: “ހަމަކަށަވަރުން ﷲ ހުރިހާ ފާފައެއް ފުއްސަވާދެއްވަތެވެ.”

 ﴿ إِنَّهُ هُوَ الْغَفُورُ الرَّحِيمُ ﴾‎ الزمر : 53

މާނައީ: “ހަމަކަށަވަރުން އެއިލާހީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.”

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

﴿ إِلَّا مَن تَابَ وَآمَنَ وَعَمِلَ عَمَلًا صَالِحًا ﴾

މާނައީ: “ތައުބާވެ، އީމާންވެ، ޞާލިޙު ޢަމަލު ކުޅަމީހަކު މެނުވީއެވެ.”

﴿ فَأُولَٰئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِمْ حَسَنَاتٍ ۗ  ﴾

މާނައީ: “ފަހެ، އެއުރެންނާމެދު (ދަންނާށެވެ!) ﷲ ، އެއުރެންގެ ނުބައިކަންތައްތައް، ހެޔޮކަންތައްތަކަށް ބަދަލުކުރައްވާނެތެވެ.”

﴿ وَكَانَ اللَّهُ غَفُورًا رَّحِيمًا ﴾ الفرقان: 70

މާނައީ: “އަދި ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހުކަމުގައި ﷲ ވޮޑިގެންވެއެވެ.”

އަދިވެސް ވަޙީކުރެއްވިއެވެ.

 ﴿ وَأَقِمِ الصَّلَاةَ طَرَفَيِ النَّهَارِ وَزُلَفًا مِّنَ اللَّيْلِ ۚ﴾

މާނައީ: “އަދި ދުވާލުގެ ދެކޮޅުގައްޔާއި ރޭގަނޑުން ބައެއްގައި ކަލޭގެފާނު ނަމާދު ޤާއިމުކުރައްވާށެވެ.”

﴿ إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ ۚ ﴾

މާނައީ: “ހަމަކަށަވަރުން ހެޔޮކަންތައްތައް ނުބައިކަންތައްތައް ނެތިކޮށްލަތެވެ.”

 ﴿ذَٰلِكَ ذِكْرَىٰ لِلذَّاكِرِينَ ﴾ هود:114

މާނައީ: “އެއީ ހަނދުމަކުރާ ބަޔަކަށް ހުރި ހަނދުމަކޮށްދިނުމެކެވެ.”

އަދި ނަބިއްޔާ صلى الله عليه وسلم އަވަހާރަވެވަޑައިގަތުމުގެ 3 ދުވަސް ކުރިން ޙަދީޘްކުރެއްވިކަމަށް ޖާބިރު رضى الله عنه  ރިވާކުރެއްވިއެވެ.

«لا يَمُوتَنَّ أَحَدُكُمْ إلَّا وَهُوَ يُحْسِنُ الظَّنَّ باللَّهِ عَزَّ وَجَلَّ». [2]

‏ މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު، ﷲ އާއި މެދު ހެޔޮކޮށް ހީކުރާ ޙާލުގައި މެނުވީ މަރުނުވާހުށިކަމެވެ.”

އަދި މަރަށް ތައްޔާރުވުމުގައި އަހަރެމެންގެ ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގެ ތެރެއިން ގިނަ ބަޔަކު އެ ސުންނަތަކާ މެދު ޣާފިލުވެފައި ވާ ކަމެއް ހަނދާންކޮށްލަމާ ތޯއެވެ؟ އެއީ ވަޞިއްޔަތް ލިޔުމެވެ. ޞަޙީޙް މުސްލިމްގައި އިބުނު ޢުމަރު رضى الله عنهما  އެކަލޭގެފާނުގެ ބައްޕާފުޅު ޢުމަރު رضى الله عنه ގެ ކިބައިން ނަބިއްޔާ صلى الله عليه وسلم ހަދީޘްކުރެއްވިކަމަށް ރިވާކުރެއްވިއެވެ.

«مَا حَقُّ امْرِئٍ مُسْلِمٍ لَهُ شَىْءٌ يُوصِي فِيهِ يَبِيتُ ثَلاَثَ لَيَالٍ إِلاَّ وَوَصِيَّتُهُ عِنْدَهُ مَكْتُوبَةٌ». [3]
މާނައީ: “އޭނާ އެކަމެއްގައި ވަޞިއްޔަތްކުރާނެ އެއްޗެއްވާ މުސްލިމަކަށް، އޭނާގެ ވަޞިއްޔަތް ލިޔެވިފައިވާ ޙާލު މެނުވީ، ތިން ރޭ ހޭދަކުރުން އެކަށީގެން ނުވެއެވެ.”

އަދި އިބުނު ޢުމަރު رضى الله عنهما  ވިދާޅުވިއެވެ. “ތިމަންކަލޭގެފާނަށް ރަސޫލާ صلى الله عليه وسلم އެފަދައިން ޙަދީޘްކުރައްވަނިކޮށް އަޑުއިވުމަށް ފަހު، އެންމެ ރެއެއްވެސް ތިމަންކަލޭގެފާނާއެކު ތިމަންކަލޭގެފާނުގެ ވަޞިއްޔަތްވާ ޙާލު މެނުވީ ވޭތުނުކުރައްވަމެވެ.”

އަދި ހަމަ އެހެންމެ، މަރަށް ތައްޔާރުވުމުގެ ވާހަަކަ ދެކެވޭ ހިނދު، އެކަމަށް ތައްޔާރުވާ ކޮންމެ މީހަކަށް އެހީވެދޭނެ ޙަދީޘެއް މިތާ ޛިކުރުކޮށްލާނަމެވެ. ރަސޫލާ صلى الله عليه وسلم ގެ ބޮޑުބޭބޭފުޅުގެ ދަރިކަލެއް ކަމުގައިވާ ޢަބްދު ﷲ ބުން ޢައްބާސް رضى الله عنهما ، އިތުރު އެކަލޭގެފާނުންގެ އަރިހުން ޞައްޙަ މަގުން ރިވާކުރައްވާފައިވެއެވެ.

«اِغْتَنِمْ خَمْسًا قَبْلَ خَمْسٍ : شَبَابَكَ قَبْلَ هَرَمِكَ، وصِحَّتَكَ قَبْلَ سَقَمِكَ، وَغِنَاكَ قَبْلَ فَقْرِكَ، وَفِرَاغَكَ قَبْلَ شُغْلِكَ، وحَيَاتَكَ قَبْلَ مَوْتِكَ» .[4]

ފަސްކަމެއްގެ ކުރިން ފަސްކަމެއްގެ ފައިދާ ލިބިގަންނާށެވެ. މުސްކުޅިވުމުގެ ކުރިން ޒުވާންކަން، ބަލިވުމުގެ ކުރިން ޞިއްޙަތު، ފަޤީރުވުމުގެ ކުރިން މުއްސަނދިކަން، މަޝްޣޫލުވުމުގެ ކުރިން ހުސްވަގުތު އަދި މަރުވުމުގެ ކުރިން ޙަޔާތުގެ ފައިދާ (ހެޔޮ ގޮތުގައި ލިބިގަންނާށެވެ.)

މަރަށް ވުރެ ވަކީން ބޮޑު ބަލިމަޑުކަމެއްވޭތޯއެވެ؟ އެހެނީ މަރު ފިޔަވައި އެހެން ހުރިހާ ބައްޔަކަށް ޝިފާވާކަމަށް ނަބިއްޔާ صلى الله عليه وسلم ޚަބަރު ދެއްވިއެވެ.

އަދި މަރަށްވުރެ ބޮޑު ފަޤީރުކަމެއް ވޭތޯއެވެ؟ އެހެނީ މައްޔިތާގެ ގޯއްޗަކީ ހިރަފުސް ވެލީގައި ކޮނެވިފައިވާ ހަނި އަނދިރި ވަޅުގަނޑެކެވެ. އޭނާގެ ފޭރާމަކީ ތުނި ފޮތިން އޮޅާލެވިފައިވާ ކަފުނެކެވެ. އަދި ވަޅުލުމާއި އެކު ނަކީރު މުންކަރު ދެ މަލާއިކަތުން ބިރުވެރި ސޫރައިގައި ވަޑައިގެން އޭނާއާ ސުވާލުކުރައްވަން ފައްޓަވާނެތެވެ. މިޔަށްވުރެ ބޮޑުކަމެއްގައި މީހަކު މަޝްޣޫލު ވެދާނެ ހެއްޔެވެ؟

ލޮބުވެތި މުސްލިމުން އަޚުންނާއި އުޚްތުންނެވެ. ގިނަ ގިނައިން މަރު ހަނދުމަކޮށް މަރަށް ތައްޔާރުވެލައްވާށެވެ. ތައުބާ ފަސްނުކުރައްވާށެވެ. އަދި ފުރިހަމަ މުސްލިމެއްގެ ގޮތުގައި ދެމި ހުރުމަށް ޢަޒުމު ކަނޑައަޅުއްވާށެވެ! އަޅުގަނޑު ލިޔަން ގަސްތުކުރި ވާހަކަތައް ނިންމާލާނީ ޢިބުރަތްތެރި ބަސްފުޅެއް ޛިކުރުކޮށްލާފައެވެ. މުސްލިމުންގެ ހަތަރުވަނަ ޚަލީފާ ޢަލީ رضى الله عنه އެއްދުވަހަކު ޤަބުރުސްތާނެއްގައި ހުންނަވައި ވިދާޅުވިއެވެ.

“أَمَّا المَنَازِلَ فَقَدْ سُكِنَتْ ، وَأَمَّا الأَمْوَالَ فَقَدْ قُسِّمَتْ ، وَأَمَّا الأَزْوَاجَ فَقَدْ نُكِحَتْ ؛ فَهَذَا خَبَرُ مَا عِنْدَنَا ، فَلَيْتَ شِعْرِي مَا عِنْدَكُمْ؟  ثُمَّ قَالَ: وَالَّذِي نَفْسِي بِيَدِهِ ، لَوْ أُذِّنَ لَهُمْ فِي الكَلَامِ لَقَالُواْ: إِنَّ خَيْرَ الزَّادِ التَّقْوَى.” [5]

މާނައީ: “ގެތަކާއި މެދު ދަންނާށެވެ. އެ ތަންތަންވަނީ އާރާސްތުކުރެވިފައެވެ.

އަދި މުދާތަކާއި މެދު ދަންނާށެވެ. އެމުދާތައްވަނީ ބަހާ ނިމިފައެވެ.

އަދި އަނބިންނާއި މެދު ދަންނާށެވެ. އެމީހުން ކައިވެނިކޮށް ނިމިއްޖެއެވެ.

ފަހެ މިއީ ތިމަންމެންގެ ފަރާތުންވާ ޚަބަރެވެ. ތިމަންކަލޭގެފަނަށް ތިޔަބައިމީހުންގެ ޚަބަރު އިޙްސާސް ކުރެވޭނެނަމައެވެ.

އެފަރާތެއްގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ނަފްސުވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. އެބައިމީހުންނަށް ބަސް ބުނުމަށް އިޒުނަ ދެވިއްޖެނަމަ އެބައިމީހުން ބުނާނެއެވެ. ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ ތަޤްވާވެރިކަމެވެ.” (ތަޤުވާވެރިކަމަކީ ﷲ އަމުރު ކުރައްވައިފައި ވާ އަމުރުފުޅުތަކަށް ރައްކާތެރި ވެ، އެ ކަލާނގެ ނަހީ ކުރައްވައިފައި ވާ ކަންކަމުން ދުރުހެލި ވުމެވެ.)

= ނިމުނީ =

 


 

[1]  ރިވާކުރެވިފައިވަނީ: ސުނަން އިބްނު މާޖަހް 4259، އަލް ޢިރާޤީ ވިދާޅުވެފައިވަނީ އިސްނާދު ރަނގަޅުކަމުގައި

[2]  ރިވާކުރެވިފައިވަނީ: ޞަޙީޙް މުސްލިމް: 2877

[3]  ރިވާކުރެވިފައިވަނީ: ޞަޙީޙް މުސްލިމް: 1627

[4]  ރިވާކުރެވިފައިވަނީ: އަލްމުންޛިރީގެ ތަރްޣީބް ވައް ތަރްހީބު: 4/203 : އަދި ހަދީޘްގެ އިސްނާދު ޞަޙީޙް ނުވަތަ ހަސަން ނުވަތަ އެ ދެ ދަރަޖައާއި ގާތްވެގެންވާކަމުގައި ވިދާޅުވި.

[5]  ރިވާކުރެވިފައިވަނީ: އައްރަޤާޝީ ލިޔުއްވި ކިތާބުލް ޢަޤްދުލް ފަރީދް: 193

 

ލައްޒަތްތަކުގެ ނިމުން – 1