[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެހެން މީހެއްގެ މުދަލެއް ހޮވައިފި މީހަކު އެއާމެދު ޢަމަލުކުރަންވީ ގޮތް (اللُّقَطَة ގެ ޙުކުމް) – 2

ތިންވަނަ ޙާލަތު:

 

އިސްވެ ބަޔާންވެ ދިޔަ ދެ ބާވަތުގެ މުދާ ނޫން އެހެން މުދަލަކަށްވުން.

– މިސާލަކަށް ފައިސާއާއި އެހެނިހެން ހިފާ ގެންގުޅޭ ތަކެތި.

– ނުވަތަ ކަންބަޅި ބަކަރި، ބަކަރި، ކުދި ގެރިފަދަ، ޝިކާރަކުރާ ކުދި ޖަނަވާރުގެ ކިބައިންވެސް ރައްކާތެރި ނުވެވޭވަރުގެ ޖަނަވާރަކަށްވުން.

މިފަދަ އެއްޗެއް ފެނިއްޖެމީހަކު، އަމާނާތްތެރިކަމާއެކު އެއާ މެދު ޢަމަލުކުރެވޭނެ ނަމަ އެ ނެގުން ހުއްދައެވެ. އެގޮތަށް ހޮވާ ތަކެތީގެ ތިން ބާވަތެއް ވެއެވެ.

 

  • ފުރަތަމަ ބާވަތް: ބަކަރި ނުވަތަ ކުކުޅުފަދަ ކެއުން ހުއްދަ ޖަނަވާރަކަށްވުން. އެ ފެނުނު މީހެއްގެ މައްޗަށް އޮތީ އަންނަނިވި ތިންކަމުގެ ތެރެއިން އޭގެ ވެރިމީހާއަށް އެންމެ ފައިދާ ބޮޑު ގޮތަށް ޢަމަލުކުރުމެވެ.
  1. އެ ކެއުން. އެ ޙާލަތުގައި އޭގެ ވެރިމީހާއަށް އޭގެ އަގު ދިނުން އޭނާގެ މައްޗަށް ލާޒިމުވާނެއެވެ.
  2. އެ އެއްޗެއްގެ ސިފަތައް ރަނގަޅަށް ދެނެގަތުމަށްފަހު، އެ ވިއްކާލާފައި، އޭގެ ވެރިމީހާ އައުމުން ދިނުމަށްޓަކައި އޭގެ އަގު ރައްކާކުރުން. އޭގެ ސިފަތައް ރަނގަޅަށް ދެނެގަންޖެހެނީ އޭގެ ވެރިމީހާ ޔަޤީންކުރުމަށެވެ.
  3. އެ ރައްކާތެރިކަމާއެކު ބަލަހައްޓާ، އޭނާގެ މުދަލުން އެއަށް ހޭދަކުރި ނަމަވެސް އެ މިލްކު ނުކުރުން. މިޙާލަތުގައި އެއަށް ކުރި ހޭދަ، އޭގެ ވެރިމީހާ އެ ބަލާ އައުމުން އޭނާ އަތުން ހޯދާނީއެވެ.

 

އެހެނީ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ގެއްލޭ ކަންބަޅިއާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«خُذْهَا فَإِنَّمَا هِيَ لَكَ أَوْ لِأَخِيكَ أَوْ لِلذِّئْبِ» [صحيح البخاري (2428)]

މާނައީ: “އެ ހިފާށެވެ. އެއީ ތިބާއަށް ނުވަތަ ތިބާގެ (މުސްލިމު) އަޚާއަށް ނުވަތަ މިނިކާވަގަށްވާ އެއްޗެކެވެ.”

އޭގެ މާނައަކީ: އެއީ ވަރަށް ބަލިކަށި އެއްޗެކެވެ. އެ ގޮތުގައި އޭތި ދޫކޮށްލައިނަމަ މަރުވެދާނެއެވެ. އޭގެ ޙާލަކަށް ވާނީ ތިބާ ނޫނީ ކޮންމެސް އެހެން މީހަކު އެ ހިފުމެވެ. ނުވަތަ މިނިކާވަގެއްފަދަ ކޮންމެވެސް ޖަނަވާރެއް އެ ކައިލުމެވެ.

މި ޙަދީޘާ ބެހޭގޮތުން އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.

“ކަންބަޅިއެއް ގެއްލިފައި ވަނިކޮށް އެ ހިފުން ހުއްދަކުރައްވާފައިވާކަން މިއިން އެނގިގެން ދެއެވެ. އަދި އޭގެ ވެރިމީހާ އެ ހޯދަން ނާންނަނަމަ، އެ ފެނިގެން ހިފި މީހާއަށް އެ މިލްކުވާނެކަން އެނގިގެން ދެއެވެ. އަދި އެ ހިފި މީހާއަށް އިޚްތިޔާރު ދެވޭނެއެވެ. އެއީ އެ ކައިފާ އޭގެ އަގު ވެރިމީހާއަށް ދިނުމެވެ. ނުވަތަ އެ ވިއްކާފައިވާ އޭގެ އަގު ރައްކާކޮށްފައި ބޭއްވުމެވެ. ނުވަތަ އެ ގެނެސްފައި އޭނާގެ މުދަލުން އެއަށް ހޭދަކުރުމެވެ.” [من كتابه زاد المعاد مختصرا (3 / 576 – 577)]

އަދި އެ ފެނިގެން ގެންދިޔަ މީހާ އެ ކެއުމުގެ ކުރިން އޭގެ ވެރިމީހާ އެ ބަލާ އަތުވެއްޖެނަމަ، ވެރިމީހާއަށް އެ ގެންދެވޭނެކަމަށް ޢިލްމުވެރިންވަނީ އިޖުމާޢުވެވަޑައިގަންނަވާފައެވެ.

 

  • ދެވަނަ ބާވަތް: ހަލާކުވެދާނެކަމުގެ ބިރު އޮތް އެއްޗަކަށްވުން، މިސާލަކަށް މޭވާއެއް.

މިފަދަ ތަކެއްޗާމެދު އެ ހޮވާމީހަކު ކަންތައްކުރާނީ އޭގެ ވެރިމީހާއަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަށެވެ. އެއީ އެކެއުމަށްފަހު، ވެރިމީހާއަށް އޭގެ އަގު ދިނުމެވެ. ނުވަތަ އެ ވިއްކާފައި އޭގެ ވެރިމީހާ އަންނަންދެން އޭގެ އަގު ރައްކާ ކުރުމެވެ.

 

  • ތިންވަނަ ބާވަތް: އިސްވެ ދިޔަ ދެ ބާވަތް ފިޔަވާ އެހެނިހެން ބާވަތްތައް، މިސާލަކަށް ފައިސާއާއި އެއްޗެހި އަޅަން ބޭނުން ކުރާ ކަންވާރުފަދަ ތަކެތި.

އެފަދަ ތަކެތި ހޮވައިފި މީހަކު، އެ ރައްކާތެރިކަމާއެކު ބެލެހެއްޓުން ލާޒިމުވާނެއެވެ. އަދި އެ ވާނީ އޭނާގެ އަތުގައިވާ އަމާނާތަކަށެވެ. އަދި އޭނާ އެ އިޢުލާނުކުރަން ޖެހޭނެއެވެ.

 

= ނުނިމޭ =

 


 

މަޞްދަރު

 

اللُّقَطَة ގެ ޙުކުމް – އެހެންބައިތައް