ޤުރުއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނީ سُوْرَةُ الْعَلَقِ ގެ ފުރަތަމަ ފަސް އާޔަތެވެ.
އެއީ:
اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ ﴿١﴾ خَلَقَ الْإِنسَانَ مِنْ عَلَقٍ ﴿٢﴾ اقْرَأْ وَرَبُّكَ الْأَكْرَمُ ﴿٣﴾ الَّذِي عَلَّمَ بِالْقَلَمِ ﴿٤﴾ عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ ﴿٥﴾ [1]
މާނައީ: “ކަލޭގެފާނުގެ ރައްބުގެ އިސްމުފުޅުން ކިޔަވާ ވިދާޅުވާށެވެ! [1] އެއިލާހު އިންސާނާ ހެއްދެވީ ގަނޑު ލޭ ކޮޅަކުންނެވެ. [2] ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ރައްބު އެއީ މާތް މަތިވެރިވެގެންވާ އިލާހެވެ. [3] އެއިލާހަކީ ޤަލަމުން ލިޔަން ކިޔަން އުނގަންނަވައިދެއްވި އިލާހެވެ. [4] އެއިލާހު އިންސާނާއަށް ނޭނގޭ ކަންތައްތައް އޭނާއަށް އުނގަންނަވައި ދެއްވިއެވެ. [5]”
އެއަށްފަހު ވަކި މުއްދަތަކަށް ވަޙީ ބާވައިލެއްވުން މެދުކެނޑުނެވެ. އަދި އޭގެ ފަހުގައި سُوْرَةُ الْمُدَّثِّرِ ގެ ފުރަތަމަ ފަސް އާޔަތް ބާވައިލެއްވިއެވެ. އެއީ:
يَا أَيُّهَا الْمُدَّثِّرُ ﴿١﴾ قُمْ فَأَنذِرْ ﴿٢﴾ وَرَبَّكَ فَكَبِّرْ ﴿٣﴾ وَثِيَابَكَ فَطَهِّرْ ﴿٤﴾ وَالرُّجْزَ فَاهْجُرْ ﴿٥﴾ [2]
މާނައީ: “އޭ ފޭރާންތައް އޮޅުއްވައިގެން ނިވައިވެގެންވާ ކަލޭގެފާނެވެ! [1] ކަލޭގެފާނު ތެދުވެވަޑައިގެން އިންޛާރު ކުރައްވާށެވެ! [2] އަދި ކަލޭގެފާނުގެ ރައްބު މާތްކުރައްވައި މަތިވެރި ކުރައްވާށެވެ. [3] އަދި ކަލޭގެފާނުގެ ފޭރާންކޮޅު ޠާހިރު ކުރައްވާށެވެ. [4] އަދި ބުދުތަކާއި ދުރުވެގަންނާށެވެ. [5] “
ޝަރަޙަ
ޤުރުއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނު އާޔަތްތަކާ އަދި އެންމެ ފަހުން ބާވައިލެއްވުނު އާޔަތްތައް ދެނެގަތުމަކީ މުހިއްމު ކަމެކެވެ. އެއީ މުތަޤައްދިމު (އިސްވެގެންވާ) އަދި މުތައައްޚިރު (ފަސްވެގެންވާ) އާޔަތްތައް ދެނެގަތުން މުހިއްމު ވެގެން ވާތީއެވެ. ކަމެއްގައި އޮޅުން އެރުމެއް ނުވަތަ ދެބަސްވުމެއް ދިމާވެއްޖެނަމަ މުތަޤައްދިމު (އިސްވެގެންވާ) އާޔަތް މުތައައްޚިރު (ފަސްވެގެންވާ) އާޔަތުގެ ސަބަބުން މަންސޫޚު ވެފައިވާކަން އަހަރެމެންނަށް އެނގޭނެއެވެ. ވުމާއެކު ޤުރުއާނުން ފުރަތަމަ ބާވައިލެއްވުނު އާޔަތްތަކާއި އަދި ފަހުން ބާވައިލެއްވުނު އާޔަތްތައް އެނގެން ޖެހެއެވެ.
(﴿اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ﴾ މާނައީ: “ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ރައްބުގެ އިސްމުފުޅުން ކިޔަވާ ވިދާޅުވާށެވެ!”)
ޖިބްރީލް عَلَيهِ الصَّلاةُ وَالصَّلَامُ ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّمَ އަށް ކިޔަވާވިދާޅުވުމަށް އަމުރު ކުރެއްވުމުން ތިމަންކަލޭގެފާނަކީ ކިޔަވާ ވިދާޅުވާ ބޭކަލެއް ނޫން ކަމުގައި ޙަދީޘްކުރެއްވިއެވެ. ސަބަބަކީ ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمَ އަކީ އުއްމިއްޔަ (ލިޔަން ކިޔަން ނުދަންނަ) ބޭކަލެކެވެ. الله ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.
﴿وَمَا كُنتَ تَتْلُو مِن قَبْلِهِ مِن كِتَابٍ وَلَا تَخُطُّهُ بِيَمِينِكَ﴾ [3]
މާނައީ: “އަދި މި ޤުރުއާން ކަލޭގެފާނަށް ބާވައިލެއްވުމުގެ ކުރިން ކަލޭގެފާނު އެއްވެސް ފޮތެއް ކިޔަވާވިދާޅުވާ ބޭކަލަކު ކަމުގައި ނުވެއެވެ. އަދި ކަލޭގެފާނުގެ އަތްޕުޅުން އެއްވެސް އެއްޗެއް ލިޔުއްވާ ބޭކަލަކު ކަމުގައިވެސް ނުވެއެވެ.”
(﴿خَلَقَ الْإِنسَانَ مِنْ عَلَقٍ ﴾ މާނައީ: “އެއިލާހު އިންސާނާ ހެއްދެވީ ގަނޑު ލޭކޮޅަކުންނެވެ.”)
މި އާޔަތުގައި ބަޔާންކުރައްވާފައި މިވަނީ އިންސާނާގެ ފެށުމެވެ. އިސްލާމީ ޝަރީޢަތް ފެށުނު މި މަޤާމުގައި މިކަން ބަޔާން ކުރެއްވުމަކީ ވަރަށްވެސް މުނާސަބު ކަމެކެވެ. ވުމާއެކު ޚަލްޤުތަކުގެ ފެށުން الله ބަޔާންކުރެއްވިއެވެ.
(﴿عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ ﴾ މާނައީ: “އެއިލާހު އިންސާނާއަށް ނޭނގޭ ކަންތައްތައް އޭނާއަށް އުނގަންނަވައި ދެއްވިއެވެ.”)
الله ތަޢާލާ ކޮންމެ އިންސާނާކަށް އޭނާއަށް ނޭނގޭ ކަންތައްތައް އުނގަންނަވައި ދެއްވިއެވެ. މިކަން ބަޔާންކުރައްވައި އެއިލާހު ވަޙީކުރައްވާފައި ވެއެވެ.
﴿وَاللَّهُ أَخْرَجَكُم مِّن بُطُونِ أُمَّهَاتِكُمْ لَا تَعْلَمُونَ شَيْئًا وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۙ لَعَلَّكُمْ تَشْكُرُونَ﴾ [4]
މާނައީ: “އަދި ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭ ޙާލު ތިޔަބައިމީހުންގެ މައިންގެ ބަނޑުތަކުން ތިޔަބައިމީހުން ނެރުއްވީ ﷲ އެވެ. ދެން އެއިލާހު ތިޔަބައިމީހުންނަށް އިވުމާއި ފެނުމާއި (ކަންފަތާއި ލޮލާއި) އަދި ހިތްލެއްވިއެވެ. އެއީ ތިޔަބައިމީހުން ޝުކުރުވެރި ވޭތޯއެވެ.”
ފަހަރެއްގައި މީހަކު ބުނެފާނެއެވެ. މިއީ ޤުރުއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނު އާޔަތްތައް ކަމުގައި ވާނަމަ މި އާޔަތްތައް ޤުރުއާނުގެ ފެށޭތަނުގައި ނުވަނީ ކީއްވެގެން ހެއްޔެވެ؟
ޖަވާބު: ސަބަބަކީ ފާތިޙާ ސުރަތަކީ އުންމުލް ޤުރުއާން އެވެ. (އެބަހީ: އެއްޗެއްގެ އުންމު (މަންމަ) އޭ ބުނެވެނީ އެ އެއްޗެއްގެ އަޞްލަށެވެ.) އެއީ ކީރިތި ޤުރުއާނަށްވާ މައި ސުރުޚީއެއް ފަދަ ސޫރަތެކެވެ. އޭގެ ފަހުގައި އެވަނީ އެ ސޫރަތަށްވާ ތަފްޞީލު ތަކެވެ. މިހެންވެ ޤުރުއާނުގައިވާ ކޮންމެ އާޔަތެއްވެސް ފާތިޙާ ސޫރަތާއި ގުޅުމެއްވާތަން ފެންނާނެއެވެ. ޤުރުއާނުގެ ފުރަތަމަ ސޫރަތުގެ ގޮތުގައި ފާތިޙާ ސޫރަތްވެފައި ވަނީ މި ސަބަބަށްޓަކައެވެ.
(އެއަށްފަހު ވަކި މުއްދަތަކަށް ވަޙީ ބާވައިލެއްވުން މެދުކެނޑުނެވެ.) ވަޙީ މެދުކެނޑިގެން ދިއުމުގެ އެއް ޙިކުމަތަކީ ރަސޫލާ عَلَيهِ الصَّلاةُ وَالسَّلَامُ ޤުރުއާނަށް ބަހައްޓަވާ ޝައުޤުވެރިކަން އިތުރު ކުރެއްވުމަށެވެ. އަދި ކަން ހިނގައި ދިޔައީވެސް މި ފަދައިންނެވެ. ﷲ ތަޢާލާގެ ޙިކުމަތްފުޅުން އެއިލާހު އިރާދަކުރެއްވީ އެފަދައިންނެވެ.
(يَا أَيُّهَا الْمُدَّثِّرُ ﴿١﴾ قُمْ فَأَنذِرْ ﴿٢﴾ މާނައީ: “އޭ ފޭރާންތައް އޮޅުއްވައިގެން ނިވައިވެގެންވާ ކަލޭގެފާނެވެ! ކަލޭގެފާނު ތެދުވެވަޑައިގެން އިންޛާރު ކުރައްވާށެވެ!)
ފޭރާން އޮޅުއްވައިގެންވާ ނިވައިވެގެންވާ ފަރާތްކަމަށް ވަޙީ ކުރައްވާފައި މިވަނީ އެކަލޭގެފާނު އެންމެ ފުރަތަމަ ވަޙީ ބާވައިލެއްވުމުން އެކަލޭގެފާނު އެކަމާއި ބިރުފުޅުގެންވަޑައިގެން ޚަދީޖާ رَضِيَ اللهُ عَنْهَا ގެ އަރިހަށް ވަޑައިގެންފައި ޙަދީޠްކުރެއްވިއެވެ. “ތިމަންކަލޭގެފާނު ރަޖާއިން ފޮރުވާލައްވާށެވެ! ތިމަންކަލޭގެފާނު ރަޖާއިން ފޮރުވާލައްވާށެވެ!” [5]
އަދި الله ތަޢާލާ މިވަނީ އެކަލޭގެފާނަށް ތެދުވެވަޑައިގެން މީސްތަކުންނަށް އިންޛާރުކުރެއްވުމަށް އަމުރު ކުރައްވާފައެވެ.
(﴿وَثِيَابَكَ فَطَهِّرْ ﴾ މާނައީ: “އަދި ކަލޭގެފާނުގެ ފޭރާންކޮޅު ޠާހިރު ކުރައްވާށެވެ.”)
މިތަނުގައި މިވާ ފޭރާންކޮޅާއި ބެހޭގޮތުން ބުނެވެއެވެ. އެއީ ޙިއްސީ ފޭރާން ހެއްޔެވެ؟ މާނައަކީ ކަލޭގެފާނުގެ ފޭރާންކޮޅު ނަޖިހުން ޠާހިރުކުރައްވާށެވެ. ނުވަތަ މަޢުނަވީ ފޭރާން ހެއްޔެވެ؟ الله ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
﴿لِبَاسُ التَّقْوَىٰ ذَٰلِكَ خَيْرٌ﴾ [6]
މާނައީ: “އަދި ތަޤުވާވެރިކަމުގެ ފޭރާން މާ ހެޔޮވެގެންވެއެވެ.”
މިކަމުގައި ރަނގަޅު ގޮތަކީ ދެވަނަ ބަހެއެވެ. އޭގެ މުރާދަކީ މަޢުނަވީ ފޭރާމެވެ. އެހެންވެ އެ އާޔަތާ ވިދިގެން އަންނަ އާޔަތުގައި އެއިލާހު ވަޙީކުރައްވާފައި ވެއެވެ.
﴿وَالرُّجْزَ فَاهْجُرْ ﴾
މާނައީ: “އަދި ބުދުތަކާއި ދުރުވެގަންނާށެވެ.”
الله ތަޢާލާ މި ހަތަރުކަމަށް އަމުރު ކުރެއްވުމުން ނަބިއްޔާ عَلَيهِ الصَّلاةُ وَالصَّلَامُ ތެދުވެވަޑައިގެން މީސްތަކުންނަށް އިންޛާރުކުރެއްވިއެވެ. މިހެންވެ ޢިލްމުވެރިން ވިދާޅުވެއެވެ. سُوْرَةُ الْعَلَقِ ގެ އާޔަތްތައް ބާވައިލެއްވުމާއެކު އެކަލޭގެފާނު ނަބިއްޔަކަށް ވެވަޑައިގެންނެވިއެވެ. އަދި سُوْرَةُ الْمُدَّثِّرِ ގެ އާޔަތްތައް ބާވައިލެއްވުމާއެކު އެކަލޭގެފާނު ރަސޫލަކަށް ވެވަޑައިގެންނެވިއެވެ.
ޝައިޚުލް އިސްލާމް މުޙައްމަދު ބުން ޢަބްދުލް ވައްހާބު رحمه الله ވިދާޅުވިއެވެ.
“اقرأ އިން އެކަލޭގެފާނު ނަބީކަމާއިގެން ފޮނުއްވުނެވެ. އަދި المدثر އިން ރަސޫލުކަމާއިގެން ފޮނުއްވުނެވެ.” [7]
މަޞްދަރު: شرح أصول في التفسير للشيخ محمد بن صالح العثيمين – رحمه الله –
[1] سُورَةُ العَلَق 5,4,3,2,1
[2] سُورَةُ المُدَّثِّر 5,4,3,2,1
[3] سُورَةُ العَنكَبُوت 48
[4] سُورَةُ النَّحل 78
[5] أخرجه البخاري: كتاب تفسير القرآن، باب قوله: (وربك فكبر)، رقم (٤٩٢٤)، ومسلم: كتاب الإيمان، باب بدء الوحي على رسول الله صلى الله عليه وسلم ، رقم (١٦١).
[6] سُورَةُ الأَعرَاف 28
[7] الأصول الثلاثة، والقواعد الأربع (ص:٢٠)