އިސްވެ ބަޔާންވެ ދިޔަ ކަންކަމުން އެނގިގެން ދަނީ އެއްޗެއް ހޮވައިފި މީހެއްގެ މައްޗަށް 5 ކަމެއް ލާޒިމުވެގެންވާ ކަމެވެ.
ފުރަތަމައީ: އެފަދަ އެއްޗެއް ފެނިއްޖެނަމަ، އަމާނާތްތެރިކަމާ އެކު އެއާ މެދު ޢަމަލު ނުކުރެވޭނެނަމަ ނުވަތަ އެ އިޢުލާނުކޮށްގެން އޭގެ ވެރިމީހާ ހޯދަން އޭނާއަށް މަސައްކަތް ނުކުރެވޭނެނަމަ އެ ނުނަގާށެވެ. އަމާނާތްތެރިކަމާ އެކު އެކަން ނުކުރެވޭނެ މީހަކު އެ ނެގުން ހުއްދަވެގެން ނުވެއެވެ. އެފަދަ މީހަކު އެ ނަގައިފިނަމަ އެމީހާ ވާނީ ފޭރޭ މީހެއްފަދަ މީހަކަށެވެ. އެހެނީ އޭނާ އެވަނީ އެހެން މީހެއްގެ މުދަލެއް ހުއްދަ ނޫން ގޮތެއްގައި ނަގާފައެވެ. އަދި އޭނާ އެ ހޮވުމުގެ ސަބަބުން އެ މުއްދާ ގެއްލެނިވެގެން ދާނެއެވެ.
ދެވަނައީ: އެ އަޅާފައިވާ އެތި ރަނގަޅަށް ދެނެގަންގަން ޖެހެއެވެ. އެ އަޅާފައިވާ އެއްޗާއި އޭގެ ބޮޑު މިނާއި އޭގެ ވައްތަރާ އަދި އެ ނޫނަސް އޭގެ ސިފަތަކެވެ. އެ އަޅާފައިވާ އެތީގެ މުރާދަކީ ކޮތަޅެއް ނުވަތަ ފޮތިގަނޑެއް ނުވަތަ އެ ނޫނަސް އެ އަޅާފައިވާ އެއްޗެވެ. އެކަން ދެނެގަތުމަކީ ވާޖިބެކެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ވަނީ އެކަމަށް އަމުރުކުރައްވާފައެވެ. އެކަލޭގެފާނު ކަމަކަށް އަމުރުކުރައްވައިފިނަމަ އެކަން ވާޖިބުވެގެން ވެއެވެ.
ތިންވަނައީ: ބަރާބަރު އެއް އަހަރުވަންދެން އެ އިޢުލާނު ކުރަން ޖެހޭނެއެވެ. އެގޮތުން ފުރަތަމަ ހަފްތާގައި ކޮންމެ ދުވަހަކުއެވެ. ދެން އެއަށް ފަހުގައި މުޖުތަމަޢުގައި ޢާންމުކޮށް މީސްތަކުން އެކަން ކޮށް އުޅޭ ގޮތަށެވެ. އަދި އެ އިޢުލާނު ކުރާއިރުގައި ބުނާށެވެ. މިސާލަކަށް: މިވެނި އެއްޗެއް ގެއްލުނު މީހަކު އެ ބަލާ އަންނާށެވެ. އެގޮތުން މީސްތަކުން އެއްވާ ތަންތަނުގައި އެފަދައިން ގޮވާށެވެ. މިސާލަކަށް ބާޒާރުގައެވެ. އަދި މިސްކިތް ކައިރީގައިވެސް ނަމާދު ވަގުތުތަކުގައި އެފަދައިން ގޮވިދާނެއެވެ. އެހެނަސް މިސްކިތުގެ އެތެރޭގައި އެހެން ނުގޮވޭނެއެވެ. އެހެނީ މިސްކިތްތަކަކީ އެކަމަށް ހަދާފައި ތަންތަނެއް ނޫނެވެ. ޙަދީޘްގައި ވެއެވެ.
«مَنْ سَمِعَ رَجُلًا يَنْشُدُ ضَالَّةً فِي الْمَسْجِدِ فَلْيَقُلْ لَا رَدَّهَا اللهُ عَلَيْكَ فَإِنَّ الْمَسَاجِدَ لَمْ تُبْنَ لِهَذَا» [صحيح مسلم 79 – (568)]
މާނައީ: “ގެއްލިފައިވާ އެއްޗެއް މިސްކިތުގައި އިޢުލާނުކުރާ އަޑު އިވިއްޖެމީހަކު ދަންނައެވެ. އެހެން ގޮވާމީހާއަށް (ބަދުދުޢާގެ ގޮތުގައި) ބުނާށެވެ.
لَا رَدَّهَا اللهُ عَلَيْكَ
[“ﷲ ތިބާއަށް އެ އަނބުރާ ރައްދުނުކޮށް ދެއްވާށެވެ.”]
ފަހެ ހަމަކަށަވަރުން މިސްކިތްތައް ބިނާކޮށްފައިވަނީ އެ ކަމަކަށް ނޫނެވެ.”
ހަތަރުވަނައީ: އެ ހޯދާ މީހަކު އައިސް އޭގެ ސިފަތައް ކިޔައިދީފިނަމަ އެއްވެސް އިތުރު ހެއްކެއް ނުވަތަ ހުވައަކާ ނުލައި އެމީހަކަށް އެ އަނބުރާ ދިނުން ވާޖިބުވެގެން ވެއެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ވަނީ އެކަމަށް އަމުރުކުރައްވާފައެވެ. އަދި އެމީހާ އޭގެ ސިފަތައް ބަޔާންކުރުން ހިމެނިގެން ދަނީ އެ ޙާލަތުގައި ހެއްކާއި ހުވާގެ މަޤާމުގައެވެ. އަދި ކިއެއް ހެއްޔެވެ. އޭނާގެ ސިފަކޮށްދިނުން ހެއްކާއި ހުވައަށް ވުރެވެސް މާ ފާޅުކަން ބޮޑު އަދި ތެދުވެރި ވެދާނެއެވެ. އަދި އެ އަނބުރާ ދޭއިރު އެއާ އެއްކޮށް ނުވަތަ އެއާ ވަކިން ވިޔަސް އޭގެ ސަބަބުން ލިބުނު ފައިދާވެސް އަނބުރާ ރައްދުކުރަން ވާނެއެވެ. އެމީހަކަށް އެ ސިފަކޮށްދޭން ނޭނގިއްޖެނަމަ އެ އަނބުރާ ދިނުމެއް ނުވެއެވެ. އެހެނީ އެއީ އެމީހާގެ އަތުގައިވާ އަމާނާތެކެވެ. އެމީހަކީ އޭގެ ވެރި ފަރާތްކަން ޘާބިތު ނުވާހާ ހިނދަކު އެމީހަކަށް އެ ދިނުން ހުއްދަވެގެން ނުވެއެވެ.
ފަސްވަނައީ: އެއް އަހަރު ދުވަސް ވަންދެން އެ އިޢުލާނުކޮށްފައި އޭގެ ވެރިމީހާ އެ ބަލާ ނައިނަމަ، އެ ހޯދި މީހަކަށް އެ މިލްކުވާނެއެވެ. އެހެނަސް އެ ބޭނުން ކުރުމުގެ ކުރިން އޭގެ ސިފަތައް ރަނގަޅަށް ދެނެގަތުމަކީ ވާޖިބުކަމެކެވެ. އެއީ އެއްވެސް އިރެއްގައި އޭގެ ވެރިމީހާ އެ ބަލާ އަތުވެއްޖެނަމަ އަދި އޭގެ ސިފަތައް ކިޔައިދީފިނަމަ އޭގެ އަޞްލު އޭނާގެ އަތުގައި އޮތްނަމަ އެ ދިނުމަށެވެ. ނުވަތަ އޭގެ އަޞްލު ނެތްނަމަ އޭގެ ބަދަލު ދިނުމަށެވެ. އެހެނީ އެ ހޮވާ މީހާއަށް އެ މިލްކުވަނީ އެ ބަލަހައްޓާ މީހެއްގެ ގޮތުގައެވެ. އޭގެ ވެރިމީހާ އައުމުން އެ ހޮވި މީހާގެ މިލްކުވެރިކަން ނެތިގެން ދާނެއެވެ.
މުހިންމު ނުކުތާއެއް: އިސްލާމްދީނުގައި މިފަދަ ތަކެއްޗަށް ދެއްވާފައިވާ އަހަންމިއްޔަތުން އެނގިގެން ދަނީ އިސްލާމްދީނުގައި މީސްތަކުންގެ މުދާ ޙިމާޔަތްކޮށްދެއްވާފައިވާ މިންވަރެވެ. އަދި އިސްލާމްދީނުގައި ހެޔޮކަންކަމުގައި ވާގިވެރިވުމަށް ދެއްވާފައިވާ އަހަންމިއްޔަތެވެ.
ދުޢާއަކީ ﷲ ތަޢާލާ އަޅަމެން އެންމެންވެސް އިސްލާމްދީނުގައި ޘާބިތުކޮށްދެއްވުމެވެ. އަދި މުސްލިމުންގެ ގޮތުގައި މަރުގެންނެވުނެވެ.
= ނިމުނީ =