[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދުގެ ރުކުންތަކާއި، ވާޖިބުތަކާއި، ސުންނަތްތައް (1)

އޭ މުސްލިމް އަޚާއެވެ! ހަމަކަށަވަރުންވެސް ނަމާދަކީ މަތިވެރިވެގެންވާ އަޅުކަމެކެވެ. މިއަޅުކަމުގައި އެކުލެވިގެންވަނީ، ނަމާދަށް އެންމެ އެކަށޭނެގޮތަށް ޝަރުޢުވެގެންވާ ކިޔުންތަކަކާއި ޙަރަކާތްތަކެކެވެ. ވުމާއިއެކު ޢިލްމުވެރިން ނަމާދުގެ ތަޢުރީފުގައި ވިދާޅުވަނީ، ނަމާދަކީ ތަކުބީރަކުންފެށޭ ސަލާމްދިނުމަކުން ނިމޭ ޚާއްޞަވެގެންވާ ކިޔުންތަކަކާއި ކަންތައްތަކެކެވެ. ނަމާދުގައި ކިޔޭ ކިޔުންތަކާއި ކުރެވޭ ކަންތައްތައް ތިން ބަޔަކަށް ބެހިގެންވެއެވެ، އެއީ، ރުކުންތަކާއި، ވާޖިބުތަކާއި، ސުންނަތް ތަކެވެ.

ފަހެ ރުކުންތަކަކީ، އެއިގެ ތެރެއިން ކަމެއް ޤަސްތުގައި ނުވަތަ ހަނދާންނެތިގެން އެޅިއްޖެކަމުގައިވާނަމަ ނަމާދު ބާޠިލުވާ، ނުވަތަ އެރުކުނެއް އެޅުނު ރަކުޢަތެއް ބާޠިލުވާ ކަންތައްތަކެވެ. ރަކުޢަތެއް ބާޠިލިވެއްޖެ ކަމުގައިވާނަމަ އެރަކުޢަތުގެ ބަދަލުގައި އެހެން ރަކުޢަތެއް ކުރަންޖެހޭނެއެވެ.

ވާޖިބުތަކަކީ، އެއިގެ ތެރެއިން ކަމެއް ޤަސްތުގައި އަޅައިފިކަމުގައިވާނަމަ ނަމާދު ބާޠިލުވާ ކަންތައްތަކެވެ. ހަދާންނެތިގެން އެޅިއްޖެކަމުގައިވާނަމަ ނަމާދު ބާޠިލެއްނުވާނެއެވެ. ނަމަވެސް ކުށު ސަޖިދަ ޖަހަންޖެހޭނެއެވެ. ޤަސްތުގައި ރުކުނެއް އަދި ވާޖިބެއް އެޅުމަކީ ފާފަވެރިވާނޭކަމެކެވެ.

ސުންނަތްތަކަކީ، އެއިގެ ތެރެއިން ކަމެއް ޤަސްތުގައި ނުވަތަ ހަނދާންނެތިގެން އެޅުނުކަމުގައިވީނަމަވެސް ނަމާދު ބާޠިލުނުވާ ކަންތައްތަކެވެ. ނަމަވެސް ސުންނަތެއް ދޫކޮށްލުމަކީ އެކަމުގެ ސަބަބުން ނަމާދުގެ ފުރިހަމަކަން ގެއްލޭނޭކަމެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ރުކުންތަކާއި ވާޖިބުތަކާއި ސުންނަތްތައް ހިމެނިގެންވާގޮތަށް ނަމާދެއްކުރެއްވުމަށްފަހު ޙަދީޘްފުޅުކުރެއްވިއެވެ. ((صَلُّوا كَمَا رَأَيْتُمُونِي أُصَلِّي)) މާނައީ: “ތިމަންކަލޭގެފާނު ނަމާދުކުރައްވަނިކޮށް ތިޔަބައިމީހުން ދުށްގޮތަށް ނަމާދުކުރާށެވެ”. (ބުޚާރީ: 631).

ނަމާދުގެ ރުކުންތައް:

ނަމާދުގެ ރުކުންތައް ސާދަ އެވެ.

ފުރަތަމަ ރުކުން : ފަރުޟުނަމާދުތަކުގައި ޤިޔާމަށް ހުރުން

އެކަލާނގެ ވަޙީކުރެއްވިއެވެ. ((وَقُومُوا لِلَّهِ قَانِتِينَ)) البقرة: 238 މާނައީ: “އަދި ކިޔަމަތެރިކަމާއި މަޑުމައިތިރިކަމާއެކު (ނަމާދަށް) ތެދުވާށެވެ.” އަދި ޢިމްރާން ރަޟިޔަﷲ ޢަންހުގެ ކިބައިން މަރުފޫޢުކޮށް އައިސްފައިވެއެވެ. “ކޮޅަށްހުރެ ނަމާދުކުރާށެވެ. ކޮޅަށް ހުރުމުގެ ކުޅަދާނަކަން ލިބިފައިނުވާނަމަ އިށީނދެ އިންނާށެވެ. އިށީނދެ އިނުމަށް ކުޅަދާނަކަން ލިބިފައިނުވާނަމަ އަރިއަކަށް އޮންނާށެވެ.” (ބުޚާރީ: 1117) ނަންގަނެވިދިޔަ އާޔަތާއި ޙަދީޘުން، ކޮޅަށްހުރެ ނަމާދުކުރެވޭ މީހާ ފަރުޟުނަމާދުތަކުގައި ކޮޅަށްހުރެ ނަމާދުކުރުން ވާޖިބުކަމަށް ދަލީލުލިބެއެވެ. ސުންނަތް ނަމާދުތައް ކޮޅަށްހުރެގެންނާއި އިށީނދެ އިނދެ ކުރުން ހުއްދަވެގެންވެއެވެ. އެނަމާދުތަކުގައި ކޮޅަށްހުރުމަކީ ވާޖިބެއްނޫނެވެ.

ދެވަނަ ރުކުން : ޙަރަމް ބަން ތަކުބީރުކިޔުން

އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. ((ثُمَّ اسْتَقْبِلِ الْقِبْلَةَ فَكَبِّرْ)) މާނައީ: “ދެން ޤިބުލަޔަށް ކުރިމަތިލައި ތަކުބީރު ކިޔާށެވެ.” (ބުޚާރީ: 6251، މުސްލިމް: 397) އަދިވެސް ޙަދީޘްފުޅުކުރެއްވިއެވެ. ((تَحْرِيمُهَا التَّكْبِيرُ)) މާނައީ: “ނަމާދުގެ އިޙްރާމަކީ ތަކްބީރެވެ.” (އަބޫދާވުދު: 61، 618، އިރުވާއުލް ޣަލީލު: 301)

 އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމަ ތަކުބީރުން ފިޔަވައި އެހެން ގޮތަކަށް ނަމާދު ފެއްޓެވިކަމެއް ވާރިދުވެފައެއްނުވެއެވެ. ތަކުބީރުކިޔާނީ “الله أكبر”  މިފަދައިންނެވެ. މިގޮތަށް ފިޔަވައި އެހެން ގޮތަކަށް ކިޔުމެއް ނުވެއެވެ. އެހެނީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ވާރިދުވެފައިވަނީ މިގޮތަށެވެ.

ތިންވަނަ ރުކުން : ސޫރަތުލް ފާތިޙާ ކިޔެވުން

އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. ((لاَ صَلاَةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ)) މާނައީ: “ފާތިޙާ ސޫރަތް ނުކިޔަވާމީހަކަށް ނަމާދެއް ނުވެއެވެ.” (ބުޚާރީ: 756، މުސްލިމް: 394) ސޫރަތުލް ފާތިޙާ ކިޔެވުމަކީ ކޮންމެ ރަކުޢަތެއްގައިވެސް ރުކުނެކެވެ. އެހެނީ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ޞައްޙަގޮތުގައި ރިވާވެފައިވާފަދައިން، އެކަލޭގެފަނު ކޮންމެ ރަކުޢަތެއްގައި މިސޫރަތް ކިޔުއްވެވިއެވެ. އަދި ނަމާދުކުރަން ނޭނގޭމީހަކަށް، ނަމާދުކުރާނޭގޮތް ދަސްކޮށް ދެއްވަމުން ސޫރަތުލް ފާތިޙާ ކިޔުމަށް އަމުރުކުރެއްވެވިއެވެ.

މިސޫރަތް ކިޔެވުމަކީ ކޮންމެ ނަމާދުކުރާ މީހަކަށް ވާޖިބުކަމެއްތޯ، ނުވަތަ އިމާމާއަށާއި އެކަނި ނަމާދުކުރާ މީހަކަށް ޚާއްޞަކޮށް ވާޖިބުކަމެއްތޯއާމެދު ދަންނައެވެ. މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި  ޚިލާފު އުފެދިފައިވެއެވެ. އެންމެ ރަނގަޅުގޮތަކީ އަޑުހަރުކޮށް ކިޔަވާ ނަމާދުތައް ފިޔަވައި އެހެން ނަމާދުތަކުގައި މައުމޫމުން މިސޫރަތްކިޔަވައި، އަދި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި އިމާމުމީހާ ޤުރުއާން ކިޔެވުން މަޑުކޮށްލާ ވަގުތުތަކުގައި ކިޔެވުމެވެ.

ހަތަރުވަނަ ރުކުން : ކޮންމެ ރަކުޢަތެއްގައި ރުކޫޢު ކުރުން

الله تعالى ވަޙީކުރެއްވިއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا ارْكَعُوا وَاسْجُدُوا)) الحج: 77 މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ރުކޫޢުކޮށް ސަޖިދަކުރާށެވެ.” ނަމާދުގައި ރުކޫޢުކުރުން ވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ޘާބިތުވެފައެވެ. ވުމާއިއެކު، ރުކޫޢުކުރުމަކީ ޤުރުއާނާއި ސުންނަތުންނާއި ޢިލްމުވެރިންގެ އިޖުމާޢުން ވާޖިބުކަމެކެވެ.

ކޮޅަށްހުރިމީހެއްގެ ކިބައިން ރުކޫޢު ފުރިހަމަވާނީ، އާދައިގެ މީހެއްނަމަ އެމީހާގެ ދެއަތްތިލަ ކަކުލުގައި ޖެހެންދެން ގުދުވެލުމުންނެވެ. އެބަހީ، އަތްދިގުނޫން އަދި އަތްކުރުނޫން މީހެކެވެ. އާދައިގެ މީހެއްނޫންކަމުގައިވާނަމަ އާދައިގެ މިންވަރުގެ މީހާއާ އެއްވަރަށް ގުދުވެލުމުންނެވެ. އިށީނދެ ނަމާދުކުރާމީހާ، އެމީހާގެ ދެކަކުލާ އެއްވަރުވާނެފަދަ އިން ކުރިއަށް ޖެހިލައިގެންނެވެ. އަދި މާބޮޑަށްގުދުވެސްނުވެ، އަދި މާބޮޑަށް އުފުލުމެއްނެތި ބުރަކަށި ސީދަލަށް ބެހެއްޓުމެވެ.

ފަސްވަނަ އަދި ހަވަނަ ރުކުން : ރުކޫޢުން ތެދުވުމާއި އިޢްތިދާލުގައި ހުރުން

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އެކަލޭގެފާނުގެ ޢަމަލުފުޅުތަކުން މިދެކަންތައް ދައްކަވާ ދެއްވާފައެވެ. އަދި އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާފައިވެއެވެ. ((صَلُّوا كَمَا رَأَيْتُمُونِي أُصَلِّي)) މާނައީ: “ތިމަންކަލޭގެފާނު ނަމާދުކުރައްވަނިކޮށް ތިޔަބައިމީހުން ދުށްގޮތަށް ނަމާދުކުރާށެވެ”. (ބުޚާރީ: 631).

ހަތްވަނަ ރުކުން : ސަޖިދަކުރުން

ސަޖިދަކުރުމަކީ ނިތްކުރި ބިންމަތީގައި ޖެއްސުމެވެ. ސަޖިދާގައި ޖައްސަންޖެހެނީ ހަތް ގުނަނެވެ. ކޮންމެ ރަކުޢަތެއްގައި ދެފަހަރު ސަޖިދަކުރަންޖެހެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا ارْكَعُوا وَاسْجُدُوا)) الحج: 77 މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ރުކޫޢުކޮށް ސަޖިދަކުރާށެވެ.”

 އަދި ހަދީޘްތަކުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ސަޖިދަކުރުމަށް އަމުރުކުރައްވައި، އަދި އެކަލޭގެފާނުގެ ޢަމަލުފުޅުތަކުން އެކަންވަނީ ދައްކަވާ ދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާފައިވެއެވެ. ((صَلُّوا كَمَا رَأَيْتُمُونِي أُصَلِّي)) މާނައީ: “ތިމަންކަލޭގެފާނު ނަމާދުކުރައްވަނިކޮށް ތިޔަބައިމީހުން ދުށްގޮތަށް ނަމާދުކުރާށެވެ”. (ބުޚާރީ: 631).

ސަޖިދަކުރުމުގައި ޖައްސަންޖެހޭ ހަތް ގުނަނަކީ: ނިތްކުރި ނޭފަތާއިއެކު، ދެއަތްތިލަ، ދެކަކޫ، ދެފައިގެ އިނގިލިތަކެވެ. ކުޅަދާނަކަން ލިބިގެންވީ މިންވަރަކުން މިގުނަންތައް ސަޖިދަކުރާ ތަނުގައި ޖައްސަންޖެހޭނެއެވެ. ސަޖިދަކުރުމަކީ ނަމާދުގެ ރުކުންތަކުގެ ތެރެއިން އެންމެ މުހިއްމު ރުކުނެވެ. އަޅަކު އޭނާގެ ވެރި ربّ އާއި އެންމެ ކައިރިވެގެންވާ ވަގުތަކީ އޭނާ ސަޖިދާގައި އޮންނަ އިރުއެވެ. ޙާލަތްތަކުގެ ތެރެއިން އެންމެ މަތިވެރިވެގެންވާ ޙާލަކީ އަޅަކު އޭނާގެ ވެރި ربّ އާއި އެންމެ ކައިރިވެގެންވާ ވަގުތެވެ. އެއީ ސަޖިދާގައި އޮންނައިރެވެ.

އަށްވަނަ ރުކުން : ސަޖިދައިން ތެދުވުމާއި ދެސަޖިދަ ދެމެދު އިނުން

ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަޖިދައިން ތެދުވެވަޑައިގެން، ރަނގަޅަށް އިށީނދެ އިންނަވާފައިމެނުވީ އަނެއް ސަޖިދަ ނުކުރައްވަތެވެ.” (މުސްލިމް: 498)

ނުވަވަނަ ރުކުން : ނަމާދުގެ ކޮންމެ ޙަރަކާތެއްގައި މަޑުވެލުން

އެއީ ކުޑައިރުކޮޅަކުނަމަވެސް މި ނަމާދުގެ ހަރަކާތްތަކުގައި (ރުކޫޢުގަޔާއި އިޢުތިދާލުގަޔާއި ސަޖިދަ ފަދަ ނަމާދުގެ ހަރަކާތްތަކުގައި) މަޑުވެލުމެވެ. ޤުރުއާނާއި ސުންނަތުން ދަލީލުކޮށްދޭގޮތުގައި ނަމާދުގައި މަޑުމައިތިރިނުވާމީހާއީ ނަމާދުކުރާމީހެއްކަމުގައިނުވެއެވެ. އަދި އެފަދަމީހަކު އަލުން ނަމާދުކުރުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރުކުރެއްވިއެވެ.

ދިހަވަނަ އަދި  އެގާރަވަނަ ރުކުން : ފަހު އައްތަޙިއްޔާތާއި، ފަހު އައްތަޙިއްޔާތުގައި އިށީނުން

އެއީ ” التحيّات …….. “ ފެށިގެން ނިމެންދެންކިޔައި، ” اللهمّ صلّ على محمد ”  ކިޔުމެވެ. އެހެނީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަބަދުވެސް މިފަދައިން ވިދާޅުވެފައެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. “ތިމަންކަލޭގެފާނު ނަމާދުކުރައްވަނިކޮށް ތިޔަބައިމީހުން ދުށްގޮތަށް ނަމާދުކުރާށެވެ.”

ބާރަވަނަ ރުކުން : ފަހު އައްތަޙިއްޔާތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތްކިޔެވުން

އެއީ “اللهمّ صلّ على محمد” ކިޔުމެވެ. މިޞަލަވާތުގެ އިތުރަށް މިޔަށްވުރެ ދިގު ޞަލާވާތެއް ކިޔެވުމަކީ ސުންނަތެކެވެ. ޚާއްޞަކޮށް އިބްރާހީމިއްޔަ ޞަލަވާތެވެ.

 ތޭރަވަނަ ރުކުން : ރުކުންތައް ތަރުތީބުކުރުން

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދުކުރައްވާކަމުގައިވަނީ ރުކުންތައް ތަރުތީބުކުރައްވައިގެނެވެ. އަދި އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. “ތިމަންކަލޭގެފާނު ނަމާދުކުރައްވަނިކޮށް ތިޔަބައިމީހުން ދުށްގޮތަށް ނަމާދުކުރާށެވެ.” އަދި ނަމާދުކުރަން ނުދަންނަމީހަކަށް ތަރުތީބުން ނަމާދު ކުރާނޭގޮތް ދަސްކޮށްދެއްވުމުގެގޮތުން އެކަލޭގެފާނު ބޭނުންކުރައްވާފައިވަނީ ” ثمّ ”  (އެބަހީ: ދެން އޭގެފަހުގައި ) މިލަފުޒެވެ. މިލަފުޒުން ދޭހަކޮށްދެނީ ތަރުތީބުކުރުމެވެ.

ސާދަވަނަ ރުކުން : ސަލާމްދިނުން

އެކަލޭގެފާނު ޙަދިޘްފުޅުކުރައްވާފައިވެއެވެ. ((وَتَحْلِيلُهَا التَّسْلِيمُ)) މާނައީ: “ނަމާދުން ޙަލާލުވެގަންނަކަމަކީ (އެބަހީ ނަމާދު ނިމޭކަމަކީ) ސަލާމްދިނުމެވެ.” (އަބޫދާވުދު: 61، 618، އިރުވާއުލް ޣަލީލު: 301) ފަހެ، ސަލާމްދިނުން ޝަރުޢުވެގެންވަނީ ނަމާދުން ޙަލާލުވެގަތުމަށްޓަކައެވެ. ނަމާދުން އަވަދިވެވޭނީ ސަލާމް ދިނުމުންނެވެ. އަދި ސަލާމް ދިނުމަކީ ނަމާދުން އަވަދިވީކަމުގެ ޢަލާމާތެކެވެ.

 އޭ ލޮބުވެތި ކިޔުންތެރިޔާއެވެ! ބަޔާންވެދިޔަ ރުކުންތަކުގެ ތެރެއިން ޙަރަމް ބަން ތަކްބީރު ދޫވެއްޖެކަމުގައިވާނަމަ ނަމާދު ބާޠިލުވާނެއެވެ. ޙަރަމް ބަން ތަކްބީރު ފިޔަވައި އެހެން ރުކުނެއް ޤަޞްދުގައި ދޫކޮށްލައިފިކަމުގައިވާނަމަވެސް ނަމާދު ބާޠިލުވާނެއެވެ. ޙަރަމް ބަން ތަކްބީރު ފިޔަވައި އެހެން ރުކުނެއް (ރުކޫޢު ނުވަތަ ސަޖިދަ ފަދަ ރުކުނެއް) ހަނދާންނެތިގެން ދޫވެ، ޖެހިގެންއޮތް ރަކުޢަތުގެ ޤުރުއާން ކިޔަވަން ފެށުމުގެ ކުރިން ހަނދާންވެއްޖެކަމުގައިވާނަމަ، އެ ހަނދާންނެތުނު ރުކުނަކާއި އެރުކުނުގެ ފަހުން ހުރި ރުކުންތައް އަދާކުރާނީއެވެ. ޤުރުއާން ކިޔަވަން ފެށުމަށްފަހު ހަނދާންވެއްޖެކަމުގައިވާނަމަ، ޤުރުއާން ކިޔަވަމުން މިދާ ރަކުޢަތް އެރަކުޢަތުގެ ބަދަލުގައިކޮށް، ފަހުން ކުށު ސަޖިދަ ޖަހާނީއެވެ. ސަލާމް ދިނުމަށްފަހު، ފަހުއައްތަޙިއްޔާތު ނުވަތަ ސަލާމް ދިނުން ކަމުގައިވާނަމަ އަލުން އައްތަޙިއްޔާތުކިޔައި ކުށު ސަޖިދަ ޖަހައި ސަލާމް ދޭނީއެވެ.  ފަހުއައްތަޙިއްޔާތު ނުވަތަ ސަލާމް ދިނުން ފިޔަވައި އެހެން ރުކުނެއް (ރުކޫޢު ނުވަތަ ސަޖިދަ ފަދަ ރުކުނެއް) ސަލާމްދިނުމަށްފަހު ގިނަ ވަގުތުތަކެއް ހޭދަނުވަނީސް ހަނދާންވެއްޖެކަމުގައިވާނަމަ، އެރުކުނެއް އެޅުނު ރަކުޢަތުގެ ބަދަލުގައި ފުރިހަމަ ރަކުޢަތެއްކޮށް ކުށު ސަޖިދަ ޖަހާނީއެވެ. ގިނަވަގުތުތަކެއްވެ، ނުވަތަ ވުޟޫ ގެއްލިއްޖެކަމުގައިވާނަމަ އަލުން ނަމާދު އެއްކޮށް ކުރަންޖެހޭނެއެވެ.

ނަމާދާއި ނަމާދުގައި ކިޔާ ތަކެއްޗާއި ކުރާ ޢަމަލުތަކަށްވުރެ މަތިވެރިވެގެންވަނީ ފަހެ ކޮންކަމެއްތޯއެވެ! އަޅަމެން އެންމެނަށް ނަމާދު ޤާއިމްކޮށް، އެނަމާދަށް ރައްކާތެރިވުމުގެ ތައުފީޤް ދެއްވާށި! (ނުނިމޭ)

 _________________________________

މަރުޖިޢު:

* އަލްމުލައްޚަޞުލް ފިޤުހީ – ޞާލިޙު ބިން ފަވްޒާން އާލްފަވްޒާން. (ކުދި ބަދަލުތަކާއެކު)

ދެވަނަބައި