ތިންވަނަބައި: ރޯދައިގެ ޝަރުޠުތައް
ފުރަތަމައީ: އިސްލާމުކަން
- އިސްލާމުކަމުގެ ޝަރުޠު:
މީހެއްގެ މައްޗަށް ރޯދަ ވާޖިބުވުމަށްޓަކައި އަދި އެމީހަކު ހިފާ ރޯދައީ ޞައްޙަ ރޯދައަކަށް ވުމަށްޓަކައި އެ ރޯދަ ހިފާ މީހާއީ މުސްލިމެއްކަމުގައި ވުމީ ޝަރުޠެކެވެ. ފަހެ ކާފިރެއްގެ މައްޗަށް ރޯދަ ވާޖިބު ނުވާނެއެވެ. އަދި އޭނާ ރޯދަ ހިފިނަމަވެސް އެއީ ޞައްޙަ ރޯދައެއްކަމުގައި ނުވާނެއެވެ. މި ކަމުގެ މައްޗަށް އިބްނު ޙަޒްމާއި އަލްކާސާނިއްޔާއި އައްޒައިލަޢިއްޔާއި މުޙައްމަދު އިބްނު މުފްލިޙާއި އިބްރާހީމް ބްނު މުފްލިޙާއި އިބްނު ޙަޖަރު އަދި އަލްހައިތަމިއްޔު އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.
- އަލަށް އިސްލާމުވާ މީހާ (ދީނުން މުރުތައްދުވެ އަލުން އިސްލާމުވާ މީހާ ނޫން މީހުން):
– ކާފަރަކު އަލަށް އިސްލާމްވުމަށް ފަހު އޭނާގެ ކާފިރު ޒަމާނުގައި އިސްވެ ގޮސްފައިވާ ރޯދަ ޤަޟާކުރުމުގެ ޙުކުމް:
މީހަކު އަލަށް އިސްލާމުވިނަމަ، އޭނާ ކާފިރުކަމުގެ މަތީގައި އިސްވެގޮސްފައިވާ ރަމާޟާން މަހުގެ ރޯދަތައް ޤަޟާކުރުން އޭނާގެ މައްޗަށް ލާޒިމު ނުވާނެއެވެ. މިއީ ޖުމުލަ ގޮތެއްގައެވެ. [1] މި ކަމުގެ މައްޗަށް އިބްނު ތައިމިއްޔާއާއި އިބްނު ޙަޖަރު އަލްހައިތަމިއްޔާ އަދި އައްޝިރްބީނިއްޔު އިޖުމާޢު ނަޤުލު ކުރައްވައިފައި ވެއެވެ.
– ރަމަޟާން މަހުގެ ތެރޭގައި އިސްލާމުވާ މީހާ އެ މަހުގެ އިސްވެ ދިޔަ ރޯދަތައް ޤަޟާކުރުން:
ރަމަޟާން މަހުގެ ތެރޭގައި އިސްލާމުވާ މީހާވެސް އެ މަހުގައި އިސްވެ ގޮސްފައި ވާ ރޯދަތައް ޤަޟާ ކުރަން ނުޖެހޭނެއެވެ. މިއީ ހަތަރު ފިޤުހީ މަޛްހަބުގެ އިއްތިފާޤުންނެވެ. އަދި މިއީ ސަލަފުންގެ ޖަމާޢަތެއްގެ ބޭކަލުންގެ ރައުޔުވެސް މެއެވެ.
– ރަމަޟާން މަހުގެ ތެރޭގައި އިސްލާމުވާ މީހާގެ ކުރިއަށް އެ މަހުގައި އޮތް ރޯދަ:
ރަމަޟާން މަހުގެ ތެރޭގައި މީހަކު އިސްލާމުވީނަމަ، އެ މަހުގެ ކުރިއަށް އޮތް ރޯދަތައް އޭނާ ހިފަން ޖެހޭނެއެވެ. މި ކަމުގެ މައްޗަށް އިބްނު ޤުދާމާއާއި އައްޝައުކާނީ ވަނީ އިޖްމާޢު ނަޤުލު ކުރައްވާފައެވެ.
– ރަމަޟާން މަހުގައި އިސްލާމް ވާ މީހާގެ އިސްލާމް ވާ ދުވަހުގެ ރޯދައިގެ ޙުކުމް:
ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި އިސްލާމުވާ މީހާ އެ ދުވަހުގެ ބާކީ އޮތް ބައިގައި ރޯދަ ފުރިހަމަ ކުރުން ލާޒިމު ވާނެއެވެ. އަދި އޭނާގެ މައްޗަށް އެ ދުވަސް ޤަޟާކުރުން ވާޖިބުވެގެން ނުވެއެވެ. މިއީ ޙަނަފީ މަޛްހަބުގެ ރައުޔެވެ. އަދި އިބްނު ތައިމިއްޔާއާއި އިބްނު ޢުޘައިމީން އިޚްތިޔާރުކުރެއްވީވެސް މި ރައުޔެވެ.
- މުރުތައްދުވެފައި އަލުން އިސްލާމުވާ މީހާ:
– މުރުތައްދުވެފައިވާ މީހާ، އަލުން އިސްލާމުވުމަށް ފަހު އޭނާގެ ރިއްދައިގެ މުއްދަތުގެ ރޯދަ:
މުރުތައްދުވެފައިވާ މީހާ އަލުން އިސްލާމުވެއްޖެނަމަ، އޭނާގެ ރިއްދައިގެ މުއްދަތުގައި އިސްވެ ދިޔަ ރޯދަ އޭނާ ހިފަން ނުޖެހޭނެއެވެ. މިއީ ޖުމުހޫރު – ޙަނަފީން، މާލިކީން، ޙަންބަލީން – ދަންނަބޭކަލުންގެ މަޛްހަބެވެ.
– މުރުތައްދު ވެފައިވާ މީހާ، އޭނޭ ދީނުން ބޭރުވުމުގެ ކުރީގެ ޒަމާނެއްގައި އޭނާ ނުހިފައި ހުރި ރޯދަ:
މުރުތައްދުވެފައިވާ މީހާ، އޭނާ ދީނުން ބޭރު ވުމުގެ ކުރިއަށް އޭނާގެ މައްޗަށް ވާޖިބު ރޯދައެއް ނުހިފައި އޮތްނަމަ، އޭނާ އިސްލާމުވުމަށް ފަހު އެ ނުހިފައި އޮތް ރޯދައެއް އޭނާ ޤަޟާކުރުން ވާޖިބު ވާނެއެވެ. މިއީ ޖުމުހޫރު – ޙަނަފީންނާއި، ޝާފިޢީންނާއި، ޙަންބަލީން – ދަންނަބޭކަލުންގެ މަޛްހަބެވެ.
– ރޯދައަށް ހުރެ މުރުތައްދުވާ މީހަގެ ޙުކުމް:
ރޯދައަށް ހުރެ މުރުތައްދުވާ މީހާގެ ރޯދަ ބާޠިލުވާނެއެވެ. އަދި އޭނާ ފަހުން އިސްލާމުވެއްޖެނަމަ އެ ދުވަހުގެ ރޯދަ ޤަޟާ ކުރާން ޖެހޭނެއެވެ. ޝާފިޢީންނާއި ޙަންބަލީން މިކަން ކަނޑައަޅައި ބަޔާން ކުރެއެވެ.
[1] ފަހެ ރަމަޟާން މަހުގެ ތެރޭގައި އިސްލާމް ވާ މީހާއަށް އެ މަހުން އިސްވެގޮސްފައި ވާ ރޯދައާ މެދު ދަންނަބޭކަލުންގެ މެދުގައި ޚިލާފު އުފެދިފައި ވެއެވެ. މި ވާހަކަ ކުރިއަށް އޮތް ތާނގައި ގެނެވިފައި ވާނެއެވެ.
މަޞްދަރު: ملخص فقه العبادات