އެއްވެސް އެއްޗެއް ހޮވައިފި މީހަކު، އަމާނާތްތެރިކަމާ އެކު އެއާ މެދު ޢަމަލު ނުކުރެވޭނެނަމަ ނުވަތަ އެ އިޢުލާނުކޮށްގެން އޭގެ ވެރިމީހާ ހޯދަން އޭނާއަށް މަސައްކަތް ނުކުރެވޭނެނަމަ އެ ނުނަގާށެވެ. ޒައިދު ބުން ޚާލިދު އަލްޖުހަނީ رضي الله عنه ރިވާކުރެއްވި ޙަދީޘްގައިވެއެވެ.
سُئِلَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنِ اللُّقَطَةِ، الذَّهَبِ، أَوِ الْوَرِقِ؟ فَقَالَ: «اعْرِفْ وِكَاءَهَا وَعِفَاصَهَا، ثُمَّ عَرِّفْهَا سَنَةً، فَإِنْ لَمْ تَعْرِفْ فَاسْتَنْفِقْهَا، وَلْتَكُنْ وَدِيعَةً عِنْدَكَ، فَإِنْ جَاءَ طَالِبُهَا يَوْمًا مِنَ الدَّهْرِ فَأَدِّهَا إِلَيْهِ»، وَسَأَلَهُ عَنْ ضَالَّةِ الْإِبِلِ، فَقَالَ: «مَا لَكَ وَلَهَا، دَعْهَا، فَإِنَّ مَعَهَا حِذَاءَهَا وَسِقَاءَهَا، تَرِدُ الْمَاءَ، وَتَأْكُلُ الشَّجَرَ، حَتَّى يَجِدَهَا رَبُّهَا»، وَسَأَلَهُ عَنِ الشَّاةِ، فَقَالَ: «خُذْهَا، فَإِنَّمَا هِيَ لَكَ، أَوْ لِأَخِيكَ، أَوْ لِلذِّئْبِ» [صحيح مسلم 5 – (1722)]
މާނައީ: ރަނާއި ރިހި ހޮވުމާ މެދު، ﷲ ގެ ރަސޫލާ صلى الله عليه وسلم އާ ސުވާލު ދެންނެވުނެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެ އައްސަން ބޭނުންކޮށްފައިވާ އެއްޗާއި އެ އަޅާފައިވާ އެތި ދެނެގަންނާށެވެ. (އެބަހީ: އެ އަޅާފައިވާ އެތި ރަނގަޅަށް ދެނެގަންނާށެވެ. އެއީ އޭގެ ވެރިމީހާ އައިސް އެ ސިފަކޮށްދީފި ނަމަ އެމީހާއަކީ އޭގެ ވެރި މީހާކަން ދެނެގަތުމަށެވެ.) ދެން އެއް އަހަރު ވަންދެން އެކަން އިޢުލާނު ކުރާށެވެ. އަދި އޭގެ ވެރިމީހާ ނޭނގިއްޖެނަމަ އެ ބޭނުންކުރުމުގައި މައްސަލައެއް ނެތެވެ. އަދި ތިބާގެ އަތުގައިވާ (ތިބާގެ ޛިންމާގައިވާ) އަމާނާތެއްގެ ގޮތުގައި އެ ވާނެއެވެ. ފަހެ އޭގެ ވެރިމީހާ ދުވަހަކުވެސް އެ ބަލާ އަތުވެއްޖެއްޔާ އެ އޭނާއަށް އަދާކުރާށެވެ.” އަދި ގެއްލޭ ޖަމަލާ ބެހޭގޮތުން އެކަލޭގެފާނާ ސުވާލު ދެންނެވުނެވެ. ފަހެ ޙަދީޘްކުރެއްވިއެވެ. “އެއާ ތިބާއާ ކޮން ކަމެއް ހެއްޔެވެ! އެ ދޫކޮށްލާށެވެ. ފަހެ ހަމަކަށަވަރުން އެއާއެކު އޭގެ މޮށްގަނޑާއި އޭގެ ބުއިން ވެއެވެ. (އެބަހީ: އެ އަމިއްލައަށް ހިނގާބިނގާވެ އުޅޭނެއެވެ. އަދި އެއާ ދިމާ ކުރާ އެއްޗަކަށް އެއިން ހަމަލާ ދޭނެއެވެ.) އެ ފެންގަނޑުތަކުން ފެން ބޮމުން، ގަސްގަހުން ކަމުން ދާނެއެވެ. އޭގެ ސާހިބުމީހާއާ ބައްދަލުވަންދެން އެ ދޫކޮށްލާށެވެ.” ދެން (ގެއްލޭ) ކަންބަޅިއާ ބެހޭގޮތުން އެކަލޭގެފާނާ ސުވާލު ދެންނެވުނެވެ. ފަހެ ޙަދީޘްކުރެއްވިއެވެ. “އެ ހިފާށެވެ. އެއީ ތިބާއަށް ނުވަތަ ތިބާގެ (މުސްލިމު) އަޚާއަށް ނުވަތަ މިނިކާވަގަށްވާ އެއްޗެކެވެ.”
މި ޙަދީޘްގައިވާ:
الوِكَاء: އަކީ ފައިސާ އަޅާފައިވާ އެތި އައްސަން ބޭނުންކުރާ އެއްޗެކެވެ.
العِفَاص: އަކީ ފައިސާ އަޅަން ބޭނުން ކުރާ އެއްޗެކެވެ.
عَرِّفْهَا سَنَةً: އެބަހީ: މީސްތަކުން އެއްވާ ތަންތަނުގައި – މިސާލަކަށް ބާޒާރުތައް ފަދަ ތަންތަނުގައި – އެކަން ބަޔާންކުރާށެވެ. އެއީ ބަރާބަރު އެއް އަހަރު ވަންދެނެވެ. ފުރަތަމަ ހަފްތާގައި ކޮންމެ ދުވަހަކުއެވެ. އެއީ ފުރަތަމަ ހަފްތާގައި އޭގެ ވެރިމީހާ އައުން ނުހަނު ގާތްވެގެން ވެއެވެ. ދެން އެއަށް ފަހުގައި ޢާންމުކޮށް މީހުން އެކަން ކޮށް އުޅޭ ގޮތަށް އިޢުލާނު ކުރާށެވެ.
މިއީ އިހު ޒަމާނުގައި އެކަން ކޮށް އުޅުނު ގޮތެވެ. މި ޒަމާނުގައި މި ޒަމާނާ ގުޅޭ ގޮތަށް (ސޯޝަލް މީޑިއާގައާއި އެކި އެޕްތަކުގައިވާ ގްރޫޕުތަކުގައި) އެކަން ކުރާށެވެ. މުހިންމުކަމަކީ މިކަމުގެ މަޤްޞަދަށް ވާސިލުވުމެވެ. އެއީ އޭގެ ވެރިމީހާ ހޯދުމަށް ކުރެވެން އޮތް މަސައްކަތެއް ކުރުމެވެ.
އިސްވެ ދިޔަ ޙަދީޘުން ދަލީލުކުރަނީ އެއްޗެއް ހޮވާފައި އެކަން އިޢުލާނު ކުރުމީ ވާޖިބުކަމެއް ކަމުގައެވެ.
ޙަދީޘްގައިވާ:
«اعْرِفْ وِكَاءَهَا وَعِفَاصَهَا»
މާނައީ: “އެ އައްސަން ބޭނުންކޮށްފައިވާ އެއްޗާއި އެ އަޅާފައިވާ އެތި ދެނެގަންނާށެވެ.”
އެ އަޅާފައިވާ އެތި ރަނގަޅަށް ދެނެގަތުމަކީ ވާޖިބެއްކަން އެނގިގެން ދެއެވެ. އެއީ އޭގެ ވެރިމީހާ އައިސް އެ ރަނގަޅަށް ސިފަކޮށްދިނުމުން، އޭނާއަށް އެ އަނބުރާ ރައްދުކުރުމަށެވެ. އޭނާ އެ ނުބައިކޮށް ސިފަކޮށްފިނަމަ އޭނާއަށް އެ ދިނުން ހުއްދަވެގެން ނުވެއެވެ.
އަދި ޙަދީޘްގައިވާ:
«فَإِنْ لَمْ تَعْرِفْ، فَاسْتَنْفِقْهَا»
މާނައީ: “އަދި އޭގެ ވެރިމީހާ ނޭނގިއްޖެނަމަ އެ ބޭނުންކުރުމުގައި މައްސަލައެއް ނެތެވެ.”
ދަލީލުކުރަނީ އެ ހޮވާ މީހާ، އަހަރު ދުވަސްވަންދެން އެ އިޢުލާނުކޮށްފައި އެ އޭނާއަށް މިލްކުވާނެ ކަމެވެ. އެހެނަސް އޭގެ ސިފަތައް ރަނގަޅަށް ދެނެގަނެފައި މެނުވީ އެ ބޭނުކޮށްގެން ނުވާނެއެވެ. އެ އަޅާފައިވާ އެއްޗާއި އޭގެ ބޮޑު މިނާއި އޭގެ ވައްތަރާ އަދި އެނޫނަސް އޭގެ ސިފަތަކެވެ. އަހަރު ދުވަހަށް ފަހުގައިވެސް އޭގެ ވެރިމީހާ އަތުވެއްޖެނަމަ އަދި އޭ ސިފަތައް ކިޔައިދީފިނަމަ އޭނާއަށް އެ އަނބުރާ ރައްދުކުރަން ޖެހޭނެއެވެ. އެއީ ޙަދީޘްގައިވާފަދައިންނެވެ.
«فَإِنْ جَاءَ طَالِبُهَا يَوْمًا مِنَ الدَّهْرِ فَأَدِّهَا إِلَيْهِ»
މާނައީ: “ފަހެ އޭގެ ވެރިމީހާ ދުވަހަކުވެސް އެ ބަލާ އަތުވެއްޖެއްޔާ އެ އޭނާއަށް އަދާކުރާށެވެ.”
= ނުނިމޭ =
اللُّقَطَة ގެ ޙުކުމް – އެހެންބައިތައް